އައްޒަގެ ދިރާސީ ބަސް: އެ ދުވަހުގެ ހަނދާންތައް

ޢަބްދުﷲ ޢަފީފުދީދީ އިނގިރޭސީންގެ އާގުބޯޓުގައި ހުންނަވައިގެން އައްޑޫ ރައްޔިތުންނާ މުޚާޠަބުކުރައްވަނީ ފޮޓޯ: http://www.maldivesroyalfamily.com/maldives_suvadives_photo2.shtml

ސުވާދުންމަތީ ދިރާސާގެ ހޯދުންތައް ހުށަހަޅަމުން މިދަނީ ޚިޔާލީ ދެ ޝަޚުޞިއްޔަތުކަމަށްވާ މާފައާއި ކަނބުލޮގެ ވާހަކަ ބޭނުންކޮށްގެންނެވެ. މީގެއިތުރުން، މި ދިރާސާގެ ބައިވެރިންގެ ބައެއް ބުނުންތަކާއި އަދި ތާރީޚީ ޞަފުހާތަކުން މި ލިޔުމަށް ބާރުދޭ އިތުރު ތަފުސީލުތައް ދިރާސީ ނޯޓްގެ ގޮތުގައި ހިމަނާލާފައިވާނެކަން ކިއުންތެރިންގެ މަޢުލޫމާތަށް ޓަކައި ދަންނަވަމެވެ. ދިރާސާގެ ބައިވެރިންގެ އަސްލު ނަމުގެ ބަދަލުގައި ބޭނުންކޮށްފައިވާނީ ޚިޔާލީ ނަންތަކެކެވެ. ދިވެހިންނާއި އިނގިރޭސިންގެ ތެރެއިން މި ހާދިސާގައި އިސްކޮށް އުޅުއްވި ބޭބޭފުޅުންގެ އަސްލު ނަންފުޅުތައް ނުވަތަ ނަންނަން ހިމަނާފައިވާނަމަ، އެއީ އެކި ފަތްފުށްތަކުގައި ޝާއިޢުކުރެވި، އާންމުކުރެވިފައިވާ ނަންފުޅުތަކެވެ. ނުވަތަ ނަންނަމެވެ. އެއްވެސް ހާލެއްގައި މިއިން ނަންފުޅެއް ނުވަތަ ނަމެއް ބޭނުންކޮށްފައިވަނީ، ދިރާސާވެރިޔާގެ ހައިސިއްޔަތުން، ވަކި ކަމެއް ވަކި ބޭފުޅެއްގެ އިސްތަށިފުޅުގައި ނުވަތަ ބޮލުގައި އަޅުވާކަށެއް ވެސް ނުމެ ނޫންމެއެވެ. އޭގެ ބަދަލުގައި އަޅުގަނޑުގެ މަޤުޞަދަކީ، ވީހާ ވެސް ތަފުސީލުކޮށް މި ހާދިސާ ހުށަހަޅައިދިނުމެވެ. އެހެންކަމުން ދިރާސާގެ ބައިވެރިން، ވާހަކަތައް ކިޔައިދިނުމުގައި ބޭނުންކޮށްފައިވާ ބަސްކޮށާރާއި ބަސްމަގު، އަސްލާ އެއްގޮތަށް ގެނެސް ދިނުމަށް ވަރަށް ބޮޑަށް އިސްކަންދީފައިވާނެ ވާހަކަ ވެސް މަޢުލޫމާތަށް ޓަކައި ދަންނަވަމެވެ. މިއީ އެތައް ބަޔެއްގެ އިހުސާސާ ގުޅިފައިވާ ޙަޤީޤީ ހާދިސާތަކެއް ގެނެސްދެވޭ ކޮލަމަކަށް ވާތީ މި ހާދިސާތަކުން އަސަރުކޮށްފައިވާ، ނަފުސާނީ ދުޅަހެޔޮކަން ނެތް މީހުން މި ލިޔުން ވިދާޅުވުމުގައި އެހެން ފަރާތެއްގެ އެހީތެރިކަން ހޯދުން ރަނގަޅުވާނެ ވާހަކަ ހަނދުމަފުޅުކޮށް އަރުވަމެވެ.


މިއަދުގެ ކޮލަމު މި ޚާއްޞަކޮށްލަނީ އެ ދުވަހުގެ ހަނދާންތަކަށެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ކުރީ ހަފުތާގެ ކޮލަމު ނިންމާލިއިރު ވެސް އައްޑޫ ރައްޔިތުން ގަމަށް ދިޔަ މަޤުޞަދު ހާޞިލެއް ނުވެއެވެ. އޭރު، އައްޑު އަތޮޅު ގަމުގެ މުޅި ފަޒާ ގުގުމަމުން ދިޔައީ "ޒަކީ ކޮބައިހޭ؟" ގޮވަމުންދިޔަ އަޑުންނެވެ. ރުޅިވެރިކަން އިންތިހާއަށް ގޮސްފައި ތިބި ރައްޔިތުން އަޑުގަދަކުރަމުން ކޮޅުކޮޅަށް ދުވުނު އިރު، ދިވެހި ސަރުކާރުގެ ސަފީރު އަލްފާޟިލް އަޙުމަދު ޒަކީ ހުންނެވީ ގަމު ފަޅުގައި އޮތް އިނގިރޭސިންގެ އާގުބޯޓެއްގައި އެމީހުންގެ ހިމާޔަތުގައެވެ. މިކަން ކޮންމެވެސް ގޮތަކުން ރައްޔިތުންނަށް އެނގުނެވެ. މީގެއިތުރުން، ދިވެހި ސަރުކާރުގެ ހުރިހާ މަޤާމުތަކަކުން އިސްތިޢުފާދެއްވި އަލްފާޟިލް ޢަބްދުﷲ ޢަފީފުދީދީއާއި އޭރު އައްޑު އަތޮޅުގެ އަތޮޅުވެރިން އަލްފާޟިލް މުޙައްމަދު ޒާހިރު (ދިގު ޒާހިރު) ވެސް ހަމަ އެ އާގުބޯޓުގައި ތިއްބެވިއެވެ. މި ހުރިހާ ކަމަކީ އިއްތިފާގަކަށް ވެދާނެ ބާއެވެ؟ މި ސުވާލާ އެކު، މިއަދުގެ ކޮލަމު ވިދާޅުވަމާތޯއެވެ؟

