އައްޒަގެ ދިރާސީ ބަސް: ސުވަދުންމަތީ މީހުން އަރުމާދު އޮޑީގައި ކުރި ވިޔަފާރި ދަތުރު!

މި ކޮލަމުގެ ކިޔުންތެރިންނަށް ސުވާދީބުގެ މުޅިން އާ ފަތިފުށެއް ހުޅުވައިލާނަމެވެ. ކޮންމެ ބައެއްގެ ވެސް ތަހުޒީބާއި ތަމައްދުން ގުޅިފައިވާނީ އެ ބައެއްގެ މާލީ ކެރިފޯރުންތެރިކަމާއެވެ. އަދި ހަމައެހެންމެ ހަމަޖެހުމާއި ސުލްޙަމަސަލަސްކަމާއި މިނިވަންކަމުގެ ޙަޤީޤީ ރަހައަކީ ވެސް އެހެން ބަޔަކަށް ބަރޯސާ ނުވެ، އަތްމަތި ތަނަވަސްވެ، ބަނޑަށް ނުޖެހި އުޅެވޭނެ ކަމުގެ ޔަގީންކަން ލިބުމެވެ. މިގޮތުން ބަލާއިރު، ސުވަދުންމަތީ (ހުވަދޫ، ފުވައްމުލައް އަދި އައްޑޫ) ރައްޔިތުންނަކީ ޒަމާނުއްސުރެ އަމިއްލަ ވިޔަފާރިކުރުމަށް ޓަކައި ރާއްޖެއިން ބޭރަށް ދަތުރުކޮށް، އުޅުނު ކުޅަދާނަ މާލިމީންނެވެ. މިނިވަން ވިޔަފާރިވެރިންނެވެ. ހިތްވަރުގަދަ މާވަޑިންނާއި ކުޅަދާނަ މަސްވެރިން ވެސް މެއެވެ. ތަފާތު ބާވަތްބާވަތުގެ ކާނާ ތައްޔާރުކުރާ ބޮޑުކައްކާއިންނެވެ. މީގެއިތުރުން ވެސް ހުނަރުވެރި އެތައް މަސައްކަތެއް ކޮށްއުޅުނު އަތްމަތި ތިޔާގި ހީވާގި ބައެކެވެ.

ކުރީ ދުވަހު ނިންމާލިއިރު، ގ.ހަވަރުތިނަދޫ މީހުން ދިވެހިސަރުކާރަށް ދައްކަމުން އައި ޖިޒީ، މުޅިން ހުއްޓާލެވުނީ 1959 ވަނަ އަހަރުގައި ކަން ފާހަގަކުރެވެއެވެ. އޭރު ހަވަރުތިނަދޫގެ އަތޮޅުވެރިކަން ކުރެއްވި ބޭފުޅާގެ ބަދަލުގައި އާ އަތޮޅުވެރިއަކު ވަނީ އައްޔަންކުރައްވާފައެވެ. 1953 ވަނަ އަހަރުން ފެށިގެން 1958 ވަނަ އަހަރާ ހަމައަށް ހުވަދޫ އަތޮޅުގެ އަތޮޅުވެރިއަކަށް ހުންނެވީ މޫސާ ހިރިހަމައިދިކަލޭފާނެވެ. އޭގެ ފަހުން މާލޭ، މާފަންނު، މާނެލް ނ.ތ.ހަސަންދީދީއެވެ. ހިރިހަމައިދިކަލޭފާނަކީ، އޭރު ސުވަދުންމަތީގައި މުއްސަނދިކަމަށް އެންމެ މަޝްހޫރު ބޭފުޅާއެވެ. އަދި މި ނޫނަސް ސުވަދުންމަތީގައި މަޝްހޫރު އެތައް ވިޔަފާރިވެރިންނެއް އުޅުއްވިއެވެ.

މި ކޮލަމުގެ ޚިޔާލީ ދެ ޝަހުޞިއްޔަތު ކަމަށްވާ، މާފަޔާއި ދޮންކަނބުލޮގެ ވާހަކަ ގޮސްފައިވާ ހިސާބުން މިއަދުގެ ވާހަކަ ވެސް ފަށަމާތޯއެވެ؟

ދޮންކަނބުލޮ: މާފާ! ކޮޅުނބަށް ކުރި ދަތުރުތަކުގެ ވާހަކަ ކިޔައިދޭނަމޭ ބުނީމެއްނު... ވާހަކަ ކިޔަން ހިނގާ... ވަރަށް އަޑުއަހާހިތުން މިއިނީ....

މާފަ: އާނ! ދަރިފުޅާ ކަނބުލޯ... ސުވަދުންމަތީ މީހުންނަކީ، ވަރަށް ހުނަރުވެރި އަދި ކުޅަދާނަ ވެސް ބައެއް. ކޮޅުނބު ދަތުރުކުރި އެހެރަ ބޮޑެތި އޮޑިފަހަރު ބަނީ އަމިއްލަ އަތުން. މި ޒަމާނުގައި މި ކުރަހާ ފަދަ އެއްވެސް ކުރެހުމަކާ ވެސް ނުލާ. ދަތުރުކުރީ ރިޔާ ނަގައިގެން ފައްސިޔައިގައި. މޮޅު މާލިމީންގެ ނެވިކަމުގެ ކުޅަދާނަކަމުގެ ހެއްކަކަށް ވެސް މި ދަތުރުތައް ފުދޭ. އެނގޭތަ؟ އަތޮޅުން ފުރައިގެން ފައްސިއައިގައި ދަތުރުކޮށް ކޮޅުނބަށް ދެތިން ދުވަހުން ދެވޭ. ދަތުރުކުރާއިރު، އޮޑި ހުންނަ ތަން ދެނެގަންނަނީ ފިލާއަޅައިގެން. މެންދުރު އިރަށް ބަލައިގެން ފިލާއަޅާ. އަދި ރޭގަނޑު ހަނދާއި ތަރިތަކަށް ބަލައިގެން ފިލާއަޅާ.

