ސްޓްރޯކް ޖެހިގެން ފަރުވާ ހޯދާ މީހުންގެ 80 ވަރަކަށް އިންސައްތައަކީ ސިނގިރެޓް ބޯމީހުން: ޑރ. އަޙްމަދު ރަޝީދު

ރާއްޖޭގައި ސްޓްރޯކް ޖެހިގެން ފަރުވާ ހޯދާ މީހުންގެ 80 ވަރަކަށް އިންސައްތައަކީ ސިނގިރެޓް ބޯމީހުންކަމަށް އައިޖީއެމްއެޗްގެ  ނާރުގެ ޚާއްޞަ ޑޮކްޓަރ އަޙްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ގައި ވާހަކަ ދައްކަވަމުން ޑރ. އަޙްމަދު ރަޝީދު ވިދާޅުވީ ސިނގިރެޓް ބުއިން ހުއްޓާލުމަކީ ސްޓޯކް ރިސްކް  ނުވަތަ ނުރައްކާ ވަރަށް ބޮޑު ތަނުން ކުޑަވެގެންދާނެކަމެއް ކަމަށެވެ. ސިނގިރެޓް  ބޭނުން ކުރުމުން ކޮލޮސްޓްރޯލް ދަށްކުރާ ބޭސް ބޭނުން ކުރަންޖެހޭ މިންވަރިވެސް އިތުރުވާކަން ފާހަގަކުރެއްވިއެވެ. ކޮލޮސްޓްރޯލް މަތިވުމަކީވެސް ސްޓްރޯކް ޖެހުމަށް މަގުފަހިވާކަމެއްކަމަށް ފާހަގަ ކުރެއްވިއެވެ.

ހިތުގެ މައްސަލަތައް ހުރުމުންވެސް މޭޖަރ ސްޓްރޯކް ޖެހުމަށް މަގުފަހިވާކަން ޑރ އަޙުމަދު ރަޝީދު ފާހަގަކުރެއްވިއެވެ. ހިތުގެ ވިންދު އަވަސް ވެފައި ލަސްވުމުން ހިތުގައި ގަނޑު ލޭ އުފެދޭ ކަން ޑރ އަޙުމަދު ރަޝީދު ފާހަގަ ކުރެއްވިއެވެ. މިގޮތަށް އުފެދޭ ގަނޑު ލޭކޮޅު ނައްޓައިގެން ގޮސް ސިކުޑީގެ ބޮޑު ލޭހޮޅިއެއް  ބްލޮކްވެފައި ސްޓްރޯކް ޖެހޭ ކަން ފާހަގަ ކުރެއްވިއެވެ. ޅަޢުމުރުގައުވެސް މިފަދަ ސްޓްރޯކް ޖެހޭކަން ފާހަގަކުރެއްވިއެވެ.

ސްޓްރޯކެއް ޖެހުނުކަން ދެނެގަނެވެނެ ތިން ގޮތެއް ޑރ އަޙްމަދު ރަޝީދު ފާހަގަ ކުރއްވިއެވެ. އެއްގޮތަކީ މޫނުގެ އެއްފަރާތް އޮރިދަމައިގަނތުމެވެ. އަތާފައިގެ ވާގި ނުހުންނަ ގޮތް ވުމާއި ވާހަކަ ދައްކަން އުދަނގޫވުން ނުވަތަ ދައްކާ ވާހަކަ ދިމާ ނުވުން ނުވަ ދޭހަ ނުވުން ވެސް އެއީ ސްޓްރީކްގެ އަލާމާތްތައްކަން ފާހަގަކުރެއްވިއެވެ. މިތިންކަންތައް އެއްވެއްޖެނަމަ އެއީ ސްޓޯރެއްކަން ވަރަށް ބޮޑަށް ޔަޤީން ކުރެވޭނެކަމަށް ވިދާޅުވިއެވެ. ނަމަވެސް މިއިން އެއްކަމަކުންވެސް ސްޓްރޯކަކަށް ވެދާނެކަން ޑރ އަޙްމަދު ރަޝީދު ފާހަގަ ކުރެއްވިއެވެ. މިއިން ކަމެއް ފާހަގަ ކުރެއްވިއްޖެނަމަ ލަސްނުކޮށް ހޮސްޕިޓަލަކަށް ދިއުމަށް ޑޮކްޓަރ އިލްތިމާސް ކުރެއްވިއެވެ. ސްޓްރޯކެއްގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްވެގެން ހަތަރު ގަޑީއިރައި ބައިގެ ތެރޭގައި ޞިއްޙީ ފަރުވާ ދެވޭނެ ވަރަށް ހޮސްޕޮޓަލަކަށް ދިއުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަ ކުރެއްވިއެވެ.

