ކޮވިޑް-19 ގައި ރާއްޖެ މިހާރު އޮތް ހާލަތާ މެދު ސިއްޙީ މާހިރުން ދަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިހާރު ރާއްޖޭގަ ބަލިޖެހޭ މީހުންގެ ޢަދަދު މިދާ ރޭޓުން ދާކަމަށްވާނަމަ ރާއްޖޭގެ ސިއްހީ ނިޒާމަށް ނުތަކާވަރުވެ، ފަރުވާ ދޭންޖެހޭ އެތައް ބަޔަކު އަތުން ދޫވެގެން ދިއުމުގެ ބިރުއޮތް ކަން ޑޮކްޓަރުންނާއި ފަންނީ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.
ސިއްޙީ ނިޒާމު ކުރިއަރައިފައިވާ ޤައުމުތަކުން ވެސް ކޮވިޑްގައި ތަޖުރިބާކުރި ޙަޤީޤަތަކީ ޞިއްޙީ ނިޒާމަށް ނުތަކާ ވަރުވުމުން އެތައް ބައެއްގެ ފުރާނަގެއްލިގެން ދިއުމެވެ. ރާއްޖެ އަކީ ވަސީލަތްތައް މަދު ޤައުމަކަށް ވެފައި މިފަދަ ހާލަތަށް ރާއްޖެ ގޮސްފިނަމަ ރާއްޖެއިންވެސް ތަޖުރިބާ ކުރަންޖެހެނީ އެއް ހާލަތެކެވެ.
ފަންނީ ބޭފުޅުން ދެއްވާ މައުލޫމާތުތަކަށް ބަލާއިރު ރާއްޖެއިން މީހުން ޕޮޒިޓީވް ވާން ފެށިތާ ކުރީކޮޅު 500 މީހުން ޕޮޒިޓިވް ވާން 56 ދުވަސް ނެގިއެވެ. ނަމަވެސް ފަހުން 500 ހަމަވަން ނެގި މުއްދަތު ދެހަފާތާއިން އެއް ހަފަތާއިން ގޮސް ތިން ހަތަރު ދުވަހުގެ ތެރޭގައި 500 މީހުން ޕޮޒިޓިވްވަމުންދާ ކަން އެއީ މިއަދުގެ ޙަޤީޤަތެވެ. ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ ޢަދަދު 200 އިން 300 އިން އިތުރުވާނަމަ ރާއްޖޭގެ ޞިއްޙީ ނިޒާމަށް އޮބި ނޯންނަ ވަރުވާނެކަމުގެ އިންޒާރު ކޮވިޑާ ގުޅިގެން ފަންނީ ލަފާ ދެއްވާ ކޮމެޓީގައި ހިމެނި ވަޑައި ގަންނަވާ ޑޮކްޓަރ ޢަލީ ލަތީފް ރޭ ވަނި ދެއްވައިފައެވެ. މިހާރު ބަލިޖެހޭ ނިސްބަތް އުޅެނީ ރާއްޖެފަދަ ކުޑަ ޤައުމަކާ ބަލާފައި ވަރަށް މަތީގައި ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ވޭތުވެ ދިޔަ ހަފްތާއަށް ބަލާއިރު ރާއްޖޭގައި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ބަލިޖެހޭ ނިސްބަތް އުޅުނީ 140 ގައިކަމަށް ޑރ .ޢަލީ ލަތީފް ފާހަގަ ކުރެއްވިއެވެ. ވޭތުވެ ދިޔަ ހަފްތާއެއްހައި ދުވަހުގެ ތެރޭގައި 980 މީހުންނަށް ބަލި ޖެހިފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
މިހާރު ރާއްޖެއިން ކޭސްތައް ފެންނަމުންދާ ރޭޓަށް ބަލާއިރު ދުވާލެއްގެ މައްޗަށް 600 އަށް ވެސް ބަލިޖެހޭ މީހުންގެ ޢަދަދު ގޮސްދާނެކަމަށް ޞިއްޙީ އަންދާޒާތައް ކުރައްވާ ރާއްޖޭގެ އެޕިޑަރމިލޮޖިސްޓް ޑރ. ޝީނާ މުސާ ވިދާޅުވިއެވެ. ނަމަވެސް އެވަރު ބަލިޖެހިގެން ނުހޯދިދާނެކަމަށް އޭނާ ވިދާޅުވިއެވެ. އާއްމުގޮތެއްގައި ބަލިޖެހިގެން ހޯދޭނީ ބަލިޖެހޭ މީހުންގެ ހަތަރުބައި ކުޅައެއްބައި ނުވަތަ ތިންބައިކުޅަ އެއްބައި ކަމަށް ވިދާޅުވިއެވެ. ޓެސްޓުކުރެވޭ މިންވަރުވެސް 500 އިން 1000 އަށް އިތުރުކުރެވުނު ގޮތަށް އެއަށްވުރެ މައްޗަށް ނުދާކަމަށް އޭނާ ވިދާޅުވިއެވެ. ގިނައިން ޓެސްޓު ކުރެވޭނަމަ ބަލި މީހުންގެ ޢަދަދު އިތުރުވާނެކަން ވެސް ޑޮކްޓަރ ޝީނާ ފާހަގަ ކުރެއްވިއެވެ. ކުރިންވެސް ގިނައިން ބަލި މީހުން ފެންނަން ފެށީ ޓެސްޓް ކުރެވުނު ޢަދަދު އިތުރުކުރެވުމުންނެވެ.
