(20 އޯގަސްޓް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކާރުގައި ސެން ހޯޒޭއާ ދިމާއަށް ދަތުރުކުރަމުން ދިޔައިރު ޑޭވިޑް ދިޔައީ އޭޝްލީ ޕެޓަރސަންއާ ދައްކާނޭ ވާހަކަ ރާވަމުންނެވެ. ހުރިހާ މަޢުލޫމާތެއް ލިބުނީމާ ޖެސީ ކިލަރއާ ގަޟިއްޔާ ޙަވާލުކުރާނީއެވެ. އެއީ މި ރަށުގައި ހުރި އެންމެ މޮޅު ޖިނާޢީ ވަކީލެވެ. އެއްވެސް މީހަކަށް އޭޝްލީ ސަލާމަތްކުރެވޭނެ ނަމަ އެކަން ކުރެވޭނީ ޖެސީ މިލަރއަށެވެ.
ޑޭވިޑް ގެންދެވުނީ ޝެރިފް ޑޮވްލިންގގެ އޮފީހަށެވެ. އޭނާ ނަން ކާޑު ޝެރިފަށް ފޯރުކޮށްލައިފައި ބުނެލިއެވެ. "އަޅުގަނޑަކީ ވަކީލަކީން- މި ތަނަށް މި އައީ އޭޝްލީ ޕެޓަރސަންއާ ބައްދަލުކޮށްލަން- އަދި..."
"އޭނާ އިންތިޒާރުގައި އެބަ އިން-"
ޑޭވިޑް ޙައިރާންވިއެވެ. "އެހެންތޯ-؟"
"ލައްބަ-" ޝެރިފް ޑޮވްލިންގ އެއްފަރާތުގައި ހުރި ސިފައިންގެ މީހަކާ ދިމާއަށް ބޮލުން އިޝާރާތް ކޮށްލިއެވެ.
އެ މީހާ ޑޭވިޑާ ދިމާއަށް ބަލައިލައިފައި ބުނެލިއެވެ. "މިހެން ދުރުވޭ-" ޑޭވިޑް އޭނާއާ އެކީ ގޮސް ވަނީ ކުށްވެރިންނާ ބައްދަލުކުރާ ކޮޓަރިއަށެވެ. މާ ގިނަ އިރެއް ނުވެ އޭޝްލީ އަތުވެއްޖެއެވެ.
އޭޝްލީ ފެނުނީމާ ޑޭވިޑް ޙައިރާންވިއެވެ. މީގެ ކުރިން ވެސް އޭނާއަށް އޮތީ އޭޝްލީ ފެނިފައެވެ. އެއީ ޑޮކްޓަރ ޕެޓަރސަންގެ ކާރު ދުއްވަން އުޅުނު ދުވަސްވަރުއެވެ. އޭރު އެއީ ފުރާވަރަށް އަރަމުން އަންނަ ކުޑަކުއްޖެކެވެ. އެކަމަކު މިއަދު އޭނާގެ ކުރިމަތީގައި އެހެރީ ސަމައްތަރު ހެޔޮ، ރީތި، ފުރިހަމަ އަންހެނެކެވެ. ލޮލުން ފެންނަނީ ބިރުވެރިކަމުގެ އަސަރެވެ. އޭޝްލީ އޭނާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ.
"ހަލޯ އޭޝްލީ- އަހަރެންގެ ނަމަކީ ޑޭވިޑް ސިންގަރ-"
"ޑޭވިޑް އަންނާނެ ވާހަކަ ބައްޕަ އޮތީ ބުނުއްވައިފައި-" އޭޝްލީގެ އަޑު ތުރުތުރު އަޅައެވެ.
"އަހަރެން މި އައީ ދެ ތިން ސުވާލެއް ކޮށްލަން-"
އޭނާ ބޯޖަހައިލިއެވެ.
