އިންޑިއާ ސަރުކާރުން އައްޑޫގައި އަޅާ ޕޮލިސް އެކެޑަމީގެ މަސައްކަތަށް އެޤައުމުން އައި 128 މީހުންގެ ތެރެއިން 53 މީހަކު ކޯވިޑް 19އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤް ވިދާޅުވީ މި 53 މީހުން ކޮވިޑަށް ޕޮޒޮޓިވްވެފައިވަނީ ރާއްޖެއަށް އައިސް ކަރަންޓީން ފުރިހަމަކުރުމަށް ފަހު ހެދި ޓެސްޓުންކަމަށެވެ. އެމީހުންތިބީ ކަރަންޓީންގައިކަމަށްވާތީ އެހެންބަޔަކަށް އެމީހުންގެ ފަރާތުން ބަލިޖެހުމުގެ ނުރައްކަލެއް ނެތް ކަމަށް ވެސް ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ. ޕޮލިސްއެކަޑަމީގެ މަސައްކަތަށް އައި މީހުންގެ ތެރެއިން ބައްޔަށް 53 މީހުން ޕޮޒިޓިވް ވެފައި ވީނަމަވެސް މިއަދުގެ ކޮވިޑްގެ ކޭސްތަކުގެ ޢަދަދުގައި އޭގެ ތެރެއިން ނުވަ މީހެއްގެ ނަތީޖާ ހިމެނިފައެއް ނުވެއެވެ. އެނުވަ މީހުންނަކީ މިއަދު ނަތީޖާ ލިބުނު މީހުން ކަމަށް ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން މިއަދު ބައްޔަށް އަލަށް ޕޮޒިޓިވް 97 ކޭސްގެ ތެރޭގައި ހިމެނީ ޕޮލިސް އެކަޑަމީގެ މަސައްކަތަށް އައިސް ޕޮޒިޓިވް 44 މީހުންނެވެ. މިއަދު މާލެ ސަރަޙައްދުން 50 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އަތޮޅުތަކުން ޕޮޒިޓިވްވި 47 މީހުންނެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުން މިއަދު ކޯވިޑް- 19 އަށް ޕޮޒޮޓިވް ޢަދަދަކީ 97 ގައެވެ. މިއީ 1677 ސާމްޕަލްގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވި ޢަދަދެވެ.
މިއަދުގެ ޢަދަދުގައި ހިމެނެނީ 42 ދިވެހިންނާއި 55 ބިދޭސީންނެވެ. ބިދޭސީންގެ ޢަދަދު އިތުރުވެފައި ވަނީ ޕޮލިސްއެކަޑަމީ މަސައްކަތަށް އިޑިއާއަށް އައި މީހުންގެ ތެރެއިން ގިނަ ޢަދަދެއްގެ މީހުން ބައްޔަށް ޕޮޒިޓިވް ވުމުންނެވެ. މިހާރު އަތޮޅުތަކުގެ 22 ރަށެއްގައި ބަލި ތަޙައްމަލު ކުރަމުންދާ ޢަދަދަކީ 84 އެވެ. މިވަގުތު 22 ރިސޯޓެއްގައި 10 ޓޫރިސްޓަކާއި 17 މުވައްޒަފުން ބަލި ޖެހިފައި އެބަ ތިއްބެވެ.
ބައްޔަށް އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭން ކޯވިޑް ޖެހުނު ޖުމުލަ ޢަދަދަކީ 10291 އެވެ. ޝިފާ ލިބުނު މީހުންގެ ޢަދަދު 9108 އަށް އަރައިފައިވާއިރު މިހާރު ބަލި ތަޙައްމަލު ކުރަމުން ދަނީ 1142 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 75 މީހުންނަށެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 585 މީހުންނެވެ.