ދޮންކަނބުލޮ: މާފާ ފައްސިޔަ.. އޭ... ފިލާއެޅުމޭ... މިއިން އެކައްޗެއް ވެސް ނޭނގޭ.. މާފާ...

މާފަ: އާނ! ކަނބުލޯ... މިހާރު މި ހުންނަ ޖީޕީއެސް ފަދަ ތަކެއްޗެއް އޭރަކު ނުހުރޭ... އެހެންވީމަ ފިލާއަޅަނީ... މި ބުނާ ފިލަޔަކީ މާލިމީން ބޭނުންކުރަން ހަދާފައި އޮންނަ ޚާއްޞަ އާލާތެއް. މިއަށް ކިޔާ ދެ ނަމެއް އޮވޭ. އައީ ސިކިސްތާނު އަދި ގޮއިދުރުވާނު. އެހެންވީމާ ފިލާއެޅުމަކީ ސިކިސްތާނުން ނުވަތަ ގޮއިދުރުވާނުން އިރަށް ނުވަތަ ހަނދާއި ތަރިއަށް ބަލައިގެން، އުޅަނދު ހުރި ހިސާބު (ޕޮޒިޝަން) ދެނެގަތުމަށް ޓަކައި ކުރާ ހިސާބު. ފިލާ އަޅައިގެން ބަލަނީ އަރުޟު އަދި ޠޫލުން (ލެޓިޓިއުޑު އަދި ލޮންޖިޓިއުޑުން) އޮޑި ހުރި ޕޮއިންޓް. މި ޕޮއިންޓް ބަލާފައި ދެން އޮޑި ދުވާވަރު ބަލާނީ ޓަފުލައިގެން.

ދޮންކަބުލޮ: މާފާ އަނެއްކާ އެއީ ކޯޗެއް؟

މާފަ: ޓަފުލުންދޯ؟ އާނ! އަޑުއަހާ!

ޓަފުލާން ބޭނުންކުރަނީ ޓަފު ނަނާއި ޓަފުފުޅިއެވެ. ޓަފު ނަނުގެ ކޮޅުގައި ވަށްބުރުގެ ހަތަރުބައިކުޅަ އެއްބައި އޮންނަހެން އޮންނަ ފިލާފޮއްޗެއް ހަރުކުރެއެވެ. މި ފިލާފޮތީގެ ވަށްކޮށް ހުންނަ ފަރާތުން ބައި އިންޗި އެތެރޭގައި ބައި އިންޗި ފުޅާ މިނުގައި ކޮނެ ތިމަރަ ވިރުވާފައި އަޅައެވެ. ދެން ފިލާފޮތީގެ ތިން ކަނުގައި ނަނު ހަރުކޮށް ދެތިން ފޫޓު ދޫކޮށްފައި ތިން ފަށް އެއްކޮށް ގޮށްޖަހައެވެ. ދެން ދިހަވަރަކަށް ނުވަތަ ފަނަރަވަރަކަށް ފޫޓު ދޫކޮށްފައި ބޮޑު ފޮތިބޮނޑިއެއް ނަނުގައި އޮޅައެވެ. ނަނުގައި ގޮށްޖަހަން ފަށާނީ މި ފޮތިބޮނޑިން ފަށައިގެން މިން އަޅައިގެންނެވެ. ދެން ގަޑިއަކު މޭލަކަށް ދުވަންޏާ 15 ސިކުންތުން ދުވާނެ ވަރު މޭލުން ހިސާބުހަދައި އެ މިނުން ނަނުގައި ގޮށްޖަހައެވެ. ދިގު ނަނެއްގައި މި ގޮތަށް ގޮށްތައް ޖަހައި ނިމުމުން، ޓަފު ނަނު ތައްޔާރުކުރެވުނީއެވެ. ޓަފުފުޅިއަކީ ފަނަރަ ސިކުންތަށް ހަދާފައި ހުންނަ ވަގުތުފުޅިއެވެ. ޓަފުލާ ގޮތަކީ، އެކަކު ނަނު ދޫކުރާ އިރު އަނެކަކު ހުންނާނީ ޓަފުފުޅި ހިފަހައްޓައިގެންނެވެ. ނަނު ދޫކުރާނީ އޮޑީގެ ކޮޅުފަސްކޮޅުންނެވެ. ނަނު ކޮޅުފަސްކޮޅުން މޫދަށް ވައްޓާލުމުން ނަނުގެ ކޮޅުގައި ހަރުކުރި ފޮތި ހުންނާނީ ކަނޑުގެ ލޮނުގަނޑުގައި ޖެހުމާ އެކު ހުރަސްވެފައެވެ. ދެން އޮޑި ދުވާވަރަކަށް ނަނު ދޫވަމުން ދާނެއެވެ. ނަނުގައި އޮޅި ފޮތިބޮނޑި އަތާހަމައަށް އައުމުން ނަނު ހިފަހައްޓައިގެން ހުންނަ މީހާ "ފިރާ" މިހެން ކިޔައި ގޮވާލައެވެ. މީގެ މާނައަކީ ނަނު މިންކުރަން ފަށާ ހިސާބު އަތުން ފިރާލިކަމެވެ. ދެން ހަމަ އެވަގުތު ޓަފުފުޅި ހިފަހައްޓައިގެން ހުންނަ މީހާ ޓަފުފުޅި އޮތްކޮޅު ނޫން އަނެއްކޮޅަށް ޖަހައި ވަގުތު ބަލަން ފަށައެވެ. 15 ސިކުންތު ހަމަވެ ޓަފުފުޅި ހުސްވުމާ އެކު، ފުޅި ހިފަހައްޓައިގެން ހުންނަ މީހާ "ޓަފް" މިހެން ކިޔައި ގޮވާލައެވެ. ހަމަ އެވަގުތު ނަނު ހިފަހައްޓައިގެން ހުންނަ މީހާ ނަނުގައި ހިފަހައްޓާނެއެވެ. ދެން ނަނު ނަގައި ނަނުން ގޮސްފައިވަނީ ކިތައް ގޮށް ކަން ގުނައި އޮޑި ދުވާވަރު ހިސާބު ހަދާނީ މާލިމީއެވެ. މިގޮތަށް ގަޑިއަކު އެއްފަހަރު ނުވަތަ ދަމަކު އެއްފަހަރު ޓަފުލަމުން ގެންދާނެއެވެ. ދަމަކީ 4 ގަޑިއިރެވެ.

