ހުވަފެން - 4

(4 އޯގަސްޓް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ރައްކާވޭ-" އޭނާ އެ ތަނުން ނުކުމެގެން އާދެއެވެ. ޓޮނީ ގެއަށް އައިސް އެނދުގައި އޮވެގެން ވިސްނަމުން ދެއެވެ. ފިރިހެނުންނަކީ ހާދަހާ މޮޔަ ބައެކެވެ. އެ މީހުން ކޮންޓްރޯލް ކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެކަމަކު އެ މޮޔައިންނަކަށް އެ ކަމެއް ނޭނގެއެވެ. އެ މީހުން ބޭނުންވަނީ ވެސް މީހެއްގެ ކޮންޓްރޯލްގެ ދަށަށް އަންނާށެވެ. އެ މީހުންނަށް ރަނގަޅީ އެ ގޮތެވެ.

* * *

ދެން އައީ ލަންޑަނުން ކަޕަޗީނޯއަށް ބަދަލުވުމުގެ ދުވަހެވެ. ފުރަތަމަ ދެތިން ހަފްތާއެއް ވެގެން ދިޔައީ ވަރަށް އުނދަގޫ ދުވަސްތަކެއް ކަމުގައެވެ. ޓޮނީއަކަށް ކަޕަޗީނޯ ކަމުދާ ގޮތެއް ނުވިއެވެ. ގްލޯބަލް ކޮމްޕިއުޓަރ ގްރެފިކްސްގައި މަސައްކަތްކުރާ ހިތެއް ވެސް ނުވިއެވެ. ހާފްޓޯން، ޑީޕީއައި، ޕްލަގްއިން، ގްރިޑް ފަދަ ބަސްތައް އިވިއިވި ކަންފަތް ހުންނަނީ އެއްގޯސްވެފައެވެ. ލަންޑަނުގެ ރޭގަނޑުގެ ދިރިއުޅުމުގެ މަތިން ހަނދާންވީމާ މިހާރު ވެސް ދެރަވެއެވެ. ކަޕަޗީނޯގައި ހުންނަނީ ރޭގަނޑު ދާން ކަމުދާ ދެ ތިން ތަނެވެ. ޓޮނީ އެ ތަންތަނަށް ވަރަށް ގިނައިން ދެއެވެ. އޭގެ ތެރޭގައި ސެން ޖޯސް ލައިވް އާއި، ޕީ. ޖޭ. މުލިގަންސްއާއި، ހޮލީވުޑް ޖަންކްޝަން ހިމެނެއެވެ. އޭނާ ހުންނަނީ ބާރު މިނީ ސްކަރޓާއި، ދޯރިހެން ހުންނަ ޓޮޕް ލައިގެންނެވެ. އަރައިގެން ހުންނަނީ ފުންނާބުގައި ފަސް އިންޗި ހުންނަ އުސް ފައިވާނަށެވެ. މޭކަޕްކޮށްފައި ހުންނަނީ ވަރަށް ބޮޑަށެވެ. މަޞްނޫޢީ އެސްފިޔަ ޖަހައިގެން ގަދަ ކުލަކުލައިގެ ލިޕްސްޓިކް ބޭނުންކޮށްގެން ހުރުމަކީ އޭނާގެ އާދައެކެވެ. ތިމާގެ ރީތިކަން ފޮރުވަން މަސައްކަތްކުރާ ހެން ވަރަށް ބޮޑަށް ހީވެއެވެ.

ބައެއް ހަފްތާ ބަންދުގައި ޓޮނީ ސެން ފްރެންސިސްކޯއާ ހަމައަށް ދެއެވެ. ކޮންމެ ކަމަކަށް ބެލި ނަމަވެސް އެންމެ ފޯރިގަދަ ތަނަކީ އެއީއެވެ. އޭނާ ވަދެއުޅެނީ މިއުޒިކް އޮންނަ ރެސްޓޯރަންޓްތަކަށާއި، ކްލަބްތަކަށާއި، ގަހުވަޚާނާތަކަށެވެ. އެ ތަންތާނގައި މިއުޒިކް ކުޅޭ ގްރޫޕްތަކުގެ އިންޓޯލު ވަގުތަކީ ޓޮނީ މިއުޒިކް ކުޅޭ ވަގުތެވެ. އޭނާ ގޮސް ޕިއާނާ ޖަހައިފައި ލަވަކިޔައެވެ. އެ ތަންތަނަށް ދާ މީހުން އޭނާގެ ލަވަތަކާ ވަރަށް ގަޔާވެއެވެ. ކައިނިމިގެން ބިލަށް ފައިސާދައްކަން އުޅުނީމާ އެ ތަންތާނގެ ވެރިން އެ ކަން މަނާކުރެއެވެ. "ފައިސާ ދައްކާނެ ކަމެއް ނެތް- މިރޭގެ ކެއުން އެއީ މި ތާނގެ ފަރާތުން ދިން އެއްޗެއް- ކަލޭ ލަވަކިޔަނީ ވަރަށް ރީތިކޮށް- އަދި އަންނާތި-"