މިއަދު ވެސް މާފައާއި ކަނބުލޮގެ ވާހަކައިން ފަށަމާތޯއެވެ؟

ދޮންކަނބުލޮ: މާފާ! ކުރީ ދުވަހު ނިންމާލި އިރު، ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުގެ ހެނދު 10 ޖަހައިފި ދޯ؟ އޭރު ވެސް ރައްޔިތުން ތިބީ ގަމުގައިނުން. ދެން ވީ ކިހިނެއް މާފާ؟

މާފަ: ދެން ވީ ގޮތަކީ، އެ މީހުން ކުރަން އައި ކަންތައް ނުވުމުން އެނބުރި ރަށަށް ދާން އުޅުނީ؟

ދޮންކަނބުލޮ: އެ މީހުން ކުރަން އައީ ކޮން ކަމެއްތަ މާފާ؟

މާފަ: ދޮންކަނބުލޮ ހަނދާނެއް ވެސް ނެތްދޯ؟ އެ މީހުން އައީ ދިވެހި ސަރުކާރުގެ ސަފީރު، އަޙުމަދު ޒަކީއާ ބައްދަލުކުރަންނުން.

ދޮންކަނބުލޮ: (ބޯޖަހައިލަމުން...) އާނ! އާނ! މާފާ ހަނދާންވެއްޖެ. އެއީ ގަމުގެ މަސައްކަތްކުރުން ސަރުކާރުން މަނާކުރީމާދޯ؟

މާފަ: އާނ! ދެން ވީގޮތެއް އެނގޭތަ؟ އެމީހުންނަށް އެނގުނު ގޮތެއް މާފައަކަށް ވެސް ނޭނގެ. ފޮތްތަކުން އެ ވާހަކައެއް އެނގޭކަށް ނެތް. އެކަމަކު ލިޔެފައި އޮވޭ އެމީހުންނަށް ޒަކީ ހުންނެވީ ގަމުގެ ބަނދަރުގައި އޮތް އާގުބޯޓެއްގައިކަން އެނގުނު ވާހަކަ...

ދޮންކަނބުލޮ: އަސްތާ އެހެންތަ؟ ދެން ވީ ކިހިނެއް؟

މާފަ: ދެން ވާނީ ކިހިނެއް ކަނބުލޯ؟ އެންމެން ދޯނިފަހަރަށް އަރައިގެން ސީދާ ބޯޓާ ދިމާއަށް ދާން ފެށީ...

ދޮންކަނބުލޮ: ދެން...؟

ދިރާސީ ނޯޓު: އަލްފާޟިލް އަޙުމަދު ޒަކީ އާގު ބޯޓުގައި ހުންނެވިކަން ހަމަ އެނގުމާއެކު ރައްޔިތުން ދޯނިފަހަރަށް އަރައިގެން އާގުބޯޓާ ދިމާއަށް މިސްރާބުޖެހިއެވެ (ޢަބްދުﷲ ޞާދިޤު، 2016؛ އަލީ ފަހުމީ އަހުމަދު، 2012). މި ދެ ބޭޅުން ވެސް ހާމަކުރައްވާފައިވާ ގޮތުގައި މި ދޯނިފަހަރަށް ބޯޓާ ކައިރިވެވޭ ގޮތް ނުވީ ބޯޓުގެ ވަށައިގެން އިނގިރޭސީންގެ ހައިސްޕީޑް ލޯންޗެއް ދުއްވާލަދުއްވާލަ އޮތީމައެވެ. އެހެނީ އައްޑޫ މީހުން ތިބީ، އެމީހުން ފަލިޖަހާފައި ގަމަށް ދަތުރުކުރަން ހަދާފައި ހުންނަ އެކަމަށް ޚާއްޞަ ފަރުމާއެއް ކަމަށްވާ ހިމަ ދިގު ބައްޓަމެއްގެ "ކާމަދޯނިފަހަރު"ގައި ކަމަށް ވެސް އަލީ ފަހުމީ އަހުމަދު ވިދާޅުވެއެވެ. މި ދޯނިފަހަރަކަށް އެ ރާޅުގަނޑު ތެރޭގައި ކެތްކުރެވޭ ވަރެއް ނުވިއެވެ. އެހެން ނޫނަސް އިނގިރޭސިން ކުރުވަން ބޭނުންނުވާ ކަމެއް އެ ދުވަހު ގަމުގައި ނުކުރެވޭނެކަން މި ހިނގަމުން ދާ ހާދިސާތައް ތަޖުރިބާ ކުރި ނުވަތަ މި ވާހަކަ އަޑުއެހި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. މިކަން ދިރާސާގެ ހުރިހާ ބައިވެރިންގެ ވާހަކަތަކުން ވެސް ސާފުކޮށް އެނގުނެވެ.