"ސުވާލުކުރަން ފެށުމުގެ ކުރިން އަހަރެން ބުނަން ބޭނުން ވާހަކައެއް އެބަ އޮތް- އެއީ އަހަރެމެން ދެ މީހުން ދެމެދު ދެކެވޭ ވާހަކައަކީ ސިއްރު ވާހަކައެކޭ- އެހެންވީމާ އެއްވެސް ކަމެއް އަހަންނަށް ސިއްރުކޮށްގެން ނުވާނެ-" މި މައްސަލައިގެ ތެރެއަށް މާ ބޮޑަށް ވަނުމަކީ ޑޭވިޑް ބޭނުންވާ ކަމެއް ނޫނެވެ. އެކަމަކު ޖެސީ ކިލަރއަށް ބޭނުންވާނޭ މަޢުލޫމާތު ވީ ވަރަކުން ހޯދަން އޭނާ ބޭނުންވެއެވެ. އޭނާ މި މައްސަލައިގައި ހިފަން އެއްބަސްވާނީ އޭރުންނެވެ. "އެ މީހުން މަރައިލީ އޭޝްލީތަ-؟"
"ނޫން-" އޭޝްލީ ވަރަށް ބާރަށް ބުނެލިއެވެ. "އަހަރެންގެ އެއްވެސް ކުށެއް ނެތް-"
ޑޭވިޑް ޖީބުން ކަރުދާސްގަނޑެއް ނަގައި ބަލައިލިއެވެ. "ޖިމް ކްލެއަރީއޭ ނަމަކަށް ކިޔާ މީހަކު ދަންނަންތަ-؟"
"އާނ- އަހަންނާ ކްލެއަރީއާ ދެ މީހުން އުޅުނީ އިންނަން- އޭނާއަށް އެއްވެސް ގެއްލުމެއް ދޭން އަހަރެންގެ ހިތަކަށް ނުވެސް އަރާނެ- އަހަރެން އޭނާ ދެކެ ލޯބިވިން-"
ޑޭވިޑް އިރުކޮޅެއް ވާންދެން އޭޝްލީގެ މޫނަށް ބަލަން ހުރެފައި އަނެއްކާވެސް ކަރުދާސްގަނޑަށް ބަލައިލިއެވެ. "ޑެނިސް ޓިބްލްއާ ބެހޭ ގޮތުން ބުނާނީ ކީކޭ-؟"
"ޑެނިސް މަސައްކަތްކުރީ އަހަރެން ވެސް މަސައްކަތްކުރި ކުންފުނީގައި- އޭނާ މަރައިލި ރޭ އަހަންނާ އޭނާއާ ބައްދަލުވި- އެކަމަކު އޭނާގެ މަރަކާ އަހަންނަކާ އެއްވެސް ގުޅުމެއް ނެތް- އަހަރެން އޭރު އުޅުނީ ޗިކާގޯގައި-"
ޑޭވިޑް އިނީ އޭޝްލީގެ މޫނަށް ބަލާށެވެ.
"އަހަރެން ދައްކާ ވާހަކަ ގަބޫލުކުރޭ- އަހަރެން ޑެނިސް ޓިބްލް މަރައިލަން ޖެހޭ އެއްވެސް ސަބަބެއް ނެތް-"
ޑޭވިޑް ބުންޏެވެ. "އެންމެ ރަނގަޅު-" އޭނާ އަނެއްކާވެސް ކަރުދާސް ގަނޑަށް ބަލައިލިއެވެ. "ޖީން ކްލައުޑީ ޕޭރެންޓާ، އޭޝްލީއާ އޮތީ ކޮން ގުޅުމެއް-؟"
"ފުލުހުން ވެސް އަހަންނާ ތިޔަ ސުވާލު ކުރި- ތިޔަ މީހެއްގެ ނަމެއް ވެސް އަހަރެން މި މައްސަލައިގެ ކުރިއަކުން އަޑެއް ނާހަން- އަހަންނަށް އެ މީހަކު ނުވެސް އެނގޭ އިރު، މަރައިލާނީ ކިހިނެއް-؟" އޭނާ ޑޭވިޑާ ދިމާއަށް ބަލައިލިއެވެ. "ފުލުހުން މި އުޅެނީ ނުބައި މީހަކު ހައްޔަރުކޮށްގެން- އެ ކަމެއް ނޭނގޭތަ-؟" އޭނާ ރޯންފަށައިފިއެވެ. "އަހަރެން އެއްވެސް މީހަކު މަރައެއް ނުލަން-"
"ރިޗަރޑް މެލްޓަން އޯ-؟"
"އެއީ ވެސް ކާކު ކަމެއް އަހަންނަކަށް ނޭނގޭ-"
އޭޝްލީ ކުޑަކޮށް ހަމައަކަށް އެޅިލަންދެން ޑޭވިޑް މަޑުކޮށްލިއެވެ. "ޑެޕިއުޓީ ބްލޭކްގެ މައްސަލައިގައި ބުނާނޭ ވާހަކައެއް އެބަ އޮތްތަ-؟"
