ހުވަފެން - 27

(31 އޯގަސްޓް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކޯޓުގެތެރެއަށް މީހުންގެ ވާހަކައިގެ އަޑު އަރައިގެން ދިޔައެވެ.

"ތިޔަ ވިދާޅުވަނީ މި ދެ ލިޔުންވެސް ލިޔުނީ އޭޝްލީ ޕެޓަރސަންއޭތޯ-؟"

"އާދެ-"

މިކީ ބްރެނަން ދެން ބަލައިލީ ޑޭވިޑާ ދިމާއަށެވެ. "އަޅުގަނޑުގެ އިތުރު ސުވާލެއް ނެތް-"

ޑޭވިޑް ހިސާބަކަށް ފަސްޖެހުނެވެ. އަދި އޭޝްލީއާ ދިމާއަށް ބަލައިލިއެވެ. އޭޝްލީ އިނީ އިސްޖަހައިލައިގެން، ބޯހޫރައިލަ ހޫރައިލައެވެ. "އަޅުގަނޑު ކުރާނޭ ސުވާލެއް ނެތް-"

ފަނޑިޔާރު ވިލިއަމްސް ޑޭވިޑާ ދިމާއަށް ބަލައިލިއެވެ. "ހަމަ އެއްވެސް ސުވާލެއް ނުކުރައްވާނަންތޯ-؟"

ޑޭވިޑް ތެދުވެއްޖެއެވެ. "އާދެ- މިއީ އެއްވެސް މާނައެއް ނެތް ވާހަކައެއް-" ޑޭވިޑް ދެން އެނބުރިލީ ޖޫރީއާ ދިމާއަށެވެ. "ދައުލަތުގެ ފަރާތުން ސާބިތުކުރަންޖެހޭ ކަމަކީ މަރުވީ ތިން މީހުން ކުރެ އެއްވެސް މީހަކު އޭޝްލީއަށް އެނގޭތޯ- ނޫނީ އެ ތިން މީހުން ކުރެ މީހަކު މަރައިލައިގެން އޭނާއަށް ކުރާނޭ ފައިދާއެއް އޮތްތޯ އެހެން..."

ފަނޑިޔާރު ވިލިއަމްސް ރުޅިއައިސްފައި ބުނެލިއެވެ. "އަޅުގަނޑު މީގެ ކުރިން އެތައް ފަހަރަކު ދަންނަވައިފިން- ޖޫރީއަށް ޤާނޫނު އޮޅުންފިލުއްވައިދެއްވަން މަސައްކަތް ނުކުރައްވާ- އަދި..."

"ކޮންމެވެސް އެކަކު އެކަން ކުރަން އެބަޖެހެއެއްނޫންތޯ-؟" ޑޭވިޑްގެ ރުޅިގަނޑު ހިފަހައްޓައެއް ނުލެވުނެވެ. "ފަނޑިޔާރު ތިޔަ ގެންދަވަނީ އޭނާ ބޭނުން ގޮތަކަށް..."

"ހުއްޓަވައިލައްވާ- މިސްޓަރ ސިންގަރ- މި ކޮޅަށް ވަޑައިގަންނަވާ-"

ޑޭވިޑް މަޑުމަޑުން ހިނގައިފައި ގޮސް ފަނޑިޔާރުގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ.

"މި ޝަރީޢަތް ނިމުނީމާ ކޯޓުގެ ޖަލަށް އެއް ދުވަހަށް ޑޭވިޑް ސިންގަރ ލާން އަޅުގަނޑު ޙުކުމްކުރަން- އެއީ ކޯޓުގެ ޙުރުމަތް ކަނޑުއްވައިލެއްވުމުގެ ކުށުގައި-"

"ތިޔަހެން ހެއްދެވޭކަށް ނޯން..."

"އަޅުގަނޑު މިހާރު އެއް ދުވަހަށް ޙުކުމްކޮށްފިން- އެ އެއް ދުވަސް ދެ ދުވަހަށް ބަދަލުކުރައްވަން ބޭނުންފުޅުތޯ-؟"

ޑޭވިޑް އަނގައިން ނުބުނެ އިރުކޮޅަކު ހުއްޓެވެ. ފަނޑިޔާރު ވިލިއަމްސްއާ ދިމާއަށް ރުޅިވެރިކަމާއެކު ބަލާށެވެ. އެހެން ހުރެފައި ބުނެލިއެވެ. "އަޅުގަނޑުގެ މުވައްކިލުގެ ހެވަކަށް ޓަކައި، އަޅުގަނޑުގެ އިހްސާސްތައް މި ވަގުތަށް އޮބަހައްޓާނަން-"

"ވަރަށް ރަނގަޅު-" ފަނޑިޔާރު ވިލިއަމްސް މަލާމާތުގެ ރާގަކަށް ބުނެލިއެވެ. "މި ހިސާބުން މިއަދުގެ ޝަރީޢަތް ކަނޑައެޅިފައި އޮތް ހިސާބަށް ނިމުނީ- ޝަރީޢަތް ނިމުމާއެކު މިސްޓަރ ސިންގަރ ހައްޔަރުކުރައްވަން ހަނދާންކުރައްވާތި-" އޭނާ ބަލައިލީ ކޯޓުގެ އަމީންޢާންމާ ދިމާއަށެވެ.

"އާދެ- ޢިއްޒަތްތެރި ފަނޑިޔާރު-" އަމީންޢާންމު ޖަވާބުގައި ދެންނެވިއެވެ.

އޭޝްލީ ސަންޑްރާއާ ދިމާއަށް ބަލައިލިއެވެ. "ޔާ ރައްބީ! މި ވަނީ ކިހިނެއް-؟"

ސަންޑްރާ އޭނާގެ އަތުގައި ހިފައިލިއެވެ. "ހާސްނުވޭ- ޑޭވިޑަށް އިތުބާރުކުރޭ-"

ސަންޑްރާ ފޯނުން ޖެސީ މިލަރއާ ގުޅައިލިއެވެ.