މާފަ: ދެން ވިސްނާ ކަނބުލޯ.... އެ ރާޅުތަކުގެ ތެރޭގައި ކާމަދޯނިފަހަރަކަށް ކުރިއަކަށް ނުދެވުނު. ކާމަދޯންޏޭ ބުނީމަ ތިޔައިނީ ނޭނގިފައިދޯ؟ އެއީ ފަލިޖަހާފާއި ދަތުރުކުރަން  ހަދާފައި ހުންނަ ހިމަ ދިގު ދޯންޏަށް އައްޑޫ މީހުން ކިޔާ ނަން.

ދޮންކަނބުލޮ: އެހެން ދޯ؟ މާފާ...! ކީއްވެތަ އިނގިރޭސިން އެހެން ހެދީ؟

މާފަ: ކަނބުލޯ ކުރީ ދުވަހު ވެސް މާފަ ބުނީމެއްނުން... އެ ކަމަކީ އިނގިރޭސިން ކުރުވި ކަމެއް ނޫންކަން ދައްކަން އިނގިރޭސިން ބޭނުންވި ވާހަކަ. އެހެންވީމާ، ދިވެހި ސަރުކާރުގެ ވެރިންނަށް ހިމާޔަތް ދިނީ... އެދުވަހު އިނގިރޭސިން ހިމާޔަތް ނުދިންނަމަ، ދިވެހި ސަރުކާރުން އައްޑު އަތޮޅަށް އޭރު ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންނަށް ވެސް އަނިޔާ ލިބުނީސްކަން ނޭނގެ. އެހާ ވަރަށް ދޯ ރައްޔިތުން ރުޅިއައިސްފައި ތިބީ ވެސް... ދެން ބުނަންތަ؟ ކަނބުލޯ... އިރުކޮޅަކުން އިނގިރޭސިންގެ ލޯންޗެއްގައި ޢަފީފުދީދީ ވަޑައިގަތީ...

ދޮންކަނބުލޮ: (ކުޑަކޮށް ހައިރާންވެފައި) މާފާ...! ޢަފީފުދީދީ ވަޑައެއް ނުގަންނަވާތަ؟ ރައްޔިތުންނާއެކުގައި؟

މާފަ: އާނ! ޢަފީފުދީދީ ވަޑައެއް ނުގަންނަވާ... ޢަފީފުދީދީ އެރޭ ހުންނެވީ ހަމަ ހިތަދޫގައި އެ ބޭފުޅާގެ ގޭގައި. ހިތަދޫ ފިނިފެންމާ ގޭގައި.. އެ ގޭގައި އާރް.އޭ.އެފް ފުލުހުން ފޯރިމަރަން ތިބި ވާހަކަ ވެސް އަހަރެމެން ކުރީ ދުވަހެއްގައި ދެއްކީމެއްނުން.

ދޮންކަނބުލޮ: އެއީ ކީއްވެތަ މާފާ؟ ޢަފީފުދީދީއެއް ނޫންތަ ސުވާދީބު ސަރުކާރު އުފެއްދެވީ؟

މާފަ: (ކުޑަކޮށް ހަމަޖެހިލާފައި އިށީންނަމުން) ކަނބުލޯ؟ މި ކަން ހިނގާފައިވާ ގޮތުން، މީހުން ހިތަށް އަރާފާނެ، ޢަފީފުދީދީ މިކަމުގައި ބައިވެރިއެއް ނުވެޔޭ... އަދި އިނގިރޭސިން ވެސް ބައިވެރިއެއް ނުވެޔޭ... ދޮންކަނބުލޮއަށް ހީވޭތަ އެހެން ވެދާނެހެން؟ ޢަފީފުދީދީއާއި އިނގިރޭސިން ނުރުހޭ އެއްވެސް ކަމެއް އޭރު، އައްޑޫގެ ފަސްގަނޑުގައި ހިނގާފާނެހެން ހީވޭތަ؟

ދިރާސީ ނޯޓު: ދިރާސާގެ ބައެއް ބައިވެރިން، މި ހިނގި ކަންކަމަކީ، ޢަފީފުދީދީގެ އެއްވެސް އަތެއް ނެތި ހިނގި ކަންކަން ކަމަށް ވިދާޅުވި އިރު ބައެއް ބޭފުޅުން މި ހުރިހާ ކަމެއް ސިފަކުރައްވާފައިވަނީ ޢަފީފުދީދީއާއި މޭޖަރ ފިލިޕްގެ ރޭވުމުގެ މަތިން ހިނގާފައިވާ ކަންކަން ކަމަށެވެ. ކޮންމެއަކަސް ޢަފީފުދީދީ ރައްޔިތުންނާ އެކުގައި މި ހަމަނުޖެހުންތަކުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އަދި ކިއެއްތަ އަލީ ފަހުމީ އަހުމަދު (2012) ވިދާޅުވާ ގޮތުގައި، އިނގިރޭސިން މި ހަމަނުޖެހުން ކޮންޓްރޯލް ކުރަން އާރް.އޭ.އެފްގެ ލޯންޗެއްގައި ހިތަދޫން ޢަފީފުދީދީ ގަމަށް ގެންނެވީއެވެ. އޭނާ އިތުރަށް ވިދާޅުވާ ގޮތުގައި އިނގިރޭސިންގެ ލޯންޗެއްގައި ޢަފީފުދީދީ އާގުބޯޓަށް ވަޑައިގެން އަޑުގަދަކުރާއިން ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަދައްކަވަމުން، ކިޔަމަންތެރިކަމާ އެކު އެނބުރި ރަށަށް ދިއުމަށް ނަސޭހަތްދެއްވިއެވެ. މިމޭރުމުން ވާހަކަދައްކަވުމުން ޢަބްދުﷲ ޞާދިޤު (2016) ވިދާޅުވަނީ، އިނގިރޭސިންގެ ހިމާޔަތުގައި ހުންނެވި ބޭފުޅަކު އަތުނުލެވޭނެކަން އެނގުމުން ދޯނިތައް އަނބުރާލީކަމަށެވެ.

