އައްޒަގެ ދިރާސީ ބަސް: ސުވާދީބު ދައުލަތާ އެކު އައްޑު އަތޮޅުގެ ތަރައްޤީ މެދުއުޑުގައި ފިޔަޖަހަން ފެށުން

ދިވެހިރާއްޖޭގައި ހުޅުވުނު ފުރަތަމަ ބޭންކު: 1961 ވަނަ އަހަރު ހުޅުވުނު ދަ ޕީޕަލްސް ބޭންކް އޮފް އައްޑު އެޓޯލް ފޮޓޯ: https://avas.mv/1922 ފޮޓޯ: https://www.addulive.com/5045

ސުވަދުންމަތީ ދިރާސާގެ ހޯދުންތައް ހުށަހަޅަމުން މިދަނީ ޚިޔާލީ ދެ ޝަޚުޞިއްޔަތު ކަމަށްވާ މާފައާއި ކަނބުލޮގެ ވާހަކަ ބޭނުންކޮށްގެންނެވެ. މީގެއިތުރުން، މި ދިރާސާގެ ބައިވެރިންގެ ބައެއް ބުނުންތަކާއި އަދި ތާރީޚީ ޞަފުހާތަކުން މި ލިޔުމަށް ބާރުދޭ އިތުރު ތަފުސީލުތައް ދިރާސީ ނޯޓްގެ ގޮތުގައި ހިމަނާލާފައިވާނެކަން ކިއުންތެރިންގެ މަޢުލޫމާތަށް ޓަކައި ދަންނަވަމެވެ. ދިރާސާގެ ބައިވެރިންގެ އަސްލު ނަމުގެ ބަދަލުގައި ބޭނުންކޮށްފައިވާނީ ޚިޔާލީ ނަންތަކެކެވެ. ދިވެހިންނާއި އިނގިރޭސިންގެ ތެރެއިން މި ހާދިސާގައި އިސްކޮށް އުޅުއްވި ބޭބޭފުޅުންގެ އަސްލު ނަންފުޅުތައް ނުވަތަ ނަންނަން ހިމަނާފައިވާނަމަ، އެއީ އެކި ފަތްފުށްތަކުގައި ޝާއިޢުކުރެވި، އާންމުކުރެވިފައިވާ ނަންފުޅުތަކެވެ. ނުވަތަ ނަންނަމެވެ. އެއްވެސް ހާލެއްގައި މިއިން ނަންފުޅެއް ނުވަތަ ނަމެއް ބޭނުންކޮށްފައިވަނީ، ދިރާސާވެރިޔާގެ ހައިސިއްޔަތުން، ވަކި ކަމެއް ވަކި ބޭފުޅެއްގެ އިސްތަށިފުޅުގައި ނުވަތަ ބޮލުގައި އަޅުވާކަށެއް ވެސް ނުމެ ނޫންމެއެވެ. އޭގެ ބަދަލުގައި އަޅުގަނޑުގެ މަޤުޞަދަކީ، ވީހާ ވެސް ތަފުސީލުކޮށް މި ހާދިސާ ހުށަހަޅައިދިނުމެވެ. އެހެންކަމުން ދިރާސާގެ ބައިވެރިން، ވާހަކަތައް ކިޔައިދިނުމުގައި ބޭނުންކޮށްފައިވާ ބަސްކޮށާރާއި ބަސްމަގު، އަސްލާ އެއްގޮތަށް ގެނެސް ދިނުމަށް ވަރަށް ބޮޑަށް އިސްކަންދީފައިވާނެ ވާހަކަ ވެސް މަޢުލޫމާތަށް ޓަކައި ދަންނަވަމެވެ. މިއީ އެތައް ބަޔެއްގެ އިހުސާސާ ގުޅިފައިވާ ޙަޤީޤީ ހާދިސާތަކެއް ގެނެސްދެވޭ ކޮލަމަކަށް ވާތީ މި ހާދިސާތަކުން އަސަރުކޮށްފައިވާ، ނަފުސާނީ ދުޅަހެޔޮކަން ނެތް މީހުން މި ލިޔުން ވިދާޅުވުމުގައި އެހެން ފަރާތެއްގެ އެހީތެރިކަން ހޯދުން ރަނގަޅުވާނެ ވާހަކަ ހަނދުމަފުޅުކޮށް އަރުވަމެވެ.


މިއަދުގެ ކޮލަމުގައި ހުށަހަޅައި ދޭނީ ސުވާދީބު ދައުލަތް އުފެދުމާއެކު، އައްޑު އަތޮޅުގެ ތަރައްޤީ ފިޔަޖަހަން ފެށީ ކޮން ގޮތަކަށް ކިހިނެއް ކަމެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ސުވާދީބު ދައުލަތުގައި ހުވަދު އަތޮޅާއި ފުވައްމުލައް ވެސް ބައިވެރިވިއެވެ. އަދި އެ ބައިމީހުން ކުރިން ކޮޅުނބަށް ކުރި ދަތުރުތައް ހުއްޓި އެކްސްޕޯރޓް މުދާތައް ހިފައިގެން އައްޑު އަތޮޅަށް ދަތުރުކުރަން ފެށިއެވެ. ސުވާދީބު ދައުލަތުގައި ސިޔާސީ ގޮތުން ކަންކަން ނިންމުމާއި ދައުލަތް ހިންގުމުގެ  އެއްވެސް ހިއްސާއެއް މި ދެ އަތޮޅަށް ލިބިފައި ނެތަސް ވިޔަފާރީގެ ގުޅުން އޮތެވެ. ކުރީ ހަފުތާގެ ކޮލަމުން ވެސް އެނގިވަޑައިގަންނަވާނޭ ފަދައިން ސުވާދީބު ދައުލަތުން ހުވަދު އަތޮޅަށާއި ފުވައްމުލަކުގެ ތަރައްޤީއަށް ޓަކައި އިތުރު ކަންތައްތަކެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް އައްޑު އަތޮޅަކީ އޭރު ރާއްޖެ ނުދެކޭ ފަދަ ޒަމާނީ ތަރައްޤީ ލިބި އިޤުތިޞާދީ ގޮތުން މިނިވަން ތަނަކަށް ވީ ސުވާދީބު ދައުލަތުން ފެއްޓެވި ގިނަގުނަ މަޝްރޫޢުތަކުގެ ސަބަބުންނެވެ. ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި ނެތް އެތައް ކަމެއް، އިނގިރޭސިންގެ އެހީތެރިކަމާ އެކު ސުވާދީބު ދައުލަތުން އައްޑު އަތޮޅުގައި ފެއްޓެވިއެވެ. ނަތީޖާއެއްގެ ގޮތުން އައްޑު އަތޮޅުގެ ތަރައްޤީ މެދު އުޑުގައި ފިޔަޖަހަން ފެށިއެވެ. ވީމާ، މި ކޮލަމުގެ ޚިޔާލީ ދެ ޝަޚުޞިއްޔަތު ކަމަށްވާ މާފައާއި ކަނބުލޮގެ ވާހަކައިން، އައްޑު އަތޮޅުގެ ތަރައްޤީގެ ފިޔަޖެހުމުގެ އަސްލު ދެނެގަންނަން މަސައްކަތްކުރަމާތޯއެވެ؟