މަންމާއެވެ! އަޑުއިވުނު ހެއްޔެވެ؟ އޭނާއަށް ހިތުގެ އަޑުއިވެއެވެ. "ކަލޭ ލަވަކިޔަނީ ވަރަށް ރީތިކޮށް- އަދި އަންނާތި-"

ހޮނިހިރު ދުވަހެއްގެ ރެއެވެ. ޓޮނީ އިނީ ކްލިފް ހޮޓަލުގެ ފްރެންޗް ރޫމްގައި ކާށެވެ. މިއުޒިކް ކުޅޭ މީހުން ކުޅެ ނިންމައިފައި ހިނގައްޖެއެވެ. ހޮޓަލުގެ މެނޭޖަރު އޭނާއާ ދިމާއަށް ބަލައިލައިފައި ދަޢުވަތުދޭ ކަހަލަ ގޮތަކަށް ބޯޖަހައިލިއެވެ.

ޓޮނީ ތެދުވެގެން ގޮސް ޕިއާނާގެ ކައިރީގައި އިށީނދެ ޕިއާނާ ޖަހައިފައި ވަރަށް ރީތި ލަވައެއް ކިޔައިފިއެވެ. ލަވަ ނިމުނީމާ ހޯލްގައި ތިބި މީހުންގެ އަތްތިލަބަޑީގެ އަޑުން މުޅި ހޯލު ގުގުމައިލިއެވެ. އޭނާ ކާމޭޒުދޮށަށް އައީ އިތުރު ދެ ލަވަ ކިޔާފައެވެ.

ބޮލުން އިސްތަށި ވެރި ހުސްވުމަކާ ގާތްވެފައި ހުރި، މެދުޢުމުރުގެ ފިރިހެނަކު އޭނާ އިން މޭޒުދޮށަށް އައިސް ބުނެލިއެވެ. "އަހަރެން މި ތާނގައި އިށީނަސް އެންމެ ރަނގަޅުތަ-؟"

ޓޮނީ ނޫނެކޭ ބުނަން އަނގަ ހުޅުވައިލި ތަނާ އެ މީހަކު ވާހަކަދައްކަން ފަށައިފިއެވެ. "އަހަރެންގެ ނަމަކީ ނޯރމަން ޒިމަރމަން- އަހަންނަކީ މިއުޒިކް ޕްރޮޑިއުސަރަކީން- މި އައީ މިއުޒިކާ ގުޅޭ ވާހަކައެއް ދައްކައިލަން ވެގެން-"

ނޯރމަންއާ ބެހޭ މަޒުމޫނެއް މީގެ ދެ ތިން ދުވަހެއް ކުރިން ޓޮނީ އޮތީ ކިޔައިފައެވެ. ނޯރމަންއަކީ ވަރަށް މަޝްހޫރު މީހެކެވެ. ތިއޭޓަރުތަކުގެ ރަސްގެފާނުގެ ނަމުން މަޝްހޫރު ވެފައިވާ މީހެކެވެ.

އޭނާ އިށީނދެއްޖެއެވެ. "ކަލެއަކީ ވަރަށް ހުނަރުވެރި ކުއްޖެއް- މި ކަހަލަ ތަންތަނަށް އައިސްގެން ތިޔަ ވަގުތު ނަގައިލަނީ- ލިބިފައި ހުރި ހުނަރުގެ ދުވަސް ދުއްވައިލަނީ- ކަލޭ މަސައްކަތް ކުރަންވީ ބްރޯޑްވޭގައި-"

ބްރޯޑްވޭ! މަންމާއެވެ! އަޑުއިވިއްޖެ ހެއްޔެވެ؟ އަނެއްކާވެސް ހިތުގެ އަޑުއިވުނެވެ.