ދޮންކަނބުލޮ: (ކުޑަކޮށް ހައިރާންވެފައި) ޢަފީފުދީދީ ވަޑައިގެން ނަސޭހަތްދެއްވީމާ ރައްޔިތުން ގަބޫލުކުރިތަ؟

މާފަ: އާނ! ދެން އެނޫން ކޮން ގޮތެއް ރައްޔިތުންނަށް އޮންނާނީ؟ އިނގިރޭސީން ޒަކީއަށް ހިމާޔަތްދިނީމާ.. ދެން ކިހިނެއް ރައްޔިތުން ޒަކީއާ ބައްދަލުކުރާނީ؟ ދެން ރައްޔިތުންނަށް ޔަގީންވާނެނުން... ޒަކީއަކާ ބައްދަލެއް ނުވާނެކަން.

ދޮންކަނބުލޮ: ދެން ޒަކީ ބޭނުންފުޅެއް ނުވޭތަ ރައްޔިތުންގެ ރުޅި މަޑުކުރުވައި، އެ ކަން ހައްލުކުރަން ރައްޔިތުންނާ ބައްދަލުކުރަން؟

މާފަ: ކަނބުލޮ ތިޔަ ބުނިހެން އެ ދުވަހު ޒަކީ ކަންތައް ކުރެއްވި ނަމަ، އެ ގޮތަށް ސުވާދީބު އުފައްދަން ފުރުސަތު ނުލިބޭނެޔޭ މާފަ ހިތަށް އަރާ... އެކަމަކު ބުނަން... ކަނބުލޯ... ތާރީޚީ އެއްވެސް ލިޔުމަކުން ފެންނާކަށް ނެތް ރުޅިއައިސްފައި ތިބި އައްޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި އެ މީހުންގެ ރުޅި މައިތިރިކުރުވަން އެއްވެސް ވާހަކަފުޅެއް ޒަކީ ދެއްކެވިކަމެއް... ފަހަރުގައި ވެދާނެ އެފަދަ ފުރުސަތެއް އިނގިރޭސިން ޒަކީއަށް ނުދެއްވީ ކަމަށް ވެސް...

ދޮންކަނބުލޮ: އާނ ދޯ މާފާ! އެ ގޮތަށް ޒަކީ ވާހަކަދެއްކެވި ނަމަ، ސުވާދީބު ސަރުކާރު އުފައްދާނެ ފުރުސަތެއް ނުލިބުނީސް ދޯ؟

މާފަ: ތިޔަހެން ވެސް މުޅިއަކުން ނުނިންމޭނެ ދޯ ކަނބުލޯ؟

ދޮންކަނބުލޮ: ދެން ކިހިނެކޭ ވީ؟ ޢަފީފުދީދީ ވިދާޅުވީމާ އެންމެން ދޯނިދޯނީގައި ފުރައިގެން ރަށްރަށަށް ދިޔައީތަ؟

މާފަ: ނޫނޭ ދަރިފުޅާ! ދޯނިދޯނިފަހަރުގައި ފުރި... ނަމަވެސް ދަތުރުގެ މިސްރާބު ހުރީ އެ ބަޔެއްގެ ރަކަށަށް ނޫން. މަރަދޫއާ ދިމާއަށް ދިޔައީ

ދޮންކަނބުލޮ: (އަނެއްކާ ވެސް އިތުރު ހައިރާންކަމަކާ އެކު) އެޔޯ؟ ކީއްވެ މަރަދޫއަށް އެންމެން ދާންވީ؟

މާފަ: (ވަރަށް ލޯބިން ދޮންކަނބުލޮ ބޮލުގައި ފިރުމާލާފައި) ކަނބުލޯ މާފައަކަށް ނުބުނެވޭތަ؟ މަރަދޫގައި އޭރު އަތޮޅުވެރިކަންކުރީ.. އަތޮޅުވެރިޔާ ހުންނެވީ ވެސް މަރަދޫގައި...

ދޮންކަނބުލޮ: އެހެންދޯ މާފާ؟ ދެން ރައްޔިތުން މަރަދޫއަށް ގޮސް ކީއްކުރީ؟ އަތޮޅުވެރިން އަތުލައިގަތީތަ؟

މާފަ: ނޫނޭ ކަނބުލޯ؟ އޭރު އަތޮޅުވެރިން އެ ރަށުގައި ވަޑައިގެން ނޫޅުއްވާ...

