ފާއިތުވި އަަހަރު ނިއުޒީލޭންޑުގެ ކްރައިސްޓްޗާޗުގެ ދެ މިސްކިތަކަށް ހަމަލާދީ ހުކުރުނަމާދުކުރަން ތިބި 51 މީހުން މަރާލި ރަހުމްކުޑަ ޓެރަރިސްޓް ބެރެންޓަން ޓެރަންޓް ޕެރޯލްގެ ފުރުސަތު ނެތްގޮތަށް އުމުރަށް ޖަލަށްލާން ނައުޒީލޭންޑުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
ކްރައިސްޓްޗާޗުގެ ހައިކޯޓުގެ ފަނޑިޔާރު ކެމަރަން މޭންޑާ ކުރެއްވި މިހުކުމަކީ ނިއުޒީލޭންޑުގެ ތާރީޚުގައި ކުރި މިފަދަ ފުރަތަމަ ހުކުމެވެ. ނިއުޒީލޭންޑުގައި އުމުރަށް ޖަލަށްލުން ކަމުގައި ކުރިން ބަލާފައި ވަނީ 17 އަހަރަށް ނުވަތަ 25 އަހަރަށް ޖަލަށްލުމަށެވެ. މިފަހަރު ހުކުމްކަޮށްފައި މިވަނީ އޭނާގެ ފަހުނޭވާއާއި ހަމައަށް ޖަލުގައި ބެހެއްޓުމަށެވެ. ޕެރޯލްގެ ފުރުސަތު ނެތް ގޮތަށެވެ.
އޮސްޓްރޭލިޔާގެ ރައްޔިތެއް ކަމުގައިވާ އުމުރުން 29 އަަހަރުގެ ޓެރަންޓް ވަނީ އޭނާގެ މައްޗަށް ކުރެވުނު މީހުން މެރުމުގެ 51 ދައުވާއާއި މީހުންމަރަންއުޅުމުގެ 40 ދައުވާއާއި، ޓެރަރިޒްގެ އަމަލެއް ހިންގުމު އެއް ދައުވާގައިވާ ކުށްތައް ކޮށްފައިވާކަމަށް އިއުތިރާފުވެފައެވެ.
ހުކުމް އިއްވުމުގެ މަޖިލިސް 4 ދުވަހަށް ދެމިގެން ދިޔައިރު، އޭނާގެ އަނިޔާވެރި އަމަލުގެ ޝިކާރައަކަށްވި 60 މީހުންގެ ވާހަކަ އަޑުއަހާފައިވެއެވެ. އަދި ފަހު ދުވަހު ޤުރްއާނުގެ އާޔަތްތައް ކިޔަވައި، މަރުވި މީހުން ފޮޓޯތައް ދައްކާފައި ވެއެވެ.
ހުކުމް އިއްވުމުގެ ކުރިން ވާހަކަދައްކަން ފުރުސަތުދިނުމުން މުޖުރިމް ބެރެންޓަން ޓެރަންޓް ވަނީ އެެއްޗެއް ބުނުމަށް ދެކޮޅުހަދާފައެވެ.
ނިއުޒީލޭންޑުގެ ބޮޑުވަޒީރު ޖެސިންޑާ އާޑާން ވަނީ ޓެރަންޓްގެ އަނިޔާވެރިކަން ބޮޑު އަދި ހުތުރުކަން ބޮޑު އަމަލަށް އޭނާއަށް އިއްވި ހުކުމަށް މަރުހަބާ ވިދާޅުވެފައެވެ. މިހުކުމާއެކު މިހާރު އުފެދޭ ސުވާލަކީ އޭނާ ދުވަހަކުވެސް އޮސްޓްރޭލިޔާއަށް ގެންދިއުމުގެ ފުރުސަތު ލިބޭނެބާވައެވެ.
ފާއިތުވި އަހަރުގެ މާރިޗު މަހުގެ 15 ވީ ހުކުރު ދުވަހު މީހުން ހުކުރުނަމާދަށް ތިއްބާ ޓެރަންޓް ވަނީ ކްރިސްޓްޗާޗުގެ އައްނޫރު މިސްކިތަށް ވަދެ 44 މީހުން މަރާލުމަށްފަހު ލިންވުޑް މިސްކިތަށް ވަދެ 7 މީހުން މަރާލާފައެެވެ. އޭނާ ރާވާފައި އޮތީ އެ ދެ މިސްކިތުުގައި ރޯކޮށްލުމަށް ފަހު، ތިންވަނަ މިސްކިތަކަށް ވެސް ހަމަލާދޭށެެވެ. ނަމަވެސް މި ދެކަން އޭނާއަށް ކުރެވޭ ގޮތެއް ނުވިއެވެ. ތިންވަނަ މިސްކިތަަށް ހަމަލާދިނުމުގެ ކުރިން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.