"އަހަރެން އަޑުއެހިން-" ޖެސީ ބުނެލިއެވެ. "ހުރިހާ ޚަބަރެއްގައި ވެސް އެންމެ މުހިންމު ސުރުޚީއަކަށް އޮތީ ތިޔަ ވާހަކަ- ޑޭވިޑް ރުޅިއަޔަތީ އަހަރެން އޭނާ ކުށްވެރިއެއް ނުކުރަން- ޝަރީޢަތް ފެށުނު ދުވަހުން ފަށައިގެން ފަނޑިޔާރު ވިލިއަމްސް ޑޭވިޑަށް ޖެއްސުން ކުރަނީ- އެއީ ޑޭވިޑް ކީއްކޮށްގެންތަ-؟"

"އަހަންނަކަށް ވެސް ތިޔައެއް ނޭނގޭ- ޖެސީ-" ސަންޑްރާ ބުނެލިއެވެ. "ޖޫރީ ވެސް އޮތީ ދިމާ އިދިކޮޅަށް- އެ މީހުން މިހާރުވެސް ތިބީ އޭޝްލީއަށް މަރުގެ ޙުކުމް އިއްވަން އެއްބަސްވާން ތައްޔާރަށް- ދެން އޮތީ ދިފާޢީ ވަކީލުގެ ބައި- ޑޭވިޑް ޖޫރީގެ ޚިޔާލު ބަދަލުކޮށްލުވާނެ-"

"ތިޔަހެން ވެއްޖެއްޔާ ކިތަންމެހައިވެސް ރަނގަޅު-"

* * *

"ސަންޑްރާ- ފަނޑިޔާރު ވިލިއަމްސް އަހަރެން ދެކެ ރުޅިއާދޭ- އޭގެ ސަބަބުން ގެއްލުންވަނީ އޭޝްލީއަށް- މި ކަމާ ބެހޭ ގޮތުން އަހަރެން ކޮންމެވެސް ފިޔަވަޅެއް ނާޅައިފިއްޔާ އޭޝްލީ މަރުވެދާނެ- އެ ކަން އެހެން ވިޔަދިނުމަކީ އަހަރެން ކޮށްގެންވާނޭ ކަމެއް ނޫން-"

"ޑޭވިޑަށް ކުރެވޭނޭ ކަމެއް އެބައޮތްތަ-؟" ސަންޑްރާ އަހައިލިއެވެ.

ޑޭވިޑް ފުންނޭވާއެއްލިއެވެ. "އޮތް ގޮތަކީ މި މައްސަލައިން އިސްތިޢުފާދިނުން- ދޫކޮށްލުން-"

އެހެން ހަދައިފިއްޔާ ވާނޭ ގޮތް އެ ދެ މީހުންނަށް ވެސް އެނގެއެވެ. ދުނިޔޭގެ ހުރިހާ ނޫހަކަށް ޑޭވިޑްގެ ނަން އަރާނެއެވެ. ހުރިހައި ޓީވީއަކުން އޭނާގެ ވާހަކަ ކިޔާނެއެވެ. އޭނާ ބަލިވެ، އިނދަޖެހުނު ވާހަކަ މުޅި ދުނިޔެއަށް ފެތުރޭނެއެވެ.

"މި މައްސަލައާ ހަވާލުވެވުނީ އަހަރެންގެ މޮޔަކަމުން-" ޑޭވިޑް ހިތާމަޔާއެކު ބުނެލިއެވެ. "ޑޮކްޓަރ ޕެޓަރސަން އަހަންނާ މި މައްސަލަ ހަވާލުކުރީ އޭނާގެ ދަރިފުޅުގެ ފުރާނަ އަހަންނަށް ސަލާމަތްކޮށް ދެވިދާނޭ ކަމުގެ ޔަގީންކަން އޮވެގެން- އޭގެ ބަދަލުގައި އަހަރެން..." އޭނާއަކަށް ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ.

ސަންޑްރާ އޭނާގެ ބުރަކަށީގައި ފިރުމައިލިއެވެ. "ފިކުރުބޮޑުނުކުރޭ- ހުރިހައި ކަމެއް ހަމައަކަށް އެޅިދާނެ-"

ޑޭވިޑްގެ ހިތަށްއެރިއެވެ. އަހަރެންގެ ފަރާތުން ހުރިހައި އެންމެންނަށް ވެސް މި ލިބެނީ ބޮނޑިއެވެ. އޭޝްލީއަށް ވެސް ބޮނޑިދެވުނީއެވެ. ސަންޑްރާއަށް ވެސް ބޮނޑިދެވުނީއެވެ. އަހަރެންގެ ވަޒީފާ ގެއްލޭނެކަން ޔަގީނެވެ. ސަންޑްރާ އުޅެނީ ވިހާށެވެ. ހުރިހައި ކަމެއް ހަމައަކަށް އެޅިދާނެއެވެ.

އެއީ ތެދެކެވެ.

އަނެއް ދުވަހު ހެނދުނު ފަނޑިޔާރު ވިލިއަމްސްއާ ބައްދަލުކުރަން ޑޭވިޑް ހިނގައްޖެއެވެ. އެ ތާނގައި އޭރު މިކީ ބްރެނަން ވެސް ހުއްޓެވެ.

ފަނޑިޔާރު ވިލިއަމްސް އަހައިލިއެވެ. "މިހާރު ކޮންކަމެއް ކުރިމަތިވީތޯ-؟"

"އަޅުގަނޑު ބޭނުންވަނީ މި މައްސަލައިން އިސްތިޢުފާދޭން-"

ފަނޑިޔާރު ވިލިއަމްސް އަހައިލިއެވެ. "އެއީ ކީއްވެގެންތޯ-؟"

ޑޭވިޑް ވާހަކަ ދެއްކީ ވަރަށް ފަރުވާތެރިކަމާ އެކީގައެވެ. "މި މައްސަލައާ ހަވާލުވާން އެންމެ ރަނގަޅު މީހަކީ އަޅުގަނޑު ކަމަކަށް އަޅުގަނޑަކަށް ނުފެނޭ- އަޅުގަނޑުގެ ސަބަބުން އޭޝްލީއަށް ވެސް ލިބެނީ ގެއްލުން- އެހެންވީމާ އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ ބަދަލުގައި އެހެން ވަކީލަކު ޢައްޔަންކުރަން-"