ދޮންކަނބުލޮ: މާފާ...! މިއަދު ކިހާ ހިސާބަކުންތަ ފަށާނީ؟

މާފަ: މިއަދު ކަނބުލޮ ދެރަވާނެ ކަހަލަ ވާހަކައެއް ނުދައްކާނަން އިނގޭ...! ކުރީ ދުވަހު ވަރަށް ރޮއިފީމެއްނުން... މިއަދު ދައްކާނީ މުޅިން ވެސް އުފާވާނެ ކަހަލަ ވާހަކަ.

ދޮންކަނބުލޮ: (އުފަލުން ހީނލާފައި) އެއީ އަނެއްކާ ސުވާދީބު ވާހަކައިގެ ކޮން ހިސާބެއްތަ؟ ކޮން ބައެއްގެ ވާހަކަތަ މާފާ؟ (ކެތްތެރިކަން ކުޑަ ރާގެއްގައި)

މާފަ: އެއީ އައްޑު އަތޮޅުގެ ތަރައްޤީގެ ވާހަކަ... ތަރައްޤީގެ ރޮނގުގައި އައްޑު އަތޮޅު ފިޔަޖަހަން ފެށި ގޮތުގެ ވާހަކަ..

ދޮންކަނބުލޮ: މާފަ ކޮން ކަހަލަ ތަރައްޤީއެއްތަ؟ ކިހިނެއްތަ؟ ފިޔަޖަހާ ވާހަކަ ތިބުނަނީ...

މާފަ: ފިޔަޖަހަނީއޭ މި ބުނަނީ މަޖާޒީ މާނައެއްގައި.... އެއީ އެހާވެސް ބޮޑަށް ތަރައްޤީގެ ކަންކަން ކުރިއަށް ދިޔަ ވާހަކަ..

ދޮންކަނބުލޮ: (ހީނލާފައި) ފިޔަޖަހަނީއޭ ބުންޏަސް ނޭނގޭނުން... މާފާ! އެކަމަކު މިހާރު އެނގިއްޖެ...

ދިރާސީ ނޯޓު: "އިސާހިތަކު އައްޑު އަތޮޅަށް ކުރިއެރުމާއި ފާގަތިކަން ލިބެން ފެށިއެވެ. މީހުންގެ މޫނުމަތިން ހިތްހަމަޖެހުމާއި އުޖާލާކަން ފާޅުވަމުންދިޔައެވެ. މުޅި ސުވާދީބުގެ އިޤުތިޞާދު ބިނާވެފައި އޮތީ އެދުވަސްވަރު ގަމަށް ވަޒީފާއަށް ދިޔަ 600 އެއްހާ ލޭބަރުންނަށް ލިބޭ މުސާރައަށާއި ހުވަދު އަތޮޅުން (އައްޑޫ ޓްރޭޑިންގ ކޮމްޕެނީ) އޭޓީސީ ކުންފުންޏަށް ކިރުވާ ހިކި މަހުން ލިބޭ އާމްދަނީގެ މައްޗަށެވެ" (އަލީ ފަހުމީ އަހުމަދު، 2012، ޞ.115).

މާފަ: އާނ! ދޮންކަނބުލޯ! މާފަ މި ބުނަނީ ސުވާދީބު ސަރުކާރު އުފެދުމާ އެކު، އައްޑުއަށް ތަނަވަސްކަން ލިބުނީ ނުހަނު އަވަހަށޭ... އިންތިހާއަށް ތަނަވަސްވީ... މިހެން ބުންޏަސް ކަނބުލޮމެން ހިތަކަށް ވެސް ނުގެނެވޭނެ...

ދޮންކަނބުލޮ: (ވިސްނަން އިނދެފައި، މާފައާ ދިމާއަށް ބަލައިލަމުން) އެހެންވީމާ.... މާފަ ތިޔަ ބުނަނީ ދިވެހި ސަރުކާރަށް ވުރެ ވެސް އައްޑު އަތޮޅު އޭރު މުއްސަންޖޭ ދޯ؟

މާފަ: (ހީނލަމުން)... އާނ ކަނބުލޯ! އައްޑޫ ޓްރޭޑިން ކޮންޕެނީ...  އޭޓީސީ އުފައްދައި... އެ ކުންފުނިން ވިޔަފާރި ހިންގަން ފެށީ... ގަމަށް މަސައްކަތު ދިޔަ މީހުންނަށް އިނގިރޭސި ފައިސާއިން އެހާ ބޮޑު މުސާރަ ލިބެންފެށީ...  ހަމައެކަނި މުއްސަނދީކީ ނޫން... އޭރު އައްޑު އަތޮޅުގެ ރައްޔިތަކު ވިސްނަންޖެހޭނެ އެއްވެސް ކަމެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ... ބުނަންތަ؟ އޭރު ގަމުގައި ހުންނަ ނެފީ ކިޔާ ފިހާރައިން ގަންނަން ނުލިބޭނެ ހަމަ އެކައްޗެއް ދުނިޔެމަތީގައި މި އުޑުދަށުގައި ނެތޭ ބުންޏަސް އެއީ ދޮގު ހަދާ މީހެކޭ ނުބުނެވޭނެ... އެހާ ވެސް ސާމާނު އެ ފިހާރައިން ލިބޭ...

