ކޮވިޑް – 19 އާ ގުޅިގެން ޒަކާތު ފަންޑުން 5.5 މިލިއަން ރުފިޔާ މިހާތަނަށް ހޭދަކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ ކޮވިޑްގެ ކަންކަން ކަމަށް ޚަރަދު ކުރުމަށް ޒަކާތުފަންޑުން 15 މިލިއަން ރުފިޔާ ކަނޑައަޅައިފައިވާ ކަމަށެވެ. ކޮވިޑާ ގުޅިގެން ރާއްޖޭން ބޭރުގައި ތިބި ފަރާތްތަކުގެ ތެރެއިން އެކި ގޮތް ގޮތުން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޒަކާތު ފަންޑުން ތިން މިލިއަން ރުފިޔާ ހޭދަކުރެއްވި ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ހާލުގައި ޖެހި ސްކޫލުތަކުގައި ބައިތިއްބައިގެން އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދެއްވައިފައިވާ މީހުންގެ ކެއިން ބުއިމުމުގެ ކަންކަމަށް ވެސް ޒަކާތު ފަންޑުން އެއް މިލިއަން ރުފިޔާ ޚަރަދު ކުރެއްވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކޮވިޑާ ގުޅިގެން ޤްރުއާން ކްލާސްތަކާއި ޕްރީސްކޫލުތަކަށް އެހީތެރިކަން ފޯރުކޮށް ދެއްވުމަށް އެޑީޔުކޭޝަން މިނިސްޓަރީއަށް ވެސް 1.5 މިލިއަން ރުފިޔާ ޙަވާލު ކުރެއްވިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ކޮވިޑާ ކުޅިގެން ޒަކާތު ފަންޑުން ކުރެވޭ ޚަރަދުތައް ވެސް ކުރެވެނީ ކަނޑައެޅިފައިވާ ވަކި އުޞޫލެއްގެ ތެރެއިންކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެނޫން ގޮތަކަށް އެއް ވެސް ޚަރަދެއް ނުކުރެވޭކަމަށް ވިދާޅުވިއެވެ. ކޮވިޑާ ގުޅިގެން ޒަކާތު ފަންޑުން ކުރެވޭ ޚަރަދުތައް ކުރެވެމުންދަނީ ރަނގަޅު ގޮތުގައިކަން ރައްޔިތުންނަށް ކަށަވަރު ކޮށް ދެއްވާކަމަށް ވެސް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން ޒަކާތު ފަންޑުން ކުރި ޚަރަދު ތަކުގެ އިތުރުންވެސް ބޭސްފަރުވާގެ ކަންތައްތަކަށް މިއަހަރުގެ މިހާތަނަށް 3.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. މިދިޔަ އަހަރު ބޭސް ފަރުވާ އަށް 16 މިލިއަން ރުފިޔާ ޒަކާތު ފަންޑުން ދޫކޮށްފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރު ވިދާޅުވިއެވެ.