ފާއިތު މާރިޗު މަހުގެ ތެރޭގައި ނިއުޒީލޭންޑުގެ ދެ މިސްކިތެއްގައި 51 މީހުން ޝަހީދުކޮށްލުމުގެ ޖަރީމާ ހިންގި މުޖުރިމު ޖަލުގައި ހުރެގެން ލިޔުނު ސިޓީއެއް އާއްމުކޮށްފިއެވެ.
އޭނާ އަތުން ލިޔެ އޭނާގެ ސިޔާސީ އަދި އިޖުތިމާއީ ވިސްނުން ބަޔާންކޮށް ލިޔުނު ސިޓީ އާއްމުވުމާ ގުޅިގެން ބޮޑުވަޒީރު ޖަސިންޑާ އާޑާން ވިދާޅުވެފައި ވަނީ އެއީ އޭނާއަށް ދެވިގެން ވާނޭ ފުރުސަތެއް ނޫންކަމުގައެވެ.
ޖަލު ބަންދުގައި ތިނޭ މީހުން ސިޓީ ފޮނުވުމާ ބެހޭ ގޮތުން ނިއުޒީލޭންޑުގައި އޮންނަ ލުއި ގަވާއިދުގެ ބޭނުން ހިފައިގެން ބްރެންޓަން ޓެރެންޓް ވަނީ އޭނާގެ ނަފުރަތުން ފުރިގެންވާ ޚިޔާލުތައް ބަޔާންކޮށް އޭނާ ފޮނުވި 6 ސަފުހާގެ ސިޓީ ވަނީ އިމޭޖްބޯޑް ސައިޓެއްގައި އާއްމުކޮށްފައެވެ.
"އަހަރެންގެ އަމިއްލަ ނަފުސާ މެދު އަހަރެން ނުވިސްނަން. އަހަރެން ކަންބޮޑުވަނީ ޔޫރަޕްގެ މުސްތަގުބަލާ މެދު. އަހަރެން ހުރިހާ ވެސް އުއްމީދަކީ މުސްތަގުބަލުގައި އާބާދީ ބެހިގެންދާ ގޮތަށް އަންނަ ބޮޑު ބަދަލުގެ ތެރެއިން އަހަރުމެންގެ މީހުން ސަލާމަތުން ނުކުތުން." އޯކްލޭންޑް ޖަލުން ރަޝިޔާގެ އެޑްރެހަކަށް ފޮނުވުމަށް ފަހު ޗޭން4 ކިޔާ ސައިޓެއްގައި އާއްމުކުރި ސިޓީގައި ޓެރެންޓް ލިޔެފައި ވެއެވެ.
ނިއުޒީލޭންޑުގެ ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ ތަރުޖަމާނު ބުނި ގޮތުގައި ޖަލުގައި ހުންނަ ކޮންމެ މީހަކަށްވެސް ސިޓީ ފޮނުވުމާއި ސިޓީ ލިބިގަތުމުގެ ހައްގު އޮވެއެވެ. އަދި ޖަލުގެ ޑިރެކްޓަރަށް "ވަރަށް މަހުދޫދު ހާލަތެއްގައި" ސިޓީ ހިފެހެއްޓުމުގެ ބާރު އޮވެއެވެ. އޭނާ އިތުރަށް ބުނީ އެއީ ހުއްޓުވަން ޖެހޭ ސިޓީއެއް ކަމުގައެވެ. އަދި ޖަލުގައި ތިބޭ މީހުން ސިޓީ ލިބިގަތުމާއި، ސިޓީ ފޮނުވުމާ ބެހޭ އުސޫލުތަކަށް ބަދަލުގެންނާނޭ ކަމުގައި އޭނާ ވިދާޅުވިއެވެ.
"އަހަރެންނަށް ހީވަނީ މި މީހާއަށް އޭނާގެ ނަފުރަތުގެ މެސެޖް އެހެންމީހުންނާ ހިއްސާކުރެވިގެން ނުވާނެކަމަށް ނިއުޒީލޭންޑުގެ ކޮންމެ ރައްޔިތަކުވެސް އުއްމީދުކުރާނެހެން." ސިޓީ އާއްމުވި މައްސަލައާމެދު ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު އާޑާން ވިދާޅުވިއެވެ.
ރަޝިޔާގައި ހުރި އެލެން ނަމަކަށް ކިޔާ މީހަކަށް އެޑްރެސްކޮށްފައި އޮތް ސިޓީގައި ބްރެންޓަން ޓެރެންޓް "ބޮޑު ތަޅާފޮޅުމެއް އުދަރެހުން ފެންނަ" ވާހަކައާއި، މުސްތަގުބަލުގައި "ގިނަ އަދަދަކަށް ރޭ އޮހޮރުވާނެ" ކަން ވެސް ބަޔާންކޮށްފައި ވެއެވެ.
ޓެރެންޓް ސިޓީ ނިންމާލަމުން ލިޔެފައިވާ ފަހު ދެ ފޮޅުވަތުގައި އޭނާ ވަނީ ހަތިޔާރު އުފުލުމަށް ގޮވާލާފައި ކަމަށްވެސް ނިއުޒީލޭންޑުގައި އެސިޓީގެ ބައެއް ތަންތަން އާއްމުކުރި ވެބްސައިޓަކުން ބުނެފައި ވެއެވެ. އެހެންނަމަވެސް، އެ ވެބްސައިޓުގައި ވަނީ އެ ދެ ފޮޅުވަތް އާއްމުކޮށްފައި ނުވެއެވެ.