ދޮންކަނބުލޮ: އެހެންތަ މާފާ؟ ކޮން ތަނަކަށް އަތޮޅުވެރިން ވަޑައިގެންނެވީ؟

މާފަ: ކަނބުލޯ އަޑުއަހާ... އެކަން ވީ ގޮތަކީ، އެއްކަލަ ޢަފީދީދީ ފޮނުއްވި ސިޓީ އޮތީ އަތޮޅުވެރިންނަށް ލިބިވަޑައިގެންފައިތާދޯ؟ އެ ސިޓީގައި މި ކަންކަން ހިނގާނެކަން ބަޔާންކުރައްވާފައިވާ ކަމަށް ތާރީޚު ފޮތްތަކުގައި ލިޔެފައި އެބަހުރި.

ދޮންކަނބުލޮ: ކީކޭ މާފާ؟ ޢަފީފުދީދީ އެ ސިޓީ ލިޔުއްވި އިރު އެއްވެސް ކަމެއް ނުހިނގާނުން... ދެން ކިހިނެއްބާ ރައްޔިތުން ގަމަށް ގޮސް ކުރާނެ ހުރިހާ ކަމެއް އެނގިވަޑައިގަތީ؟

މާފަ: އާނ ކަނބުލޯ... ކަނބުލޮއަށް ވެސް ތިޔަ ވަރު ވިސްނޭނުން... އެހެންވީމައޭ މީހުން އެ ކިޔަނީ... މިއީ މާކުރިން ރޭވިގެން ހިންގާފައިވާ ހަމަނުޖެހުމެކޭ... ކޮންމެއަކަސް ސީދާސީދާ މިއީ ރޭވުމެކޭ މާފަ ބުނަނީއެއް ނޫން... އެހެނެއް ނުވެސް ބުނެވޭނެތާ...

ދޮންކަނބުލޮ: ދެން ކިޔައިދީބަލަ މާފާ...! އަތޮޅުވެރިންނަށް ވީ ގޮތް.

މާފަ: އަތޮޅުވެރިން ބަލައި އާރް.އޭ.އެފް ލޯންޗެއްގައި ޢުމަރު ޒާހިރު މަރަދޫއަށް ވަޑައިގަތީ... އޭރު އަތޮޅު ގޭގައި އަތޮޅުވެރިންނެއް ވަޑައިގެނެއް ނޫޅުއްވާ... ދެން މީހުން ނުކުމެ އަތޮޅުވެރިން ހޯދީ... ބުނެވޭ ގޮތުގައި ވަރަށް ހޯދިފަހުން އަތޮޅުވެރިން ފެނުނީ...

ދޮންކަނބުލޮ: ކޮން ތަނަކުންތަ އަތޮޅުވެރިން ފެނުނީ؟

މާފަ: އަތޮޅުވެރިން ފެނުނީ މަރަދޫ ވަކަރުގޭ ގޯތިތެރޭގައި ބޯކޮށް ހެދިފައި ހުރި ރުއްތަކެއްގެ ތެރޭގައި ފިއްލަވައިގެން ހުންނަވަނިކޮށް.. އަތޮޅުވެރިން ހުންނެވީ ވަރަށް ބިރުފުޅުން ކަމަށް ވެސް އެ ފޮތުގައި ލިޔެފައި އޮވޭ..

ދޮންކަނބުލޮ: ކިހިނެއް ރުއްތަކުގެ ތެރޭގައި ފިލާނީ؟

މާފަ: ކަނބުލޯ އެއީ ބޮޑެތި ރުއްތަކެއް ނޫން... އެއްތަނެއްގައި ހުރި ކުދިކުދި ރުއްތަކެއް... ރުއްގަނޑެކޭ ނޫނީ ރުއްފަލެކޭ ވެސް ކިޔާ.. ގިނަ ރުއްތަކެއް އެއްތަނެއްގައި ހުރިއްޔާ އެ ރުއްތަކުގެ ތެރެއަށް ވަނީމާ ދެން މީހުންނަކަށް ނުފެންނާނެނުންދޯ؟ ދެން އެ ތަނުގައި ފިއްލަވައިގެން ހުންނެވީ.. އަތޮޅުވެރިން ކަރުނައޮހޮރަމުން ވިދާޅުވިކަމަށް ވަނީ ރައްޔިތުންގެ އަތްމައްޗަށް ތިމަން ދޫކޮށްނުލާށޭ... ދެން އިނގިރޭސީންގެ ލޯންޗުގައި ގަމު ބަނދަރުގައި އޮތް އާގުބޯޓަށް އަތޮޅުވެރިން (ދިގު ޒާހިރު) ވެސް ގެންދެވުނީ..