ދިރާސީ ނޯޓު: ދިރާސާގެ ބައިވެރިއެއް ކަމަށް ވާ އައްޑޫ އިބްރާހީމްބެ (އަސްލު ނަމެއް ނޫން) ބުނެފައިވަނީ "ކުރިން އޮތީ ވަރަށް ފަޤީރުކޮށް. އޮއްވައި އިނގިރޭސީން އައިސްގެން މިތަން ތަނަވަސްވެގެން ދިޔައީ" މިހެންނެވެ. މިހެން ބުނުމަށް ފަހު، ސުވާދީބު ދައުލަތް އުފެދި އައްޑުއަށް ތަނަވަސްކަން ލިބެން ފެށި ގޮތް ވަރަށް ތަފުސީލުކޮށް އިބްރާހީމްބެ ކިޔައިދީފައިވެއެވެ. އެއީ:

"...ކުރިން މުސާރަ ދެމުން އައީ ދިވެހި ފައިސާއިން. 2.50ރ (ދެ ރުފިޔާ ބައި) އާއި ހަނޑޫ ނާޅިއަކާ. އެ ދުވަހުން ފެށިގެން... (1959 ވަނަ އަހަރު ޖަނަވަރީ 1 ވަނަ ދުވަހުން) ފެށިގެން ދެން އިނގިރޭސި ފައިސާ ލިބެންފެށީ... އިނގިރޭސި ފައިސާ ފުރަތަމަ ފަށައިގެން އަތަށް ދިނީ ނަގުދު ފައިސާއެއް ނޫން. ފުރަތަމަ ދިނީ ފޯމެއް. 7 ދުވަހު މަސައްކަތް ކުރީމާ މަސައްކަތް ކުރާ ސެކްޝަނުން އޭނާ މިވެނި ދުވަހަކު މަސައްކަތް ކުރިއޭ އޭނާއަށް ވަނީ މިތައް ޕައުންޑޭ އެތައް ޕެނީއޭ... އޭރު ޕައުންޑަކީ 20 ޝިލިންގު. ޝިލިންގަކީ 12 ޕެނީ... މުސާރަ ކަނޑައެޅީ ދިވެހި ކޮންމެ ރޫމްބޯއި އަކަށް 4 ޝިލިންގ 10 ޕެނީ. އާންމު ލޭބަރއަކަށް، 4 ޝިލިންގު 4 ޕެނީ. ސަރުދާރަކަށް 4 ޝިލިންގު 5 ޕެނީ ދުވާލަކަށް. ދެން އެ މުސާރަ ދޭނީ ދެ ހަފުތާއިން އެއް ހަފުތާ. ދެން ހަފުތާއެއް ވާއިރު އެ ލިބިފައި ހުރިވަރު ފޯމުގައި ލިޔެދެނީ. ދިނީމާ އޭރު ދަމުންދަމުން ދާނެ ގަމުގައި ހުންނާނެ ބޮޑު ސިންގާ ކުންފުންޏެއް. (ނެފީ) އެތަނުން ލިބޭނެ ހުރިހާ އެއްޗެއް ގަންނަން. ކިރާއި ހަނޑުލާއި ހަކުރާ، ޒީނަތްތެރިވުމުގެ ސާމާނާއި އެހެން ގޮސް މޭވާއާއި ތަރުކާރީއާ ހުރިހާ އެއްޗެއް ހުންނާނެ... އެ ފޯމަށް ފިހާރައަށް ގޮސް ވިޔަފާރި ކުރަނީ. ދެން އޭރު އެއީ އަތްމަތީގައި އެހާ ފައިސާ ގެންގުޅުނު ޒަމާނެއް ނޫނިއްޔާ. އޭރު މި ރާއްޖޭގެ މީހުން ގިނައިން ގެންގުޅުނީ ވެސް އިންޑިއާ ރުފިޔާ ކަންނޭނގެ... ދެން އެހިސާބުން އޭ.ޓީ.ސީ އުފެދުނީ" (އިބްރާހީމްބެ، (އަސްލު ނަމެއް ނޫން)، އައްޑޫ).

މި ދިރާސާގެ އެކި ބައިވެރިން ދީފައިވާ މައުލޫމާތުގައި މުސާރަ އެކި މީހުންނަށް އެކި ވަރަށް ލިބުނުކަން ހާމަކޮށްފައިވެއެވެ. މިހެން ވަނީ އެކި ރޭންކުތަކުގައި އެކި ވަޒީފާ އަދާކުރި މީހުންނަށް އެކި ވަރަށް މުސާރަ ލިބޭތީ ކަމަށް ވުން އެކަށީގެންވެއެވެ. މުސާރައިގެ އިތުރުން ފަލި ޖަހާފައި މަސައްކަތު ދާ ރަށްރަށުގެ މީހުންނަށް ފަލިޖެހުމުގެ ފީއެއް ވެސް ކަނޑައަޅާފައިވާ ކަމަށް އައްޑު އަތޮޅު ހުޅުދޫ އަދި މީދޫ މީހުން މަޢުލޫމާތު ދީފައިވެއެވެ. ލޭބަރުންގެ މުސާރައަކީ ދުވާލަކަށް 6 ޝިލިންގު 4 ޕެނީ ކަމަށް އަލީ ފަހުމީ އަހުމަދު، (2012) ވިދާޅުވެފައިވެއެވެ. ކޮންމެއަކަސް ގަމުގައި މަސައްކަތް ކުރި މީހުންނަށް ބޮޑު މުސާރަ ލިބެންފެށުމުން މުޅި އައްޑު އަތޮޅަށް ތިޔާގިކަން ފެތުރި މީހުންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތައް އަންނަމުން ދިޔަކަން މި ދިރާސާގައި އައްޑު އަތޮޅުން ބައިވެރިވި ކޮންމެ ބައިވެރިއެއްގެ ވާހަކަތަކުން ވެސް ފާހަގަކެރެވުނެވެ.

