އޮކްޓޯބަރު ހާތާގައި އިޤްތިޞާދު ރަނގަޅުވާން ފަށާނެ: ޢާޠިފް ޝުކޫރު

ފޮޓޯ: އެމްބީއާރް

 އަންނަ އޮކްޓޯބަރު ހާތާގައި އިޤްތިޞާދީ ދަތިކަމަށް ލުއިކަމެއް ލިބި ރަނގަޅުވާން ފަށާނެކަމަށް ރާއްޖޭގެ އިޤްތިޞާދީ މާހިރެއްކަމުގައިވާ ޢާޠިފް ޝުކޫރު ވިދާޅުވިއެވެ.

"ކޯވިޑް ހުއްޓުވާނީ އަހަރެން." މީޑިއާ ކެމްޕޭންގެ ދަށުން ޕީއެސްއެމްއިން ކުރިއަށް ގެންދެވި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޢާޠިފް ޝުކޫރު ވިދާޅުވި ކޯވިޑާ ގުޅިގެން އިޤްތިޞާދަށް އެންމެ ބޮޑު ހީނަރުކަމެއް ލިބިގެން ދިޔައީ މާޗް ހިސާބުގައި ރިސޯޓުތައް ބަންދު ކުރުމުން ކަމަށެވެ. އޭނާ ވިދާޅުވީ އިޤްތިޞާދަށް ލޮޅުން އަރާނެކަން ފާހަގަކޮށް ޚަރަދުތައް ކުޑަކުރުމުގެ މުހިންމުކަން މިިއަހަރުގެ ފެބްރުއަރީގައި އޭނާ ލިޔުއްވި ލިޔުއްވުމެއްގައިވެސް ފާހަގަ ކުރައްވައިފައި ވާނެ ކަމަށެވެ. މިހާރު ރާއްޖޭގެ 90 އަށް ވުރެ ގިނަ ރިސޯޓު ޚިދުމަތް ފަށައިފައިވާ ކަމަށާއި ފަތުރުވެރިންވެސް މަދުމަދުން ނަމަވެސް އަންނަމުންދާ ކަމަށެވެ. އެހެންކަމުން އިޤްތިޞާދަށް ހެޔޮ އަސަރެއް ކުރަން ފަށާނެ ކަމަށެވެ. އަދި އަންނަ މަހު 15 އިން ފެށިގެން ގެސްޓް ހައުސްތައް ހުޅުވާލުމުންވެސް އިތުރަށް އިޤްތިޞާދު ރަނގަޅު ވުމަށް މަގު ފަހިވެގެންދާނެކަން ފާހަގަ ކުރެއްވިއެވެ.  

ޚަރަދުތައް ކުޑަކުރުމަކީ އެއް އިރެއްގައިވެސް ސުވާލު އުފައްދަން ޖެހޭނެ ކަމެއް ނޫންކަމަށާއި އިޤްތިޞާދީ ގޮތުން މިފަދަ ދަތި ދަނޑިވަޅެއްގައި ޚަރަދުތައް ކުޑަކޮށް ގޭގައި ތިބެގެން ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޢާޠިފް ފާހަގަ ކުރެއްވިއެވެ. ޢާޠިފް ވިދާޅުވި އިޤްތިޞާދީ ގޮތުން ފަރުދީ ލެވެލްގައި ވިސްނަން ޖެހޭ ކަންކަމާއި ވިޔަފާރީގައި ވިސްނަން ޖެހޭ ކަންކަން ތަފާތު ކަމަށެވެ.

"އެންމެ ފޯރައިގެން އުޅޭ އިރުވެސް ލިބޭ އާމްދަނީއަކުން ފުއްދައިގެން ކޮންމެވެސް މިންވަރެއް ފަހަށް ރައްކާ ކުރަންވެސް އެބަޖެހޭ. މި ދަނޑިވަޅުގައި އިތުރަށް އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުންދާއިރު ވެސް ހަރު މުދާ ގަތުންފަދަ ކަންކަން މަޑުޖައްސާލައި އަމިއްލަ ދިރިއުޅުމުގެ ޚަރަދުތައް ވީ އެންމެ ކުޑަކޮށް ހިފަހައްޓާލައިގެން ދެވިއްޖެ ކަމަށް ވަންޏާ އަޅުގަނޑު އުއްމީދު ކުރާ ގޮތުގައި ކުރިއަށް އޮތް އޮކްޓޯބަރު މަހުގެ ތެރޭގައި އިޤްތިޞާދަށް މަޑުމަޑުން ދިރުން ލިބޭނެ."  ޢާޠިފް ވިދާޅުވިއެވެ.

