ފާއިތުވި ފެބުރުވަރީ މަހު އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި މުސްލިމުންނާ ދެކޮޅަށް ހަރުކަށި އަމަލުހިންގި ހަމަނުޖެހުންތަކުގައި އިންޑިޔާ ފުލުހުން ހަމަނުޖެހުން ހިންގި މީހުންގެ ކޮޅަށް ޖެހިފައިވާ ކަމަށާއި، އެ ހަމަނުޖެހުންތަކުގައި އަމަލީގޮތުން ބައިވެރިވެފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިންޑިޔާއިން ބުނެފިއެވެ.
އެ ހަމަނުޖެހުންތަކުގައި 53 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ. އަދި މުސްލިމުންގެ ވިޔަފާރިތަކާއި، މިސްކިތްތަކާއި، ގެތަކާއި، ކާރުތަކުގައި ރޯކޮށް ބެޑެތި ގެއްލުން ދީފައި ވެއެވެ.
އެމެނެސްޓީ އިންޠޓަނޭޝަނަލް އިންޑިޔާއިން ނެރުނު ބަޔާނެއްގައި ބުފައިވާ ގޮތުގައި ދިއްލީގެ ފުލުހުން ވަނީ ހަމަނުޖެހުން ހިންގި މީހުންނާއެކު ބައިވެރިވެ ހަރުކަށި އަމަލު ހިންގުމާއި، ހައްޔަރުކުރި މީހުންނަށް އަނިޔާކުރުމާއި، މުޒާހަރާކުރި މީހުންނާ ދެކޮޅަށް އެކަށީގެންނުވާ ވަރުގެ ބާރު ބޭނުންކުރުމާއި، އަދި ސުލްހަވެރި މުޒާހަރާތައް އެއްވެސް ސަބަބެއް ނެތި ރޫޅާލުމާއި، އަދި ހަރުކަށި އަމަލު ހިންގި މީހުން އެކަންކުރި އިރު ނުހުއްޓުވައި ބަލަން ތިބުން ފަދަ ކަންކަން މުސްލިމުންނާ ދެކޮޅަށް ކޮށްފައެވެ.
"ދިއްލީގައި ފެބުރުވަރީ 2020 ގައި ހިނގި ހަމަނުޖެހުމުގައި ދިއްލީ ފުލުހުންގެ ބައިވެރިވުން އޮތް. އަދި ފުލުހުން އަމަލީ ގޮތުން ބައިވެރިވެފައިވޭ. އެހެންނަމަވެސް، ދިއްލީ ފުލުހުން ހިންގާފައިވާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކުގެ ތެރެއިން އެންމެ މައްސަލައެއްވެސް ތަހުގީގުކޮށްފައި ނުވޭ." އިނގިރޭސިވިލާތުގައި މައި އޮފީސް ހުންނަ އެމްނެސްޓީ އިންޓަނޭޝަނަލްގެ އިންޑިޔާ ގޮފީގެ ބަޔާނުގައި ވެއެވެ.
އެ ޖަމާއަތުން ވަނީ ދިއްލީގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި ދިއްލީގެ ފުލުހުން ހިންގާފައިވާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކުގެ ވަކިފަރާތަކަށް ނުޖެހޭ ތަހުގީގެއް ހިންގުމަށް އިންޑިޔާ ސަރުކާރަށް ގޮވައިލާފައެވެ.
"ދިއްލީގެ ފުލުހުން ޖަވާބުދާރީ ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒް (އެމްއެޗްއޭ) އަށް. އެހެންނަމަވެސް ދިއްލީގެ ފުލުހުން ޖަވާބުދާރީ ކުރުވަން އަދާއި ހަމައަށްވެސް އެމްއެޗްއޭ އިން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމީ ހައިރާންވާ ވަރުގެ ކަމެއް." އެމްނެސްޓީ އިންޓަނޭޝަނަލް އިންޑިޔާގެ އެގްޒެކެޓިވް ޑިރެކްޓަރ އަވިނާޝް ކުމާރު ނުރެއްވި ބަޔާނުގައި ވެއެވެ.
އިންޑިޔާގެ 1.3 ބިލިއަން މީހުންގެ %80 އަކީ ހިންދޫންނެވެ. މުސްލިމުންގެ ނިސްބަތަކީ %14 އެވެ. އެހެންކަމުން އިންޑިޔާ ހިމެނެނީ މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދީ ވަޠަނީ ޕާޓީ، ބާރަތީ ޖަނަތާ ޕާޓީ (ބީޖޭޕީ) ވެރިކަމަށް އައި ފަހުން އިންޑިޔާގެ 172 މިލިއަން މުސްލިމުންނާމެދު އިންޑިޔާ ސަރުކާރުން ގެންގުޅޭ ސިޔާސަތާމެދު ސުވާލުއުފެދެއެވެ. މޯދީގެ ބޮޑުވަޒީރު ކަމުގެ އަހަރުތަކުއި އިންޑިޔާގެ އާބާދީގެ ބައިމަދު މީހުންނާ ދެކޮޅަށް، ޚާއްސަކޮށް މުސްލިމުންނާ ދެކޮޅަށް، ހިންގޭ ހަރުކަށި އަމަލުތައް ވަނީ އިތުރުވެގެން ގޮސްފައެވެ.
ފާއިތުވި ޖުލައި މަހު ދިއްލީ މައިނޯރިޓީސް ކޮމިޝަން (ޑީއެމްސީ) އިން ނެރުނު ރިޕޯޓެއްގައި ވެސް ނިއުދިއްލީގެ މުސްލިމުން ހިމާޔަތް ކުރުމުގައި ދިއްލީގެ ފުލުހުން ފޭލްވެފައިވާ ކަމަށް ބުނެފައެވެ.