އޭޝްލީ ބޯހޫރައިލިއެވެ. "ޑެޕިއުޓީ ބްލޭކް އެ ރޭ އޮތީ އަހަރެންގެ ގޭގައި- އެއީ އަހަންނަށް އެއްވެސް ކަހަލަ ނުރައްކަލެއް ދިމާވެދާނެތީ ފާރައަށް- ކޮންމެވެސް މީހަކު އަހަރެން ބިރުގަންނަވަނީ- އުނދަގޫކުރަނީ- އަހަރެން ނިދީ ނިދާކޮޓަރީގެ އެނދުގައި- އޭނާ ނިދީ ބޭރު ބޮޑުގޮނޑީގައި- އެ މީހުންނަށް އޭނާ މަރައިލައިފައި އޮއްވާ ފެނުނީ އަހަރެންގެ ގޭގެ ފުރަގަހުގައި އޮންނަ މަގުން-" އޭނާއަށް ގިސްލެވެން ފަށައިފިއެވެ. "އަހަރެން އޭނާ މަރައިލަންވީ ކީއްވެގެން-؟ އޭނާ އައީ އަހަންނާ އެހީވާން-"
ޑޭވިޑް ވަރަށް ފުންކޮށް އޭޝްލީއާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ހިތަށްއެރިއެވެ. ކޮންމެވެސް ނުބައެއް އެބަ އޮތެވެ. އެ ހުރިހައި އެންމެން މަރައިލީ އޭޝްލީއެވެ. އެހެން ނޫނީ އޭޝްލީއަކީ ވަރަށް ކުޅަދާނަ އެކްޓްރެސްއެކެވެ. އޭނާ ތެދުވެއްޖެއެވެ. "އަހަރެން އަދި އަންނާނަން- މިހާރު މި ދަނީ ޝެރިފާ ވާހަކަ ދައްކާލަން-"
ދެ މިނިޓެއް ހައި އިރު ފަހުން ޑޭވިޑް އިނީ ޝެރިފް ޑޮވްލިންގގެ އޮފީހުގައެވެ.
"ކޮބާ- ވާހަކަ ދައްކަވައިފިންތޯ-؟"
"ލައްބަ- އަޅުގަނޑަށް ހީވަނީ ޝެރިފަށް މި ތާނގައި ޅައެއްޗެއް އެޅުއްވިފައި އެބަ އޮތްހެން-"
"ތިޔަ ބުނުއްވި އެއްޗެއް ނޭނގުނު-"
"މި ނަންގަތީ ހައްޔަރުކުރައްވައިގެން ތިޔަ އުޅުއްވަނީ ހަޤީޤީ ކުށްވެރިޔާއެއް ނޫނޭ- އޭނާ މަރައިލި ކަމަށް ތިޔަ ތުހުމަތު ކުރައްވާ މީހުންގެ ތެރެއިން ދެ މީހަކު އޭނާއަކަށް ނުވެސް އެނގޭ-"
ޝެރިފް ޑޮވްލިންގ ހިނިތުންވެލިއެވެ. "ޑޭވިޑް ވެސް މޮޔަހައްދައިލީތާ- އޭނާ އަޅުގަނޑުމެން ވެސް މޮޔަހެއްދި-"
"ކީކޭތޯ-؟"
"އަޅުގަނޑު ދައްކާނަން-" އޭނާ މޭޒުމަތީގައި އޮތް ފައިލަކުން ކަރުދާސްތަކެއް ނަގައިފިއެވެ. "މިއީ ކޮރޯނަރުގެ ރިޕޯޓުގެ ކޮޕީއާއި، އެފްބީއައި ރިޕޯޓާއި، ޑީއެންއޭ ރިޕޯޓާއި، އިންޓަރޕޯލް ރިޕޯޓު- މީގައި މަރުވީ އެންމެންގެ ރިޕޯޓު ހުންނާނެ- މިއިން ކޮންމެ މީހަކު ވެސް ވަނީ މަރުވުމުގެ ކުރިން ޖިންސީގުޅުން ހިންގައިފައި- ހުރިހާ ތަނަކުން ވެސް އިނގިލީގެ ނިޝާން ފެނިފައި އެބަހުރި- ބޭރު ފުށަށް ފެންނަން ހުރި ހެކިތަކަށް ބަލައި އިރު ތިން އަންހެނަކު މި މައްސަލައިގެ ތެރޭގައި އެބަ އުޅޭ- އެފްބީއައި މީހުން އެއްކުރި މަޢުލޫމާތުގެ އަލީގައި ނުކުތް ނަތީޖާ މި އޮތީ ފެންނަން- އެ ތިން އަންހެނުންނަކީ ވެސް އޭޝްލީ ޕެޓަރސަން- ހާދިސާ ހިނގި ހުރިހައި ތަނަކުން ވެސް ފެނިފައިވަނީ އެކެއްގެ އިނގިލީގެ ނިޝާން- ޑީއެންއޭ ވެސް މުޅިން އެއް ގޮތް-"