ދޮންކަނބުލޮ: މާފާ ހާދަ ތަފުސީލުކޮށް ތިޔަ ކިޔައިދިނީ... މިހާރު އެނގިއްޖެ ޓަފުލާ ގޮތް ވެސް. އަދި ފައްސިޔަ ކިޔައެއް ނުދެވެއެއްނުން.  

މާފަ: ފައްސިޔައިގައި ދަތުރުކުރުމަކީ، ޖެހޭ ވަޔާއި އޮޔާ އެއްކޮޅަށް ދަތުރުކުރުން. ހިނގާ ވާހަކަ ކިޔަމާ!

ކަނބުލޯއެވެ. ކޮޅުނބު ދަތުރުކުރާ އޮޑިފަހަރު ކުރަނީ އަހަރަކު އެންމެ ދަތުރެކެވެ. އެއީ ހުޅަނގުގެ ހިތްގައިމު ވައިގައި ރަށުން ފުރައިގެން ވަޔާ އެއްކޮޅަށް ދަތުރުކޮށް ސިލޯނާއި އިންޑިއާއަށް ދަނީއެވެ. އެނބުރި އާދެވޭނީ އިރުވައި މޫސުން ލައިގަނެ އިރުން ވައިޖެހޭން ފެށުމުންނެވެ. ވައި ހުންނަ ގޮތަކުން ދަތުރު ކުރުވެ އަވަސްވެއެވެ. ނޫނީ ދަތުރު ދިގުވެ ލަސްވާ ގޮތް ވެސް ދިމާވެއެވެ. އެހެންވެ ކޮޅުނބު އޮޑިފަހަރު ފުރާނީ ދަތުރުމަތީގައި ކެއުމަށް ޓަކައި ވަރަށް ގިނަ ހިކިކާނާގެ ބާވަތްތައް ވެސް ހިފައިގެންނެވެ. އޮޑިފަހަރު ދަތުރަށް ތައްޔާރުވަމުން ދާއިރު، ގޭގޭގައި، ބޮނޑި، ނާރޮވައްފަލުދަ (ލަޑޯ)، ތަތްބޮނޑިބަތް (ތަތެބަތެ)، އާރޮސް، ތަރަފަނަ، ރިހާކުރުފަތަފޮޅި (ގަރެދަފަތޮހޮޅި) ފަދަ އެތައް ބާވަތެއްގެ ހިކި ސާމާނު ހަދާނެއެވެ. މި މަސައްކަތްކުރާނީ އޮޑިވެރިންނާއި މުއްސަނދިންގެ ގޭގައި އެ ޢާއިލާގެ މީހުންގެ އިތުރުން އަވައްޓެރި އެންމެން އެއްވެގެން ވަރަށް ފޯރީގައެވެ. އޭރު، މީހުން މަސައްކަތްކޮށްދެނީ މުސާރައަކަށް ނޫނެވެ. ކޮންމެ މީހަކު ވެސް ޢާއިލީ ގުޅުމުގެ ސަބަބުން ނުވަތަ ރައްޓެހި ރަޙުމަތްތެރިކަމުގެ ގުޅުމުގެ ސަބަބުން ނަމަވެސް، ކޮންމެވެސް މުއްސަންޖެއްގެ ގޭގައި މަސައްކަތްކުރާނެއެވެ. މިގޮތަށް އުޅޭ އެންމެންގެ ކެއުންބުއިމާއި އެހެނިހެން ޒަރޫރީ ބޭނުންތައް ވެސް ފުއްދުމުގައި އެހީތެރިވާނީ އެއްކަލަ މުއްސަނދި މީހާއެވެ.

