ކޮވިޑްގެ ކުރިން އުޅެމުން އައި ގޮތް ބަދަލުކުރުމަށް ޤައުމީ ފެންވަރުގެ ކެމްޕޭނެއް ފެށުމަށް ޓެކްނިކަލް ޓީމްގައި މަޝަވަރާ ކުރައްވަމުން ގެންދަވާކަމަށް އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑޮކްޓަރ ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.
ނެޝެނަލް އިމާރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ރޭ ބޭއަވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ނަޒަލާ ވިދާޅުވީ ކުރިން ދިވެހިން އުޅުނު ގޮތަކަށް ދެން ނޫޅެވޭނެ ކަމަށެވެ. ދެން އުޅެން ޖެހޭނީ އާ ގޮތަކަށް ކަމަށެވެ.
"ނޯމަލް ޙާލަތަށް އަޅުގަނޑުމެންނަށް އަނބުރާ ނުދެވޭނެ. ދެން ދާން ޖެހޭނީ އާނޯމަލްއަކަށް . އެ ނިއު ނޯމަލްގައި އެހެންޏާ އެންމެން ތިބޭ ގޮތަށް ކައިރި ކައިރިއަކު ނުތިބެވޭނެ ދުރުދުރުގައި ތިބެން ޖެހޭނީ. މިހަލަ ކަންކަމަކީ އާދައަކަށް ހަދަން ޖެހޭނެ. މިކަހަލަ ކަންކަން އާދައަކަށް ހަދަން އެކި މުއައްސަސާތަކުން ވެސް އެބަޖެހޭ މަސައްކަތް ކުރަން. އިންތިޒާމްތައްވެސް ހަމަޖެހެން އެބަޖެހޭ. މިހުންނަށް ހަދާންކޮށް ދިނުމަށް ނޯޓިސްތަކާ އެއްޗިހިވެސް ހުންނަން ޖެހޭ. އެއާ އެއްކޮށް މިހުންގެ ބިހޭވިއަރ ޗޭންޖް ކުރުމަށް މަޢުލޫމާތު ދިނުމަށް އިތުރު މަސައްކަތް ތަކެއްވެސް ކުރަން އެބަޖެހޭ" ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ.
މިފަދަ ބަލި މަޑުކަމެއްގެ ތެރޭގައި މީހުންގެ އާދަ ނުވަތަ އުޅެމުން އައި ގޮތް ބަދަލުކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށް ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ. އެއީ ހަމައެކަނި މަޢުލޫމާތު ދީގެން ވާކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް ނުފެތުރެނީ ވަރަށް ބައިވަރި ކަންތައްތަކެއް ކޮށްގެންކަމަށް ޑޮކްޓަރ ނަޒްލާ ފާހަގަ ކުރެއްވިއެވެ. އެއިން އެންމެ މުހިންމު ކަމަކީ ބޯޑަރ ކޮންޓްރޯލްކޮށް ރާއްޖެއަށް އަންން މީހުންކަރަންޓިން ކުރުންކަން ފާހަގަ ކުރެއްވިއެވެ. ދެވަނަ ކަމަކަށް ކޮންޓްކްޓް ޓެރޭސިން ފަހަގަ ކުރެއްވިއެވެ. އަދި އެންމެ މުހިންމު ކަމަކީ ސޯޝަލް ޑިސްޓެންސިންގ ނުވަތަ އިޖްތިމަޢީ ގައިދުރުކަން، ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ވެކްސިނެއް އުފެއްދެންދެކަށް ކޮވިޑްގެ ބަލިމަޑުކަން ދެމިއޮންނާނެކަން މިރޭގެ ޕްރެސް ކޮންފަރެންސްގައި ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ. ރަނގަޅު ވަކްސިނެއް އުފެދުނުކަން އިޢްލާންކުރުމަކީ، ވެކްސިން ލިބުމެއް ނޫންކަމަށް ޑޮކްޓަރ ފާހަގަ ކުރެއްވިއެވެ. ވެކްސިން ޖަހަން ޖެހޭ އެންމެންނަށް ވެކް ސިންދޭން ވެސް ޖެހޭނެކަމަށް ޑރ ފާހަގަ ކުރެއްވިއެވެ. ބަލިމް ދިފާޢުވުމަށް އެފަދަ ވަޞީލަތެއް ލިބެންދެކަށް ވެސް ބަލި އައުން ކޮންޓްރޯލްކުރަން ކުރަންޖެހޭ ހުރިހާ ކަމެއްވެސް ކުރަންޖެހޭނެ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.