ޑޭވިޑަކަށް ގަބޫލެއް ނުކުރެވުނެވެ. "ހަމަ ކަށަވަރުތޯ-؟"
"ކަށަވަރު- ކުރިން މި ނަންގަތް އޮފީސްއޮފީހުން ކަނޑައެޅިގެން އޭޝްލީއަށް ބޮނޑިއެއް ދޭން ނޫޅޭ ކަމަށް ވަންޏާ ކަށަވަރު- އޭނާ މަރައިލި މީހުންގެ ތެރެއިން އެކަކީ އަޅުގަނޑުގެ ޅިޔަނެއް- އޭޝްލީ ޕެޓަރސަންގެ މައްޗަށް އަޅުގަނޑުމެން ކުރާ ދަޢުވާއަކީ ޤަތުލުގެ ދަޢުވާ- އޭނާ މި މައްސަލައިގައި ކުށްވެރިވާނެކަން ކަށަވަރު- އެހެން ވާހަކައެއް އެބަ އޮތްތޯ-؟"
"ލައްބަ-" ޑޭވިޑް ބުނެލިއެވެ. "އަދި އެއްފަހަރު އޭޝްލީ ޕެޓަރސަންއާ ވާހަކަ ދައްކާލަން އަޅުގަނޑު ބޭނުން-"
ސިފައިންގެ މީހާ އަނެއްކާވެސް ޑޭވިޑް ގޮވައިގެން ބައްދަލުކުރާ ކޮޓަރިއަށް ހިނގައްޖެއެވެ. އޭޝްލީ އެ ކޮޓަރިއަށް ވަނުމާ އެކު ޑޭވިޑް ރުޅިއައިސްފައި އަހައިލިއެވެ. "އަހަންނަށް ދޮގުހެދީ ކީއްވެގެން-؟"
"ކީކޭ-؟ އަހަންނެއް ދޮގެއް ނުހަދަން- އަހަރެންގެ އެއްވެސް ކުށެއް ނެތް- އަހަރެ..."
"އޭޝްލީ ދޮޅަހަކަށް ފަހަރު އަންދައިލަން ޖެހޭ ވަރަށް އެ މީހުންނަށް ހެކި ލިބިފައި އެބަހުރި- ދޮގުހަދައިގެން ނުވާނެ އޭ އަހަރެން ކުރިން ވެސް ބުނިން-"
އޭޝްލީ ކުޑަ އިރުކޮޅަކު ހިމޭނުން ހުރެފައި މަޑުމަޑުން ބުނެލިއެވެ. "އަހަރެން ދޮގެއް ނުހަދަން- ދެއްކި ވާހަކައެއް ދެއްކީ ތެދު ބަހުން- އަހަރެން ދައްކާނެ އިތުރު ވާހަކައެއް ނެތް-"
އޭނާގެ ވާހަކަ އަޑުއަހަމުން ދިޔަ އިރު ޑޭވިޑްގެ ހިތަށްއެރިއެވެ. އޭނާ އެ ދައްކާ ވާހަކައަކީ ތެދު ވާހަކަ ކަމަށް އޭނާ ޤަބޫލުކުރެއެވެ. އަހަރެން މި ވާހަކަދައްކަނީ ބުއްދި ގޯސް މީހަކާއެވެ. ޖެސީ ކިލަރ ގާތު އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟
"ނަފްސާނީ ބަލީގެ މާހިރަކާ ވާހަކަދައްކަން އެއްބަސްވާނަންތަ-؟"
"ކީއް ކު... އާނ- އެއީ ބޭނުން ކަމެއް ކަމަށް ވަންޏާ އެއްބަސް ވާނަން-"
"އަހަރެން ހަމަޖައްސާނަން-"
އެނބުރި ސެން ފްރެންސިސްކޯއަށް ދިޔަ މަގުމަތީގައި އޭނާގެ ހިތުގައި ހިނގަމުން ދިޔައެވެ. އަހަރެންގެ މަސައްކަތް މި ހިސާބުން ނިމުނީއެވެ. މިއީ އާދައިގެ މައްސަލައެއް ނޫނެވެ. އަހަރެން މި މައްސަލަ ޖެސީ ކިލަރއާ ޙަވާލުކުރާނީއެވެ. އޭޝްލީއަކީ މޮޔައެއް ކަމަށް ކޯޓުގައި ސާބިތުކުރުން ނޫން ގޮތެއް ނޯންނާނެއެވެ.
