ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އޮކްޓޯބަރު ހައެއްގެ ނިޔަލަށް އިތުރުކޮށްފި

ކޮވިޑާ ގުޅިގެން އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު 6 އޮކްޓޯބަރުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައިފިއެވެ.

 އެކަން އިޢުލާން ކުރައްވައިފައި ވަނީ މިނިސްޓްރީ އޮފް ހެލްތު ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ސޮއިކުރައްވައި މިރޭ ނެރުއްވި ޤަރާރުގައެވެ.

މި ޤަރާރުގައި ވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ފެތުރުން އިތުރުވަމުން ދާތީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު 6 އޮކްޓޯބަރު 2020 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދެމެހެއްޓުމަށް ނިންމަވާފައިވާ ކަމަށެވެ. މިގޮތަށް ނިންމަވާފައި ވަނީ ކޮވިޑް-19ގެ ނުރައްކާ ކުޑަކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލު ކުރެވޭކަމަށް ލަފާ އަރުވާފައިވާތީ ކަމަށެވެ. މި ނިންމެވުމާއެކު ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ހެލްތު މިނިސްޓަރ އަންގަވާ ކަމަށެވެ.

ކޮވިޑާ ގުޅިގެން އިޢުލާންކުރި ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރުކޮށްފައި ވަނީ މިވަނީ ހަތްވަނަ ފަހަރަށެވެ. ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އެންމެ ފުރަތަމަ އިޢުލާން ކުރެއްވީ 12 މާރޗް 2020 ގައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.