ހެލްތުގެ ބިޑް ކޮމެޓީގެ ޗެއަރ އާއި ފައިނޭންޝަލް އެގްޒެކެޓިވް ކޮމެޓީއަށް ޙާޒިރެއް ނުވި

ހެލްތު މިނިސްޓްރީގެ ބިޑް ކޮމެޓީގެ ޗެއަރ ނިޝާމާ މުޙައްމަދާއި އާއި ފައިނޭންޝަލް އެގްޒެކެޓިވް އަޙްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ޙާޒިރެއް ނުވިއެވެ. މި ދެބޭފުޅުން ކޮމެޓީއަށް ޙާޒުރު ނުވުމުން ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯރޓާ ގުޅޭގޮތުން މަޢޫލޫމާތު ސާފުކުރުން މާދަމާ ބާއްވާ ބައްދަލުވުމަށް ވަނީ ފަސް ކޮށްފައެވެ.  

ހެލްތްގެ ބިޑް ކޮމެޓީގެ ޗެއަރ އާއި ފައިނޭންޝަލް އެގެޒެކެޓިވް މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމަށް ވަޑައިގެންނެވުމަށް އުޒުރުވެރިވެވަޑައިގެންނެވީ، އެބޭފުޅުންގެ ޤާނޫނީ ވަކީލުންގެ ލަފާގެ މަތިން، މައްސަލަ ތަޙްޤީޤުކުރަމުންދާތީ ކަމަށް ފޯނުން މަޢުލޫމާތު ދެއްވައިފައިވާކަމަށް ކޮމެޓީގެ މުޤައްރިރު ކިނބިދޫ ދާއިރާގެ މެންބަރ މުޙައްމަދު ނާޝިޒު ވިދާޅުވިއެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރ ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ އޮޑިޓް ރިޕޯރޓްގައިވާ ގޮތުން ބައްދަލުވުމަށް އެންމެ މުހިންމު ދެ ބޭފުޅުންނަކީ ފައިނޭންޝަލް އެގެޒެކެޓިވް އާއި ބިޑް ކޮމެޓީގެ ޗެއަރ ކަމަށެވެ. އެބެފުޅުން ހިމެނޭ ގޮތަށް ނޫނީ ބައްދަލުވުން ކުރިއަށް ގެންދިއުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. ޤާނޫނުގައި ވާ ގޮތުގައި އަމުރެއް ނެރެ ކޮމެޓީއަށް އެ ބޭފުޅުން ހާޒިރު ކުރަންޖެހޭ ކަމަށެވެ. އަދި މާދަމާ 2 ޖަހާއިރު އެބައްދަލުވުން ބޭއްވުމަށް ހުށަހެޅުއްވިއެވެ. ކޮމެޓީގެ ގިނަ މެމްބަރުން ވަނީ މި ހުށަހެޅުމަށް ތާއީދު ކުރައްވައިފައެވެ. މިދެބޭފުޅުން ބައިވެރި ނުކޮށް ބައްދަލުވުން ކުރިއަށް ގެންދަވާނަމަ އެ ކޮމެޓީގައި ދެކެވޭ ވާހަކަ ތަކާ ގުޅިގެން އެ ދެބޭފުޅުންނަށް ފައިދާއެއް ނެގޭ ގޮތަކަށް ކަންތައް ވެދާނެކަމުގެ ކަންބޮޑުވުން ބައެއް މެމްބަރުން ފާޅުކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމަށް ހެލް މިނިސްޓަރ ޢަބްދުﷲ އަމީން ހިމެނޭ ގޮތަށް 9 ބޭފުޅަކު ވަޑައިގެންނެވިއެވެ. މަރަދޫ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފް ވިދާޅުވީ އެދެ ބޭފުޅުން ބައިވެރި ވަޑައި ނުގެންނެވި ނަމަވެސް ހެލްތް މިނިސްޓަރަކީ މިނިސްޓްރީގެ އެންމެ އިސްކޮށް ހުންނެވި ބޭފުޅާކަމުން ހެލްތް މިނިސްޓަރާ އެކަމާ ގުޅޭ ގޮތުން ސުވާލުކޮށް މަޢޫލޫމާތު ސާފުކުރެވިދާނެކަމަށެވެ. ނަމަވެސް ގިނަމެމްބަރުން އެއްބަސް ވީ ހުރިހާ ބޭފުޅުން އެއްކޮށް ބައިވެރިވަޑައި ގަންނަވާ ބައްދަލުވުމެއްގައި މަޢުލޫމާތު ސާފުކުރުމަށެވެ.

ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯރޓުގައިވާ ގޮތުން ކޮވިޑާ ގުޅިގެން މާލިއްޔަތު ޤާނޫނާއި ޤަވާއިދާ އުޞޫލުތަކުގެ ބޭރުން ވެންޓިލޭޓަރު ތައް ގަތުމާއި އެހެނިހެން ޚަރަދުތައް ކުރުމުގައި ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީއާއި ފައިނޭންޝަލް އެގެޒެކެޓިވްގެ އިހުމާލު ވަރަށް ބޮޑެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.