"ރާއްޖެ މިއަދު" ގައި ވާހަކަ ދައްކަވަމުން ޑރ. އިޙްދުﷲ ސަޢީދު ވިދާޅުވީ ސްޓްރޯކްގެ ބޮޑު ކުޑަމިން ކަނޑައަޅަނީ ސިކުނޑިން ހަލާކުވާ މިންވަރަށް ކަމަށެވެ. ކުދިކުދި ލޭހޮޅިތައް ބެދިގެން އެތަންކޮޅު ހަލާކުވުމުން ޖެހޭ ސްރޯކަކީ ކުދި ސްޓްރޯކް ނުވަތަ މައިނަރ ސްޓްރޯކަން ފާހަގަ ކުރެއްވިއެވެ. މިފަދަ ސްޓްރޯކް ފެންނަ އަލާމާތްތައް ވެސް ކުދިވާނެކަން ފާހަގަކުރެއްވިއެވެ. ސިކުޑިން ހަލާކުވާ މިންވަރު ބޮޑުވުން އެއީ ބޮޑެތި ނުވަތަ މޭޖަރ ސްޓްރޯކްކަމަށް ފާހަގަ ކުރެއްވި އެވެ. އެފަދަ ސްޓްރޯކުން ފެންނަ އަލާމާތްތައްވެސް ބޮޑުވާނެކަން ފާހަގަ ކުރެއްވިއެވެ. މައިނަރ ސްޓޯރެއްކެއްނަމަ ނުކުޅެދުންތެރިކަމެއް ނުފެނިވެސް ހިނގައިދާނެކަމަށް ވިދާޅުވިއެވެ، ނަމަވެސް މޭޖަރ ސްޓްރޯކްގައި ކުރިމަތިލަންޖެހޭ ނުކުޅެދުންތެރިކަން ބޮޑުވާނެކަން ފާހަގަކުރެއްވިއެވެ.

ސިކުޑިއަކީ ހަށޑިގަނޑުގެ އެންމެ ގިނަ އޮކްސިޖަނާއި ލޭ ބޭނުންވާ ގުނަވަންކަން ޑރ އަޙުމަދު ރަޝީދު ފާހަގަ ކުރެއްވިއެވެ. ހިތުން ޕަންޕު ކުރާ ލޭގެ 20 އިންސައްތަ ދަނީ ސިކުޑިއަށްކަމަށް ފާހަގަ ކުރެއްވިއެވެ. ސިކުނޑިއަށް އެހާ ގިނަ އޮކްސިޖަނާއި ލޭ ބޭނުންވަނީ ކުރަންޖެހޭ ސިކުނޑިން ކުރަންޖެހޭ މަސައްކަތް ގިނަ ވުމުންކަން ފާހަގަކުރެއްވިއެވެ. ނާރެއް ބްލޮކްވެ ލޭހިނގުމަށް ހުރަސް އެޅިއްޖެ ކަމަށް ވާނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ސިކުނޑީގެ ސެލްތަކާއި ޑިޝޫތައް ހަލާކުވާނެކަން ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ހުރިހާނތަނެކޭ އެއްގޮތަށް ރާއްޖޭގައިގައިވެސް ބޮޑެތި ސްޓްރޯކަށްވުރެ ކުދި ސްޓޯކް ޖެހޭ މިންވަރު ގިނަ ކަން ޑރ އަޙްމަދު ރަޝީދު ފާހަގަ ކުރެއްވިއެވެ. ތަކުރާރުކޮށް ސްޓްރޯކް ޖެހިގެން އަންނަ މީހުންވެސް ރާއްޖޭގައި ގިނަކަން ފާހަގަ ކުރެއްވިއެވެ. އެގޮތަށް އެ ދިމާވަނީ އެމީހަކު ބޭސްކެއުމުގައި ކޮންމެވެސް ވަރެއްގެ ފަރުވާކުޑަވުމެއް އުޅުމުންކަމަށް ފާހަގަ ކުރެއްވިއެވެ. ތަކުރާރުކޮށް ސްޓްރޯކް ޖެހުމަކީ ވަރަށް ސަމާލުކަން ދީގެން ދަށްކުރަންޖެހޭކަމެއް ކަމަށް ވެސް ޑރ. އަޙުމަދު ރަޝީދު ފާހަގަ ކުރެއްވިއެވެ.

އާއްމު ގޮތެއްގައި ސްޓްރޯކް ޖެހޭ ޢުމުރަކީ 45 އަހަރާއި 60 އަހަރާ ދެމެދުކަން ޑރ. އަޙްމަދު ރަޝީދު ފާހަގަކުރެއްވިއެވެ. ނަމަވެސް ޒުވާނުންނަށްވެސް ސްޓްރޯކް ޖެހޭކަން ފާހަގަ ކުރެއްވިއެވެ.

