މާސްކް އެޅުނީމާ ރައްކާތެރިކަމުގެ އެހެން ފިޔަވަޅުތައް ހަނދާން ނެތިއްޖެ: ޑޮކްޓަރ ޝީނާ

މާސްކް އެޅުނީމާ ރައްކާތެރިކަމުގެ އެހެން ފިޔަވަޅުތައް ހަނދާން ނެތިފައިވާ ކަމަށް ފާހަގަ ކުރެވޭ ކަމަށް ޞިއްޙީ މާހިރެއްކަމުގައިވާ ޑޮކްޓަރ ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

"ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާތަކުން ކުރިއަށް ގެންދާ ޤައުމީ ކެމްޕޭންގެ ދަށުން ރޭ ކުރިއަށް ގެންދެވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ މާސްކް އެޅުމުން ރައްކާތެރިކަމުގެ އެހެން ފިޔަވަޅުތައްކަމުގައި އަތް ދޮވުމާއި ގައިދުރުކަން ބެހެއްޓުމާއި އަތްލާ އުޅޭތަންތަން ސާފުކޮށް ރައްކާތެރި ކޮށް ބެހެއްޓުމަށް ކުރަންޖެހޭ ކަންކަންމުގެ މަތިން މީހުން ހަނދާން ނެތިފައިވާކަން ފާހަގަ ކުރެއްވޭކަމަށެވެ. މާސްކް އެޅުމާއެކުވެސް އެކަންކަމަށް ފަރުވާ ތެރިވެގެން ނޫނީ ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވޭނެކަމަށް ޑރ.ޝީނާ ވިދާޅުވިއެވެ. އެހެންކަމުން ބަލި ކޮންޓްރޯލް ކުރެވޭނީ ގައިޑްލައިންތަކަށް މުޖުތަމަޢުގެ ހުރިހާ އެންމެންވެސް ތަބާވެގެންކަމަށް ވިދާޅުވިއެވެ. އެއްބަޔަކު ގައިޑް ލައިންނާ އެއްގޮތަށް އުޅެފައި އަނެއް ބަޔަކު އެއްގޮތަކަށްވެސް ގައިޑްލައިނާ އެއްގޮތަށް ޢަމަލު ނުކުރާނަމަ އެދެވޭ ނަތީޖާއެއް ނުފެންނާނެކަމަށް ޑރ. ޝިނާ ވިދާޅުވިއެވެ. އެހެން ކަމުން އާއްމު ޚިދުމަތްދޭ ފަރާތްތަކާއި މަސައްކަތު މާހަލުގަޔާއި އާއިލާތަކުގެ އިތުރުން އަމިއްލަ ފަރުދުންގެ ފެންވަރުގައި ވެސް ގައިޑްލައިންތަކާ އެއް ގޮތަށް ޢަމަލުކުރުމަކީ ބަލި ކޮންޓްރޯލް ކުރަން ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ ގާތްގަޑަކަށް 50 އިންސައްތައަކީ މާބޮޑު ޢަލާމާތެއް ނުފެންނަ މީހުންކަން ޑރ. ޝީނާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ބައްޔާމެދު ދޭންޖެހޭ ސަމާލުކަންވެސް ނުދެވިދާކަން ފާހަގަކުރެވިއެވެ. އެހެންކަމުން ބަލި ޖެހިފައި ހުރިކަން ނޭނގި އެފަދަ މީހުންގެ ފަރާތުން ހައިރިސްކް މީހުންނަށް ބަލި ޖެހެމުންދާކަން ފާހަގަ ކުރެއްވިއެވެ. މިފަދަ މީހުންގެ ތެރޭގައި ގިނައީ ޒުވާނުންކަން ފާހަގަ ކުރެއްވިއެވެ.

