އިންޑިއާ އަސްކަރިޔާ ދެ މަތިންދާބޯޓު އައީ ތަމްރީނުތަކަކަށް: އެމްއެންޑީއެފް

މިއަދު ހަނިމާދޫ އެއަރޕޯޓަށް އައި އިންޑިއާގެ އަސްކަރިޔާ ދެ މަތިންދާ ބޯޓަކީ ދިވެހި ކޯސްޓްގާޑުގެ ގުޅިގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ ތަމްރީންތަކަކަށް އައި ބޯޓުތަކެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

 ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިންގާ ތަމްރީނުތަކަކީ 2009 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް، ކުރިއަށް ގެންދާ ތަމްރީނެއްކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. 

ބައެއް ލޯކަލް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ދެ މަތިންދާބޯޓު މާލެ އަންނަ ކަމެއް ކުރިން ރާއްޖޭގެ އިމިގްރޭޝަނަކަށްވެސް އެނގިފައެއް ނުވެއެވެ. އިންޑިއާ ސިފައިންގެ އަސްކަރިއްޔާގެ ދެ މަތިންދާބޯޓު އައީ ކިހާ މީހުންނެއް ކަމެއް ވެސް ނޭނގެއެވެ. އެމީހުންނަށް އޮން އެރައިވަލް ވިސާ ދިނުމަށް ސަރުކާރުން އަންގައިފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ. އެމީހުން ތިބުމަށް ހަނިމާދޫން ގެތަކެއް ކުއްޔަށް ހޯދާފައިވާކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.

މިހާރުވެސް އިންޑިއާގެ ދެ ހެލިކޮޕްޓަރެއްވެސް ރާއްޖޭގައި އޮވެއެވެ. އެ ހެލިކޮޕްޓަރުތައް ދުއްވަނީވެސް އިންޑިއާ ސިފައިންނެވެ. އިންޑިއާ ސިފައިންގެ ޑޯނިއަރ ދެ މަތިންދާބޯޓު ހަނިމާދޫއަށް މިއައީ ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމުވެ ތިބުމާ ދެކޮޅަށް ދިވެހިންގެ ގިނަބަޔަކު އަޑު އުފުލަމުން ދަނިކޮށެވެ. ދިވެހި އަސްކަރިއްޔާއިން ވިދާޅުވެފައި ވަނީ ހަތިޔާރު އެޅި ބޭރުޤައުމެއްގެ އަސްކަރިއްޔާގެ ބައެއް ރާއްޖޭގައި ނޫޅޭކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.