މުޅިދުނިޔެއިން ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ދެވަނަ ގައުމަކަށް އިންޑިއާވެއްޖެއެވެ. ކުރިން އިންޑިއާ އޮތީ ތިންވަނައިގައެވެ. ދެވަނައިގައި އޮތީ ބްރެޒިލްއެވެ.
މިއަދު މެންދުރު 12ގެ ޚަބަރުތަކަށްބަލާއިރު މިހާތަނަށް އިންޑިއާގެ 4204613 މީހުންނަށް ކޮވިޑް-19 ޖެހި އަދި އެބަލީގައި 71642 މީހުން ވަނީ މަރުވެފައެވެ.
އިންޑިއާއަށްވުރެ ކޮވިޑް-19 ގެ ބަލިމަޑުކަން ބޮޑު އެމެރިކާގައި 6276835ނަށް ވައިރަހުގެ އަސަރުކޮށްފައިވާއިރު އެ ބަލީގައި 188941މީހުން ވަނީ އެމެރިކާގައި މަރުވެފައެވެ. ބުރެޒިލްގެ 4137521 މީހުންނަށް ކޮވިޑް-19ގެ ވައިރަސް ޖެހިފައިވާއިރު އެ ބަލީގައި ބުރެޒިލްއިން 126650 މީހުން މަރުވެފައިވެއެވެ.
ބުރެޒިލްއަށްވުރެ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އިންޑިއާގައި އިތުރުވެގެންދިޔަކަމަށްވިޔަސް މުޅިދުނިޔެއިން ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން ދެވަނައަށް މަރުވެފައި ވަނީ ބްރެޒިލްއިންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ރެކޯޑުތަކަށްބަލާއިރު ފާއިތުވި މަހެއްހާ ދުވަހުގެތެރޭގައި ކޮންމެ ދުވަހަކު އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހެނީ އިންޑިއާގައެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީން ހާމަކުރިގޮތުގައި ފާއިތުވި 24 ގަޑިއރުގެތެރޭގައި އިންޑިއާގެ 90802 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި އާދީއްތަ ދުވަހު ހެނދުނު އިންޑިއާގެ ހެލްތު މިނިސްޓްރީން ހާމަކުރި ރިޕޯޓުތަކަށް ބަލާއިރުވެސް ކުރީދުވަހު އިންޑިއާގެ 90632 މީހުންނަށް ކޮވިޑް-19 ޖެހި އަދި އެދުވަހު އެބަލީގައި ހާހަކަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
އިންޑިއާގައި އެންމެ ބާރަށް ކޮވިޑް-19 ފެތުރެމުންދާ ފަސް ސްޓޭޓަކީ، މަހާރާޝްޓްރާ، އަންދުރަ ޕްރަދޭޝް، ޓަމިލް ނާޑޫ، ކަރްނާޓަކާ، އުއްތަރު ޕްރަދޭޝްއެވެ.
ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި އިންޑިއާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ނޮވެމްބަރު މަހުގެތެރޭގައި ވަރަށް ނުރައްކާތެރި ދަރަޖައަކަށް އިތުރުވެގެންދާނެއެވެ.