ދިރާސީ ނޯޓު: މުޙައްމަދު އަޙުމަދު މަނިކު (2009) ވިދާޅުވެފައިވަނީ އަތޮޅުވެރިން ދިގު ޒާހިރަކީ އޭނާގެ އެކުވެރިއެއްކަމަށާއި މަރަދޫ ފާލަންމަތީގައި އޭނާއާއި ޒާހިރާ ދެއްކެވި ވާހަކައިގައި ޒާހިރުގެ އޭރުގެ އިހުސާސްތައް ފާޅުކުރެއްވި ކަމަށެވެ. މިގޮތުން، އެންމެ އުފާވެރި އެންމެ މަޖާ އަތޮޅުވެރިކަމެއް ކުރުމުގެ ނަސީބު ލިބިފައިވަނީ ޒާހިރަށް ނޫންހޭ، ތިމަން ދެންނެވުމުން ޒާހިރު އޭގެ ޒުވާބުގައި ދެއްކެވި ވާހަކަފުޅު ކޮމާކޯޅީގައި މުޙައްމަދު އަޙުމަދު މަނިކު ލިޔުއްވާފައިވެއެވެ. އޭރުގެ ހާލަތު ވަރަށް ރަނގަޅަށް މިވާހަކަކޮޅުން ދޭހަކުރެވޭތީ އެ ވާހަކަކޮޅު އޮތް ގޮތަށް މިތަނުގައި ނަކަލުކުރާނަމެވެ. "މުޙައްމަދު މަނިކަށް ތިޔަހެން ތިޔަ ހީވެލައްވަނީ މިތަނުގެ ކަންތައްތައް ރަނގަޅަށް އެނގިވަޑައިނުގަންނަވާތީއެވެ. ތިމަންނައަށް ވުރެ ހިތްދަތި އަދި ނުރައްކާތެރި ގޮތެއްގައި އަތޮޅުވެރިކަން ކުރަން ޖެހިފައިވާ އެހެން އަތޮޅުވެރިޔަކު ނެތެވެ. ގަމުން ބޭލި މީހުންނާއި، ފޭދޫން ބޭލި މީހުންގެ ޙާލު ވަރަށް ބޮޑެވެ. އެބައިމީހުންގެ ގޭގެ އަދިވެސް އަޅާނުނިމެއެވެ. އަތޮޅުގައި ކާޑުގެ އެއްވެސް އެއްޗެއް ނެތެވެ. އެމީހުންނަށް، ބޮއިފައި އެއްލައިލާ ސިނގިރެޓްބުރި ވެސް މިހާރު ލިބެން އޮތީ އިނގިރޭސިންގެ މަސައްކަތު ނިކުމެގެން އެމީހުން ދިނިއްޔާއެވެ. މިހެން ކަން ހުއްޓާ، ކުއްލިއަކަށް ދައުލަތުން އެންގެވީ އެމީހުން އިނގިރޭސީންގެ މަސައްކަތު ނުނިކުންނާން އެންގުމަށެވެ. މިހެން ދައުލަތުން އަންގަވާއިރު، އެމީހުންނަށް ތިމަން އެހެން އަންގާފައި، ތިމަން ވަންނާނެ ތަނެއް ވެސް ދައުލަތުން އަންގަވަންވާނެ ނޫން ހެއްޔެވެ؟ މި ތާނގެ މީހުންނަކީ ވަރަށް ތަންދޮރު ނުދަންނަ ބަޔެކެވެ. އެމީހުން ހީކުރަނީ ދައުލަތުން އަންގަވާ ގަވާއިދުތަކާއި ކުރައްވާ އަމުރުތަކަކީ، ތިމަންގެ ފޮށިން ނަގައިގެން އެމީހުންނަށް ދަތިކުރާން އަންގާ ގަވާއިދުތަކަކާއި އަމުރުތަކެއް ކަމުގައެވެ" (ޞ.6-7). މިއީ މައްސަލަ އުފެދުނު ސިޓީ ހިތަދޫއަށް ފޮނުވި ދުވަހުގެ ހަވީރު އިރުއޮއްސުނު ވަގުތު ދެކެވުނު ވާހަކަކޮޅެކެވެ. މަރަދޫގެ ހިތްގައިމު ފާލަން މަތީގައި، ގަމުގެ ރީތި އިލެކްޓިކްރިކް އަލި ފެންނަ ހިސާބުން މި ދެ ބޭފުޅުން ވަކިވީ، އެ ކަޅު ބުރާސްފަތި ދުވަހުގެ ރެއަށް އިރު އޮއްސުނު ފަހުންނެވެ. މިހިސާބުން ކިޔުންތެރިންގެ ސަމާލުކަމަށް ޓަކައި ދަންނަވަން ބޭނުންވަނީ، އޭރު އައްޑު އަތޮޅުގެ ހާލަތު އަތޮޅުވެރިންގެ ދުލުން އެވަނީ ބަޔާންކުރައްވާފައެވެ. އެ އަތޮޅުގައި ކާޑު ނެތް ކަމާއި، އިނގިރޭސީންގެ މަސައްކަތު ގޮސްގެން ނޫނީ އައްޑޫ ރައްޔިތުންނަށް އުޅެވެން ނެތް ކަން ވަރަށް ރަނގަޅަށް މި ވާހަކަކޮޅުން ސާބިތުވެއެވެ.

ދޮންކަނބުލޮ: އެހެންވީމާ، އެއްކަލަ ގަމުން އައި ދޯނިފަހަރުން އައި މީހުންނަކަށް އަތޮޅުވެރިންނެއް ވެސް ނުފެނުނު ދޯ؟ ދެން އަނެއްކާ ވެސް އިތުރަށް ރުޅި އައީ ދޯ މާފާ...

މާފަ: އާނ! އެހެންނުން ވާނީދޯ... ދެން ރުޅިއައިސްގެން ހެދި ގޮތަކީ... އަތޮޅު އޮފީހާއި އަތޮޅު ގޭގައި ރޯކޮށްލީ... މި ދެ ތަން ވެސް ހުރީ މަރަދޫ ރަތްވިލާ ގޭގައި.