ޢުމުރުން ދުވަސްވުމާއި އާއިލާގެ މީހަކަށް ސްޓްރޯކް ޖެހިފައި ހުރުމުންވެސް ސްޓްރޯކް ޖެހުމަށް މަގު ފަހިވާކަން ފާހަގަ ކުރެއްވިއެވެ. ބައެއް ކަހަލަ ޖެނެޓިކް ބަލިތަކުގެ ސަބަބުންވެސް ސްޓްރޯކް ޖެހުމަށްމަގުފަހިވާކަން ފާހަގަކުރެއްވިއެވެ. އެފަދަ ކަންކަމަކީ މާބޮޑު އަމިއްލަ ބާރެއް އެކަމުގައި ނެތްކަންކަން ފާހަގަ ކުރެއްވިއެވެ. ސްޓްރޯކަށް މަގުފަހިވާ، ނަމަވެސް އަމިއްލަ ކޮންޓްރޯލް އޮތް ކަމުގެ ތެރޭގައި ލޭމައްޗަށް ދިއުމާއި މާބޮޑަށް ފަލަވުމާއި ކޮލޮސްޓްރޯލާއި ހަކުރުމައްޗަށް ދިއުމާއި ހިތުގެ ބަލިތަކާއި ލޭހޮޅީގެ ބަލިތަކާއި ސިނގިރެޓް ބުއިންފަދަ ޢަމަލުތައް ފާހަގަ ކުރެއްވިއެވެ.

ސްޓްރޯކަކީ ސިކުޑީގެ ސެލްތަލަށް ނުވަތަ ޓިޝޫތަކަށް ބޭނުންވާ އޮކްސިޖަންނާއި ލޭ ނުލިބުމުން ސެލްތަކަށް ނުވަތަ ޓިޝޫއަށް އަނިޔާވެގެން އަންނަ ނުކުޅެދުންތެރިކަމަށް ކިޔާނަމެއްކަމަށް ކަމަށް ނާރުގެ ބަލިތަކާ ބެހޭ ޚާއްޞަ ޑޮކްޓަރ، ޑރ އަޙަމަދު ރަޝީދު ވިދާޅުވިއެވެ. ސްޓްރޯކް ޖެހެނީ  ހަމައެކަނު ސިކުޑީއަކަށް ނޫންކަމަށާއި މައިބަދައަށާއި ލޮލުގެ ރެޓިނާ އަށް ވެސް ސްޓްރޯކް ޖެހޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.  

ސިނކުޑިއަށް ޖެހެނީ ދެވައްތަރެއްގެ ސްޓްރޯކްކަމަށް ވިދާޅުވިއެވެ. އެއީ ސިކުނޑީގެ ލޭހޮޅިއެއް ފަޅައިގެން ގޮސް ސިކުޑިއަށް ލޭ އެޅިގެން ސިކުޑީގެ ސެލްތައް ހަލާކުވެގެން އަންނަ ނުކުޅެދުންތެރިކަން (ހެމޮރެޖިކް ސްޓްރޯކް) އާއި ލޭހޮޅި ބެދިގެން ސިކުނޑީގެ އެލޭހޮޅިން ލެޔާއި އޮކްސިޖަން ސަޕްލައި ކުރާ ހިސާބުގައި ހުންނަ ސެލްތަކާއި ޓިޝޫތައް ހަލާކުވެގެން އަންނަ ނުކުޅެދުން ތެރިކަން (އިސްކެމިކް ސްޓްރޯކް) ކަމަށް ވިދާޅުވިއެވެ.

ސްޓްރޯކްޖެހިގެން ފަރުވާ ހޯދާ މީހުންގެ ތެރޭގައި ގިނައީ ލޭ ހޮޅިތައް ބެދިގެން ޖެހޭ ސްޓްރޯކްކަން ޑރ. އަޙްމަދު ރަޝީދު ފާހަގަ ކުރެއްވިއެވެ. އެއީ  ސްޓްރޯކް ޖެހިގެން ފަރުވާ ހޯދާ މީހުންގެ 85 އިންސައްތަވަރުކަން ފާހަގަ ކުރެއްވިއެވެ. ލޭހޮޅިއެއް ފަޅައިގެން ގޮސްގެން ނުވަތަ އެހެން ގޮތަކުން ވިއަސް ސިކުޑި ތެރެއަށް ލޭ އެޅިގެން ޖެހޭ ވައްތަރުގެ ސްޓްރޯކް މަދުކަން ފާހަގަ ކުރެއްވިއެވެ.

ސްޓްރޯކަށް ދެވޭ އެންމެ ފަހުގެ ފަރުވާ ރާއްޖޭގައި ލިބެން ހުރިކަން ޑރ. އަޙުމަދު ރަޝީދާއި ޑރ. އިހްދުﷲ ސައީދުވެސް ފާހަގަ ކުރެއްވިއެވެ. ހަމައެކަނި މަދުވާ ޚިދުމަތް ތަކުގެ ތެރޭގައި ސްޓްރޯކަށްފަހު ދޭންޖެހޭ ރެހެބިލިޓޭޝަންގެ ޚިދުތް ފާގަހަ ކުރެއްވިއެވެ. އެހެން ކަމުން ބައްޔާމެދުމީހުންގެ މެދުގައި ހޭލުންތެރިވެ ފަރވާދެވޭނެ ވަގުތުތެރޭގައި ފަރުވާ ދެވޭނެ ހޮސްޕިޓަލަކަށް ދިއުމަކީ ސްޓްރޯކް ލިބޭގެއްލުން ކުޑަކުރުމަށް އެންމެ މުހިންމު ކަންތައްކަމަށް ދެ ޑޮކްޓަރުންވެސް ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.