ޤަވާޢިދު އުވާލީ ބަންޑަރާނާއިބުގެ ލަފަޔާއެކު: މިނިސްޓަރ ނަހްލާ

ޝިޕިން އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ޤަވާޢިދު އުވާލުމާ ގުޅިގެން، ޓްރާންސްޕޯރޓް މިނިސްޓަރ އާޢިޝަތު ނަހުލާއާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައެޅުނު މައްސަލާގެ ދިފާއުގައި އެކަމަނާ ވާހަކަ ދައްކަވައިފިއެވެ.

މިނިސްޓަރ ނަހްލާ ވިދާޅުވީ ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާ ބެހޭ ޤަވާޢިދު އުވާލީ ބަންޑަރަނާއިބުގެ ލަފާގެ މަތިން ކަމަށެވެ. ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާބެހޭ ޤަވާޢިދުގައި މައްސަލަތަކެއް ހުރިކަމަށް މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ފާހަގަކޮށްފައިވާކަމަށް ވެސް މިނިސްޓރ ނަހްލާ ފާހަގަ ކުރައްވައެވެ. އެގޮތުން ޤަވާޢިދު ހެދުމުގައި ސްޓޭކްހޯލްޑަރުންގެ ޚިޔާލު ހޯދާފައިނުވާތީ އެކަން ފާހަގަކޮށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށައަޅާފައިވާކަން ވަނީ ފާހަގަކުރައްވައިފައެވެ. ސްޓޭކް ހޯލްޑަރުންނާއި މަޝްވަރާކޮށް އެ ޤަވާޢިދު އަލުން އިސްލާހުކުރުމަށް މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީން ލަފާދެއްވިކަމަށް މިނިސްޓަރ ނަހްލާ ފާހަގަ ކުރެއްވިއެވެ.

އޭސީސީއަށް ހުށަހެޅި މިނިސްޓަރ ނަހްލާގެ މައްސަލައިގައި ޤަވާއިދުގެ މައްސަލަ ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަށް ހުށަނާޅާ ކަމަށް އޮތް ނަމަވެސް އެކަން މިނިސްޓަރ ނަހްލާ ދޮގުކުރައްވައެވެ. އެކަމަނާ ވިދާޅުވީ ޤަވާޢިދުގައި ޤާނޫނީ މައްސަލަތަކެއް ހުރުމުން އެކަން ބޯޑުގެ ސަމާލުކަމަށް ގެނެސް ޤަވާއިދު އިސްލާހުކޮށް އެކުލަވާލަން ދެތިން ފަހަރެއްގެ މަތިން ވާނީ ބޯޑަށް އަންގާފައި ކަމަށެވެ. ބޯޑުން ބޭނުންވީ ޤަވާޢިދު އިސްލާހުކުރުން، މަޑުޖައްސާލާފައި ބޭއްވުމަށް ކަމަށް މިނިސްޓަރ ނަހްލާ ވިދާޅުވިއެވެ. ނަމަވެސް ބަންޑާރަ ނައިބު ލަފާދެއްވީ ގެޒެޓްކޮށްފައިވާ ޤަވާޢިދެއް މަޑުޖައްސާލާފައި ނުބޭއްވޭނެކަމަށް، ކަމަށް މިނިސްޓަރ ނަހްލާ ފާހަގަ ކުރެއްވިއެވެ. އަދި ޤަވާޢިދު އޮތް ގޮތުން އިސްލާހު ނުކުރެވޭނެ ކަމަށާއި އޮތް ހައްލަކީ ގަވައިދު އުވާލުން ކަމަށް ވެސް ބަންޑާރަނާއިބް ލަފާ ދެއްވި ކަމަށެވެ.

"ޤާނޫނާއި ޤަވާޢިދާއި އިޖުރާއަތުން ބޭރުން އަޅުގަނޑު އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ، ސުވާލު އުފެއްދޭނެ ކަމެއް ވެސް ނޯންނާނެ، އަދި ގަވާއިދު އުވާލުމުގެ ހަމައެކަނި ބޭނުމަކީ އެ ގަވާއިދުގައި ހުރި މައްސަލަތަކެއް ހައްލުކޮށް އަލުން އެ ގަވާއިދު އެކުލަވާލުން." މިނިސްޓަރގެ ބަސް ކަމަށްބުނެ ޓްރާންސްޕޯޓް މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި އެމިނިސްޓްރީން ބުނެފައިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މައްސަލައެއް ހުށައަޅައިފައިވަނީ

ޝިޕިންގ ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަރާތްތަކުން ސޮއިކޮށެވެ. ހަތްދިހަ އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާކަމަށް ބައެއް މީޑިއާ ތަކުން ރިޕޯޓްކޮށްފައި ވެއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.