ފަނޑިޔާރު ވިލިއަމްސް ވާހަކަދެއްކީ ވަރަށް މަޑުމަޑުންނެވެ. "މިސްޓަރ ސިންގަރ- މި ތަނަށް ތިޔަ ވަޑައިގަތީ އަޅުގަނޑު އާދޭހޭ ދަންނަވާނެ ކަމަށް ހިއްތަވައިގެންތޯ-؟ އެހެން މީހަކާ ޙަވާލުކޮށްގެން އަލުން މި ޝަރީޢަތް ފަށައި، އެތައް ފައިސާއެއް އަނެއްކާ ޚަރަދުވާނޭ ގޮތް ހެއްދެވުމުގެ ހުއްދަ އަޅުގަނޑު އަރުވާނޭ ކަމަށް ހީފުޅުކުރެއްވީތޯ-؟ އަޅުގަނޑު ދަންނަވަން އޮތީ ނޫނެކޭ- ތިޔަ ކަމެއް ނުވާނެއޭ- އެނގިވަޑައިގެންފިތޯ-؟"

ޑޭވިޑް ލޯމަރައިލިއެވެ. އޭނާ މަސައްކަތްކުރަމުން ދަނީ ރުޅިގަނޑު ހިފެހެއްޓޭތޯއެވެ. "އާދެ- އެނގިއްޖެ-"

އޭނާ ބެދި ނިމުނީއެވެ.

އަށާރަވަނަ ބާބު

ޝަރީޢަތް ފެށުނު ފަހުން ތިން މަހަށް ވުރެ ގިނަ ދުވަސް ވެގެން ހިނގައްޖެއެވެ. އެ ދުވަސްތަކުގެ ތެރޭގައި ހަމަ ނިދި ލިބުނު ދުވަހެއް ޑޭވިޑްގެ ހަނދާނަކަށް ނާދެއެވެ.

އެއް ދުވަހު ހަވީރު ކޯޓު ނިންމައިފައި އައިސް ސަންޑްރާ ބުނެލިއެވެ. "ޑޭވިޑް- އަހަންނަށް ހީވަނީ އަހަރެމެން ސެން ފްރެންސިސްކޯއަށް ދާންޖެހިއްޖެހެން-"

ޑޭވިޑް ހައިރާންވެފައި ސަންޑްރާއާ ދިމާއަށް ބަލައިލިއެވެ. "ކީއްކުރަން-؟ އަހަރެން މި އުޅެނީ ބޮޑު... ޔާ ރައްބީ... ދުވަސް ފުރުނީތަ-؟"

ސަންޑްރާ ހިނިތުންވެލިއެވެ. "އާނ- ވަރަށް ކައިރިވެއްޖެ- އެތާނގައި ވިހެއުމަކީ ރައްކާތެރިކަމަކަށް ވާނެ- ޑޮކްޓަރ ބެއިލީ ވެސް ހުންނަނީ އެ ތާނގައެއްނުން-؟ އަހަރެންގެ ކައިރިއަށް އަންނާނަމޭ މަންމަ ވެސް އޮތީ ބުނެފައި-"

"އާނ- އާނ- އަވަހަށް ދާންވީ-" ޑޭވިޑް ބުނެލިއެވެ. "ދުވަސްތައް ފާއިތުވެގެން ދިޔަ ގޮތެއް އަހަންނަކަށް ނުވެސް އެނގުނު- އަދި ތިން ހަފްތާ އެބައޮތެއްނުން- ދޯ-؟"

"އާނ-"

އޭނާ ބޯހޫރައިލިއެވެ. "އަހަންނަކަށް ހުރެވޭނެ ހެންނެއް ހިއެއްނުވޭ-"

ސަންޑްރާ އޭނާގެ އަތުގައި ހިފައިލިއެވެ. "ދެރަނުވޭ- ޝަރީޢަތް ވަރަށް އަވަހަށް ނިމިދާނެ-"

"މި ޝަރީޢަތުގެ ސަބަބުން އަހަރެމެންގެ މުޅި ދިރިއުޅުން ހަލާކުވެގެން ދަނީ-"

"ޑޭވިޑް- އަބަދަކު މިހެންނެއް ނޯންނާނެ- ރަނގަޅުވާނެ- އަހަރެން ކުރިން އަދާކުރި ވަޒީފާ މިހާރުވެސް ލިބެން އެބަ އޮތް- ވިހައި ގަދަވީމާ އަހަންނަށް..."

ޑޭވިޑް ބުންޏެވެ. "ސަންޑްރާ އަހަންނަށް މަޢާފްކުރޭ- އަހަރެން..."

"ޑޭވިޑް- ފުރިހަމަ އީމާންކަމަކާއެކު ކުރާ ކަންތައްތަކުގައި މަޢާފަށް އެދޭކަށް ނުޖެހޭނެ-"

"އައި ލަވް ޔޫ-"

"އައި ލަވް ޔޫ-"

ޑޭވިޑް ސަންޑްރާގެ ބަނޑުގައި ފިރުމައިލިއެވެ. "މި ކުއްޖާފުޅު ދެކެ ވެސް އަހަރެން ވަރަށް ބޮޑަށް ލޯބިވޭ-" އޭނާ މާނޭވާއެއްލިއެވެ. "އެންމެ ރަނގަޅު- ފޮށިވަށި ތައްޔާރުކުރުމުގައި އަހަރެން އެހީވެދޭނަން- މިރޭ ސަންޑްރާ ސެން ފްރާންސިސްކޯއަށް ގެންގޮސްދޭނީ އަހަރެން-"

"ނޫނޭ-" ސަންޑްރާ ބުނެލިއެވެ. "އެއްގޮތަކަށް ވެސް އެހެން ހަދައިގެން ނުވާނެ- މިހާރު މި ތަން ދޫކޮށް ދިއުމަކީ ރަނގަޅު ކަމަކަށް ނުވާނެ- އަހަރެން އެމިލީއާ ގުޅައިލާނަން- އޭނާ އަހަރެން ގެންގޮސްދީފާނެ-"

"އެންމެ ރަނގަޅު- އެމިލީ ގާތު ބުނޭ މިރޭ ކާން އަންނާށޭ-"

"އެންމެ ރަނގަޅު-"

އެމިލީ އުފާވެރި ރާގަކަށް ބުނެލިއެވެ. "އަހަރެން އަންނާނަން-" އޭނާ ސެން ހޯޒޭއަށް އައީ އޭގެ ދެ ގަޑިއިރު ފަހުންނެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ތިން މީހުން ދިޔައީ ބޭރަށް ކާށެވެ.

