ފުލުހުންނަކީ ތަފާތު ކުރުމެއްނެތި ރައްޔިތުންނަށް ޚިދުމަތް ދޭންޖެހޭ ބައެއްކަން ފުލުހުން ޤަބޫލުކުރަންޖެހޭ ކަމަށް ދިވެހި ފުލުހުން މަދަނީ ބަޔަކަށް ހެދުމަށް އެންމެ މުހިންމު މަސައްކަތެއް ކުރެއްވި ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރ އިބްރާހީމް ލަތީފު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް "ރާއްޖެ މިއަދު" ގައި ވާހަކަ ދައްކަވުން ލަތީފް ވިދާޅުވީ ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާ ގުޅިގެން ނޫނީ ދެވޭނެ ޚިދުމަތެއް ނޫންކަމަށެވެ. އެހެންކަމުން ފުލުހުންނަކީ ވަކި ސިޔާސީ ފިކުރަކަށް ތަފާތު ކުރުމެއްނެތި ރަށްޔިތުންނަށް ޚިދުމަތް ދޭންޖެހޭ ބައެއްކަމަށެވެ.
"ފުލުހުންނަކީ އެންމެންނަށް ޚިދުމަތް ދޭންޖެހޭ ބައެއްކަން ފުލުހުން އަބަދުވެސް ޤަބޫލުކުރަންޖެހޭ. ތެދުވެރިވާންވީ ޤައުމާއި ދީނާއި ރައްޔިތުންނަށް. ތެދުވެރިއިޚްލާޞްތެރި ޚިދުމަތެއް ބިރުގަތުމެއް ނެތި ދިނުމަށް. ޤާނޫނު ތަންފީޒުކޮށް އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ އެޓިޓިއުޑް، ކޮމިޝަނަރ ލެވެލް ފެށިގެން ކޮންސްޓަބަލާ ހިސާބަށް ވިއަސް އޮންނަން ޖެހޭ." ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ ވިދާޅުވިއެވެ.
ފުލުހުން މަދަނީ ބަޔަކަށް ވުމަށްފަހުވެސް ނިޒާމު ރޭވިފައި އޮތީ އެގޮތަށް ކަން ލަތީފު ފާހަގަ ކުރެއްވިއެވެ. ނަމަވެސް ވޭތުވެ ދިޔަތަނުގެ ހަލަބޮލި ކަމުގެ ތެރޭގައި އެކަން އެގޮތަށް ނުދާނަމަ އެކަމަށް އަނބުރާ ދިއުން ވަރަށް މުހިންމުކަން ފުލުހުންގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކުރީގެ ޑެޕިއުޓީ ކޮމިޝަނަރ ފާހަގަ ކުރެއްވިއެވެ.
ކަންކަން ބަދަލުވަމުންދާވާރާ އެއްވަރަށް ފުލުހުންގެ ޚިދުމަތްވެސް ތަރައްޤީ ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ލަތީފު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ފުލުހުންނަށް ބޭނުންވާ ތަމްރީނު ދިނުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.
ފުލުހުންނާއި ސިފައިންގެ ޚިދުމަތަކީ ފެނާ ތެލާހާ ތަފާތު ދެ ކަމަށް ވާއިރު ފުލުހުންނާއި ސިފައިން އެއްކޮށް އޮތް އިރު، ނުކުމެ ނުދާނެ ބޮޑެތި މައްސަލަތައްވެސް ނުކުންނަމުން ދިޔަކަން ވެސް ލަތީފު ފާހަގަ ކުރެއްވިއެވެ.
"ރާއްޖެ މިއަދު" ގައި ވާހަކަ ދައްކަވަމުން ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ ވަނީ ފުލުހުން މަދަނީ ބަޔަކަށް ވެގެން ދިޔަގޮތާއި އެކަމުގައި ކުރިމަތިވި ގޮންޖެހުންތައް ފާހަގަ ކުރައްވައިފައެވެ.
ފުލުހުން މަދަނީ ބަޔަކަށް ވެފައި ވަނީ ހަމަސް ދުވަހު ކުރެވުނު މަސައްކަތުން ކަމަށް، ފުލުހުން މަދަނީ ބަޔަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރެއްވި ކޮމެޓީގެ ޗެއަރމަންކަން ކުރެއްވި ކުރީ ޑެޕިއުޓީ ކޮމިޝަނަރ އިބްރާހީމް ލަތީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ފުލުހުން މަދަނީ ބަޔަކަށް ހެދުމަށް ނިންމަވައި ފުލުހުންގެ މުއައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ހިންގެވުމަށް ނިންމެވިކަން އޭރުގެ ރައީސް މައުމޫނު އިޢްލާން ކުރެއްވީ 2004 ވަނަ އަހަރުގެ ފެބުރުއަރީ މަހު ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް އިއްވެވި ރިޔާސީ ބަޔާނުގައެވެ. ފުލުހުން މަދަނީ ބަޔަކަށް ބަދަލުކުރުމަށް މަސައްކަތްތައް ކުރަމުން އައި ދުވަސްވަރަކީ ވާދަވެރި ސިޔާސީ ޙަރަކާތްތައްވެސް ރާއްޖޭގައި ފެށިގެން ދިޔަ ދުވަސް ވަރުކަމުން ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވިކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް ފުލުހުންގެ ތެރޭގައި އޭރުވެސް ފުލުހުންގެ ޚިދުމަތުގެ ދާއިރާއިން ތަޢުލީމާއި ތަމްރީނު ލިބިފައި ތިބި ފުލުހުން ތިބުމާއި އެމީހުން އެފަދަ ބަދަލަކަށް ބޭނުން ވެފައި ތިބުމަކީވެސް އެހާ ކުރު މުއްދަތެއްގައި ފުލުހުންނަށް މަދަނީ ބަޔަކަށް ވެވުނު ސަބަބެއްކަމަށް ފާހަގަ ކުރެއްވިއެވެ. ފުލުހުން މަދަނީ ބަޔަކަށް ހެދުމަށް މަސަކަތް ކުރައްވައިފައި ވަނީ ދިރާސާތައްކޮށް ވަރަށް ގިނަ މަޢުލޫމާތު ހޯއްދަވައިގެން ކަމަށްވެސް ލަތީފް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާ ކާރުންގެ ލަފާވެސް ފުޅާ ދާއިރާއެއްގައި ހޯއްދެވި ކަމަށް ވިދާޅުވިއެވެ. އޭރު ސަރުކާރުން ގެންގުޅުއްވި ހަރުދަނާ ސިޔާސަތާއި އަދި އޭރުގެ ކޮމިޝަނަރ އެކަން ކާމިޔާބު ކުރެއްވުމަށް ކުރެއްވި މަސައްކަތްވެސް އޭނާ ފާހަގަ ކުރެއްވިއެވެ. މިހާރު ވެސްޓަން އޮސްޓްރޭލިއާގެ ފުލުހުންގެ އިސްއޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އިބްރާހީމް ލަތީފް ވަނީ ދިވެހި ފުލުހުންގެ އިތުބާރު ދެމެހެއްޓުމަށް މީޑިއާތަކާ ގުޅިގެންވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.