ދޮންކަނބުލޮ: އެހެންވީމާ، ހާދަ އުފަލުގައޭ އައްޑޫ މީހުން އޭރު އުޅޭނީ ދޯ މާފާ؟

މާފަ: އާނ! ކަނބުލޯ... ފައިސާ އަކީ އައްޑޫގައި އޭރު ދަތި އެއްޗެއް ނޫން... އަނެއްކާ ހުވަދު އަތޮޅުން އެ ގެންނަ ހިކި ކަނޑުމަސް އެކްސްޕޯޓުކޮށްގެން ވެސް އޭޓީސީ ކުންފުންޏަށް ވަރަށް ބޮޑަށް ފައިދާ ލިބުނުކަމަށް އޭރު އައްޑޫގައި ނެރެމުން ދިޔަ މަޖައްލާ ޓައިމްސް އޮފް އައްޑޫގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި ވެސް އޮތް

ދޮންކަނބުލޮ: (ހައިރާންވެފައި) މާފާ! އޭރު އައްޑޫގައި ނޫސް ވެސް ނުރެނުތަ؟

މާފަ: އާނ! އޭރު އައްޑު އަތޮޅަށް ތަރައްޤީ އައީ އެންމެ ކަމަކުން ނޫނޭ ދަރިފުޅާ..

ދިރާސީ ނޯޓު: ޓައިމްސް އޮފް އައްޑޫ (1 ޖަނަވަރީ، 1962) ގައި ބަޔާންކުރައްވާފައިވާ ކަމަށް އަލީ ފަހުމީ އަހުމަދު (2012) ވިދާޅުވެފައިވަނީ  1961 ވަނަ އަހަރުގައި އޭޓީސީ ކުންފުނިން 125.2 ޓަނުގެ ހިކި މަސް ކޮޅުނބަށް ބޭރުކުރިކަމަށާއި މިއީ އެ ދުވަސްވަރު ދިވެހި ސަރުކާރަށް ލިބޭ އާމްދަނީއަށް ބަލާއިރު ވަރަށް މަތީ އަދަދެއް ކަމަށެވެ. މި މަޢުލޫމާތަށް ބަލާއިރު، ދިވެހި ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް ހުވަދު އަތޮޅުން ހިކި ކަނޑުމަސް ދިވެހި ސަރުކާރުގެ ގައުމީ ކުންފުންޏަށް ކިރުވަމުން ދިޔަ ނަމަ، މި ފައިދާއަކީ ދިވެހި ސަރުކާރަށް ލިބޭނެ ފައިދާކަން ފާހަގަކުރެވެއެވެ.

ދޮންކަނބުލޮ: (ވަރަށް ބޮޑު އެއްޗެއް ވިސްނިގެން ބުނާފަދަ ގޮތަކަށް)... މާފާ! ހުވަދު އަތޮޅު މީހުން... ދިވެހި ސަރުކާރުގެ ކުންފުނި... ކީކޭތަ މާފަ ބުނީ... ގައުމީ ކުންފުނިދޯ؟ އެ ކުންފުންޏަށް މަސްނުކިރުވައި އޭޓީސީ ކުންފުންޏަށް މަސް ކިރުވަން ފެށީމާ، ދިވެހި ސަރުކާރަށް ހާދަ ގެއްލުމެއް ވާނޭ ދޯ؟

މާފަ: (ވަރަށް ލޯބިން ކަނބުލޮ ބޮލުގައި ފިރުމާލަމުން). މާފަގެ ކަނބުލޮ ތިޔަ ބުނީ ހަމަ ރަނގަޅަށް... މާފައަށް ވުރެ ވެސް ބޮޑަށް މިކަންކަން މިހާރު ކަނބުލޮއަށް އެބަ ވިސްނޭ ދޯ؟ ކަނބުލޯ އޭޓީސީ ކުންފުންޏަށް އެ ލިބުނު ހުރިހާ ފައިދާއަކީ ހަމަ ގައުމީ ކުންފުންޏަށް ލިބޭނެ ފައިދާ... ދިވެހި ސަރުކާރުން އަންގަވާފައިވާ ގޮތަށް ހުވަދޫ މީހުން ކަންތައް ކުރި ނަމަ... އެކަމަކު އެކަން އެހެން ނުވީވެސް ވަރަށް ގިނަ ސަބަބުތަކާ ހެދިކަން ކުރީގެ ވާހަކަތަކުން ކަނބުލޮއަށް ވެސް އެނގޭނުން..

ދޮންކަނބުލޮ: (އަނެއްކާ ވެސް ވިސްނަން އިނދެފައި)... މާފާ! މި ކަމާ ހެދިތަ މި ރަށުގެ މީހުން ރަށުން ބޭލީ؟

މާފަ: (ބޯ ހޫރަމުން) ނޫނޭ ދަރިފުޅާ ކަނބުލޯ؟ އަސްލު ސަބަބަކީ މީއޭ ބުނެ ނިންމާކަށް މާފައަށް ހަމަ ލާހިކެއް ނޫން... އެކަމަކު މިވެސް ދިވެހި ސަރުކާރުން، ހަވަރުތިނަދޫގެ މުއްސަނދިންނާ މެދު ނުރުހުންވާނެ ސަބަބެއްތާ... އަދިވެސް އެތައް ސަބަބެއް ވޭ... ވާހަކަ ކުރިއަށް ދާވަރަކުން ކަނބުލޮއަށް އެނގެމުން ދާނީ...