"ވަރަށް ދެރަކަމެއް-" އެމިލީ ބުންޏެވެ. "މި ކަހަލަ ދަނޑިވަޅެއްގައި ދެމަފިރިން ވަކިން އެހައި ދުރުގައި އުޅެން ޖެހޭކަމީ ދެރަކަމެއް-"

"ޝަރީޢަތް މިހާރު ނިމެނީ-" ޑޭވިޑް އުންމީދުން ފުރިފައިވާ ރާގެއްގައި ބުނެލިއެވެ. "ފަހަރެއްގައި ސަންޑްރާ ވިހެއުމުގެ ކުރިން ނިމުމަކީ ވެސް އެކަށީގެންވާ ކަމެއް-"

އެމިލީ ހިނިތުންވެލިއެވެ. "އެހެން ވެއްޖެއްޔާ މި ފަހަރު އަންނާނީ ދެ ޢީދު އެކީގައިތާ-"

ދާން ނުކުންނަ ގަޑި ޖެހިއްޖެއެވެ. ޑޭވިޑް ސަންޑްރާ ގަޔާ ކައިރިކޮށްލިއެވެ. "އަހަރެން ކޮންމެ ރެއަކު އެއް ފަހަރު ގުޅާނަން-"

"އަހަރެންގެ ފިކުރު މާ ބޮޑަށް ނުކުރާތި- އަހަންނަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެ-" ސަންޑްރާ ޑޭވިޑްގެ މުނަށް ބަލައިލިއެވެ. "އަމިއްލަ ޙާލު ދަނެގެން ފަރުވާ ބަހައްޓައިގެން އުޅޭތި- މިހާރުވެސް ހީވަނީ ވަރަށް ބޮޑަށް ވަރުބަލިވެފައި ހުރިހެން-"

ތިމާގެ އެކަނިވެރިކަން ޑޭވިޑަށް އިހްސާސްކުރެވުނީ ސަންޑްރާ ދިޔައީމައެވެ.

ޝަރީޢަތުގެ މަޖްލިސް ފެށިއްޖެއެވެ.

މިކީ ބްރެނަން ތެދުވެ ކޯޓާ މުޚާޠަބްކޮށް ވާހަކަދެއްކިއެވެ. "ހެއްކެއްގެ ގޮތުގައި ދެން އަޅުގަނޑު ގެންނަން ބޭނުންވަނީ ޑޮކްޓަރ ލޯރެންސް ލާރކިން-"

ބޮލުގެ ހުރިހައި އިސްތަށްޓެއް މުޅިން ހުދުވެފައި ހުރި ގަދަރުވެރި ފާޑު ޖަހާ މީހަކު އައިސް ހެކިންގެ ކޮށިގަނޑަށް ވަދެއްޖެއެވެ.

"ޑޮކްޓަރ ލާރކިން- މި ތަނަށް ވަޑައިގެންނެވީތީ ޝުކުރު ދަންނަވަން- މަނިކުފާނުގެ ވަގުތަކީ ވަރަށް އަގުބޮޑު އެއްޗެއްކަން އަޅުގަނޑަށް އެނގޭ- މިހައިތަނަށް މަސައްކަތްކުރެއްވި ގޮތާ ބެހޭ ކުރު ތަޢާރަފެއް ދެއްވަފާނަންތޯ-؟"

"އަޅުގަނޑު މަސައްކަތްކުރަނީ ޗިކާގޯގައި- މަސައްކަތް ވަރަށް ރަނގަޅު- އަޅުގަނޑަކީ ޗިކާގޯ ސައިކިއޭޓްރިކް އެސޯސިއޭޝަންގެ ރައީސް-"

"ތިޔަ މަސައްކަތުގައި އުޅުއްވާތާ ކިހައި ދުވަހެއް ވެދާނެތޯ-؟"

"ގާތްގަނޑަކަށް ތިރީހަކަށް އަހަރު ވެދާނެ-"

"ސައިކިއޭޓްރިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާތާ ތިޔަހައި ގިނަދުވަސް ވާއިރު މަލްޓިޕްލް ޕަރސަނަލިޓީ ޑިސްއޯޑަރއޭ މި ކިޔާ ބަލިޖެހިފައި ތިބި ވަރަށް ގިނަ މީހުން ދެކެވަޑައިގެންފައިވާނެ- އެހެންނޫންތޯ-؟"

"ނޫން-"

ބްރެނަން ބުމަ ހިއްލައިލިއެވެ. "ނޫނެކޭ ތިޔަ ވިދާޅުވަނީ އެކަހަލަ މާ ގިނަ ބަޔަކު ފެނިވަޑައިގެންފައެއް ނެތޭ ވިދާޅުވާން ވެގެންތޯ-؟ ގާތްގަނޑަކަށް ބާރަ ވަރަކަށް މީހުން ފެނިވަޑައިގެންފައިވާނެތޯ-؟"

"ތިޔަ ވިދާޅުވާ ބަލިޖެހިފައިވާ އެއްވެސް މީހަކު އަޅުގަނޑެއް ނުދެކެން-"

ބްރެނަން ޖޫރީންނާ ދިމާއަށް ބަލައިލިއެވެ. އޭގެ ފަހުން އަނެއްކާވެސް ބަލައިލީ ޑަކްޓަރާ ދިމާއަށެވެ. "ސިކުނޑީގެ ބަލި މީހުންނަށް ފަރުވާ ދެއްވުމުގައި ތިރީސް އަހަރު ހޭދަކުރެއްވި އިރު މަލްޓިޕްލް ޕަރސަނަލިޓީ ޑިސްއޯޑަރގެ އެންމެ މީހަކުވެސް ހަމަ ފެނިވަޑައެއްނުގަނޭތޯ-؟"

