ދިއްލީގެ ފުލުހުން ވަނީ މުސްލިމުން ހިމާޔަތްކުރުމުގައި ފޭލްވެފައި: ކޮމިޝަން

ނިއުދިއްލީގައި ހިނގި ހަމަނުޖެހުމުގައި ކާރެއްގައި ރޯކޮށް އަންދާލާފައި

މިއަހަރުގެ ކުރީކޮޅު އިންޑިޔާގެ ވެރިރަށް ހިނގި ހަމަނުޖެހުންތަކުގައި ބައިމަދު މުސްލިމުން ހިމާޔަތްކުރުމުގައި ދިއްލީގެ ފުލުހުން ފޭލްވެފައިވާ ކަމުގައި ސަރުކާރުން އެކުލަވާލާފައިވާ ކޮމިޝަނަކުން ބުނެފިއެވެ.

ފެބުރުވަރީ މަހުގެ ތެރޭގައި ހަަމަނުޖެހުންތައް ފެށުނީ އިންޑިޔާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހެއްގައި، އަވަށްޓެރި ގައުމުތަކުން އިންޑިޔާއަށް ހިޖުރަކޮށްފައިވާ ތަފާތު ގައުމު ދީންތަކުގެ މީހުންނަށް އިންޑިޔާގެ ރައްޔިތުންނަށް ވުމުގެ ފުރުސަތު ދިންއިރު، މުސްލިމުން ބާކީކޮށްފައިވާތީ އެކަމާ ދެކޮޅުހެދުމުގެ ގޮތުންނެވެ.

ޑެލްހީ މައިނޯރިޓީސް ކޮމިޝަން (ޑީއެމްސީ) އިން ބުނެފައިވާ ގޮތުގައި އެ ހަމަނުޖެހުމުގެ ތެރޭގައި މުސްލިމުންގެ ގެތަކާއި، ފިހާރަތަކާއި، އުޅަނދުތައް ވަކިން ފާހަގަކޮށް އެތަންތަނަށާއި، ތަކެއްޗަށް ހަމަލާދީފައިވާ ކަމުގައެވެ.

ޑީއެމްސީގެ ކޮމިޓީއަކުން ތަހުގީގުކޮށް ބުރާސްފަތި ދުވަހު އާއްމުކުރި ރިިޕޯޓުގައިވާ ގޮތުން ހަމަނުޖެހުންތަކުގައި 53 މީހުން މަރުވެ 200 އަށްވުރެ ގިނަ މީހުން މަރުވި އިރު، އެ މީހުންގެ ތެރޭގައި ގިނައީ މުސްލިމުންނެވެ. އަދި 11 މިސްކިތާއި، 5 މަދުރުސާގެ އިތުރަށް މުސްލިމުންގެ ގަބުރުސްތާނާއި، ޒިޔާރަތްތަކަށް ހަމަލާދީ ހަލާކުކޮށްލާފައި ވެއެވެ.

"ފާހަަގަކުރެވޭ ގޮތުގައި، ސަރުކާރުގެ އިދާރާތަކާއި ފުލުހުންގެ އެހީގައި މުޒާހަރާތައް ގަދަަ ބާރުން ރޫޅާލުމަށް، ރަށްވެހިކަމުގެ ގާނޫނަށް ތާއީދުކުރާ މީހުން ބަދަލު ހިފުމުގެ މުޒާހަރާތަކަށް ނުކުތީ ރޭވުމެއްގެ ތެރެއިންނެވެ. ބޭނުމަކީ ފުޅާދާއިރާއެއްގައި ހަރުކަށި އަމަލުތައް ފެށުމަށް މަގުފަހިކުރުމެވެ." ޑީއެމްސީގެ ރިޕޯޓުގައި ވެއެވެ.

ރިޕޯޓަށް ރައްދުދެއްވަމުން ދިއްލީ ފުލުހުންގެ ތަރުޖަމާނު އަނިލް މިއްޓަލް ވިދާޅުވީ ރިޕޯޓު ވަނީ އެއްފަރާތަކަށް ޖެހިފައި ކަމަށާއި، ފުލުހުން ހަރަކާތްތެރިވެފައި ވަނީ ވަކިފަރާތަކަށް ނުޖެހި ކަމަށެވެ.

ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޕާޓީ ބާރަތިޔާ ޖަަނަތާ ޕާޓީ (ބީޖޭޕީ) ހިންދޫންނަށް އިސްކަންދޭ އިންޑިޔާއެެއް ގާއިމުކުރަން އުޅޭއިރު، ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހަކީ މިކަމަށް މަގުފަހިކުރުމަށް ކުރެވުނު ކަމެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

އިންޑިޔާގެ 1.3 ބިލިއަން ރައްޔިތުންގެ ތެރެއިން %80 އަކީ ހިންދޫންނެވެ. މުސްލިމުންގެ ނިސްބަތަކީ %14 އެވެ. މުސްލިމުންގެ ބައިމަދުކަމުގައި ވިޔަސް އިންޑިޔާއަކީ ދުނިޔޭގެ މުސްލިމުންގެ އާބާދީ އެންމެ ބޮޑު އެއް ގައުމެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.