ދިރާސީ ނޯޓު: ރަށަށް ދިޔަ މަގުމަތީގައި މަރަދޫއަށް ލަފައި، މީހުންތައް ފައިބައިގެން ގޮސް، އަތޮޅު އޮފީހަށާއި އަތޮޅު ގެއަށް ވަދެ، އެތަނުން ބޭނުން އެއްޗެއް ނެރެ... އެންމެ ފަހުން، އަތޮޅުއޮފީހާއި އަތޮޅުގެ ހުންނަ ރަތްވިލާގޭގައި ރޯކޮށްލީ ކަމަށް އަލީ ފަހުމީ އަހުމަދު (2012) ވިދާޅުވެއެވެ. މި މަންޒަރު ދުށް، އަތޮޅު އޮފީހުގެ ކާތިބު ހުސައިން ސަލީމާ ހަވާލާދެއްވައި އަލީ ފަހުމީ އަހުމަދު ވިދާޅުވާ ގޮތުގައި އެ އޮފީހުގެ މުހިންމު ލިޔުންތަކާއި ފައިސާ އަޅާފައި ހުރި ފޮށި، މުޅިން ނައަނދަނީސް މަރަދޫ މީހުން ސަލާމަތްކުރިކަމަށެވެ. އަދި މި ފޮށީގައި -/4000ރ (ހަތަރު ހާސް ރުފިޔާ) އާއި ދެ މާވަހަރު އޮތް ކަމަށްވެއެވެ. މި ތަކެތި ޢަފީފުދީދީއާ ހަވާލުކުރެވުނު ވާހަކަ ވެސް އަލީ ފަހުމީ އަހުމަދު ބަޔާންކުރައްވާފައިވެއެވެ.

ދިރާސާގެ ބައިވެރިޔަކު ކަމަށް ވާ އައްޑޫ ރަހާބެއްޔާ (އަސްލު ނަމެއް ނޫން) "ކިޔައިދިން ގޮތުގައި ހަމަ އެރޭ މާރަނގަ ތަޅާލާފައި މިރަށުގައި ހުރި އަތޮޅު އޮފީހުގައި ވެސް ހުޅުޖެހި... އަތޮޅުވެރިޔަކީ ދިގު ޒާހިރު... ގެއެއްގެ ކުދި ރުއްތަކެއްގެ ތެރެއަށް ވަދެ ފިލައިގެން އޮއްވައި އަތޮޅުވެރިން ނަގައިގެން ގޮސް ހިތަދޫ އާރް.އޭ.އެފްގެ އިނގިރޭސިންނާ ހަވާލުކުރީ... ޒާހިރު ހަވާލުކުރީ އަނިޔާވިޔަ ނުދޭން ވެގެން." އޭނާ އިތުރަށް ކިޔައިދިން ގޮތުގައި ސޭފް (ތިޖޫރި) ގެންދިޔައީ ކަނޑުމަގުން ހިތަދޫއަށެވެ. އޭރު ޢަފީފް ދީދީ ގަމުގައި ނެތް ވާހަކަ ވެސް އޭނާ ކިޔައިދިނެވެ. "އެކަމަކު މިއަތޮޅުގައި އެއްވެސް ކަމެއް ނުކުރާނެ އަތޮޅު ވެރިއަކު ހުއްޓަސް ޢަފީފުއާ ނުލައެއް" މިއީ ވެސް ރަހާ ބެއްޔާ ބުނި ވާހަކައެކެވެ. މި ނޫނަސް މި ދިރާސާގެ އެހެނިހެން ބައިވެރިން ވެސް މިވާހަކަތައް ހަމަ މި ބީދައިން ދައްކާފައިވެއެވެ. ވީމާ، މިއިން ދޭހަވަނީ، ހަމަނުޖެހުން ހިނގި އެއްވެސް ތަނެއްގައި ޢަބްދުﷲ ޢަފީފުދީދީ ނެތްކަމެވެ. އަދި ސުލްހަކުރައްވަން ވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައި ރައްޔިތުންނާ ވާހަކަދައްކަވަން އިނގިރޭސިންގެ އެދުމުގެ މަތިން ޢަފީފު ވަޑައިގެންނެވި ކަން ވެސް ސާބިތުވެއެވެ.

ދޮންކަނބުލޮ: ގަމުގެ ލިއޭޒަން އޮފީހުގައި ހުރި ތިޖޫރީ ވެސް ގެންދެވުނީ ހިތަދޫއަށް ދޯ؟ އަދި އަތޮޅުއޮފީހުގައި ހުރި ލާރިއާ ދެ މާވަހަރު ވެސް ހިތަދޫއަށް ދޯ ގެންދެވުނީ...

މާފަ: އާނ! ތާރީޚީ ލިޔުންތަކުން ފެންނަން އޮތީ ތިޔަހެން... ދެން ކަނބުލޮއަށް އެނގޭތަ އޭގެ ފަހުން މަރަދޫގައި އަތޮޅުވެރިކަމެއް ނުކުރޭ... އެއީ މަރަދޫގެ އަތޮޅުވެރިކަން ނިމުމަކަށް އައި ދުވަސް...

ދޮންކަނބުލޮ: ދެން އަތޮޅުވެރިކަން ބަދަލުވީ ކޮން ރަށަކަށް؟

މާފަ: ދެން ސުވާދީބު ސަރުކާރުގެ އަތޮޅުވެރިކަން ކުރި ރަށަކީ ހިތަދޫ... އަދި މިއަދާ ހަމައަށް ވެސް އަތޮޅުވެރިކަން ކުރާ ރަށަކީ ހިތަދޫ..