ދޮންކަނބުލޮ: އާނ! އެހެން ދޯ... މާފާ  އޭޓީސީ ކުންފުނި ކިހިނެއްތަ ހިންގީ؟

މާފަ: އޭޓީސީ ކުންފުނި ހިންގަން ގެނައީ ސިލޯނު މީހެއް... އެއީ ވަރަށް ދުރު ވިސްނޭ މީހެއްހެން މާފައަށް ހީވަނީ... އޭނާގެ ޚިޔާލާ އެކު، އައްޑު އަތޮޅުގައި ބޭންކެއް ވެސް ހުޅުވި... މި ޒަމާނުގައި ވެސް މި ހަދާ ގޮތަށް ބޭނުންކުން އައްޑޫ ރައްޔިތުންނަށް ހިއްސާ ވެސް ވިއްކި... އެ ބޭންކާ އޭޓީސީ ކުންފުންޏާ އޮންނަނީ ގުޅިފައި... އެހެންވީމާ، ކުންފުންޏަށާއި ބޭންކަށް ލިބޭ ފައިދާ ރައްޔިތުންނަށް ވެސް ބެހިގެން ދާނެނުން... މިބުނީ ހިއްސާ ގަނެގެން އެޅޭ ހިއްސާދާރުންނަށް ފައިދާ ލިބޭނެ ވާހަކަ...

ދޮންކަނބުލޮ: މާފާ! އެއީ ދޯ އެންމެ ފުރަތަމަ ރާއްޖޭގައި ހުޅުވުނު ބޭންކަކީ؟

ދިރާސީ ނޯޓު: "... ކޮޅުނބުން މީހަކު އައިސް އޭނަ އޭ.ޓީ.ސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުރީ. ހުރެގެން މިތާ މި އުފައްދަނީ ބޭންކު. ޕީޕަލްސް ބޭންކު އޮފް އައްޑޫ. އެއީ ފުރަތަމަ ރާއްޖޭގައި އުފެދުނު ބޭންކު. ދެން މިހަދާގޮތަކީ އެ ޕީޕަލްސް ބޭންކް އޮފް އައްޑޫން، އައްޑު އަތޮޅު މީހުން ޙިއްސާ ގަންނަނީ ފައިސާ ދީފަ. އެތަނަށް ފައިސާ ދިނީމާ އޭޓީސީއިން މި ހަދާގޮތަކީ މި މީހުން ދޭ އިންޓަރެސްޓަށްވުރެ ބޮޑު އިންޓަރެސްޓެއް ލާފައި އޭޓީސީއިން ބޭންކުން ފައިސާ ނަގަނީ. ނަގައިގެން އެމީހުން ބޭރުން ތަންތަނުން އެއްޗެހި ގެނެސްގެން... އެ މީހުންނަށް ބޭންކުން އެހީވެދެނީ... ބޭންކާ އޮންނަނީ އެމީހުންނާ ގުޅިފައި" (އިބްރާހީމްބެ، (އަސްލު ނަމެއް ނޫން)، އައްޑޫ). މި ބީދައިން ވާހަކަދައްކަމުން، މި ހުރިހާ ކަމެއް ކުރަނީ އިނގިރޭސިންގެ އެހީގައި ކަމަށް ބުނެ އައްޑޫ މަނިކުފާނު ބެ (އަސްލު ނަމެއް ނޫން) ބުނެފައިވަނީ، "... އެއީ އެމީހުން (އިނގިރޭސިން) ފާޅުގައި މިކަމަކަށް ނުވަދޭ.. އެމީހުން މިކަން ކުރަނީ އެމީހުންނާ ޢަފީފާ ސިއްރުސިއްރުން މިދެއްކޭ ވާހަކައަކުން... އެއީކީ ފެނިދެނިވެގެންވާ ކަމެއް ނޫން... އެމީހުން މިތަނަށް ގެނައީ ބައިނަލް އަޤުވާމީ ވިޔަފާރިވެރިއެއް. މޫސާޖީ ކިޔާ މީހެއް. އޭނާގެ އޮފީސް ހުރޭ އެމެރިކާ އިނގިރޭސި ވިލާތުގައި ވެސް ހުރޭ... ލަންކާގައި ވެސް ކާރުގައި ދިދަޖަހައިގެން... އޭނާގެ ބޯޓުފަހަރުން އެއްޗެހި ގެންނަނީ..." މިފަދައިންނެވެ. މި ދެންނެވުނު ވާހަކަތަކަށް ބަލާއިރު، އައްޑު އަތޮޅުގައި އޭޓީސީ ކުންފުނި ހެދުމާއި ބޭންކު ހުޅުވުމުގައި ވެސް ފަހަތުގައި ތިބެ އެހީތެރިވެދީ މިކަންކަން ކުރުވީ އިނގިރޭސިންކަން ހާމަވެއެވެ. އަދި މި ބޭންކަކީ ދިވެހިރާއްޖޭގައި ހުޅުވުނު ފުރަތަމަ ބޭންކު ކަމަށް ޞަފްވާން ޝަފީޤު (2013) ވިދާޅުވެއެވެ.

"ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު ބޭންކަކީ އައްޑޫ އަތޮޅު ހިތަދޫގައި 1961 ވަނައަހަރު ހުޅުވި ދަ ޕީޕަލްސް ބޭންކް އޮފް އައްޑޫ އެޓޯލް މިބޭންކެވެ. މާލޭގައި ސްޓޭޓްބޭންކް އޮފް އިންޑިޔާގެ ގޮތްޕެއް ހުޅުވުމުގެ 13 އަހަރު ކުރީން ހުޅުވި މި ބޭންކް ހިނގަމުންދިޔައީ އައްޑޫ އަތޮޅު ހިތަދޫ މެރިންޑްރައިވް ގައި ހުރި ޢިމާރާތެއްގައެވެ... ބޭންކުގައި މައިގަނޑު ގޮތެއްގައި މުޢާމަލާތު ކުރެވުނީ އެދުވަސްވަރު އައްޑޫގައި ބޭނުންކުރި ސްޓާލިންގ ޕައުންޑުންނެވެ. މި... ދުވަސްވަރު އައްޑޫގެ ގިނަ ބަޔަކަށް އިޤްތިޞާދީ ގޮތުން ކުރިއެރުންތަކެއް ލިބުނެވެ (ޞަފްވާން ޝަފީޤު، 2013، ޕެރެގްރާފް. 5).

މާފަ: އާނ! ކަނބުލޯ... އިނގިރޭސިންގެ އެހީއާ އެކު، އައްޑު އަތޮޅުގައި ވިޔަފާރި ކުރިއަށް ދިޔައީ ހަމަ އަތުފަތު ނުޖެހޭ ވަރަށް... ރައްޔިތުން ހިއްސާވާ ބޭންކާއި ކުންފުނި ހުޅުވި އޭގެ މަންފާ ލިބި ރައްޔިތުން ތިބީ ވަރަށް ހިތްހަމަޖެހި އުފަލުން... ވިޔަފާރި އެކަންޏެއް ނޫން... ސުވާދީބު ސަރުކާރުން އައްޑޫ ރައްޔިތުންނަށް ކިޔަވައިދޭން ވެސް މުހިންމު މަސައްތްތަކެއް ކޮށްފައިވޭ... ކުޑަ ކުދިންނާއި ބޮޑެތި މީހުންނަށް ވެސް ކިޔަވައިދިން.. ބޮޑެތި މީހުންނަށް ގަމުގައި އިނގިރޭސި ވެސް ކިޔަވައިދިން..

ދިރާސީ ނޯޓު: އައްޑު އަތޮޅު ގަމުގައި މަސައްކަތްކުރަމުން ކިޔެވި މީހަކު މި ދިރާސާއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، "އައްޑޫ ގަމުގައި އިނގިރޭސިން ހިންގި "ސަންޑޭ ކްލާހަށް" އަޅުގަނޑު ކިޔަވަން ދަން. ހަމައެކަނި ސަންޑޭގައި އޮންނަ ކްލާސްތަކެއް... ފަހުން، ލިބުނީ ގަމުން ވަޒީފާއެއް. ދެން ޑެއިލީ ކްލާސްތައް އޮންނަނީ މެންދުރުފަހު 1 ން 2 އަށް... ވަޒީފާގައި އުޅެމުން ކިޔެވީ... ކިޔަވައިދިނީ އިނގިރޭސި، ހިސާބު، ހިސްޓްރީ، ޖިއޮގްރަފީ، އެއްޗެހި. ހުސް ބޮޑެތި މީހުންނަށް ކިޔަވައިދިނީ... ވަޒީފާއަށްދާ މީހުންނަށް ކިޔަވައިދެނީ." (ތަކުރުފާނުބެ، (އަސްލު ނަމެއް ނޫން)، އައްޑޫ). މީގެއިތުރުން، ތަކުރުފާނުބެ ފާހަގަކުރެއްވި ގޮތުގައި އައްޑު އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް ތަޢުލީމު ދިނުން ކުރިއަށް ގެންދެވުނެވެ. މިގޮތުން އޭނާ ބުނެފައިވަނީ "އޭރު ކިޔާނީ ހަތަރުވަނަ ކްލާސް. ކޮންމެ ގްރޭޑެއްގައި ދެ އަހަރު. މާނައަކީ ގްރޭޑް 8... އުމުރަކަށް ނުބަލާ. ސްކޫލް މަދަރުސާ ނިމުނީމާ ނިމުނީ" ތަރުކުފާނުބެގެ މި ބުނުމަށް ބަލާއިރު، އޭރު ގްރޭޑު 8ގެ ފެންވަރަށް ކިޔަވައިދެވުނު ކަމަށް ދެންނެވިދާނެއެވެ. ނޫނީ ކޮންމެ ކުއްޖަކު ވެސް 8 އަހަރު ސްކޫލުގައި ހޭދަކުރާނެ ކަމަށް ބެލެވެއެވެ.

