ރާއްޖޭގެ އެންމެ މަތީ ކޯޓް ސުޕްރީމް ކޯޓަށް 12 އަހަރު ފުރުނުއިރު އީޖާދީ އަދި ހާމަކަން ބޮޑު ގޮތެއްގައި ޝަރީޢަތްކުރުމުގެ އައު ގޮތްތަކެއް ތަޢާރަފުކޮށް އެކަންކަން ތަޖުރިބާކުރަމުންދާ ކަމަށް އުއްތަމަފަނޑިޔާރު މުޢުތަޞިމް ޢަދުނާން ވިދާޅުވެއްޖެއެވެ.
ސުޕްރީމްކޯޓަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި އުއްތަމަ ފަނޑިޔާރު ދެއްވި ޚާއްޞަ ޚިޠާބުގައި ވިދާޅުވީ މިއަހަރުގެ ފެބުރުއަރީމަހުގެ 16 ވަނަ ދުވަހުން ފެށިގެން، ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް އާއްމުކޮށް އަޑުއެހޭނެހެން، ރެކޯޑުކުރެވި ވެބްސައިޓުގައި ޝާއިޢުކުރައްވަމުން ގެންދަވާކަމަށެވެ. ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ޒަމާނީ ވަޞީލަތްތަކުގެ ޒަރިއާއިން ކުރިއަށްގެންދިއުމުގެ ޤަވާޢިދެއް އެކުލަވާލެވި މިއަހަރުގެ ޖޫންމަހުގެ ދެވަނަ ދުވަހު، ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓްގެ ޝަރީޢަތެއް ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވިކަން އުއްތަމަ ފަނޑިޔާރުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ. އޭގެ ފަހުން ސުޕްރީމް ކޯޓްގެ ޝަރީޢަތްތައް ލައިވްކޮށް ކުރިއަށް ގެންދަވާކަން ވެސް ފާހަގަ ކުރެއްވިއެވެ. ސުޕްރީމް ކޯޓުގެ މާލަމްތަކުގައި ކުރިއަށް ގެންދާ ޝަރީޢަތްތައްވެސް ލައިވްކުރެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު މުޢުތަސިމް ފާހަގަ ކުރެއްވީ ފާއިތުވި 12 އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރަކީ އެކޯޓުގެ ޙަޔާތުގައި އެންމެ ގިނަ މައްސަލަތައް ތާވާލް ކުރެވި އެންމެ ގިނަ އަޑު އެހުންތައް ބޭއްވުނު އަހަރުކަމަށެވެ. އަދި 12 އަހަރު ދުވުގެތެރޭގައި އެންމެ ގިނަ މައްސަލަތައް ނިންމާފައިވަނީ ވެސް މިއަހަރު ތެރޭގައި ކަން ފާހަގަ ކުރެއްވިއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރ 18 އިން މިއަހަރުގެ ސެޕްޓެމްބަރ 18 އަށް 251 އަޑުއެހުން ބޭއްވިކަން ފާހަގަ ކުރެއްވިއެވެ. ވޭތުވެ ދިޔަ 11 އަހަރުގެ ތަފާސް ހިސާބުތަކާ ޙަވާލާ ދެއްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަހަރަކު އެވްރެޖްކޮށް ބެލިފައިވަނީ 24 މައްސަލަ ކަމަށެވެ. ނަމަވެސް ނިމި ދިޔަ އަހަރުގެ ތެރޭގައި 49 މައްސަލައެއްގައި ހުކުމްކޮށްފައިވާ ކަމަށެވެ. އަދި ސްޕްރީމް ކޯޓަށް ބަލައިގަތުމުގައި 13 މައްސަލައެއްގައި ގޮތް ނިންމި ފަސް މައްސަލައެއްގައި އިޖްރާއީ ގޮތުން ގޮތް ނިންމިފަވާކަން ފާހަގަ ކުރެއްވިއެވެ. މިއީ ކުރީ އަހަރުތަކާ އަޅާބަލާއިރު 73.4 އިންސައްތައިގެ ކުރިއެރުމެއްކަމަށް ފާހަގަ ކުރެއްވިއެވެ.
ސުޕްރީމް ކޯޓަށް މައްސަލަތައް ހުށަހެޅުމުގެ އިޖްރާތުތައް ފަސޭހަކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އިންފޮމޭޝަން ޓެކްނޮލޮޖީގެ އާ ތަޞައްވަރާއެކު މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ ޝަރީޢަތްތައް ހިންގުން ޕޭޕާލެސްކުރުމަށް ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. މިހާރުގެ އަމާޒަކީ ޢަދުލު އިންސާފު ޤާއިމުކުރުމުގައި ނަތީޖާ ނެރެދޭ ޒިންމާދާރު މުއައްސަސާއަކަށް ސްޕްރީމް ކޯޓް ހެއްދެވުން ކަމަށް އުއްތަމަފަނޑިޔާރު މުޢްތަސިމް ޢަދްނާން ވިދާޅުވިއެވެ.