ކޮވިޑް 19 އާ ގުޅިގެން ހުށަހެޅި ބިލު އިތުރު އިޞްލާޙުތަކާއެކު ދާއިމީ ބިލަކަށް ހެދުމަށް ގޮވާލައްވައިފި

ކޮވިޑް 19 އާ ގުޅިގެން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ބިލު، އިތުރު އިޞްލާޙު ތަކާއެކު ދާއިމީ ބިލަކަށް ހެދުމަށް މެމްބަރުން ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ފަށްޓަވައިފައިވާ ބިލާ ގުޅޭގޮތުން ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވިދާޅުވީ އެބިލްގައި ބަޔާންކޮށްފައިވާ ގިނަ ކަންކަން މިހާރު ވަނީ ނިމިގެން ގޮސްފައި ކަމަށެވެ. ބިލުގައި ވަނީ އާއްމު ޞިއްޙަތުގެ ކުލި ނުރައްކަލުގެ ޙާލަތުގައި އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހޭނެކަމަށެވެ. މެމްބަރުން ވިދާޅުވީ، މިހާރު ވަނީ މިޙާލަތާ ގުޅިގެން ކުއްޔަށް އުޅުނު ތަންތަންތަނުން މީހުން ނެރެ އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިކަމަށެވެ. އަދި ވަޒީފާ ގެއްލުނު މީހުންނާމެދުވެސް ވަކި އުޞޫލަކުން ކަންކަން ކުރެވެމުންދާކަމަށެވެ. އެހެން ކަމުން ގިނަ މެމްބަރުން ވިދާޅުވީ ބިލް މަޖިލީހަށް ހުށަހެޅިފައި ވަނީ ވަގުތު ފާއިތުވި ފަހުން ކަމަށެވެ. ނަމަވެސް ބިލުގައި ހުރި މުހިންމު ކަންކަމަކީ ދެންވެސް އަތުވެދާނެ މިފަދަ ޙާލަތެއްގައި ޢަމަލު ކުރެވިދާނެ އުޞޫލުތަކެއްކަމަށެވެ. އެހެންކަމުންއިތުރު އިޞްލާޙުތަކާއެކު ދާއިމީ ބިލެއްގެ ގޮތަށް އެބިލު ބަދަލު ވާނެ ޖެހޭ ކަމަށެވެ.

ބިލް އަނބުރާ ގެންގޮސް މުސްތަޤްބަލުގައި ދިމާވެދާނެ މިފަދަ ހާލަތެއްގައި ޢަމަލުކުރާނޭ އުޞޫލެއްގެ ގޮތުގައި ބިލުގައިވާ ކަންކަން ހިމަނުއްވާ އަލުން ފަރުމާ ކޮށް މަޖިލީހަށް ހުށަހެޅުއްވުމަށް ވިލުފުށީ ދާއިރާގެ މެމްބަރ ޙަސަން ޢަފީފު ގޮވާލެއްވިއެވެ.

ބިލްގެ މަޤްޞަދުތަކުގެ ތެރޭގައި އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޒަރޫރީ ބޭނުންތައް ފުއްދުމުގައި ދަތިވެފައިވާ ފަރާތްތަކަށް ޚާއްޞަ އުޞޫލަކުން ޢަމަލުކުރެވޭނެ ގޮތްތަކެއް ހޯދައި ދިނުމާއި ޙާލަތުގެ ސަބަބުން ބޯހިޔާވަހިކަން ގެއްލިފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމެއް ހޯދައިދިނުމާއި ހާލުގައިޖެހި މަގުމަތިވިޔަ ނުދިނުމަށް ޤާނޫނީ ރައްކާތެރިކަން ފޯރުކޮށް ދިނުން ހިމެނެއެވެ. ވަޒީފާ އަދާކުރުމަށް ހުރަސްއެޅިފައިވާ ފަރާތްތަކަށް ޚާއްޞަ އުޞޫލަކުން ޗުއްޓީ  ދިނުމާއި ޚާއްޞަ އިސްތިސްނާ ޙާލަތެއްގައި މެނުވީ ވަޒީފާގެ ހާލަތަށް ބަދަލު ނުގެނެވުންވެސް ހިމެނެއެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތުގައި ދައުލަތް ހިންގުމަށް ހުރަސް އެޅުނަ ނުދިނުމަށް ޚާއްޞަ ގޮތްތަކެއް ކަނޑައެޅުން ހިމެނެއެވެ. މިކަންކަމުގެ އިތުރުން ބިލުގެ މަޤްޞަދުތަކުގެ ތެރެއަށް  މީހުން ދިރިއުޅޭ ކޮންމެ ރަށަކަށްވެސް އެކަށީގެންވާ ޞިއްހީ ފަރުވާ ހުރިކަން ކަށަވަރު ކުރުން ހިމަނަންޖެހޭ ކަމަށް ބިލްގެ ބަހުސް ގައި ވާހަކަ ދައްކަވަމުން މިލަންދޫ ދާއިރާގެ މެމްބަރ ޢަލީ ރިޒާ ވިދާޅުވިއެވެ.

މަރަދޫ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފް ވިދާޅުވީ ޓެކްސްދެއްކުމަށާއި އަދި ކުއްޔަށް އުޅޭ ފަރާތްތަކަށް ޚާއްޞަ މޮރެޓޯރިއަމެއް ދޭންޖެހޭނެ އުޞޫލުތަކެއް ވަކި ބާބެއްގެ ގޮތުގައި ބިލުގައި ހިމަނަން ޖެހޭ ކަމަށެވެ. (މޮރެޓޯރިއަމަކީ ދަރަނިވެރިވެފައިވާ ފަރާތަތަކަށް އެދަރަނި އަދާކުރުން ފަސްކޮށްދޭ ރަސްމީ ހުއްދައެކެވެ.)  އަދި އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް އިންވެސްޓްމަންޓްތައް ހޯދޭނެ ގޮތްތަކެއް ވެސް ބިލުގައި ބަޔާން ކުރަން ޖެހޭ ކަމަށެވެ.    

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.