ކޯވިޑްގެ ލޮކްޑައުންއާ ގުޅިގެން ވަރަށް ގިނަ މީހުންނަށް ނޭނގި ތިބެ ޚަރަދުތައް ކުޑަކުރެވިގެން ގޮސްފައިވާ ކަމަށް ޢާޠިފް ފާހަގަ ކުރެއްވިއެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ލޮކްޑައުން ތެރޭގައި ނިމިދިޔަ ރޯދަމަސް، އެހެން ރޯދަމަސް ތަކާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ޚަރަދު ކުޑަ ކުރެވުނެވެ. އެގޮތަށް ދިމާވީ ބޭރަށް ނުކުމެ އުޅުމުގެ ފުރުޞަތު ހަނިވުމުންކަންވެސް ފާހަގަ ކުރެއްވިއެވެ.

"ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، ނިމިދިޔަ ރޯދަމަހަކީ އެބޭފުޅުންގެ ހަނދާނުގައިވެސް އެންމެ ޚަރަދު ކުޑަ ރޯދަމަސް ކަމަށް. ރޭގަނޑު ރައްޓެހިންނާއެކު ކޮފީ މޭޒު ތަކަށްދިއުން ހުއްޓި. ގޭގައި ދެ މަސް ތިން މަސް ހުންނަންޖެހުމުން ކުރި ހުރިހާ މަސައްކަތެއް ކުރީ ގޭގައި.  ނޭނގި މަޖްބޫރީހާލަތާ ގުޅިގެން ދިރިއުޅުމުގެ ޚަރަދު ތައް ވަނީ ކުޑަ ކުރެވިފައި." ޢާޠިފް ވިދާޅުވިއެވެ.

ޢާޠިފް ވިދާޅުވީ ޚަރަދުކުޑަކުރާ ވާހަކަ ދެންނެވުމުން އެންމެ ދަތިޙާލުގައި ލިބޭ މިންވަރުން ނުފުދި އުޅޭ މީހުންނަށްއެކަން ކުރާނެ ގޮތެއް ނުވިސްނިދާނެ ކަމަށެވެ. އެފަދަ އެތައް އާއިލާއެއް މާލެ ސަރަޙައްދުގައި އުޅޭކަން ފާހަގަ ކުރެއްވިއެވެ. ހަމައެއާއެކު ތަނަވަސް މީހުންވެސް އުޅެމުންދާކަން ފާހަގަ ކުރެއްވިއެވެ. ތަނަވަސްކަމުގެ އަހުލުވެރިންވެސް ޚަރަދުތައް ކުޑަކޮށް ފަހަށް ރައްކާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ފާހަގަ ކުރެއްވިއެވެ. ރާއްޖެއަކީ ފަހަށް ރައްކާކުރުމުގެ އާދަ މި ސަރަހައްދުގެ އެހެން ޤައުމުތަކާ އަޅާބަލާއިރުވެސް އެންމެ ކުޑަ ޤައުމުކަން ފާހަގަ ކުރެއްވިއެވެ. ފަހަށް ރައްކާކުރުމުން ލިބޭނެ ފައިދާގެ ތެރޭގައި ކުދި ވިޔަފާރިތަކާއި އިންވެސްޓްމަންޓްތަކަށް އެ ފައިސާއިން ލޯނު ދޫކުރުން ފަދަ ކަންކަމަށް މަގު ފަހިވުން ހިމެނޭކަން ފާހަގަ ކުރެއްވިއެވެ.

ފަހަށް ރައްކާކުރުން ނުވަތަ އިޤްތިޞާދު ކުރުމުގެ އާދަ ނެތީ އެކަމުގެ ތަރުބިއްޔަތު ލިބިފައި ނެތުމުން ކަމަށް އާޠިފް ފާހަގަކުރެއްވިއެވެ. އެތަރުބިއްޔަތު ދެވޭނީ އާއިލާގެ ތެރެއިންނާއި ސްކޫލުގެ ތެރެއިންނާއި މުޖުތަމަޢުގެ ތެރެއިންކަން ފާހަގަ ކުރެއްވިއެވެ. 

1 ޚިޔާލު

  1. ޖަޒީރާ ވަންތާގައި ޑޮލަރު ފާހާނާ ބޭނު މެއް ނުކުރާނެ. ސީލާނީ އަތިރި ސްޓައިލް އަށް. ޢެހެންވެ ޑޮލަރު އަގުބޮޑު ވިޔަސް އަޅާނުލާ. މިދަނީ ޖަޒީރާ ވަންތަވަމުން

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.