ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގެންނެވުގެ ހުވަފެން ހަޤީތަކަށް ހެއްދުމަށް ރައީސް ނަޝީދު ބޭނުންފުޅުވާކަމަށް އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ ނާއިބު މުޤައްރިރު ފުރަހަނި ޝުޢައިބު ޢަލީ ވިދާޅުވެއްޖެއެވެ. އެކަންކުރަން އެޕާޓީ ޤުރުބާކުރާކަށް އޭނާގެ ޒަމީރާއި ފިކުރު ޖާގައެއްނުދޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މިކަން ހާމަކުރައްވައިފައި ވަނީ ރައީސް ނަޝީދު އެމްޑީޕީގެ އަސާސީ ޤަވާއިދާ ޚިލާފަށް އަމަލުކުރައްވާތީ އެކަން ހުއްޓުވުމަށް އެދި ޕާޓީގެ ޗެއަރޕާސަން ޙަސަން ލަތީފަށް، އެޕާޓީ ފިޔަވަޅުއަޅާ ކޮމިޓީގެ ނާއިބު މުޤައްރިރު ފުރަހަނި ޝުޢައިބު ޢަލީ ފޮނުއްވި ސިޓީއެއްގައެވެ.
ސީޓީގައި ފާހަގަ ކުރައްވާފައިވާ ކަންކަމުގެ ތެރޭގައި އެމްޑީޕީ ތަމްސީލު ކުރެއްވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުއްލެވުމުގައި އަމިއްލަ މަސްލަހަތު އިސްކުރެއްވުން ހިމެނެއެވެ. އަދި ޕާޓީގެ ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒް ޕާޓީގެ ރައީސްގެ ހައިސިއްޔަތު ފޯރުވަމުން ގެންދެވުން ތަކުރާރު ކުރައްވާކަން ފާހަގަ ކޮށްފައިވެއެވެ. އަދި އެކަންކަން ހުއްޓުވުމަށް ކުރެއްވެން ހުރި އެންމެހާ މަސައްކަތް ޕާޓީގެ ޗެއަރޕާސަންގެ ހައިސިއްޔަތުން ހަސަން ލަތީފް ކޮށްދެއްވުމަށް ސީޓީގައި ވަނީ ގޮވާލައިފައެވެ.
"ރައީސް މުޙައްމަދު ނަޝީދުގެ ވިސްނުންފުޅު މިހާރު އެ ގެންގުޅުއްވަނީ ބަދަލު ހިއްޕެވުމުގެ ރޫޙުގައި ކަމަށް އަޅުގަނޑު ޤަބޫލު ކުރަމެވެ. އެ ރޫޙުގައި ޕާޓީގެ ރޫޙާނީ ލީޑަރއަދި ޕާޓީގެ އާންމު މެންބަރުގެ ނުހަނު ލޯބި ލިބިލައްވާ ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ޕާޓީގެ އުސޫލުތަކާއި ހަމަތަކާއި ޤާނޫނު އަސާސީ އިން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތަށް އެކަނި ލިބިފައިވާ ބާރެއްގެ ބޭނުން ރައީސް ނަޝީދު ޕާޓީގެ ވަސީލަތްތައް ނުހަމަ ގޮތުގައި ބޭނުންކުރައްވަން ފެއްޓެވުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ. ކުރައްވައިގެން ވާނެކަމެއް ނޫނެވެ. އެކަން ޕާޓީގެ ފަރާތުން ހުއްޓުވަން ހުންނެވި ފަރާތަކީ ޕާޓީގެ ޗެއަރޕާސަންކަމުގެ މަޤާމުގައި މިވަގުތު ހުންނެވި މަނިކުފާނުކަން ފާހަގަ ކުރަމެވެ." ޝުޢައިބުގެ ސިޓީގައި ވިދާޅުވިއެވެ.
ޝުޢައިބުގެ ސިޓީގައި ފާހަގަކުރައްވައިފައިވާ ގޮތުގައި އެމްޑީޕީގެ އެންމެ އިސްލީޑަރ ރައީސުލްޖުމްހޫރިއްޔާއިބްރާހީމް މުޙައްމަދު ޞާލިޙެވެ. ފަސް އަހަރު ދުވަހުގެ ތެރޭގައި މި ވެރިކަން ބަދަލުކޮށް ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ޤާއިމްކުރަން އޭނާ ރުހިވަޑައި ނުގަންނަވައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަޣްލަބިއްޔަތު ތެރެއިން ބޮޑުވަޒީރަކާއި ސަރުކާރު ހަވާލުކުރުމަކީ ޤައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ރައްކާތެރި ގޮތްކަމުގައި ވެސް ދެކެވަޑައި ނުގަންނަވާކަމަށް ވަނީ ވިދާޅުވެފައެވެ.
"ރައީސް ރައީސް ނަޝީދުގެ އަމިއްލަފުޅު މަސްލަހަތަށް އަނެއްކާވެސް ޕާޓީ ޤުރުބާންކުރުމަކީ ޣައްދާރުވުންކަމުގައި އަޅުގަނޑުދެކެމެވެ. ޚިޔާލުތަފާތުވިޔަސް ޤައުމަށާއި ރައްޔިތުންނަށް ގެއްލުންލިބި ޕާޓީގެ ވެރިން އެކަކު އަނެއްކަކަށް ދެފުރަގަސް ޖައްސާ ހިސާބަށް މައްސަލަތައް ގެންދިއުމަކީ ރައްޔިތުން އިތުރަށް ނިކަމެތިވެ ހާސްކަމުގެ ތެރެއަށް ވެއްޓޭނެ ކަމެކެވެ. އެމްޑީޕީގެ ވެރިންގެ އިތުބާރު ރައްޔިތުންގެ ތެރޭގައި ގެއްލޭނެކަމެވެ." ޝުޢައިބުގެ ސިޓީގައި ވިދާޅުވިއެވެ.
ރައީސް ނަޝީދު މިނިވަން ކުރުމަށް އެމްޑީޕީން ކުރި މަސައްކަތް ފާހަގަކޮށް ޝުޢައިބު ވިދާޅުވީ އެންމެ ފަރުދަކު މިނިވަންކުރުމަށްޓަކައި މުޅި ޕާޓީއާއި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ޤުރުބާން ކުރިކަމަށެވެ. އަދި އެދުވަސް މާޒިވެއްޖެކަމަށެވެ.