ޑރ ޝީނާ ވިދާޅުވީ އާބާދީގެ ނިސްބަތުން ކޮވިޑަށް އެންމެގިނަ ބަޔަކު ޕޮޒިޓިވް ޤައުމުގެ ޙާލަތަށް މީގެ ދެހަފްތާއެއް ކުރިން ރާއްޖެ ދިޔަ ކަމަށެވެ. އެފަދަ މިންވަރަކަށް ބަލި ފެތުރޭ ޤައުމަކަށް އެއްވެސް ބަޔަކު އަންނަން ބޭނުން ނުވާނެ ކަމަށް ވެސް ޑޮކްޓަރ ޝިނާ ފާހަގަ ކުރެއްވިއެވެ.

އެޗްޕީއޭ އިން އެކަނި ރާއްޖެ ރައްކާތެރި މާހައުލަކަށް ނުހެދޭނެކަމަށް ޑރ. ޝީނާ ފާހަގަ ކުރެއްވިއެވެ. މުޖުތަމަޢުގެ ހުރިހާ ފަންތިއެއްގެ މީހުންގެ މަސައްކަތް ކޮށް ގެން ނޫނީ ރާއްޖެ ރައްކާތެރިތަނަކަށް ނުވާނެކަމަށް ވިދާޅުވިއެވެ. ޚާއްޞަ ގޮތެއްގައި ޒުވާނުންގެ ދައުރު ފުޅާކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. ބަލި ކޮންޓްރޯލް ކުރުމަށްވެސް ޒުވާނުން ފުޅާ ދާއިރާއެއްގައި މަސަކަތް ކުރާކަން ފާހަގަ ކުރައްވާ ޑރ ޝީނާ ވިދާޅުވީ އެޗްއިއޯސީގައި މަސައްކަތް ކުރާ މީހުންގެ ގާތްގަޑަކަށް 90 އިންސައްތައަކީ ޒުވާނުންކަމަށެވެ.

ޑރ ޝީނާ ވިދާޅުވީ އާއްމު ޞިއްޙަތާ ގުޅުންހުރި ކަންކަމަކީ ފިޔަވަޅުއަޅައި ޖުރިމަނާކޮށްގެން ޙައްލެއް ލިބޭނެ ކަންކަން ނޫންކަމަށެވެ. ކުޑަ ދުވަސްކޮޅަކަށް ފެނުނަސް ދާއިމީ ޙައްލެއް އެކަމުން ނުގެނެވޭނެކަމަށެވެ. އެބަޔަކު އަމިއްލައަށް ބޭނުންވެގެން ފިޔަވަޅުތައް އަޅައިގެން ނޫނީއެކަމުން ހެޔޮ އަސަރެއް ނުފެންނާނެކަމަށް ޑރ. ވިދާޅުވިއެވެ.

"އާއްމު ޞިއްޙަތަކީ އާއްމުންގެ ދިރިއުޅުމާ ގުޅިފައިހުންނަ ކަންތައްތަކެއް. އާއްމު ޞިއްޙަތުގެ ކަންތައްތައް އެންފޯސްއެއް ނުކުރެވޭނެ. އަޅުގަނޑު ޤަބޫލުކުރާ ގޮތެއް ނޫން އެންފޯސްކޮށްގެން އަދަބުދީގެން އާއްމު ޞިއްޙަތުގެ ބިހޭވިއަރ ގެނައުމަކީ. އެބަޔަކު އަމިއްލަ އަށް ބޭނުންވެގެން ކުރިއްޔާ ނޫނީ އޭގެ އިފެކްޓިވްނަސް (ހެޔޮއަސަރެއް) ނުފެންނާނެ. ދުވަސް ކޮޅަކު ފުލުހުންނާ އިނިސްޕެކްޓަރުން ފޮނުވައިގެން ޖުރިމަނާކޮށްގެން އެކަން ކުރެވިދާނެކަންނޭގެ. އެހެންނަމަވެސް ދިގުމުދަތަށް ނަތީޖާއެއް ނުފެންނާނެ." ޑރ. ޝީނާ ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.