ދޮންކަނބުލޮ: އެއީ ކީއްވެ މާފާ.. އަހަރަކު އެންމެ ދަތުރެއް...؟ ކިހިނެއް ތިޔަ އެންމެންގެ ކަންކަން ހަމަޖައްސަނީ؟

މާފަ: ހޫނ... ދޮންކަނބުލޮމެންނަށް ކިހިނެއް މިކަން ވިސްނޭނީ ވެސް ދޯ؟ ހުޅަނގު މޫސުމުގައި ރަށުން ފުރާ އޮޑިފަހަރު އެ ދާ ތަނަކަށް ގޮސް އިރުން ވައިޖެހޭން ފެށުނީމާ ނޫނީ އެ ތިބި ތަނަކުން ނުފުރާނެ. އޭރަކު އިންޖީނެއް ނުހުންނާނެނުން ކަނބުލޯ... ރިޔަލުގައި ދަތުރުކުރަނީ... އެހެންވީމާ އަހަރަކު ކުރެވެނީ އެންމެ ދަތުރެއްނުން. އެންމެ ދަތުރެއް ކުރިޔަސް ނަން ހުސްކޮށް ބޭނުންވާ ހުރިހާ ސާމާނެއް ހިފައިގެން ރަށަށް އަންނާނީ... ހަވަރުތިނަދޫ އޮޑިފަހަރުން ގެންނަ ސާމާނުން ރަށުގެ މީހުންގެ އިތުރުން އަތޮޅުގެ އެހެން ރަށްރަށުން އަންނަ މީހުންނަށް ވިއްކާފައި އިތުރު ވާވަރަށް ވެސް މުދާ ގެނޭ.

ވިޔަފާރިވެރިން ކޮޅުނބަށާއި ކޮއްޗޭ ފަދަ ތަންތަނަށް ދަތުރުކޮށް، ކޮންމެ ދަތުރަކު ވެސް އަހަރު ދުވަހަށް ބޭނުންވާވަރަށް ހުރިހާ ބާވަތެއްގެ މުދާ ގެނެއެވެ. މިގޮތުން ގެންނަ މުދާތަކުގެ ތެރޭގައި ކާޑުގެ އިތުރުން، ކަރާސީނުތެޔޮ، ދުންފަތް، ފޯއް، ހަވާދުގެ ބާވަތްތައް، ބޭސް ޚާއްޞަކޮށް މިނާބޭހާއި (ބަނޑުބޭސް) މަތިކަރާބޭސް ހުސްނުވާ ވަރަށް ގެނެސްފައި ހުރެއެވެ. މީގެއިތުރުން ފޭރާން ވެސް ގެނެއެވެ. މުންޑާއި އަންހެނުން ލިބާސްކަނޑާ ފޮއްޗާއި ފައިވާނާއި އަތަރާއި ސައިބޯންޏާއި ފޮތްފަންސުރާއި ޕިންޕޮން ބޯޅަ މިހެން ގޮސް ދިރިއުޅުމަށް ބޭނުންވާ ހުރިހާ ސާމާނެއް ހަވަރުތިނަދޫން ލިބޭނެއޭ ބުނުމަކީ ގައިމު ވެސް ދޮގަކަށް ނުވާނެއެވެ.

ހަމައެހެންމެ ސުވަދުންމަތީގެ ކަމުވޮށިވެގެންވާ މުއްސަނދިންގެ އަނބިންނާއި އަންހެން ދަރީން ތިބެނީ ރަންރިހީން ޒީނަތްތެރިވެގެންނެވެ. ރަންރިހީގެ މަސައްކަތްކުރުމުގެ ކުޅަދާނަކަން ވެސް މިބައިމީހުން ހޯދާފައިވާ މިންވަރު ގަހަނާތަކުން ފާހަގަކުރެވެއެވެ. ލައިއުޅުނީ، ކަސަބުބޯވަޅު އެޅި ލިބާހެވެ. ލިބާހުގެ ބޯވަޅު ހެދުމަށް ޓަކައި ބޭނުންވާ ކަސަބާއި ބާދަލާ ފަދަ ތަކެތި ބޭރުން ގެނައި ނަމަވެސް ބޯވަޅު ހަދަނީ ގަތާފަޔާއި ފޯލިބައި ބޭނުންކޮށްގެން އަމިއްލައަށް ހިރު ގަތައި، ހަރުގައި ކިނާރި ވިޔެގެންނެވެ. މި ލިބާސް ބަލައިލުމުން ވެސް ސުވަދުންމަތީގެ މީހުންގެ އަތުގެ ހުނަރުވެރިކަން ހާމަވެއެވެ. އަޅުގަނޑުމެންގެ ދިރާސީ މަސައްކަތުގައި އެންމެ ހައިރާންކުރުވި އެއް ކަމަކީ، އޭރު ގެންގުޅުނު ގަތާފަޔާއި ހަކުރު މިނަން ގެންގުޅުނު ނާޅި ފަދަ ހިފާގެންގުޅޭ ސާމާނު މިއަދާ ހަމައަށް ވެސް ބައެއްމީހުންގެ އަތުގައި ރައްކާކޮށްފައި ހުރިކަމެވެ.

ދޮންކަނބުލޮ: މާފާ! ވަރަށް ގިނަ ސާމާނުދޯ... ވަރަށް ގިނަ ލާރި ހިފައިގެން ގޮސްތަ ތިޔަ ހުރިހާ ސާމާނެއް ގަންނަނީ. ޑޮލަރު ހުރޭތަ އޭރުވެސް.

މާފަ: (ހީނލާފައި) ނޫނޭ ނޫނޭ! އަދި އެ ވާހަކައެއް ނުކިޔައިދެވޭ ދޯ؟ މުޅިން ވެސް މި ކިޔައިދެވުނީ ގެންނަ މުދަލުގެ (އިންޕޯޓުކުރާ ސާމާނުގެ) ވާހަކަދޯ؟ މުދާ ގަންނަން ގެންދަނީ ލާރިއެއް ނޫން. އޭރު އެހާ ވަރަކަށް ލާރިއެއް ނުގެންގުޅޭ.