ކަނބުލޮ: އެހެންތަ؟ އެހެންވީމާ، 1959 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހަކީ، ވަރަށް ގިނަ ގޮތްގޮތުން އައްޑޫ ރައްޔިތުންނަށް ޚާއްޞަ ދުވަހެއްދޯ؟ ދެން ހަމަ އެދުވަހު ސުވާދީބު ސަރުކާރުގެ ވެރިކަން ފެށުނީދޯ؟

މާފަ: ދިވެހި ސަރުކާރުގެ ދަށުން ވަކިވީކަން ރައްޔިތުން އިޢުލާނުކުރި ދުވަސް އެއީ... އެހެންވީމާ ބުނެވިދާނެ ދޯ ސުވާދީބުގެ ވެރިކަން ފެށުނީއޭ ވެސް... އެކަމަކު އެ ދުވަހު ޢަފީފުދީދީ ސުވާދީބުގެ ރައީސްކަމަކާ ޙަވާލުވެވަޑައެއް ނުގަންނަވާ.. އެކަން ހިނގި ގޮތް އެއީ ވެސް ވަރަށް ދިގު ވާހަކައެއް.. އެހެންވީމާ.. ދެން މިއަދު... މިހިސާބުން މިއަދަށް ނިންމާލަމާދޯ.. ދޮންކަނބުލޯ.. އަންނަހަފުތާއަށް އިންތިޒާރުކޮށްލާ އިނގޭ..!

ކޮންމެއަކަސް މި ލިޔުން ފެށުމުގައި ވެސް ބަޔާންކުރެވުނު ފަދައިން، އެއް އާގުބޯޓެއްގައި ދިވެހި ސަރުކާރުގެ ސަފީރު އަލްފާޟިލް އަޙުމަދު ޒަކީއާއި އަތޮޅުވެރިން އަލްފާޟިލް މުޙަމަދު ޒާހިރާއި އަތޮޅުވެރިންގެ އެހީތެރިޔާކަމުންނާއި ހިތަދޫ ކަތީބުކަމުން އިސްތިޢުފާދެއްވި އަލްފާޟިލް ޢަބުދުﷲ ޢަފީފުދީދީ، އެއް އާގުބޯޓެއްގައި ރައްޔިތުން ކުރާ ކަންކަން ބައްލަވަން އެދުވަހު، ތިއްބެވީ ގޮތްހުސްވެވަޑައިގެން ކުރައްވާނެ ކަމެއް އެނގިވަޑައިނުގެންނެވީބާއޭ ހިތަށް އަރައެވެ. ނޫނީ މިއީ ހަމަ އިނގިރޭސިން ކުޅުވި ޑުރާމާއެއް ބާއޭ ވެސް ސުވާލު އުފެދެއެވެ. މި ހިނގައިދިޔަ ކަންކަމަކީ، ގައިމު ވެސް އިއްތިފާގަކަށް ނުވާނެކަމަށް ގަބޫލުކުރެވެއެވެ.

ކޮންމެއަކަސް މި ދެންނެވި ސުވާލުތައް ހުއްޓަސް، އެ ދުވަހުގެ ހަނދާންތަކުގެ ތެރެއިން މުހިންމު މަޢުލޫމާތުކޮޅެއް ހުށަހަޅައިލެވުނުކަމުގެ ހިތްހަމަޖެހުމާ އެކު މި ކޮލަމު މި ނިންމާލީއެވެ. އަންނަ ހަފުތާގައި ވެސް މިފަދަ މުހިންމު މަޢުލޫމާތުކޮޅަކަށް އިންތިޒާރުކުރައްވާނެކަމަށް އުންމީދުކުރަމެވެ.


ދިރާސާގެ ބަސްދީގަތުންތަކުގެ އިތުރުން، މި ލިޔުން އެކުލަވައިލުމަށް ބޭނުންކުރި ރެފަރެންސް:

އަލީ ފަހުމީ އަހުމަދު. (2012). "ދިވެހިންނާއި އިނގިރޭސިންގެ ކޯޅުން" ސުވާދީބު. މާލެ: ކޮރޯނާ ޕްރެސް

ޢަބްދުﷲ ޞާދިޤު. (2016). ސުވާދީބާއި ހަވަރުތިނަދޫ. މާލެ: މުސައްނިފު.

މުޙައްމަދު އަޙުމަދު މަނިކު. (2009). ދެކުނު ތިން އަތޮޅުގެ ސިޔާސީ ގަޑުބަޑުގެ ބައެއް ވާހަކަ 1. މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް.

ޢަޒީޒާ ޢަފީފު (އައްޒަ)
އަލްފާޟިލާ ޢަޒީޒާ ޢަފީފު (އައްޒަ) ވަނީ، މާސްޓަރސް އިން ދިވެހި ލެންގުއޭޖް އެންޑް ކަލްޗަރ ފުރިހަމަކުރައްވާފައެވެ. މިހާރު އައްޒައަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބަހަވީ ޢިލްމާއި ދިވެހިބަހުގެ އަދަބިއްޔާތު ފަދަ ބަހާ ގުޅުން ހުރި ތަފާތު މާއްދާތައް ކިޔަވައިދެއްވާ ދާރިސެކެވެ. އޭނާގެ ދިރާސީ މަސައްކަތްތަކުގެ ތެރޭގައި ދިވެހި ބަހުގެ ޤަވާޢިދުގެ އިތުރުން، ދިވެހިރާއްޖޭގެ ތާރީޚު، މިންތީ ތަފާތު، ދިވެހިރާއްޖޭގެ ފޯކްލޯ އަދި އަދަބިއްޔާތު ފަދަ ދިވެހި ބަހާއި ތާރީޚާއި ސަޤާފަތާ ގުޅުން ހުރި ތަފާތު ދާއިރާތައް ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.