އަންނަ ހަފްތާއިން ފެށިގެން މާލެ ސަރަޙައްދުގެ  ބައެއް ގްރޭޑްތަކަށް ކިޔަވައިދޭން ފަށަނީ

އަންނަ ހަފްތާއިން ފެށިގެން މާލެ ސަރަޙައްްދުގެ ސްކޫލުތަކުގެ ބައެއް ގްރޭޑްތަކަށް ކިޔަވައިދޭން ފެށުމަށް ހަމަޖައްސަވައިފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާޢިޝަތު ޢަލީ ވިދާޅުވީ، އަންނަ މަހު ހަތަރު ވަނަ ދުވަހުން ފެށިގެން ގްރޭޑް ނުވަޔަކާއި 10ގެ ދަރިވަރުންގެ ކިޔެވުން މާލެ ސަރަޙަދުގައި ފެށޭނެކަމަށެވެ.

ބައެއް ގްރޭޑް ތަކަށް މާލޭ ސަރަޙައްދުގައި ކިޔެވުން ފަށްޓަވާއިރު ޚާއްޞަ އެސްއޯޕީތަކުގައިވާ އުޞޫލުން ކަންކަން ކުރެވެމުންދާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ސްކޫލަށް ވަނުމުގެ ކުރިން ގޭޓްކައިރިން ހުން ބެލުމާއި ގައިދުރުކޮށް ކްލާސްތަކުގައި ތިބެވޭނެ އިންތިޒާމުތަކާއި އަތް ދޮވުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން ފާހަގަ ކުރެއްވިއެވެ.  

ކޮވިޑް ޙާލަތާ ގުޅިގެން ސްކޫލުތަކުގެ ކިޔަވައިދޭ ސެޝަންތައް ހަތަރު ގަޑީއިރަށް ކަނޑައަޅައިފައި ވީނަމަވެސް، ކޮވިޑް ނުފެތުރޭ ރަށްރަށުގައި އަންނަ ހަފްތާއިން ފެށިގެން، ފަސް ގަޑީއިރަށް ކިޔަވައިދޭންފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތަށް ހަމަޖެއްސެވީ ކްލާހަށް ދަރިވަރު ގެނެސްގެން ކިޔަވައި ދިނުމުން އެތައް ފައިދާތަކެއް ދަރިވަރުންނަށް ލިބޭތީކަން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

"އޮންލައިން ކްލާސްތަކުން ނުލިބޭ އެތައްކަމެއް، ސްކޫލަށް އައިސް އެހެންދަރިވަރިންނާ މުދައްރިސުންނާއެކު ކިޔެވުމުން އެބަ ލިބޭ. އެހެންކަމުން އެކަމަށް ރިޢާޔަތްކޮށް ފިޒިކަލް ކްލާސްރޫމްގައި ކިޔަވައިދޭ ވަގުތުއިތުރުކުރީ." އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން މާރޗް މަސްތެރޭގައި ސްކޫލުތައް ބަންދު ކުރުމަށް ފަހު އަލުން ސްކޫލުތައް ހުޅުވުނީ ޖުލައި ފުރަތަމަ ދުވަހުއެވެ. މާލެ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދުތަކުގެ ގްރޭޑް އެކަކުން 12 އަށް ކިޔެވުން ފެށިގެން ދިޔައެވެ. ނަމަވެސް މާލޭގައި ކިޔެވުން ފެށްޓެވީ ގްރޭޑް ނުވަޔަކުން 12 އަށެވެ. އެގޮތަށް ކިޔެވުން ކުރިއަށް ގެންދަނިކޮށް މާލޭ ސަރަޙަދުގެ ކޭސްތައް އިތުރުވެ އޯގަސްޓް ނުވަޔަކުން ފެށިގެން ގްރޭޑް 11 އަދި 12 ފިޔަވައި އެހެން ގްރޭޑް ތަކަށް ކިޔެވުމުން މެދު ކަނޑާލެއްވިއެވެ. އެގްރޭޑްތަކުގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިޔައީ ވަރަށް އަވަހަށް މުހިންމު އިމްތިޙާނެއް އޮތުންމުން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.