"ކަލޭ ޓެސްޓްކޮށްލަން އަހަރެން ބޭނުން- އެއީ..."

"މަޢާފުކުރައްވާ- އަޅުގަނޑަކަށް ތިޔަކަމެއް ނުވާނެ-"

އޭނާގެ މޫނުމައްޗަށް ޙައިރާންކަމުގެ އަސަރު ވެރިވެގެން ދިޔައެވެ. "އަހަރެން މި އުޅެނީ ކަލެއަށް އަލިމަގެއް ހުޅުވައިދޭން- މިއީ ސަމާސާއަކަށް ދައްކާ ވާހަކައެއް ނޫން- ކަލެއަށް ލިބިފައި ހުރި ހުނަރުގެ މިންވަރެއް އިޙްސާސުކުރަން ކަލެއަށް އެނގޭހެންނެއް ހިއެއްނުވޭ-"

"އަޅުގަނޑު އުޅެނީ ވަޒީފާއެއްގައި-"

"ކޮންކަހަލަ ވަޒީފާއެއްގައި-؟"

"އަޅުގަނޑު މަސައްކަތްކުރަނީ ކޮމްޕިއުޓަރު ކުންފުންޏެއްގައި-"

"ތިޔަ ބުނާ ވަޒީފާއަކުން ލިބޭ މުސާރައެއްގެ ދެ ގުނަ ބޮޑު މުސާރައެއް އަހަރެން ފަށާ މުސާރައެއްގެ ގޮތުން ދޭނަން- އަދި..."

ޓޮނީ ބުންޏެވެ. "ޝުކުރިއްޔާ- އެކަމަކު އަޅުގަނޑަކަށް ތިޔަކަމެއް ނުވާނެ-"

ނޯރމަން ގޮނޑީގައި ލެނގިލިއެވެ. "މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ހިތްނުވަނީތަ-؟"

"ނޫން ވަރަށް މަސައްކަތްކުރާ ހިތްވޭ-"

"ދެނޯ-؟ ކޮބާ މައްސަލައަކީ-؟"

ޓޮނީ ކުޑަކޮށް ޖެހިލުންވެފައިމެ، ފަރުވާތެރިކަމާއެކު ވާހަކަދައްކަން ފެށިއެވެ. "އަޅުގަނޑު ތިޔަ ކަހަލަ ކަމެއް ފެށިޔަސް މެދުތެރެއިން މަސައްކަތް ދޫކޮށްލާފައި ދާން ޖެހުމަކީ އެކަށީގެންވާ ކަމެއް-"

"ފިރިމީހާއާ ހެދިތަ-؟ ނޫނީ..."

"އަޅުގަނޑު އުޅެނީ މީހަކާ އިނދެގެންނެއް ނޫން-"

"ތިޔަ ކިޔާ އެއްޗެއް އަހަންނަކަށް ނުވިސްނޭ- މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ހިތްވާ ވާހަކަ ބުނެފީމު- އަހަރެން މި ހުށަހަޅަނީ ރަނގަޅު ފުރުޞަތެއް-"

"މަޢާފުކުރައްވާ- އަޅުގަނޑަކަށް އިތުރު ތަފްޞީލެއް ދެވޭކަށް ނެތް-"

އަހަރެން ކިޔައިދިނަސް އޭނާއަކަށް ނުއެއް ވިސްނޭނެއެވެ. ޓޮނީގެ ހިތަށްއެރިއެވެ. އެކަކަށް ވެސް ވިސްނައެއް ނުގަނެވޭނެއެވެ. އަހަންނަށް ޖެހިފައި މި އޮތީ މުޅި ޙަޔާތް މި ކަހަލަ ހައިޖާނެއްގެ ތެރޭގައި ވޭތުކުރާށެވެ. މުޅި ޢުމުރަށެވެ.

