ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 17 މީހަކު ރަގަަޅުވެއްޖެކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. ކޮވިޑް-19 އިން ރަގަޅުވި މީހުންނާއި ބެހޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން ޑރ އަފްޒަލް ވިދާޅުވީ މީގެތެރެއިން 15 މީހަކު އިއްޔެ ރަގަޅުވެފައިވާއިރު ބާކީތިބި 2 މީހުން ރަގަޅުވީ މިއަދު ކަމަށެވެ. އިއްޔެ ރަގަޅުވި 15 މީހުންގެ ތެރޭގައި ހިމެނެނީ 11 ފިރިހެނުންނާއި 4 އަންހެނުންނެވެ. މީގެތެރޭގައި ހިމެނެނީ 7 ދިވެހިންނާއި ބަންގްލަދޭޝްގެ 8 މީހުންނެވެ. މިއަދު ރަގަޅުވި މީހުންނަކީި ބަންގްލަދޭޝްގެ 2 ފިރިހެނުންނެވެ. މިއާއެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 74 އަށް އިތުރުވެފައެވެ.
މި ބައްޔަށް ފަރުވާހޯދަމުންދާ މީހުންނާއި ބެހޭގޮތުން އިތުރު ތަފްސީލް ދެއްވަމުން ޑރ އަފްޒަލް ވިދާޅުވީ ޑީއެޗް 11 ގައި 2 މީހަކަށް ފަރުވާ ދެމުންދާކަމަށެވެ. އެއީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ މީހަކާއި ސްޓޭބަލް ކޮންޑިޝަންގައިވާ އަންހެނެކެވެ. ޓްރީޓޮޕް ހޮސްޕިޓަލުގައި 11 މީހަކަށް ފަރުވާދެމުންދާއިރު އޭގެތެރެއިން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނީ އެކަކަށެެވެ.
ރާއްޖެއިން މިއަދު 16 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެެވެ. މީގެތެރޭގައި ހިމެނެނީ 9 ދިވެއްސަކާއި ބަންގްލަދޭޝްގެ 5 މީހަކާއި އިންޑިއާގެ ރައްޔިތަކާއި ސްރީލަންކާގެ ރައްޔިތެކެވެ. މީގެތެރޭގައި ގިނައީ 18 އަހަރާއި 40 އަހަރާއި ދެމެދުގެ އުމުރުފުރައިގެ މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 1094 ކަށް އަރާފައެެވެ.