"އާދެ- ނުދެކެން-"

"އަޅުގަނޑު ހަމަ ހައިރާންވެއްޖައިން- އެއީ ކީއްވެގެންތޯ-؟"

"ތިޔަ ސުވާލުގެ ޖަވާބު ވަރަށް ފަސޭހަ- މަލްޓިޕްލް ޕަރސަނަލިޓީ ޑިސްއޯޑަރއަކީ ހައްދަވައިފައިވާ އެއްޗެއް ހެންނެއް އަޅުގަނޑަކަށް ހިއެއްނުވޭ-"

"އަޅުގަނޑަށް އޮޅިއްޖެ- މަލްޓިޕްލް ޕަރސަނަލިޓީ ޑިސްއޯޑަރގެ މައްސަލަތަކެއް މީގެ ކުރިން ރެކޯޑްކުރެވިފައެއް ނެތްތޯ-؟"

ޑޮކްޓަރ ލާރކިން ހީނލިއެވެ. "ރެކޯޑްކުރެވިފައި ހުރުމަކީ އެއީ ހަގީގަތެއް ކަމަށް ވުން ލާޒިމުކުރާ ކަމެއް ނޫން- ބައެއް ޑަކްޓަރުންނަށް އޮޅެނީ- ހާސްވުމާއި، ބުއްދި ގޯސްވުން ފަދަ ބައެއް ޙާލަތްތަކަކީ އެމްޕީޑީ ކަމަށް އެ މީހުންނަށް ހީކުރެވެނީ-"

"އެހެންތޯ-؟ ތިޔައީ ވަރަށް ޝައުގުވެރިވާ ޒާތުގެ ވާހަކައަކަށް ވެއްޖެ- ސައިކިއޭޓްރިސްޓެއްގެ ހައިސިއްޔަތުން ތިޔަ ވިދާޅުވަނީ އެމްޕީޑީއަކީ ފުލޯކެކޭ- ހައްދަވައިފައިވާ ބައްޔެއް ނޫނޭ- އެހެންނޫންތޯ-؟"

"އާދެ-"

"ޝުކުރިއްޔާ ޑޮކްޓަރ-" މިކީ ބްރެނަން ޑޭވިޑާ ދިމާއަށް ބަލައިލިއެވެ. "އަޅުގަނޑުގެ އިތުރު ސުވާލެއް ނެތް-"

ޑޭވިޑް ތެދުވެގެން ހެކިންގެ ކޮށިގަނޑުގެ ކައިރިއަށް ހިނގައްޖެއެވެ. "ޑޮކްޓަރ ލާރކިން- ޗިކާގޯ ސައިކިއޭޓްރިކް އެސޯސިއޭޝަނުގެ ރައީސްކަން ކުރައްވާ ވާހަކަ ދެންމެ ވިދާޅުވީމެއް ނޫންތޯ-؟"

"އާދެ-"

"އެހެން ކަމަށް ވަންޏާ ވަރަށް ގިނަ ޑަކްޓަރުން ފެނިވަޑައިގެންފައި ހުންނާނެއެއް ނޫންތޯ-؟"

"އާދެ- ވަރަށް ގިނަ މީހުންނާ ބައްދަލުވެފައި ހުރި ވާހަކަ އަޅުގަނޑު މި ދަންނަވަނީ ފަޚުރުވެރިކަމާ އެކީގައި-"

"ޑޮކްޓަރ ރޮއިސް ސަލެމް ދެނެވަޑައިގަންނަވަންތޯ-؟"

"އާދެ- އަޅުގަނޑު އޭނާ ވަރަށް ރަނގަޅަށް ދަންނަން-"

"އެއީ ރަނގަޅު ސައިކިއޭޓްރިސްޓެއްތޯ-؟"

"އާދެ- ވަރަށް ރަނގަޅު- އެންމެ ރަނގަޅު މީހުންގެ ތެރޭގައި ހިމެނޭ މީހެއް-"

"ޑޮކްޓަރ ކްލައިޑް ޑޮނޮވަން ދެނެވަޑައިގަންނަވަންތޯ-؟"

"އާދެ- އަޅުގަނޑާ އެތައް ފަހަރަކު ބައްދަލު ވެސް ވެފައި ހުންނާނެ-"

"އެއީ ރަނގަޅު ސައިކިއޭޓްރިސްޓެއްތޯ-؟"

"އޭނާގެ ބޭނުން ހިފާކަށް އަޅުގަނޑެއް ޖެހިލުމެއް ނުވާނަން-" އޭނާ ހީނލިއެވެ.

"ޑޮކްޓަރ އިންގްރާމްއަކީ ކޮންކަހަލަ މީހެއްތޯ-؟ އޭނާ ދެނެވަޑައިގަންނަވަންތޯ-؟"

"ރޭ އިންގްރާމްތޯ-؟ އާދެ- އަޅުގަނޑު އޭނާ ދަންނަން- އެއީ ވަރަށް ރަނގަޅު ޑަކްޓަރެއް-"

"ފެންވަރު ރަނގަޅު ސައިކިއޭޓްރިސްޓެއްތޯ-؟"

"އާދެ-"

"އެންމެ ރަނގަޅު- ނިކަން ވިދާޅުވެބައްލަވާ- ސިކުނޑީގެ ހުރިހައި ބައްޔަކާ ދުނިޔޭގެ ހުރިހައި ސައިކިއޭޓްރިސްޓުން އިންތިފާގުވޭތޯ-؟"

"ނޫން- ނުވޭ- އަޅުގަނޑުމެންގެ މެދުގައި ޚިޔާލު ތަފާތުވުން އޮވޭ- ސައިކިއޭޓްރީއަކީ ވަކި ތައްގަނޑަކަށް ފެތި ކަށަވަރުވެފައި އޮންނަ ޢިލްމެއް ނޫން-"