ގްލޯބަލް ކޮމްޕިއުޓަރ ގްރެފިކްސްގައި މަސައްކަތްކުރަން ފެށިތާ ދެ ތިން މަހެއްގެ ތެރޭގައި ޓޮނީއަށް އިންޓަރނެޓް ވަރަށް ރަނގަޅަށް ދަސްވެއްޖެއެވެ. އެއީ ފިރިހެނުންނާ ބައްދަލުކުރަން ހުޅުވިފައި ހުރި ބޮޑު ދޮރެކެވެ.

އޭނާ އިނީ ޑިއުކް އޮފް އެޑިންބަރާގައި ރައްޓެއްސަކާ އެކީ ރޭގަނޑު ކާށެވެ. އެ ރައްޓެއްސަކީ ކެތީ ހީލީއެވެ. އެއީ ގްލޯބަލް ކޮމްޕިއުޓަރ ގްރެފިކްސް އާ ވާދަކުރާ ކުންފުންޏެއްގައި މަސައްކަތްކުރާ ކުއްޖެކެވެ. އެ ރެސްޓޯރަންޓަކީ އިހަށް ލަންޑަނުގައި ހުރި ތަނެކެވެ. މުޅިން ރޫޅާލައިގެން ކޮންޓެއިނަރުތަކަށް ލައިގެން ކެލިފޯނިއާއަށް ގެނައީއެވެ. ޓޮނީ ވަރަށް ގިނައިން އެ ތަނަށް ދެއެވެ.

އެއް ފައި ހުންނަން ވާނީ ބިން މަތީގައެވެ. މިއީ އަބަދު ވެސް އޭނާ ދައްކާ ވާހަކައެކެވެ. ތިމާގެ އުފެދުން ނުވަތަ ފެށުން ހަނދާން ނައްތައިލާކަށް ނުވާނެއެވެ.

ޓޮނީ އިސް އުފުލައި ކެތީއާ ދިމާއަށް ބަލައިލިއެވެ. "އަހަންނަށް ކަމެއް ކޮށްދޭން ވެއްޖެ-"

"އަވަހަށް ބުނޭ- ކޮން ކަމެއް-؟"

"އަހަރެން ބޭނުންވަނީ އިންޓަރނެޓް ބޭނުންކުރަން ދަސްކުރަން- ކަލޭ އަހަންނަށް ދަސްކޮށްދޭންވީ-"

"ޓޮނީ- އަހަންނަށް ކުޅެވެނީ އޮފީހުގެ ކޮމްޕިއުޓަރާ އެކަނި- ގެއަކު ކޮމްޕިއުޓަރެއް ނުހުރޭ- އިންޓަރނެޓަށް ވަނުމަކީ ކުންފުނީގެ ގަވާއިދުތަކާ ޚިލާ..."

"ކުންފުނީގެ ގަވާއިދުތަކުގެ ފިކުރު ކުރާނެ ކަމެއް ނެތް- އިންޓަރނެޓް ބޭނުންކުރަން ކަލެއަށް އެނގެއެއްނުން-؟"

"އާނ-"

އޭނާ ކެތީ ހީލީގެ އަތުގައި މަޑުމަޑުން ޖަހައިލިއެވެ. "ތިޔަ ވީ-"

އޭގެ އަނެއް ދުވަހުގެ ހަވީރު އޭނާ ކެތީގެ އޮފީހަށް ދިޔައެވެ. އިންޓަރނެޓްގެ ދުނިޔެއަށް އޭނާއަށް ވަދެވުނީ އެ ދުވަހުއެވެ. އެ ދުވަހު އޭނާ އިންޓަރނެޓުން އެތައް ބަޔަކާ ވާހަކަދެއްކިއެވެ. ސްކްރީނުގައި ލިޔެގެން ވާހަކަ ދެއްކުމުން އޭނާއަށް ވަރަށް އުފާވެރި އިޙްސާސްތަކެއް ކުރެވުނެވެ.

"މިއީ ކޮންމެހެން ވެސް ކުރަން ވެއްޖެ ކަމެއް- ފްލެޓަށް ކޮމްޕިއުޓަރެއް ހޯދަންވީ-" ޓޮނީ ބުންޏެވެ. "އަހަންނަށް އިންޓަރނެޓަށް ވަދެވޭ ގޮތަށް ކޮމްޕިއުޓަރު ތައްޔާރު ކޮށްދޭން ވާނެ-"

"މައްސަލައެއް ނެތް- އެއީ ވަރަށް ފަސޭހަކަމެއް- ފުރަތަމަ ކުރަންޖެހޭ ކަމަކީ..."

