ޑީއެޗް-18 ގައި ފަރުވާ ދެމުންދާ ދެމީހުންނާ، ސީއީއޯއާ އާއިލީ ގުޅުމެއް ނެތް:- އައިޖީއެމްއެޗް

އައިޖީއެމް ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލުގެ 18 ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދާ ދެމީހުންނަކީ  އައިޖީއެމްއެޗްގެ ސީއީއޯ އިބްރާޙީމް ސަލީމްގެ އާއިލީ ބައެއް ނޫންކަމަށާއި އައިލީ ގުޅުން އޮންނަ ބައެއްވެސް ނޫންކަމަށް އެ ހޮސްޕޮޓަލުމް ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗުން މިހެން ވިދާޅުވެ ނޫސްބަޔާނެއް ނުރުއްވައިފައި މިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 18 ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދާ ދެމީހުންނާ ގުޅޭ ގޮތުން "ދިވެހި ޗެނަލް" އިން ގެނެސްދީފައިވާ ޚަބަރަކީ ކަމުގެ ޙަޤީޤަތް އޮޅުވާލައި، ކަނޑައެޅިގެން ދޮގު މަޢުލޫމާތު ހިމެނޭ ގޮތަށް ފަތުރަމުންދާ ޚަބަރެއްކަމަށް ވިދާޅުވެއެވެ. އެ ހޮސްޕިޓަލުގެ އިސްވެރިންނާއި، ޑޮކްޓަރުނާއި ފަރުވާދެމުންދާ ބަލިމީހުންނާ ގުޅޭ ގޮތުން ހަޤީޤަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ނޫސްބަޔާނުގައި ވަނީ އިލްތިމާސްކުރައްވައިފައެވެ.

އައިޖީއެމްއެޗުގެ ނޫސްބަޔާނުގައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 18 ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދާ ދެމީހުންނަކީ ޓްރީޓޮޕް ހޮސްޕިޓަލުން އެ ހޮސްޕިޓަލަށް ބަދަލު ކުރެވިފައިވާ ދެ މީހުން ކަމަށެވެ. އެ ދެމީހުން ޑީއެޗް 18 އަށް ބަދަލުކުރީ މެއި މަހުގެ ފުރަތަމަ ދުވަހު ކޮވިޑް19ގެ އޭރުގެ ހާލަތާ ގުޅިގެން، ޓްރީޓޮޕް ހޮސްޕިޓަލް ކޮވިޑަށް ޚާއްސަ ހޮސްޕިޓަލުގެ ގޮތުގައި ހަމަޖެހުމާ ގުޅިގެންކަމަށެވެ. އަދިއެއީ ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ރަޖިސްޓްރީކޮށް، އެނދުމަތިކޮށް، އުސޫލުތަކާ އެއްގޮތަށް، ފަރުވާދެމުންދާ ބަލިމީހުން  ކަމަށެވެ. އަދި މި ބަލި މީހުންނަކީ އާސަންދައިން ކަވަރނުކުރާ ޕްރައިވެޓް ރޫމް ޗާޖްފަދަ ޚަރަދުތައް ވެސް، ކަނޑައެޅިފައިވާ ޤަވާޢިދާ އެއްގޮތަށް ބަރާބަރަށް ދައްކަމުން އަންނަ ބައެއްކަމަށް ނޫސް ބަޔާނުގައި ވަނީ ފާހަގަކުރައްވައިފައެވެ.

"ހޮސްޕިޓަލުގެ އިސްވެރިންނާއި ޑޮކްޓަރުން އަދި ޕޭޝަންޓުން ވެސް ބަދުނާމުވާ ގޮތަށް ކަމުގެ ހަގީގަތް އެއްވެސް މިންވަރަކަށް ސާފުކުރުމެއް ނެތި، އަދި ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން އެންމެހައި ރައްޔިތުންގެ ހިތުގައި އިންތިހާއަށް ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި، މިފަދަ ދޮގު ވާހަކަތައް ފެތުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ޒިންމާދާރުކަމާއެކު މައުލޫމާތު ފެތުރުމަށް ވަނީ އިލްތިމާސްކިރަމެވެ." އައިޖީއެމްއެޗްގެ ނޫސްބަޔާނުގައި ވެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.