ފާއިތުވި އަހަރުގެ މާރިޗު މަހު 15 ވަނަ ދުވަހު ނިއުޒީލޭންޑުގެ ކްރައިސްޓްޗާޗުގެ ދެ މިސްކިތަކަށް ވަދެ ހުކުރު ނަމާދަށް ތިބި މީހުންގެ ގަޔަށް ބަޑިޖަަހައި 51 މީހުން ޝަހީދުކޮށްލި ޖަރީމާ ހިންގި ބްރެންޓަން ޓެރަންޓް ކުށަށް އިއުތިރާފުވެއްޖެއެވެ.
އޭނާގެ ޝަރީއަތް ފެށުނީއްސުރެ މިހާތަނަށް އޭނާ އައީ ދައުވާއަށް އިންކާރުކުރަމުންނެވެ. އެހެންނަމަވެސް، ހައިރާންކުރުވަނިވި ގޮތަކަށް އޭނާ ވަނީ މިއަދު އޭނާގެ މައްޗަށް ކުރެވުނު ހުރިހާ ދައުވާއަކަށް އެއްބަސްވެ ކުށަށް އިއުތިރާފުވެފައެވެ.
ވީޑިއޯ ލިންކެއް މެދުވެރިކޮށް ކްރައިސްޓް ޗާޗު ކޯޓުގެ ޚާއްސަ މަޖިލީހެއްގައި މިއަދު ހެނދުނު ވާހަކަދައްކަމުން އޮސްޓްރޭލިޔާގެ ރައްޔިތެއް ކަމަށްވާ ޓެރަންޓް ވަނީ އޭނާގެ މައްޗަށް ކުރެވުނު ގަސްތުގައި މީހަކު މަރާލުމުގެ 51 ދައުވާއާއި، މީހަކު މަރާލަން މަސައްކަތްކުރުުުމުގެ 40 ދައުވާއާއި، ޓެރަރިސްޓު އަމަލެއް ހިންގި ކަމުގެ ދައުވާއަށް އިއުތިރާފުވެފައެވެ.
އޭނާ ކުރިން ދައުވާއަށް އިންކާރުކުރަމުން އައިސްފައިވާތީ އޭނާގެ ޝަރީއަތް އަންނަ ޖޫން މަހު ފަށާގޮތަށް އޮތީ ހަަމަޖެހިފައެވެ.
"އޭނާގެ މައްޗަށް މި ހުރިހާ ކުށެއްގެ ދައުވާ ވަނީ އުފުލިފަ." ކްރައިސްޓްޗާޗް ކޯޓުގެ ފަނޑިޔާރު ކެމަރޮން މޭންޑާ ވިދާޅުވިއެވެ. "މިކުށްތަކަަށް އިއުތިރާފުވުމަކީ މި ޖިނާއީ މައްސަލަ ނިންމުމަށް އެޅުން ވަރަށް ފާހަަގަކޮށްލެވޭ ފިޔަވަޅެއް."
ނިއުޒީލޭންޑުގެ ބޮޑުވަޒީރު ޖަސިންޑާ އާޑަން ވަނީ މުޖްރިމު ޓެރަންޓުގެ އިއުތިރާފާގުޅިގެން ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.
"މާރިޗު 15 ހިނގައިދިޔަ ކަންތަކުގެ ސަބަބުން ދިރިއުޅުން ވިއްސިވިހާލިވި އެތައް ބަޔަކަަށް މި އިއުތިރާފުގެ ސަބަބުން ހިތްހަމަޖެހުން ލިބިގެންދާނެ." އާޑަން ވިދާޅުވިއެވެ.
ޓެރަންޓު ކުށަށް އިއުތިރާފުވުމާއެކު ދެން އޮންނާނީ އޭނާގެ މައްޗަށް އުފުލިފައިވާ 92 ދައުވާގެ ހުކުމް އިއްވުމެވެ. އެހެންނަމަވެސް، ހުކުމް އިއްވާނެ ތާރީޚެއް އަދި ކޯޓުން ހާމަނުކުރެއެވެ.
ކްރައިސްޓްޗާޗުގެ އައްނޫރު މިސްކިތާއި ލިންވުޑް މިސްކިތަށް ދިން ހަމަލާއަކީ ނިއުޒީލޭންޑުގެ ތާރީޚުގައި ހިންގުނު އެންމެ ބޮޑު ގަތުލުއާއްމެވެ.