އެޑްމިޓުކޮށް ފަރުވާދޭންޖެހޭ މީހުން އިތުރުވެ އެނދުތައް ފުރެނީ
ކޮވިޑްޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާން ދޭންޖެހޭ މީހުންގެ ޢަދަދުވެސް ދަނީ އިތުރުވަމުންނެވެ. މިހާރު ރާއްޖޭގައި ކޮވިޑަށް ފަރުވާ ދިނުމަށް ޤާއިމްކޮށްފައިވާ އެނދުގެ 62 އިންސައްތަ ހުރީ ފުރިފައެވެ. ހައެނދަށް ނަރުހެއް ލައިގެން ޚިދުމަތް ދޭން ޖެހޭއިރު، މިހާރު ކެޕޭސިޓީއަށް ބަލާއިރު ޚިދުމަތް ދެމުންދަނީ ކޮންމެ 30 އެނދަކަށް ނަރުހެއް ހުރެގެންކަން އެޕިޑަރމިލޮޖިސްޓް ޑރ. ޝީނާ މޫސާ އިއްޔެ ހާމަކުރެއްވި މަޢުލޫމާތުން އެނގެއެވެ. މިޢަދަދުތަކަށް ބާލާއިރު ޑޮކްޓަރުންގެ ޙާލަތު އުޅޭނީ މާދަށްކޮށްކަމަށް އޭނާ ވަނީ ފާހަގަކިރައްވައިފައެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދާ ބަލިމީހުންނަށް ރައުންޑެއް ޖެހުމަށް ޑޮކްޓަރ 10 ގަޑީއިރު ހޭދަވާކަމަށް މަޢުލޫމާތު ލިބޭކާމަށް، ޑރ. ޝީނާ ފާހަގަ ކުރިއެވެ. އެހެން ދިމާވަނީ ޑޮކްޓަރުން މަދުވުމުން ކަމަށް ފާހަގަކުރެއްވިއެވެ. ހުރިހާ ޑޮކްޓަރުންނަކީ ހަމައެކނި ކޮވިޑަށް ޚާއްޞަ ކުރެވޭނެ ޑޮކްޓަރުންނޫންކަމަށާއި ފަރުވާ ދޭންޖެހޭ އެހެންބަލިތަކަށް ވެސް ޑޮކްޓަރުން ތިބެންޖެހޭނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޢަލީ ލަތީފާއި ޑޮކްޓަރ ނަޒްލާ މުސްޠަފާ ދެއްވި މަޢުލޫމާތުންވެސް ނަރުހުންގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަން ފާހަގަ ކުރެވެއެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭންޖެހެނީ ހަމައެކަނި ކޯވިޑްގެ ބަލިމީހުން ނޫންކަމަށާއި އެހެން ބަލިމީހުންނަށް ވެސް ފަރުވާދޭން ތިބީ ހަމައެއް ބައެއްކަން ޑޮކްޓަރުން ފާހަގަ ކުރެއްވިއެވެ. އެގޮތަށް ފަރުވާ ދޭންޖެހުމުން މުވައްޒަފުން ތިބީ ވަރުބަލިވެފައިކަން ޑޮކްޓަރ ޢަލީ ލަތީފާއި ޑރ. ނަޒްލާވެސް ފާހަގަ ކުރެއްވިއެވެ. ނަރުހުން މަސައްކަތް ކުރަމުންދަނީ ވަރަށް ބުރަކޮށްކަމަށާއި ބައެއް ނަރުހުންގެ ބަރުދަނުން ފަސްކިލޯ ލުއިވެގެން ގޮސްފައވާކަމަށް ވެސް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ. އަދި ބައްޔަށް ޕޮޒިވްވަމުންދާކަން ވެސް ފާހަގަކުރެއްވިއެވެ. ޞިއްޙީ ނިޒާމަށް ބުރަ ބޮޑުވެ ހޮސްޕިޓަލްތައް ފުރެމުން ދާއިރު ބަލިޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ބައިތިއްބާނީ ކޮންބައެއްތޯކަނޑައަޅަން ދަތިވެ ވެންޓިލޭޓަރަށް ލާނީ ކޮންބައެއްތޯ ކަނޑައަޅަން ދަތިވާ ހިސާބަށް ގޮސްދާނެކަމަށްވެސް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރ ޢަލީ ލަތީފް ވިދާޅުވިއެވެ.