"ތިޔައީ ވަރަށް މަޖާ ވާހަކައެއް- ޑޮކްޓަރ ސަލެމްއާއި، ޑޮކްޓަރ ޑޮނޯވަންއާއި، ޑޮކްޓަރ އިންގްރާމް ވަރަށް އަވަހަށް މި ތަނަށް އައިސް މަލްޓިޕްލް ޕަރސަނަލިޓީ ޑިސްއޯޑަރގެ ބަލި މީހުންނަށް ފަރުވާދިން ވާހަކަ ބުނާނެ- އޭގެ ތެރެއިން އެކަކުވެސް މަނިކުފާނުހައި މޮޅުނުވުމަކީ އެކަށީގެންވާ ކަމެއް- އެންމެ ރަނގަޅު- އަޅުގަނޑުގެ އިތުރު ސުވާލެއް ނެތް-"

ފަނޑިޔާރު ވިލިއަމްސް ބްރެނަންއާ ދިމާއަށް ބަލައިލިއެވެ. "ދައުލަތުގެ ވަކީލުގެ އިތުރު ސުވާލެއް އެބައޮތްތޯ-؟"

ބްރެނަން ތެދުވެގެން ގޮސް ހެކިން ތިބޭ ކޮށިގަނޑުގެ ކައިރިއަށް ހުއްޓިއްޖެއެވެ. "ޑޮކްޓަރ ލާރކިން- ދިފާޢީ ވަކީލު އެ ވިދާޅުވާ ޑަކްޓަރުން މި ތަނަށް އައިސް މަލްޓިޕްލް ޕަރސަނަލިޓީ ޑިސްއޯޑަރއަށް ފަރުވާކުރި ވާހަކަ ބުނެފިއްޔާ މަނިކުފާނު ވިދާޅުވި ހުރިހައި ވާހަކައެއް ދޮގުވެ، އެ މީހުންގެ ވާހަކަ ތެދަކަށް ވެދާނެތޯ-؟"

"ނޫން- އެހެންނެއް ނުވާނެ- އެމްޕީޑީއަކީ އޮންނަ ބައްޔެއް ނޫންކަމަށް ގަބޫލުކުރާ އެތައް ޑަކްޓަރެއްނެއް އަޅުގަނޑު މި ތަނަށް ގެނެސްފާނަން-"

"ޝުކުރިއްޔާ ޑޮކްޓަރ- އަޅުގަނޑުގެ އިތުރު ސުވާލެއް ނެތް-"

މިކީ ބްރެނަން ބުންޏެވެ. "ޑޮކްޓަރ އަޕްޓޮން- މި ކޯޓުގައި މީގެ އިރުކޮޅެއް ކުރިން އަޅުގަނޑުމެންނަށް އިވިގެން ދިޔަ ވާހަކަތަކުން އެނގުނު ގޮތުގައި މަލްޓިޕްލް ޕަރސަނަލިޓީ ޑިސްއޯޑަރއަކީ ސިކުނޑީގެ އެހެން ބަލިތަކާ މަސްހުނިވެ، އޮޅުންބޮޅުންވެފައިވާ ބައްޔެއް- މި ދެންނެވުނު އެހެން ބަލިތަކާއި، އެމްޕީޑީއާ ވަކިކުރަން ހަދަންޖެހޭ ޓެސްޓަކީ ކޮބައިތޯ-؟"

"އެ ކަހަލަ އެއްވެސް ޓެސްޓެއް ނުހުރޭ-"

ބްރެނަން ޖޫރީންނަށް ދިމާއަށް ބަލައިލިއިރު ޙައިރާންވީ ވަރުން އޭނާގެ އަނގަ ހުރީ ހުޅުވިފައެވެ. "އެ ކަހަލަ ޓެސްޓެއް ނުހުރެއޭތޯ-؟ ތިޔަ ވިދާޅުވަނީ މަލްޓިޕްލް ޕަރސަނަލިޓީ ޑިސްއޯޑަރއޭ މި ކިޔާ ކަންތައް ޖެހިފައި ހުރި ކަމަށް ބުނާ މީހަކު އެ ހަދަނީ ދޮގެއް ނޫންކަން ސާބިތުކުރެވޭނޭ އެއްވެސް ގޮތެއް ނޯންނާނެއޭތޯ-؟"

"އާދެ- އެއްވެސް ގޮތެއް ނޯންނާނެ-"

"އެހެން ކަމަށް ވަންޏާ އެއީ ހަމައެކަނި ޚިޔާލުގެ ތަފާތެއް- އެހެންނޫންތޯ-؟ އެކި މީހުން އެކި ގޮތަށް ދެކޭ ކަމެއް- ބައެއް ސައިކިއޭޓްރިސްޓުން އެ ކަން ގަބޫލުކުރޭ- ބައެއް މީހުން ނުކުރޭ- އެހެންނޫންތޯ-؟"

"އާދެ-"

"ޑޮކްޓަރ- އަދި އެހެން ސުވާލެއް ދަންނަވައިލާނަން- އެމްޕީޑީ ޖެހިފައި ހުރި ކަމަށް ދަޢުވާކުރާ މީހަކު ހިޕްނޮޓައިޒްކޮށްގެން ސުވާލުކޮށްފިއްޔާ އެ މީހަކު އެ ހަދަނީ ދޮގުކަން އެނގޭނެތޯ-؟"

ޑޮކްޓަރ އަޕްޓޮން ބޯހަލުވައިލިއެވެ. "ނޫން- ނޭނގޭނެ- ހިޕްނޮޓައިޒް ކުރިޔަސް ނުވަތަ ސޯޑިއަމް އެމިޓަލް ފަދަ ބޭހެއް ދިނަސް އެ މީހަކު ހަދަނީ ދޮގެއް ކަމެއް ނޭނގޭނެ- މަކަރު ހަދާ މީހަކު ބޭޒާރެއް ނުކުރެވޭނެ-"

"ޝުކުރިއްޔާ ޑޮކްޓަރ- އިތުރު ސުވާލެއް ނެތް-" ބްރެނަން ޑޭވިޑާ ދިމާއަށް ބަލައިލިއެވެ.