ދޮންކަނބުލޮ: (ހައިރާންވެ އަނގަ ހުޅުވިފައި) ހަމަ ރަނގަޅަށްތަ މާފާ. ދެން ކިހިނެއް މުދާ ގަންނަނީ...

މާފަ: އާނ...! އާންމުން ވިޔަފާރިކުރަން ބޭނުންކުރަނީ ބާޓާ ސިސްޓަމް (ތަކެއްޗަށް ތަކެތި ބަދަލުކުރުން). މަހާއި ކާށްޓާއި ރޯނާއި ކުނާ ފަދަ ތަކެތި ހިފައިގެން ވިޔަފާރިވެރިންގެ ގޭގެއަށް ގޮސް ކިރުވާފައި އެ ތަކެތި އަގުކޮށް އެއަށް ވާވަރަށް އެމީހަކު ބޭނުންވާ މުދަލެއް ނަގަނީ.

ދޮންކަނބުލޮ: ބާޓާ ސިސްޓަމަކީ ވަރަށް މަޖާ ގޮތެއްނުން މާފާ..

މާފަ: އާނ! ކަނބުލޯ. އެއީ އޭރުގެ ވިޔަފާރި. އޭރު، މި ރަށުގެ މުއްސަނދިން މާ ބޮޑަށް ވެސް މުއްސަނދީ. ދިވެހި ސަރުކާރަށް ވުރެ ވެސް މުއްސަނދިކަމަށް ބުނޭ. މި މުއްސަނދިކަން ލިބުނީ ބުރަކޮށް މަސައްކަތްކޮށްގެން.. އަދި އެއްވެސް މަޢުމޫލެއް (ޓެކުހެއް) ނެތި މިނިވަންކަމާ އެކު ބޭނުން އެއްޗެއް ގެނެސް ވިއްކައި ވިޔަފާރިކުރެވޭތީ. އޭރު ވިޔަފާރިއަށް ބޭރަށް ގެންދާ މައިގަނޑު މުދަލަކީ، ހިކި ކަނޑުމަހާއި ކުފުރާ.

ދޮންކަނބުލޮ: ކުފުރާ އެއީ ކޮންއެއްޗެއް؟

މާފަ: ކަނބުލޯ އެއީ ކާށި. ހިނގާ ވާހަކަ ކިޔަމާދޯ.

ހަވަރުތިނަދޫ މީހުން މައިގަނޑު ގޮތެއްގައި ރާއްޖެއިން ބޭރަށް ގެންދިޔައީ (އެކްސްޕޯޓްކުރީ) ހިކިކަނޑުމަހާއި ކުފުރާއެވެ. ހިކިކަނޑުމަސް ހަލާކުނުވާ ގޮތަށް ބެހެއްޓުމަށް ޓަކައި މަސް ކައްކައި ދުމަށީގައި ބަހައްޓައިގެން ދިލަޖައްސައެވެ. އެއަށްފަހު އަވީލައިގެން ރަނގަޅަށް ހިއްކައެވެ. އެ ރަށު ބަހުން ކިޔާ ގޮތުން ނަމަ ދެން "ފައްލަވަ" ކުރަނީއެވެ. ފައްލަވަކުރުމަކީ ގުދަނުގެ ތެރޭގައި ވަށައިގެން ފަންޖަހައި ބިންމަތީގައި ވެސް ފަން އަޅައި ރީއްޗަށް މަސްތައް ބެހެއްޓޭނެ ގޮތް ހަދައި އެތަނުގައި މަސްތައް ރައްކާކުރުމެވެ. އަހަރުން އަހަރަށް އޮޑި ފުރަން ވަންދެން މަސްތައް ރައްކާކޮށްފައި ބަހައްޓަނީ ގުދަންގުދަނުގައި ފައްލަވަކޮށްފައެވެ. ދަތުރު ބޯމަތިވެ އޮޑިއަށް ތަކެތި ބަރާކުރަން ވުމުން، ފައްލަވަކުރި މަސްތައް ނަގައި މޫދު ލޮނަށް ލާފައި ބަހައްޓައެވެ. ދެން ލޮނުންނަގައި ގޯނިގޯންޏަށް އަޅަމުން ދާއިރު އޭގެ ތެރެއަށް ފުރެއްދެލޮނު (ފުއްލޮނު) އަޅައެވެ.

ކުފުރާ ހަދާ ގޮތަކީ ކާށްޓާއި ކުރޮޅި ބިނދެފައި އަވީލައިގެން ހިއްކަނީއެވެ. ދެން ރީއްޗަށް ހިކުނީމާ، ނާށިން ކާށި ވަކިކުރެއެވެ. މިގޮތަށް ނާށިން ކާށި ވަކިކުރުމަކީ ކުފުރާތެޅުމެވެ. ރަނގަޅަށް ހިކި ނާށި ވަކިކުރެވިފައި ހުންނަ ކާށި ނުވަތަ ކުފުރާ ވެސް ގޯނިގޯންޏަށް އަޅައި ގުދަންތަކުގައި ރައްކާކުރެއެވެ.