ނުތަކާ ވަރަށް ބަލި މީހުންގެ ޢަދަދު އިތުރުވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހޭ މީހުން އިތުރުވުމަކީ ބަލީގައި ބަޔަކު މަރުވެދާނެ ކަމެއްކަމަށް ޑރ. ޝީނާވިދާޅުވިއެވެ އަންދާޒާ ތަކަށް ބަލާއިރު ބަލި ޖެހިގެން އައިސީޔޫއަށް ލާންޖެހޭ މީހުންގެ ތެރެއިން 50 އިންސައްތަ ބަލީގައި މަރުވާކަން ޑޮކްޓަރ ޝީނާ ފާހަގަ ކުރެއްވިއެވެ.
އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބާލާއިރު 162 މީހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު 11 މީހަކަށް ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ. އަދި ވެންޓިލޭޓަރުގައި ފަރުވާ ދޭންޖެހިފައވާ މީހުންގެ ޢަދަދު ވަނީ އަށަކަށް އަރާފައެވެ.
އެންމެ ގިނައިން ބަލިޖެހެނީ ވެސް އަމުރާ ޚިލާފު ވަނީ ވެސް ޒުވާނުން
ރާއްޖޭގެ މިހާރު އާބާދީ ބޮޑު އިންސައްތަ އަކީ ޒުވާނުންކަމަށް ވާއިރު ކޮވިޑްގެ މިހާލަތުގައިވެސް ޒުވާނުން ޝާމިލްވާ މިންވަރު އިތުރުކަން ތަފާސް ހިސާބުތަކުން އެނގެއެވެ. އެޗްއީއޯސީ އިން ހާމަކުރައްވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެންމެ ގިނައިން ބަލިޖެހެނީ ޢުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށެވެ. ސަބަބު ތަކުގެ ތެރޭގައި ބޭރުގައި މަސައްކަތުގައާއި އެނޫންކަންކަމުގައި ވެސް ގިނަގިނައިން ބޭރުގައި އުޅެންޖެހޭ ޢުމުރުފުރައަކީ އެއީ އެ އުމުރުފުރައިގެ އަންހެންނުންވެސް ފިރިހެނުންވެސް ބަލިޖެހޭ މިންވަރު އިތުރުވެ. ނަމަވެސް ފިރިހެނުންގެ ނިސްބަތް މާބޮޑަށް ވެސް އުޅެނީ މަތީގައެވެ.