އައްޑޫ ސްކޫލަކުން އޭރު ކިޔެވި ދަރިވަރެއް ކަމަށް ވާ ދޮންދީދީ (އަސްލު ނަމެއް ނޫން) ބުނި ގޮތުގައި އޭރު ވަރަށް ގިނަ މާއްދާތައް ކިޔަވައިދިނެވެ. އޭނާގެ ސްކޫލު ދައުރުގެ ތަޖުރިބާ ހިއްސާކުރަމުން ދޮންދީދީ ކިޔައިދިނީ "ހިތަދޫ ސްކޫލަށް އަޅުގަނޑު ދިޔައީ. އަޅުގަނޑު ކިޔެވި ފޮތް ވެސް ހުންނާނެ މިހާރު ވެސް... އަރަބި، ހިސާބު ދިވެހި ކިޔަވައިދިން... ގަމުން ދާނެ އިނގިރޭސި ކިޔަވައިދޭން މީހަކު... އިނގިރޭސިއަކު... ފަހަރަކު ކުއްޖަކު ކޮޅަށް ނަގާފައި ތަންތަނުގައި ހިފާފައި އެ ތަންތަނަށް ކިޔާ ނަން ކިޔައިދޭނެ... ދުރޫސުލް އަޚްލާޤް ވެސް ކިޔަވައިދިން. ތަޢުލީމު ދިޔާނާގެ 1، 2 ވެސް ކިޔަވައިދިން... އަޅުގަނޑު އެންމެ ފުރަތަމަ ދިޔައީ މަދަރުސަތުލް އިމްދާދިއްޔާއަށް... ފަހުން އެ މަދަރުސާގައި ތިބި ކުދިން އެހެން މަދަރުސާއަކަށް ގެންދިޔައީ. ފަހުން ދިޔަ މަދަރުސާއަށް ކިޔަނީ މަދަރުސަތުލް ސަޢާދާ... މި މަދަރުސާ ހުންނާނީ ހުސައިން ރަހާ ބެއްޔާގޭ ބިއްދޮށުގައި... އެތާކަންނޭނގެ މިހާރު ނޫރާނީ ސްކޫލް ހުންނަނީ." މި ބަސްދީގަތުން ނިމިގެން އޭނާގެ ސްކޫލުދައުރުގައި ގެންގުޅުނު ބައެއް ފޮތްތައް ދިރާސާވެރިންނަށް ދެއްކިއެވެ. އޭރު އައްޑު އަތޮޅުގައި ފިރިހެން ކުދިންގެ އިތުރުން އަންހެންކުދިންނަށް ވެސް ކިޔަވައިދެވުނުކަން ދިރާސާގެ ބައިވެރިންގެ މި ވާހަކަތަކުން އެނގެއެވެ.

ދޮންކަނބުލޮ: އެހެންތަ މާފާ! މިހާރު ވެސް އައްޑޫ މީހުން ހާދަ މޮޅޭ... ދޯ މާފާ!

މާފަ: ތީގެ ސިއްރަކީ ވެސް އިނގިރޭސިން ގަމަށް އައުން ކަމަށް ބައެއް މީހުން ބުނޭ... އެކަމަކު ޚިޔާލު ތަފާތު މީހުން ވެސް އުޅޭނެ ދޯ ދޮންކަނބުލޯ... ބައެއް މީހުން އިނގިރޭސިން އައުމާ އިސްލާމް ދީނާ ގުޅުވައިގެން ވެސް ވާހަކަދައްކާ... ދީނާ ޚިލާފު ކަންކަން އައްޑޫގައި ހިންގި ކަމަށް ލިޔެފައި އެބަހުރި.

ދިރާސީ ނޯޓު: ދޮންބެއްޔާ އަސްލު ނަމެއް ނޫން އައްޑޫ ".... އިނގިރޭސިން ފައިބައިގެން ދިޔަ އިރު އައްޑޫގައި މަސައްކަތްކުރަން ތިބި މީހުންނަށް ސެޓްފިކެޓެއް ދީފައި ދިޔައީ. މީނާއަކީ މިވެނިކަމެއް އެނގޭ، ރޯޔަލް އެއަރފޯސްގައި މިތައް އަހަރު މަސައްކަތްކޮށްފައި ހުރި މީހެއް ކަމާއި މިކަހަލަ ކަންކަން އެނގޭ ސެޓްފިކެޓެއް އެއީ. އެހެންވީމާ އެއީ މަސައްކަތް އެނގޭ ކަމުގެ ގެރެންޓީއެއްތާ. އެހެންވީމާ ވަރަށް ގިނަ މީހުންނަށް ހުޅުލެއިން މަސައްކަތް ލިބުނު. ބައެއް މީހުން ރިސޯޓްތަކަށް ވެސް ދިޔަ. މެނޭޖަރުކަމުން ފެށިގެން މަގާމުތައް ލިބުނު... އަޅުގަނޑުގެ ވާހަކައިގެ އަސްލަކީ... އެމީހުންގެ އަނބިދަރިންނާ ކުދިންނާ މާލެ ގެންގޮސްގެން މަތީ ތަޢުލީމުގެ ފުރުޞަތު ހުޅުވުމުގެ ދޮރަކަށް ވީ ކަމަކީ އެއީ... ބަޔަކު މީހުން ދެކެފާނެ ނިކަމެތި ކަމެކޭ އެއީ. އަޅުގަނޑުގެ ނަޒަރުގައި އެއީ ނިކަމެތިކަމެއް ނޫން.  މިހާރު ކިތައް މީހުން އެބަ ތިބިތޯ މަތީ ތަޢުލީމު ލިބިފައި. ޚާއްޞަކޮށް މިއަތޮޅުގެ މީހުން" ދޮންބެއްޔާ ދިރާސާވެރިންނަށް ވިސްނައިދެއްވަން މަސައްކަތްކުރެއްވީ، އައްޑު އަތޮޅަށް އިނގިރޭސިން އައުން ވެސް އަދި އިނގިރޭސިން ފައިބައިގެން ދިޔުން ވެސް އެއީ އެއްގޮތަކަށް ވެސް ދެރަވާންވީ ކަމެއް ނޫންކަމާއި، އެކަމެއް ހިނގާނީ ތަޤުދީރުގައި އޮތް ގޮތަކަށް ކަމަށާއި މިއަދު އައްޑޫ މީހުންނަށް ލިބިފައިވާ ތަރައްޤީއާއި ތަޢުލީމާއި ކުރިއެރުމުގެ އަސްލު ސިއްރަކީ ވެސް އިނގިރޭސިން ކަމެވެ.

ދޮންކަނބުލޮ: މާފާ! ހަމަ ތެދެއްތަ؟ (ވަރަށް ބޮޑަށް ހައިރާންވެފައި) އައްޑު އަތޮޅުގައި އިސްލާމް ދީން ނޫން ދީނެއް އޮތްތަ؟

މާފަ: ނޫނޭ ދަރިފުޅާ! އަސްލު ކަންކަން ހިނގަމުން ދިޔަ ގޮތް އޮޅޭނެހެން ބައެއް ލިޔުންތައް ލިޔެފައި އެބަ ހުރި. އެ ވާހަކަތައް ކަނބުލޮއަށް އޮޅުންފިލުވައިދޭން މާފަ ވަރަށް ބޭނުން... އެހެންވީމާ، އެވާހަކަތައް އެހެން ދުވަހަކަށް ބާއްވަމާ...