ޑޭވިޑް ސުވާލުކުރަން ފެށިއެވެ. "ޑޮކްޓަރ އަޕްޓޮން- އެހެން ޑަކްޓަރުން އެމްޕީޑީ ކަމަށް ބުނެފައިވާ ބަލިމީހުންނާ ބައްދަލުވެވަޑައިގެންފައި ހުންނާނެތޯ-؟"

"އާދެ- ވަރަށް ގިނައިން ބައްދަލުވެފައި ހުންނާނެ-"

"އެ މީހުންނަށް ފަރުވާ ދެއްވަންތޯ-؟"

"ނޫން- ނުދެން-"

"އެއީ ކީއްވެގެންތޯ-؟"

"ނެތް ބައްޔަކަށް ބޭހެއް ނުކުރެވޭނެ- އަޅުގަނޑާ ބައްދަލުވި އެކަކީ މީހެއްގެ މުދަލަށް ޚިޔާނަތްތެރި ވީ މީހެއް- އޭނާ ބުނީ އެ ކަމެއް ކުރީ ތިމަންނާއެއް ނޫނޭ- ތިމަންގެ ހަށިގަނޑުގައި އުޅޭ އެހެން މީހެކޭ- ދެން ބައްދަލުވީ މީހަކީ އަންހެނެއް- އޭނާއަކީ އާދަކޮށް އޭނާގެ ދަރިންގެ ގައިގައި ތަޅާ މީހެއް- އޭނާ ބުނާ ގޮތުގައި އެ ކަމެއް ކުރަން އޭނާއަށް މަޖުބޫރުކުރަނީ އޭނާގެ ހަށިގަނޑުގައި ފޮރުވިގެން އުޅޭ އެހެން މީހެއް- މި ނޫނަސް މި ކަހަލަ އެތައް ބަހަނާއެއް ދައްކާ މީހުން އުޅޭ- އެ މީހުން މަސައްކަތްކުރަނީ ކަމެއް ފޮރުވަން- އެއީ ހުސް މަކަރުވެރިން-"

"ތިޔަ ވާހަކަފުޅުދައްކަވާ ގޮތުން މި ކަމާ ބެހޭ ގޮތުން ކަނޑައެޅިގެން ވަކިގޮތަކަށް ޔަގީންކުރައްވާހެން ވަރަށް ހީވޭ-"

"އާދެ- އަޅުގަނޑު މި ދައްކަނީ ރަނގަޅު ވާހަކަކަން އަޅުގަނޑަށް ކަށަވަރު-"

ޑޭވިޑް ބުންޏެވެ. "ހަމަ މުޅިން ކަށަވަރުތޯ-؟"

"އާދެ- މި ދެންނެވީ..."

"ތިޔަ ވިދާޅުވަނީ އެހެން އެންމެން ހަދަނީ ދޮގޭ- އެހެންނޫންތޯ-؟ އެމްޕީޑީ ގަބޫލުކުރާ ހުރިހައި ޑަކްޓަރުންނަކީ ދޮގުވެރިންނޭ- އެހެންނޫންތޯ-؟"

"ނޫން- އަޅުގަނޑު އެހެންނެއް ނުދަންނަވަ..."

"ތިޔަ ވިދާޅުވަނީ ތެދުބަހުން ވާހަކަދައްކަވަނީ ހަމައެކަނި މަނިކުފާނޭ- އެންމެ ރަނގަޅު- އަޅުގަނޑުގެ އެހެން ސުވާލެއް ނެތް-"

މިހާރު ކޮށިގަނޑުގައި އިނީ ޑޮކްޓަރ ސައިމަން ރެލީއެވެ. އޭނާއަކީ އިސްކޮޅުން ކުރު މީހެކެވެ. ބޮލުން އިސްތަށި ވެރި ހުސްވެފައިވާ މީހެކެވެ. ޢުމުރުން ވާނީ ފަސްދޮޅަހަކަށް އަހަރެވެ.

ބްރެނަން ބުންޏެވެ. "މި ތަނަށް ވަޑައިގެންނެވީތީ ޝުކުރުދަންނަވަން- މަނިކުފާނުގެ މަސައްކަތްޕުޅަކީ ސާބަސް ހައްގު މަސައްކަތްޕުޅެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން- އެހެން މީހުންވެސް ގަބޫލުކުރާނެ- މަނިކުފާނަކީ ޑަކްޓަރަކީމު- ޕްރޮފެސަރަކީމު- ކިޔަވައި ވިދާޅުވީ..."

ޑޭވިޑް ތެދުވެއްޖެއެވެ. "ދައުލަތުގެ ވަކީލު އެ މަސައްކަތްކުރައްވަނީ ހެކިބަސްދޭ މީހާގެ ޙަޔާތުގެ ދާސްތާން ވިދާޅުވެދެއްވަންތޯ-؟"

ބްރެނަން ހިނިތުންވެލިއެވެ. "ޑޮކްޓަރ ރެލީ- އަޔަޓްރޮޖެނިސިޓީގެ މާނައަކީ ކޮބައިތޯ-؟"

"އެއީ ބޭހެއްގެ ބޭނުން ކޮށްގެން ނުވަތަ ސައިކޯތެރަޕީގެ ބޭނުންކޮށްގެން މީހެއްގެ ގައިގައި ހުރި ބައްޔެއް އެ ހުރި ވަރަށް ވުރެ ނުބައިކުރުމަށް ކިޔާ ނަމެއް-"

"ތަންކޮޅެއް ތަފްސީލުކޮށް ވިދާޅުވެ ދެއްވަފާނަންތޯ-؟"

"ސައިކޯތެރަޕީގައި ބަލިމީހާގެ މައްޗަށް ތެރަޕިސްޓްގެ ނުފޫޒު ހިންގާތަން ވަރަށް ގިނައިން އާދޭ- އޭނާ އެ ނުފޫޒު ހިންގަނީ ބަލިމީހާއާ މެދު ކަންތައްތައް ބަހައްޓާ ގޮތަކުންނާއި، ކުރާ ސުވާލުތަކުން- މި ނުފޫޒުގެ ސަބަބުން ތެރަޕިސްޓް ބުނާ ފެންވަރަކަށް އެ ބުނާ ކަމެއް ކުރުމަކީ މަޖުބޫރުކަމެކޭ ބައެއް ފަހަރަށް ބަލިމީހާގެ ހިތަށް ވަންނަ ގޮތް ވޭ-"