ބަލިޖެހޭ ޒުވާނުންގެ ޢަދަދު އިތުރުވެފައިވާއިރު ބަލީގެ ނުރައްކާ ޒުވާނުންނަށްވެސް ބޮޑު ކަމަށް ޑޮކްޓަރުން ދަނީ ވިދާޅުވަމުންނެވެ. ޑޮކްޓަރ ނަޒްލާ މުސްޠަފާ ވިދާޅުވީ ކޭސްތައް ގިނަވެގެންދިއުމުން ޒުވާނުންގެ ޙާލު ބޮޑުވާއިރު އެމީހުންނަށް ވެސް އަޅާ ނުލެވި ހިނގައިދާނެކަމަށެވެ. އެހެންކަމުން ޕޮޒިޓިވްވާ ޢަދަދު ޞިއްޙީ ނިޒާމަށް ތަކާވަރު ކުރަން ޖެހޭކަމަށެވެ. ބަލީގައި މަރުވެފައިވާމީހުންގެ ތެރޭގައި ގިނައީ ޢުމުރުން ދުވަސްވީ މީހުންކަމަށާއި ނަމަވެސް ޢަދަދުތައް ގިނަވެ، ފަރުވާ ދެވޭނެ ގޮތެއް ނެތިއްޖެނަމަ ޒުވާނުންނަށް ވެސް ބަލީ ގެ ނުރައްކާ ބޮޑުވާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޑރ. ޝީނާ މޫސާވެސް ވިދާޅުވީ ބަލީގެ ނުރައްކާ ޒުވާނުންނަށް ކުޑަ ނޫންކަމަށެވެ. ރާއްޖޭގެ ކޮންމެ ހަތަރު ޒުވާނުންގެ ތެރެއިން އެކަކީ ދުންފަތުގެ އިސްތިޢުމާލު ކުރާ މީހެއްކަމަށެވެ. ބަލީގެ ނުރައްކާ ބޮޑުވާ މީހުންގެ ތެރޭގައި ދުން ފަތުގެ އިސްތިޢުމާލު ކުރާ މީހުން ހިމެނޭ ކަމަށް އެނާ ވިދާޅުވިއެވެ
ކޮވިޑް ކޮންޓްރޯލް ކުރުމަށް ނެރެފައިވާ އަމުރުތަކާ ޚިލާފުވި މީހުންގެ ތެރޭގައި ޒުވާނުން ގިނަކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މާސްކުއެޅުމާއި ކާފިއު އަމުރާ ޚިލާފުވި މީހުންގެ ތެރޭގައި ގިނައީ ޒުވާނުންކަން ފުލުހުން ހާމަކުރެއްވި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ މާސްކް އެޅުން މަޖްބޫރު ކުރުމާއި ވަކި ގަޑިއެއްގައި ބޭރުގައި އުޅުން މަނާކުރި ފަހުން އެއަމުރުތަކާ ޚިލާފުވެގެން ނަޞޭހަތްދީ ޖުރިމަނާ ކޮށްފައިވާ މީހުންގެ ތެރޭގައި، ޢުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުން ވަރަށް ގިނަކަމަށެވެ.
ކާފިއުގެ އަމުރާ ޚިލާފުވެގެން ފުލުހުން ނަޞޭހައްތެރިވެ ޖުރިމަނާ ކުރި 3249 މީހުންގެ ތެރެއިން 2869 މީހުންނަކީ އުމުރުން 18 އަހަރާއި40 އަހަރާ ދެމެދުގެ މީހުންނެވެ. އަދި މާސްކް އެޅުމުގެ އަމުރާ ޚިލާފުވެގެން ފުލުހުން ނަޞޭހަތްދީ ޖުރިމަނާކުރި 2428 މީހުންގެ ތެރެއިން1951 މީހުންނަކީ ޢުމުރުން 18 އަހަރާއި 40 އަހަރުގެ މީހުންނެވެ.
މިޢަދަދުތަކުން ބަލި ކޮންޓްރޯލް ކުރުމަށް ޒުވާނުންގެ ދައުރު ފުޅާކުރަން ޖެހޭކަން އެނގެއެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ލުއިކޮށް މަތި ކުރުމުގައިވެސް ޒުވާނުންގެ ދައުރު ބޮޑުކަން އެނގެއެވެ.
ޑރ. ޝީނާ ކުރިންވެސް ވަނީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ޙާލަތު ނުރައްކާވެދާނެ ކަމުގެ ބިރުވެރި އަންދާޒާ ތަކެއް ދެއްވައިފައެވެ. ނަމަވެސް އޭރު ލޮކްޑައުނަށް ގޮސް، ބަލި ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކުގެ ސަބަބަބުން އެއަންދާޒާތަކާ ގާތަށްވެސް ޢަދަދުތަކެއް ނުދެއެއެވެ. ނަމަވެސަ އެންމެ ފަހުން ހާމަކުރެއްވި އަންދާޒާތަކަށް ވުރެ ބައެއް ޢަދަދުތައް މިހާރު ފެންނަމުންދަނީ ގޯސް ކޮށެވެ. އެހެން ކަމުން ހަޤީޤަތުގައި މިހާރު މިއޮތީ ލޮކްޑައުންނަކަށް ވެސް ގޮސް ބަލި ކޮންޓްރޯލް ކުރަންޖެހޭ ޙާލާތުގައި ކަމަށް ޞިއްޙީ މާހިރުން ދެކެވަޑައިގަންނަވައެވެ.