ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާނީ ދެފުށް ފެންނަގޮތަށް: މިނިސްޓްރީ

މިއަހަރު ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ގްރޫޕްތަކަށް ދެއްވާފައިވަނީ ދެފުށްފެންނަ ހާމަކަންބޮޑު ގޮތަކަށް ކަމަށް އިސްލާމިކް އެފެއާޒު މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީއާ ބެހޭގޮތުން ޙަޤީގަތާ ޚިލާފު ވާހަކަތަކެއް ފެތުރެމުންދާތީ ކަމަށް ވިދާޅުވެ އެކަން ސާފުކޮށްދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމިނިސްޓްރީން ވިދާޅުވީ މިއަހަރު ޙައްޖަށް މީހުން ގެންދިއުމަށް އެދި 18 ފަރާތަކުން ހުށަހެޅި ކަމަށެވެ. އޭގެ ތެރެއިން 6 ފަރާތެއް ވަނީ އެކި ސަބަބުތަކާހެދި ކޮލިފައި ނުވެފައެވެ. ކޮލިފައިވީ 12 ކުންފުނި ނުވަތަ ގުރޫޕެކެވެ. އެފަރާތްތައް އިވެލުއޭޓު ކުރެއްވުމަށްފަހު ހުއްދަ ދެއްވައިފައިވަނީ 5 ކުންފުންޏަކެވެ.

މިނިސްޓްރީން ވިދާޅުވީ އެކަމާ ގުޅިގެން އެއްވެސް ޝަކުވާއެއް މިނިސްޓްރީއަށް މިހާތަނަށް ވެސް ހުށަހަޅާފައި ނުވާކަމަށެވެ. އެހެންނަމަވެސް އެ ހުއްދަ ދެއްވި ގޮތާމެދު ހިތްހަމަ ނުޖެހިގެން ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕުން ވަނީ އިސްލާމިކް އެފެއާޒު މިނިސްޓްރީއާދެކޮޅަށް ސިވިލްކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.

މިއަދުގެ ނިއުސް ކޮންފަރެންސްގައި މަޢުލޫމާތު ދެއްވަމުން ޑެޕިޔުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒު ޝާފިޢު ޢަލީ ވިދާޅުވީ ޙައްޖަށް މީހުން ގެންދިއުމަށް ޙުއްދަ ދެއްވައިފައިވާ ފަސްކުންފުޏާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައި ކަމަށެވެ. އޭނާ ވިދާޅުވީ ހުއްދަ ދެއްވުމުގައި އެއްވެސް ފޮރުވުމެއް ނޯންނާނެ ކަމަށެވެ. އެކަން ކުރައްވާފައިވަނީ ވަރަށް ނަޒާޙަތްތެރި ކަމާއެކުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝާފިޢު ވިދާޅުވީ ޙައްޖަށް މީހުން ގެންދިއުމަށް އެދި ހުށަހަޅާ ކުންފުނިތަކަށް ޕޮއިންޓް ދޭނެ އުސޫލަކީ ވެސް ކުރިން އިޢޫލާންކޮށް ހާމަކޮށްފައިވާ ކަމެއް ކަމަށެވެ. ހުރިހާ ކަމެއް ގެންގޮސްފައިވަނީ އެއާ އެގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ސިސިލްފަރު ގްރޫޕުން އެމައްސަލަ ކޯޓަށް ހުށަހެޅުއްވުމުން ޝާފިޢު ވިދާޅުވީ އެފަދަ މައްސަލައެއް ކޯޓަށް ހުށަހެޅުއްވުމުގެ ކުރިން އެކަމާބެހޭ ފުރިހަމަ މަޢުލޫމާތު މިނިސްޓްރީން ހޯއްދެވުން ވެސް ވަރަށް މުހިންމު ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.