އެޗްޕީއޭ އުޞޫލުތަކަށް ތަބާނުވެ ޚިޔާލުފާޅު ކުރުމުން ހޯމްމިނިސްޓަރގެ ކަންބޮޑުވުން

ކޯވިޑުން ރައްކާތެރި ވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕޭއޭ) ކަނޑައަޅައިފައިވާ އުޞޫލުތަކަށް ތަބާނުވެ އިދިކޮޅު ފަރާތްތަކުން ޚިޔާލުފާޅު ކުރުމުން ހޯމްމިނިސްޓަރ ޢިމްރާން ޢަބްދުﷲ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ހޯމް މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ނަގާލުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ދެމެދުގައި ވަރަށް ބޮޑު ފަރަގެއް ވާކަމަށެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ހުރިހާ ފަރާތްތަކުން ތަބާވުމަށް ހޯމް މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވަނީ ގޮވާލައްވައިފައެވެ.

ހޯމް މިނިސްޓަރ މި މޭރުމުން ޓްވީޓެއް ކުރައްވައިފައި މިވަނީ މިއަދު ހަވީރު އިދިކޮޅު ފަރާތްތަކުން މާލޭގައި ސައިކަލް ބުރެއް ބާއްވާފައިވަނިކޮށެވެ. މި ސައިކަލް ބުރުގައި ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ. ނަމަވެސް އެ ސައިކަލް ބުރުގައި ގައިދުރުކަން ބަހައްޓާފައިނުވުމާއި ބައެއްމީހުން މާސްއަޅައިފައި ނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފުލުހުން ވެސް ވިދާޅުވެފައި ވަނީ މިއަދު އިދިކޮޅު ފަރާތްތަކުން ބޭއްވި ޙަރަކާތުގައި އެޗްޕީއޭގެ އުޞޫލުތަކާ ޚިލާފު ވެފައިވާކަން ފާހަގަ ކުރެވިފައިވާތީ ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅު އަޅަމުން ގެންދަވާނެކަމަށެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.