ކޯވިޑް 19 އިން ރަނގަޅު ވި މީހުންގެ ޢަދަދު އަށް ހާހަށް

ރާއްޖޭގައި ކޯވިޑު 19 ޖެހި، އެބަލިން ރަނގަޅުވި މީހުންގެ ޢަދަދު އަށް ހާހަށް އަރައިފިއެވެ.

އެޗްޕިއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ބަލިން ރަނގަޅުވި މީހުންގެ ޖުމުލަޢަދަދަކީ 8033 އެވެ. ރާއްޖެއިން މިހާތަނަށް 9494 މީހުންނަށް ބަލި ޖެހިފައިވާއިރު މިހާރު ބަލި ތަޙައްމަލުކުރަމުންދަނީ 1422 މީހުންނެވެ.

މިއަދު ހައެއް ޖެހުމާ ހަމައަށް ވޭތުވެދިޔަ 24 ގަޑީއިރު އަލަށް ބަލި ޖެހިފައވަނީ 67 މީހުންނަށެވެ. އޭގެތެރެއިން ފަސް މީހުން ފިޔަވައި އެންމެނަކީ ވެސް މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. މިއަދު ޢަދަދުތަކަށް ބަލާއިރު އަލަށް ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި 23 ބިދޭސީންނެވެ.

އަތޮޅުތަކުގައި މިހާރު ބަލި ތަޙައްމަލު ކުރަމުންދަނީ 68 މީހުންނެވެ. އެއީ 55 ދިވެހިންނާއި 13 ބިދޭސީންނެވެ. މުޅި ރާއްޖޭގައި ބަލި ތަޙައްމަލު ކުރަމުންދާ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 104 މީހުންނަށެވެ. އައިސޮލޭޝަން ފެސިލީޓީތަކުގައި 684 މީހުން އެބަ ތިއްބެވެ. މިހާތަނަށް ކޯވިޑްގައި މަރުވެފައި ވަނީ 33 މީހުންނެވެ. ކޯވިޑަށް ޓެސްޓްކުރި ޢަދަދު މިހާރު ވަނީ 135958 އަށް އަރާފައެވެ.

މިހާރު 29 ރިސޯރޓެއްގައި 48 މުވައްޒަފުންނާއި 21 ފަތުރުވެރިއަކު ބަލި ތަޙައްމަލު ކުރަމުން އެބަދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.