ހިކިކަނޑުމަހާއި ކުފުރާގެ އިތުރުން ރިހާކުރާއި މިޔަރުއުރަހަ ވެސް ކޮންމެވެސް ވަރަކަށް ގެންދެއެވެ. ސުވަދުންމަތީގެ ބައެއް ރަށްރަށުން ބޮނޑިއާއި އައުރުސް ފަދަ ތަކެތި ވެސް ގެންދެއެވެ.

ދޮންކަނބުލޮ: މާފާ! ދިޔާހަކުރާއި ކުނަލާއި ބޮލި ފަދަ ތަކެތި ނުގެންދޭތަ؟ ފައިސާގެ ގޮތުގައި ވެސް ބޮލި ބޭނުންކުރި ދޯ މާފާ.

މާފަ: އޭރު ހަވަރުތިނަދޫގައި ރުއްއަރައި، ކުނާވިޔެ، ބޮލިހިލައި ވެސް އުޅުނު. ނަމަވެސް އެ ތަކެތި ބޭނުންކުރީ ރަށުގެ މީހުންގެ ބޭނުންތަކަށް. އެކްސްޕޯޓް މުދަލުގެ ގޮތުގައެއް ނޫން. ފައިސާގެ ގޮތުގައި ބޮލި ބޭނުންކުރީ މާކުރީ ޒަމާނެއްގައި. މި ކިޔައިދެނީ 1950ގެ އަހަރުތަކުގެ ވާހަކަ. އޭރު އަވަށްޓެރި ގައުމުތަކުގައި ވެސް ބޭނުންކުރީ އެ ގައުމެއްގެ ލާރި. ރާއްޖެއިން ބޭރަށް ގެންދާ ތަކެތި ކިރުވާފައި އެއަށް ވާ ފައިސާ (އެތަނެއްގެ ފައިސާ) ވިޔަފާރިވެރިންނަށް ލިބޭނެ. ދެން އެ ފައިސާއަށް ތަކެތި ގަންނަނީ. ބާކީވާ ފައިސާ ރަށަށް ވެސް ގެނޭ. އޭރު ކޮޅުނބުގައި ގެންގުޅެނީ ރިހި ރުފިޔާ.

ދޮންކަނބުލޮ: މާފާ! މި ރަށުގައި ކިތައް އޮޑި ދުއްވިތަ؟ އޮޑިވެރިން އެކަނިތަ މުދާ ގެންނަނީ؟

މާފަ: ދޮންކަނބުލޮ ހާދަ ވަރަކަށް ތިޔަ ވިސްނަނީ. ވަރަށް ރަނގަޅު ސުވާލެއް ތީ.

ދޮންކަނބުލޮ: މާފާ... އަހަރެން ބޭނުންވަނީ ހަވަރުތިނަދގެ ތާރީޚު ދަސްކުރަން. އެއީ އަހަރެމެންގެ ކާބަފައިން. އެބައިމީހުންގެ ދިރިއުޅުނު ގޮތް ދަސްކޮށް.. ތާރީޚުން ޢިބުރަތް ހާސިލުކުރުމުން އަހަރެމެންގެ ކުރިމަގު ބައްޓަންކުރަންވީ ގޮތް ވެސް އެނގޭނެ.

މާފަ: އާނ! ވަރަށް ރަނގަޅު. އޮޑިވެރިން އެކަންޏެއް ނޫނޭ މުދާ ގެންނަނީ... ކޮންމެ ވިޔަފާރިވެރިއަކަށް އޮޑިއެއް ނޯންނާނެނުން ދޯ.. އެހެންވީމާ، އެކި އޮޑިފަހަރުން ވިޔަފާރިވެރިން މުދާ ގަންނަން ދާނެ. އޮޑިވެރިޔާއަށް ނާލުގެ ގޮތުގައި 10/1 (ދިހަބައިކުޅަ އެއްބައި) ދޭނެ. އޮޑިން ދަތުރުކުރާ އިރު ވެސް ވިޔަފާރިވެރިން ހިމެނޭނީ ނެވި ބިސީގައި.

ދޮންކަނބުލޮ: ކީކޭ މާފާ ކޮން ބިސީއެކޭ؟

މާފަ: އޮޑިން ދަތުރުކުރާއިރު، އޮޑީގައި ތިބޭ އެންމެން ތިން ބިސީއަކަށް ބަހާނެ. އެންމެ މޮޅަށް ކެއުމާއި ކަންކަން ހުންނާނީ ނެވި ބިސީގައި، އެހެންވީމާ ވިޔަފާރިވެރިންނާއި އޮޑީގެ ދެ މާލިމީން ހިމެނޭނީ ނެވި ބިސީގައި، ދެން އޮންނާނީ ފަޅުވެރިންގެ ބިސީއަކާއި އާދައިގެ މީހުންގެ ބިސީއެއް. ނެވި ބިސީގެ މީހުން ކައި ނިމުމުން ނޫނީ އަނެއް ދެ ބިސީގެ މީހުންނެއް ނުކާނެ. ފަޅުވެރިންގެ ބިސީގައި ހިމެނޭނީ ކައްކާ މީހާއާއި ހައެއްކަ ފަޅުވެރިންނާއި ފަޅުވެރިންގެ ވެރިޔަކަށް ހުންނަ ދަންޑަހެލު، ދެން އޮޑިން ދަތުރުކުރާ އެންމެން ހިމެނޭނީ އާދައިގެ މީހުންގެ ބިސީގައި.

ދޮންކަނބުލޮ: އެހެންތަ މާފާ!