"ކިޔައިދޭނެ ކަމެއް ނެތް- ދައްކާ-"

ވިދިގެން އައި ރޭ ވެސް ޓޮނީ އިންޓަރނެޓަށް ވަނެވެ. އެ ރެއިން ފެށިގެން އޭނާގެ ދިރިއުޅުން މުޅިން ބަދަލުވީއެވެ. މިހާރު ފޫހިވެގެން އުޅޭކަށް ނުޖެހެއެވެ. އިންޓަރނެޓް ވެގެން ދިޔައީ އޭނާ ގޮވައިގެން ދުނިޔޭގެ އެތަން މިތަނަށް ދަތުރުކުރާ ޖާދޫގެ ދޫލައަކަށެވެ. އޮފީހުން ނިމިގެން ގެއަށް އައުމާ އެކު އިންޓަރނެޓްގެ ދަތުރު ފެށެއެވެ. ޗެޓް ރޫމްތަކަށް ވަދެ އެކި މީސްމީހުންނާ ވާހަކަދެއްކުމަކީ އޭނާގެ އާދައަކަށް ވެއްޖެއެވެ.

އެއީ ވަރަށް ފަސޭހަ ކަމެކެވެ. ޗެޓް ރޫމަކަށް ވަދެ ޓައިޕް ކޮށްލަނީއެވެ.

"ހަލޯ- މީހަކު އެބަ އުޅޭތަ-؟"

ކުޑަ އިރުކޮޅަކުން ސްކްރީނުގެ ތިރިއަށް އަރައެވެ.

"ބޮބް- އަހަރެން އެބަ އުޅެން- މިހިރީ އިންތިޒާރުގައި-"

ހޮލެންޑުން ވާހަކަދައްކަނީ ހެންސް އޭ ނަމަކަށް ކިޔާ މީހެކެވެ.

"ހެންސް- ކަލެއާ ބެހޭ މަޢުލޫމާތު ހޯދަން އަހަރެން ބޭނުން-"

"އަހަންނަކީ އެމްސްޓަރޑަމްގެ ކްލަބެއްގައި ޑީޖޭއެއްގެ ގޮތުގައި މަސައްކަތް ކުރާ މީހަކީން-"

ޓޮނީ ޖަވާބުގައި ލިޔެލިއެވެ. "ވަރަށް ރަނގަޅު- އަހަރެން ވަރަށް ނަށާ ހިތް ވޭ- މުޅި ރޭގަނޑު ހަތަރު ދަމު ހުއްޓާނުލައި ނަށާފާނަން- އަހަރެން އުޅެނީ ވަރަށް ފޫހި އަވަށެއްގައި- މިއީ ޑިސްކޯއެއް ފިޔަވައި އެހެން އެއްވެސް ކަމެއް އޮންނަ ތަނެއް ނޫން-"

"ވަރަށް ދެރަ-"

"އާނ- ވަރަށް ދެރަ-"

"އަހަރެން ކަލޭ އުފާވާ ގޮތް ހަދާފާނަން- ބައްދަލު ކުރެވޭނޭ ގޮތެއް އެބަ އޮތްތަ-؟"

"ޓާ ޓާ-" އޭނާ ޗެޓް ރޫމުން ނުކުމެއްޖެއެވެ.

ދެން ވާހަކަ ދެއްކީ ދެކުނު އެފްރިކާއިން ޕޯލްއާއެވެ.

"ޓޮނީ- ކަލޭ އާދޭތޯ އަހަރެން މި ހުންނަނީ ބަލަބަލައި- އިންތިޒާރުގައި-"

"އަހަރެން މި އައީ- މިހާރު ކެތްތެރިކަން ކުޑަވެފައި މި އިންނަނީ ކަލެއާ ބެހޭ އިތުރު މަޢުލޫމާތު ހޯދަން-"

"އަހަރެންގެ ޢުމުރަކީ ބައްތިރީސް- އަހަންނަކީ ޖޮހަނަސްބާރގގެ ހަސްފަތާލެއްގައި މަސައްކަތްކުރާ ޑަކްޓަރަކީން- އަހަރެން..."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.