ދޮންކަނބުލޮ: އާނ! މާފާ އެހެންވީމާ، މިއަދަށް ނިމުނީދޯ! ޝުކުރިއްޔާ މާފާ!

މިއަދުގެ ކޮލުމުގައި ވެސް މުހިންމު މަޢުލޫމާތުކޮޅެއް ހުށަހެޅުނު ކަމުގައި އުންމީދުކުރަމެވެ. މި ހުށަހަޅައިދެވުނު ވާހަކަތަކުން އެނގުނު އެންމެ މުހިންމު އެއް ކަމަކީ، ހުވަދު އަތޮޅުން އެކްސްޕޯޓުކުރަމުން ދިޔަ މުދާތައް އައްޑޫ އޭޓީސީ ކުންފުނި މެދުވެރިކޮށް އެކްސްޕޯޓުކުރަން ފެށުމުން އޭގެ އެންމެ ބޮޑު ފައިދާއެއް ވީ އައްޑު އަތޮޅަށް ކަމެވެ. އަދި އައްޑޫގައި ބޭންކު ހުޅުވި، އައްޑޫ ރައްޔިތުންނަށް ހިއްސާ ގަނެވި، އައްޑޫ ރައްޔިތުންނަށް ވެސް ފައިދާ ލިބޭ ގޮތަށް ފުޅާ ދާއިރާއެއްގައި އައްޑު އަތޮޅުގައި ވިޔަފާރި ހިނގަމުން ދިޔަކަން ވެސް ފާހަގަކުރެވެއެވެ. ބޭނުންކުރަމުން ދިޔައީ އިނގިރޭސި ފައިސާއެވެ. ގަމަށް މަސައްކަތު ދިޔަ 600 އެއް ހާ މީހުންނަށް ކޮންމެ މަހަކަށް ލިބުނު މުސާރައަށް އެކަނި ބަލައިލި ކަމުގައިވިޔަސް އައްޑު އަތޮޅު ރައްޔިތުންނަށް އޭރު ލިބެމުން ދިޔަ އާމްދަނީއަކީ، މުޅި ދިވެހި ސަރުކާރާ ވެސް ނުބައްދަލު ބޮޑު ޢަދަދެއްކަން ފާހަގަކުރެވުނެވެ. ހަމައެހެންމެ، އައްޑޫގައި ތަޢުލީމީ ކަންކަން ވެސް ވަރަށް ރަނގަޅަށް ކުރިއަށް ދިޔަކަން ފާހަގަކުރެވުނެވެ. ނަމަވެސް ސުވާދީބުގައި ބައިވެރިވުމުން ހަވަރުތިނަދޫގެ ވިޔަފާރިއަށާއި، ނުހަނު ރަނގަޅަށް ހިނގަމުން ދިޔަ އަމީރު އިބްރާހީމް ސްކޫލަށް ވީ ކިހިނެއްތޯއެވެ؟ ހަވަރުތިނަދޫއަށް ލިބުނީ ކޮން ފައިދާއެއްތޯއެވެ؟ ނުވަތަ މުޅި ހުވަދު އަތޮޅަށާއި ފުވައްމުލަކަށް ލިބުނީ ކޮން ފައިދާތަކެއްތޯއެވެ؟ މިހިރީ ހައްތަހާ ވެސް ސުވާލެވެ. އިރާދަކުރެއްވިއްޔާ، ކޮންމެ ހަފުތާއަކު ވެސް ވަކި ބައެއް ހުށަހަޅަމުން ދާނަމެވެ. އަންނަ ހަފުތާއަށް އިންތިޒާރު ކޮށްލައްވާށެވެ.

ހަވާލާ ދެވިފައިވާ ލިޔުންތައް

އަލީ ފަހުމީ އަހުމަދު. (2012). "ދިވެހިންނާއި އިނގިރޭސިންގެ ކޯޅުން" ސުވާދީބު. މާލެ: ކޮރޯނާ ޕްރެސް

ޞަފްވާން ޝަފީޤު. (2013). ރާއްޖޭގެ ފުރަތަމަ ބޭންކު: ދަ ޕީޕަލްސް ބޭންކު އޮފް އައްޑު އެޓޯލް. ނެގީ: https://www.addulive.com/5045

ޢަޒީޒާ ޢަފީފު (އައްޒަ)
އަލްފާޟިލާ ޢަޒީޒާ ޢަފީފު (އައްޒަ) ވަނީ، މާސްޓަރސް އިން ދިވެހި ލެންގުއޭޖް އެންޑް ކަލްޗަރ ފުރިހަމަކުރައްވާފައެވެ. މިހާރު އައްޒައަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބަހަވީ ޢިލްމާއި ދިވެހިބަހުގެ އަދަބިއްޔާތު ފަދަ ބަހާ ގުޅުން ހުރި ތަފާތު މާއްދާތައް ކިޔަވައިދެއްވާ ދާރިސެކެވެ. އޭނާގެ ދިރާސީ މަސައްކަތްތަކުގެ ތެރޭގައި ދިވެހި ބަހުގެ ޤަވާޢިދުގެ އިތުރުން، ދިވެހިރާއްޖޭގެ ތާރީޚު، މިންތީ ތަފާތު، ދިވެހިރާއްޖޭގެ ފޯކްލޯ އަދި އަދަބިއްޔާތު ފަދަ ދިވެހި ބަހާއި ތާރީޚާއި ސަޤާފަތާ ގުޅުން ހުރި ތަފާތު ދާއިރާތައް ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.