މާފަ: އާނ! ކަނބުލޮގެ ދަރިންނަށް ވެސް ކިޔައިދޭން އެނގޭ ވަރަށް ދަސްކުރާތި. ތާރީޚަކީ އަމާނާތެއް. މި އަމާނާތް ޖީލުން ޖީލަށް ފޯރުކޮށްދޭން ވެސް ޖެހޭނެ. އެހެންވީމާ ހަވަރުތިނަދޫގައި ދުއްވި އޮޑިފަހަރުގެ ވާހަކަ...

އޭރު ސުވަދުންމަތީގައި އެންމެ ގިނައިން އަރުމާދު އޮޑިފަހަރު ދުއްވީ ހަވަރުތިނަދޫގައި ކަމަށް ބުނެއެވެ. އެއީ އިސްމާޢީލް ހާޖީ ދުއްވި 2 އޮޑި، ހާޖީ މުޙައްމަދުކަލޭފާނު (ކަޅެބެއްޔާގެ ރެކިބެއްޔާ) ދުއްވި 2 އޮޑި، އާބަކުރުބެއްޔާ ދުއްވި 1 އޮޑި، ހުސިންބެއްޔާ ދުއްވި 1 އޮޑި، ހިރިހަމައިދިކަލޭފާނު ދުއްވި 2 އޮޑި (މީގެތެރެއިން އެއް އޮޑިއަކީ މާލޭ ކޮލިގޭގެ އޮޑިއެއް)، ކަމެންދައިތަ ދުއްވި 1 އޮޑިއާ އެކު ޖުމުލަ 9 އޮޑިއެވެ. ހުވަދުއަތޮޅުގެ އެހެން ރަށްރަށަށް ބަލާއިރު، ގައްދޫގެ 2 އޮޑި، ނިލަންދޫ 3 އޮޑި އަދި ދާންދޫ 2 އޮޑިއާ އެކު ހުވަދޫ އަތޮޅުގައި ޖުމުލަ 16 އޮޑި ދުއްވިކަމަށް ވެއެވެ. ވީމާ، އަހަރަކު އެއްފަހުރު ދަތުރުކުރި ކަމުގައި ވިޔަސް މުޅި އަތޮޅުގެ އެންމެނަށް ވާވަރަށް ބޭނުންވާ ހުރިހާ ސާމާނު ގެންނާކަށް ދައްޗެއް ނުވާނެކަމަށް ގަބޫލުކުރެވެއެވެ. ހަވަރުތިނަދޫ އޮޑިވެރިންގެ ތެރޭގައި އަންހެނަކު ހިމޭނޭކަމީ އޭރު މުއްސަނދި އަންހެނުން ވެސް އުޅުނުކަން ފާހަގަކުރެވޭ ކަމެކެވެ. މި އޮޑިފަހަރު ދަތުރު ނިންމާފައި އައުމުން އޮޑިއެހެލުމުގައި ވެސް އަންހެންވެރިން ބައިވެރިވެއެވެ.

ދޮންކަނބުލޮ: މާފާ! އޮޑި އެހެލަނީއޭ؟

މާފަ: އާނ! އޮޑިފަހަރު ދަތުރު ނިންމާފައި އައުމުން، ދެން އޮޑިތައް އެހެލާނެ. އޮޑި އެހެލަން ރައްޔިތުންނަށް ގޮވާނެ. މި ގޮވާއިރު "ވަލުހިފި ލާހި ދޭނެއޭ" މިހެން ވެސް ގޮވާނެ.

ދޮންކަނބުލޮ: މާފާ ކޮބައިތަ ވަލުހިފި ލާއްސަކީ؟

މާފަ: ވަލުހިފި ލާއްސޭ މި ކިޔަނީ، އޮޑިއެހެލާން އަންނަ ކޮންމެ މީހަކަށް އޮޑިވެރިގެއިން ދޭ ހަނޑޫ ލާއްސަށް. އޮޑި އެހެލާ ތަނަށް ހަނޑޫ ގެނެސް ތައްޔާރުކޮށްފައި އޮޑި އެހެލަން ރައްޔިތުންނަށް ގޮވާނީ ވެސް.  މި ހަނޑޫ ބަހާނީ އޮޑި އެހެލައި ނިމުނީމާ... ފިރިހެނުން މި ހަނޑޫ ގެންދާނީ އަންބޮނޑިއަށް އަޅައިގެން. އަންހެނުން ވެސް ހެދުމުގެ ފަސްބަޔަށް ނުވަތަ ގެއިން ގެންނަ އެއްޗަކަށް އަޅައިގެން ވެސް ގެންދޭ.

ދޮންކަނބުލޮ: ދަތުރު ނިމުނީމާ އޮޑި އެހެލަނީ ކީއްވެތަ މާފާ.

މާފަ: އޮޑި އެހެލާފައި ކޮންމެ އޮޑިއަކަށް ވެސް އޮޑިހަރުގެއެއް އަޅާނެ. އެއީ ވާރެއާއި އަވިން އޮޑި ސަލާމަތްކުރުމަށް، އޮޑި ފީވިޔަނުދީ ބޭއްވުމަށް ޓަކައި މުޅި އޮޑީގައި ތެޔޮ ހާކާނެ. ދޮންކަނބުލޮއަށް އެނގޭތަ އޮޑިތައް އެހެލާނީ ވެސް އަދި ބާލާނީ ވެސް ނަކަތްތެރިޔަކު ލައްވާ ނަކަތްރާހި ބަލައި، ހެޔޮ އިރުވަރެއްގައި. އޮޑި ފުރުން ފަދަ ކޮންމެ ކަމެއް ކުރުމަށް ވެސް...

