ގދ. ހޯޑެއްދޫން މިއަދު ޕޮޒިޓިވް 19 މީހުންނާ ކޮންޓެކްޓްވި 46 މީހަކު މިހާތަނަށް ދެނެގަނެވިފައިވާ ކަމަށް އެޗްއީއޯސީއިން ވިދާޅުވެއްޖެއެވެ.
ހޯޑެއްދޫން މިއަދު 19 މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން ހޯޑެއްދޫގެ އިތުރުން އެރަށާ ގުޅިފައިވާ މަޑަވެލިވެސް އޮތީ މޮނިޓަރިންގައެވެ. މިއަދު ޕޮޒިޓިވް ކޭސްތަކާ ލިންކް ކޭސްތައް ދެނެގަތުމަށް ހޯޑެއްދޫއަށް ގޮސްފައިވާ މީހުންނާއި ކައިރި ރަށްރަށާއި ކާޑެއްދޫ އެއަރޕޯރޓާއި މާލެ ދަތުރުކުރާ ބޯޓުފަހަރުގެ އިތުރުން މަޑަވެލިން ވެސް ރެންޑަމް ސާމްޕަލްތައް ނަގަމުންދާ ކަމަށް އެޗްއީއޯސީއިން ވިދާޅުވިއެވެ. މިއަދު ފާހަގަ ކުރެވުނު ކޮންޓެކްޓުންގެ ސާމްޕަލް މާދަމާގެ ވަގުތެއްގައި ނަގާނެކަމަށް ބެލެވޭކަމަށްވެސް އެޗްއީއޯސީއިން ވިދާޅުވިއެވެ. ހޯޑެއްދޫގައި މިހާރު ވަނީ ޚާއްޞަ ހޮޓްލައިނެއްވެސް ޤާއިމްކޮށްފައެވެ. ޕޮޒިޓިވް ކޭސްތަކާ ކޮންޓެކްޓްވި ފަރާތްތަކާއި ބަލީގެ އަލާމާތްތައް ހުރި މީހުންވެސް އެ ހޮޓްލައިނަށް ގުޅައި ރިޕޯޓް ކުރުމަށް އެޗްއީއޯސީއިން އެދިވަޑައިގަންނަވައެވެ. ކޯވިޑް ކޭސްތަކާ ގުޅިގެން ހޯޑެއްދޫގެ ސްކޫލާއި ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަންވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.
މި ކޭސްތަކާ ގުޅިގެން ތިނަދޫ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެޑިކަލް ޓީމެއް މިއަދު ހަވީރުން ފެށިގެން ހޯޑެއްދޫ ޓާސްކްފޯހާއެކު މަސައްކަތް ކުރަމުންދާކަމަށް ވެސް އެޗްއީއޯސީއިން ވިދާޅުވިއެވެ. މި މެޑިކަލް ޓީމްގައި ހިމެނެނީ ޑޮކްޓަރަކާއި ދެ ނަރުހުންނާއި ޓެކްނިކަލް ދެ ބޭފުޅުންނެވެ. މި ޓީމުން ކޭސްތަކާ ގުޅުންހުރި ކަންކަން ދެނެގަނެ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށް ވެސް ވިދާޅުވިއެވެ. އަދި ހޯޑެއްދޫއަށް ބޭނުންވާނެ ވަޞީލަތްތައް ފޯރުކޮށް ދެއްވަމުން ގެންދަވާކަމަށް ވެސް އެޗްއީއޯސީއިން ވިދާޅުވިއެވެ.
މިއަދު ހޯޑެއްދޫ އިން އަލަށް ޕޮޒިޓިވް 19 މީހުންނަކީ އެރަށު ފަސް ގެއެއްގެ މީހުންނެވެ. ހޮޑެއްދޫއިން ފުރަތަމަ ޕޮޒިޓިވް ވެފައި ވަނީ މާލެއިން އެރަށަށް ގޮސް ހޯމް ކަރަންޓީންގައި ތިބި ދެމީހުންނެވެ. އެއީ މިމަހުގެ ތިންވަނަ ދުވަހުއެވެ. އެ ދުވަހު އެރަށު އެހެން ދެ މީހެއްގެ އަލާމާތްތައް ހުރުމުން ޓެސްޓްކުރުމުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް އެދެމީހުންނާ ހޯމް ކަރަންޓީންގައި ތިބި ދެމީހުނާ އެއްވެސް ގުޅުމެއް ނެތްކަމަށް އެޗްއީއޯސީއިން ވިދާޅުވިއެވެ. މިއަދު ބައްޔަށް ޕޮޒިޓިވްވި 19 މީހުންނަކީ އެދެމީހުންނާ ގުޅުންހުރި 36 މީހުންގެ ސާމްޕަލް ނަގައިގެން ހެދި ޓެސްޓްތަކުން ކޮވިޑަށް ޕޮޒިޓިވްވި މީހުންނެވެ. ނަމަވެސް އަދި އެރަށުގައި އޮތީ ކޮމިޔުނިޓީ ސްޕްރެޑެއް ކަމަކަށް ނުވަތަ ބަލި ފެތުރޭކަމަކަށް އެޗްއީއޯސީއިން ކަނޑައެއް ނާޅައެވެ. އެޗްއީއޯސީގެ ތަރުޖަމާނު ވިދާޅުވީ އެރަށަށް ބަލި ގޮސްފައި ވާނީ މާލެއިން ކަމަށެވެ. އެހެންކަމުން މިހާރު މަސައްކަތް ކުރައްވަނީ ބަލި ދިޔަ ގޮތް ހޯއްދެވުމަށް ކަމަށެވެ.