ނިޒާމަށް ތަކާ ވަރަށް ބަލިޖެހޭ މީހުންގެ އަދަދު ހިފެހެއްޓުން މުހިއްމު: ޑރ. ނަޒްލާ މުސްތަފާ

ސިއްހީ ނިޒާމަށް ތަކާ ވަރަށް ބަލިޖެހޭ މީހުންގެ އަދަދު ހިފެހެއްޓުން މުހިއްމު ކަމަށް ޑރ. ނަޒްލަ މުސްތަފާ ވިދާޅުވެއްޖެއެވެ. ނަޒްލާ މިހެން ވިދާޅުވީ އެޗްއީއޯސީގައި މިރޭ ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުންނެވެ.

ޑރ. ނަޒްލާ ފާހަގަކުރެއްވި ގޮތުގައި ކޯވިޑް-19 ޖެހިގެން ނިޔާވާ މީހުން އިތުރުވެފައިވާއިރު ގިނައިން ނިޔާވެފައިވަނީ އުމުރުން ދުވަސްވީ މީހުންނެވެ. އެއީ ހަމައެކަނި އަދަދެއް ނޫންކަން ފާހަގަކުރައްވައި ނަޒްލާ ވިދާޅުވީ އެއީ ކޮންމެވެސް މީހެއްގެ އާއިލާގެ މެންބަރެއް ކަމުގައެވެ. މަންމައެއް ނުވަތަ ބައްޕައެއް ކަމަށެވެ. އެ އުމުރުގެ މީހުންނަކީ ގޭގައި ތިބޭ މީހުންކަމަށާއި އެމީހުންނަށް ބަލިޖެހޭނީ ކޮންމެވެސް މީހެއްގެ ފަރާތުންކަން ނަޒްލާ ފަހަގަކުރެއްވިއެވެ.

ބަލިޖެހޭ މީހުން އިތުރުވެ ހޮސްޕިޓަލުގައި ފަރުވާދޭންޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ނަމަ ސިއްހީ ނިޒާމަށް ނުތަކާވަރުވާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި ސިއްހީ ޚިދުމަތްދޭ ފަރާތްތައް ވަރަށް ބޮޑަށް ވަރުބަލިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ނަރުހުންގެ ބަރުދަނުން 5 ކިލޯ ލުއިވެއްޖެކަމަށް ވިދާޅުވިއެވެ. އަދި އެޑްމިޓުކުރާ މީހުން ގިނަވާނަމަ ނަރުހުންނަށް އަޅާނުލެވި ހިނގައިދާނެކަމަށް ވިދާޅުވިއެވެ.

ގިނަ މީހުންނަށް އެޑްމިޓުކޮށްގެން ފަރުވާދޭން ޖެހިއްޖެނަމަ އިސްކަންދޭނީ ކޮންތަރުތީބަކުންތޯ ވެސް ސުވާލުކުރެއްވިއެވެ. ބަލިޖެހޭ މީހުންގެ ތެރޭގައި ބަލީގެ ނުރައްކާ ބޮޑުމީހުން ތިބޭކަން ވެސް އޭނާ ފާހކުރެއްވިއެވެ. އެގޮތުން ޑައިބެޓީކްސް ފަދަ ބަލިބަލީގެ މީހުން ތިބޭކަން ފާހަގަކުރެއްވިއެވެ.

މިހާރުވެސް ނަރުހުން މަދުކަމަށާއި ގިނަބަޔަކު އެގޮތަށް އެޑްމިޓުކުރަން ޖެހިއްޖެނަމަ ވަރަށް އުނދަގޫވާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން "ސިސްޓަމް އޯވަލޯޑްވާއިރު ކެޕޭސިޓީ ހިފެހެއްޓުން ވަރަށް މުހިއްމު" ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.    

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.