"އެމްޕީޑީ ގައި ތިޔަ ވިދާޅުވާ ކަހަލަ ގޮތެއް މެދުވެރިވެދާނޭ ޙާލަތްތަކަކީ ކޮބައިތޯ-؟"

"ސައިކިއޭޓްރިސްޓަކު ތަފާތު ޝަޚްސިއްޔަތުތަކާ ބެހޭ ގޮތުން ސުވާލުކުރަން ފަށައިފިއްޔާ، ތެރަޕިސްޓް ރުއްސުމުގެ ގޮތުން އެއީ އުޅޭ ޝަޚްސިއްޔަތުތަކެއް ކަމަށް ދައްކަން ބަލިމީހާ މަސައްކަތްކޮށްފާނެ- ހިޕްނޮޓައިޒްކުރުމުގެ ސަބަބުން ނޫނީ އެމިޓަލްގެ ސަބަބުން އެއްވެސް ބައްޔެއް ނެތް އާދައިގެ މީހުން ވެސް ތިމަންމެނީ އެމްޕީޑީގެ ބައެއް ކަމަށް ދެކެން ފެށުމަކީ އެކަށީގެންވާ ކަމެއް-"

"ތިޔަ ވިދާޅުވަނީ ހިޕްނޮޓައިޒްކޮށްގެން ބަލިމީހާގެ ސިކުނޑިއަށް ވަކި ބާވަތެއްގެ ޚިޔާލުތަކެއް ވެއްދުމަކީ ކުރެވިދާނޭ ކަމެކޭ- އޭގެ ކުރިން ބަލިމީހާ އެކަން ގަބޫލު ނުކުރިޔަސް ތެރަޕިސްޓްގެ ވާހަކައިގެ ސަބަބުން ގަބޫލުކުރަން ފަށައިފާނެއޭ- އެހެންނޫންތޯ-؟"

"އާދެ- ތިޔަ ކަހަލަ ކަންތައްތައް ވެފައި އެބަހުރި-"

"ޝުކުރިއްޔާ ޑޮކްޓަރ- އަޅުގަނޑުގެ އިތުރު ސުވާލެއް ނެތް-"

ޑޭވިޑް ތެދުވެއްޖެއެވެ. "ޑޮކްޓަރ ރެލީ- މަނިކުފާނާ ބެހޭ ލިޔުންތައް އަޅުގަނޑު ބަލައިފިން- ވަރަށް ރަނގަޅު- މަނިކުފާނަކީ ހަމައެކަނި ޑަކްޓަރަކީއެއް ނޫން- ކިޔަވައިވެސް ދެއްވަމު- އެހެންނޫންތޯ-؟"

"އާދެ-"

"ކިޔަވައިދެއްވާތާ ކިތައް އަހަރު ވެދާނެތޯ-؟"

"ފަނަރަ އަހަރަށް ވުރެ ގިނަވެދާނެ-"

"ވަރަށް ރަނގަޅު- ވަގުތު ބައްސަވަނީ ކިހިނެއްތޯ-؟ މި ދެންނެވީ ކިޔަވައިދެއްވާށާއި، ޑަކްޓަރުކަން ކުރައްވަން ވަގުތު ހޭދަކުރައްވަނީ ކިހިނެއްތޯއޭ-؟"

"މިހާރު އަޅުގަނޑު ކުރާ ކަމަކީ ހަމައެކަނި ކިޔަވައިދިނުން-"

"އެހެންތޯ-؟ ޑަކްޓަރުކަން ނުކުރައްވާތާ މިހާރު ކިހައި ދުވަހެއް ވެދާނެތޯ-؟"

"މިހާރު އަށް އަހަރު ވެދާނެ- އެކަމަކު އަޅުގަނޑު މިހާރުވެސް ޞިއްޙީ މަޖައްލާތަކާއި، ފޮތްކިޔައި އުޅެން-"

"އެހެންތޯ-؟ ސާބަސް އިނގޭތޯ-؟ އޭގެ މާނައަކީ މިހާރުވެސް ތިޔަ ހުންނަވަނީ އެންމެ މިހާރުގެ ފެންވަރުގައޭ- އަޔަޓްރޯޖެނިސިޓީގެ ވާހަކަ އެނގިވަޑައިގަތީ އެހެން ވެގެންތޯ-؟"

"އާދެ-"

"ވޭތުވެ ގޮސްފައިވާ ދުވަސްތަކުގައި އެމްޕީޑީ ޖެހިގެންނޭ ކިޔައިފައި ވަރަށް ގިނަ މީހުން މަނިކުފާނުގެ އަރިހަށް އައިސްފައި ހުންނާނެ- އެހެންނޫންތޯ-؟"

"ނޫން- އަޅު..."

"މާ ގިނަ ބަޔަކު ނާދޭ- މަދުވެގެން ބާރަ ވަރަކަށް މީހުން..."

"ނޫން- އެ ވަރަކަށް ނާދޭ-"

"ހަ މީހުން-؟"

ޑޮކްޓަރ ރެލީ ބޯހޫރައިލިއެވެ.

"ހަތަރެއް-؟"

އެއްވެސް ޖަވާބެއް ނުލިބުނެވެ.

"ޑޮކްޓަރ- އެމްޕީޑީގެ ޝަކުވާއާއިގެން ދުވަހަކުވެސް އެއްވެސް މީހަކު މަނިކުފާނުގެ އަރިހަށް އައިތޯ-؟"

"އެއީ... ދަންނަވަން..."

"އާނއެކޭ ނުވަތަ ނޫނެކޭ ވިދާޅުވޭ-"

"ނޫން- ނާދޭ-"

"އެހެން ވެއްޖެއްޔާ އެމްޕީޑީއާ ބެހޭ ގޮތުން މަނިކުފާނަށް ލިބިވަޑައިގެންފައިވާ ހުރިހައި މަޢުލޫމާތަކީ ލިޔެކިޔުންތަކުން ލިބިވަޑައިގެންފައިވާ މަޢުލޫމާތު... އެހެންނޫންތޯ-؟ އަޅުގަނޑުގެ އިތުރު ސުވާލެއް ނެތް-"

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.