ކޮވިޑަށް ފަރުވާ ދިނުމުގެ ތަމްރީން 78 މެޑިކަލް ދަރިވަރުންނަށް ދެނީ

ކޮވިޑަށް ފަރުވާ ދިނުމުގެ ތަމްރީން 78 މެޑިކަލް ދަރިވަރުންނަށް ދެމުންދާ ކަމަށް ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ހާމަކޮށްފިއެވެ.

އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް ޢަބަދުލް ޢަޒީޒު ވިދާޅުވީ ރާއްޖެއަށް ފުރަތަމަ ގެނެވުނު މެޑިކަލް ދަރިވަރުން އައިޖީއެމްއެޗާއި އެންއީއޯސީ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ކޮވިޑަށް ފަރުވާ ދިނުމުގެ ތަމްރީން އެކުދިން ދެމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ. އެ ދަރިވަރުން މަސައްކަތަށް ނުކުމެފައި ވަނި ކަރަންޓީން މުއްދަތު ހަމަކޮށް ހަދަންޖެހޭ ޓެސްޓްތަކަށްފަހުއެވެ.

މިހާރުވެސް 46 މެޑިކަލް ދަރިވަރުން ކަރަންޓީނުގައި އެބަތިއްބެވެ. އޭގެތެރޭގައި ހިމެނެނީ ބަނޤްލަދޭޝް އާއި ނޭޕާލުން ގެނައި ދަރިވަރުންނެވެ.

ކޮވިޑަށް ފަރުވާ ދިނުމަށް ރާއްޖޭގައި ތިބި ޑޮކްޓަރުންނާއި ނަރުހުންގެ 55 އިންސައްތަ ބޭނުން ކުރައްވާނެކަމަށް މަބްރޫކް ޢަބްދުލް ޢަޒީޒު ކުރިން ވަނީ ވިދާޅުވެފައެވެ. ބޭނުންވާ ޢަދަދަށް ޑޮކްޓަރުންނާއި ނަރުހުން ހަމަ ނުވާނަމަ އަތޮޅުތަކުންވެސް ޑޮކްޓަރުންނާ ނަރުހުން މާލެއަށް ގެންނާނެކަމަށް ވިދާޅުވިއެވެ. މިހާރު ރާއްޖޭގައި މަސައްކަތް ކުރަމުން ދަނީ 905 ޑޮކްޓަރުންނާއި 2970 ނަރުހުންނެވެ. މަބްރޫކް ވިދާޅުވީ އެހެން ބަލިބައްޔަށް ވެސް ފަރުވާ ދޭންޖެހޭއިރު ހުރިހާ ޑޮކްޓަރުންނާއި ނަރުހުން ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުން ނުކުރެވޭނެކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.