ދޮންކަނބުލޮ: ނަކަތްރާއްސޭ...! އެއީ ކޮން އެއްޗެއް؟

މާފަ: ނަކަތްރާހި ބެލުމަކީ ނަކަތާއި ރާހިން ވީ ދުވަސް ބަލާން ޖަހާ ހިސާބު. މިކަމުގެ ޢިލްމުވެރިންނަކީ ނަކަތްތެރިން. ނަކަތްތެރިން ނަކަތްރާހި ބަލާފައި ބުނާނެ ކަންކަން ކުރަންވީ ރަނގަޅު އިރުވަރު. ދޮންކަނބުލޮ.. މިއީ އިހުގެ މީހުން ކުރިކަމަށް ވިޔަސް މިހާރުގެ ދީނީ ޢިލްމްވެރިންގެ ނަޒަރުގައި މިއީ ބިދުޢައެއް. އެހެންވީމާ ސަގާފަތުގައި ހުރި މިފަދަ ކަންކަން ކޮންމެހެން އަހަރެމެން މިހާރު އާކޮށްފައި ކުރަން ފަށާކަށް ނުޖެހޭނެ އިނގޭ.

ދޮންކަނބުލޮ: އާނ މާފާ! ތިޔަ ވާހަކަ އަބަދުވެސް ހަނދާން ބަހައްޓާނަން.

މާފަ: ދޮންކަނބުލޯ... މާފަމެން ހަނދާނުގައި ހިނގާފައިވާ ކަންކަން މިއީ.. އަރުމާދު އޮޑިއެއް އަންނަ ކޮންމެ ދުވަހަކީ ރަށަށް އަންނަ ޢީދެއް. އޭރު، މި ތިނަދޫގެ ތަނަވަސްކަމާއި ރަށުތެރޭގެ އުފާވެރިކަން ފެނިފައި ބޭރުން އަންނަ ކޮންމެ ބަޔަކު ވެސް ހަމަ ހައިރާންވޭ. އޭރު ސުވަދުންމަތީ މީހުން ބޭނުން އެއްޗެއް ހިފައިގެން އޮޅުދޫކަރަޔަށާއި އުތުރުކަރަ ފަދަ ކަރަކަރައަށް ގޮސް މިނިވަންކަމާއެކު ވިޔަފާރިކޮށް، ވަރަށް މުއްސަނދި ދިރިއުޅުމެއް އުޅެމުން ދިޔައީ. ދިވެހި ސަރުކާރުން ވެސް މިކަމަކާ ނުބެހޭ އަދި ސަރުކާރޭ ވެސް ސުވަދުންމަތީ މީހުން ވެސް ނުކިޔާނެ.

ދޮންކަނބުލޮ: ދެން ކީއްވެ ސުވާދީބު ސަރުކާރު އުފެއްދީ... މި ރަށު މީހުން ރަށުން ބޭލީ؟

މާފަ: ފަހުން މައްސަލަތައް ޖެހެން ދިމާވި ގޮތް.... މަޢުމޫލެއް ނެތި ކުރި މިނިވަން ވިޔަފާރިއަށް ވީ ގޮތް.. ދެން ދުވަހަކަށް ބާއްވަމާދޯ؟ މިއަދަށް ދެން ނިންމާލަމާ!

ދޮންކަނބުލޮ: ވަރަށް ބޮޑަށް ޝުކުރިއްޔާ މާފާ!

މިއަދުގެ ކޮލަމުގައި މި ގެނެސްދެވުނު މަޢުލޫމާތުކޮޅު ވެސް ތިޔަ ބޭފުޅުންނަށް ކަމުދިޔަ ކަމަށް ހީކުރަމެވެ. އަދި އަންނަ ހަފުތާގައި ވެސް މުހިންމު އާ މަޢުލޫމާތުކޮޅެއް ހުށަހެޅުމަށް މަސައްކަތްކުރާނަމެވެ. ޝައުޤުވެރިކަމާ އެކު އަންނަ ހަފުތާއަށް އިންތިޒާރުކުރައްވާނެ ކަމުގެ އުންމީދުގައި ވަކިވެލީއެވެ.

ޢަޒީޒާ ޢަފީފު (އައްޒަ)
އަލްފާޟިލާ ޢަޒީޒާ ޢަފީފު (އައްޒަ) ވަނީ، މާސްޓަރސް އިން ދިވެހި ލެންގުއޭޖް އެންޑް ކަލްޗަރ ފުރިހަމަކުރައްވާފައެވެ. މިހާރު އައްޒައަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބަހަވީ ޢިލްމާއި ދިވެހިބަހުގެ އަދަބިއްޔާތު ފަދަ ބަހާ ގުޅުން ހުރި ތަފާތު މާއްދާތައް ކިޔަވައިދެއްވާ ދާރިސެކެވެ. އޭނާގެ ދިރާސީ މަސައްކަތްތަކުގެ ތެރޭގައި ދިވެހި ބަހުގެ ޤަވާޢިދުގެ އިތުރުން، ދިވެހިރާއްޖޭގެ ތާރީޚު، މިންތީ ތަފާތު، ދިވެހިރާއްޖޭގެ ފޯކްލޯ އަދި އަދަބިއްޔާތު ފަދަ ދިވެހި ބަހާއި ތާރީޚާއި ސަޤާފަތާ ގުޅުން ހުރި ތަފާތު ދާއިރާތައް ފާހަގަކޮށްލެވެއެވެ.

7 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.