ސްޓީވަން ޕެޓަރސަންގެ ޙާލުގެ މައްޗަށް އޭނާގެ ހިތުގައި ހަމްދަރްދީ އުފެދުނެވެ.
ސެން ފްރެންސިސްކޯ ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުން ޑޮކްޓަރ ޕެޓަރސަންއާ ބައްދަލުކޮށް ހިތާމަ ފާޅުކުރަމުން ދިޔައެވެ.
"އަޅުގަނޑު ވަރަށް ހިތާމަކުރަން- މިއީ ވަރަށް އުނދަގޫ މަރުޙަލާއެއްކަން އަޅުގަނޑަށް އެނގޭ..."
"މިއީ ބުރަ ދުވަސްކޮޅަކަށް ވާނެ- އަޅުގަނޑަށް ކޮށްދެވޭނޭ ކަމެއް އޮތިއްޔާ..."
"މި ޒަމާނުގެ ކުދިންނަށް މިހިރަ ވާ ގޮތްގޮތެއް އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނޭނގޭ- އޭޝްލީއަކީ ފެންނަ ފެނުމުގައި އެއްވެސް ކަހަލަ މައްސަލައެއް..."
މި ހުރިހާ ވާހަކަތަކެއްގެ ތެރެއިން އެހެން އަޑެއް ވެސް ޑޮކްޓަރ ޕެޓަރސަންއަށް އިވެއެވެ. އެކަކު ވެސް އެ ވާހަކަ ދުލަކުން ބޭރެއް ނުކުރެއެވެ. އެކަމަކު ކޮންމެ މީހެއްގެ ހިތުގައި ވެސް އޮންނަނީ އެ ވާހަކައެވެ.
އެއީ އަހަރެންގެ ދަރިއަކަށް ނުވީތީ ހާސްފަށުން ޝުކުރުކުރަމެވެ.
ޑޭވިޑް އޮފީހަށް އައިސް ވަދެފައި އެންމެ ފުރަތަމަ ދިޔައީ ޖޯސެފް ކިންސެއިޑްގެ އޮފީހަށެވެ.
ކިންސެއިޑް އިސް އުފުލައި ބަލައިލައިފައި ބުނެލިއެވެ. "ޑޭވިޑް- މިހާރު ހައެއްޖަހާ ބޮޑުވެއްޖެ- އެކަމަކު އަހަރެން މިހިރީ އިންތިޒާރުގައި- ޑޮކްޓަރ ޕެޓަރސަންގެ ދަރިފުޅާ ބައްދަލުކޮށްފިންތަ-؟"
"ލައްބަ-"
"އޭނާ ދިފާޢުކޮށްދޭނޭ ވަކީލަކު ހޯދައިފިންތަ-؟"
ޑޭވިޑް ކުޑަކޮށް ޖެހިލުންވެ ހުރެ ޖަވާބުދިނެވެ. "އަދި ނުހޯދަން- އަޅުގަނޑު މި އުޅެނީ އޭނާ ނަފްސާނީ ޢިލްމުގެ މާހިރަކަށް ދެއްކޭތޯ ބަލަންވެގެން- މާދަމާ ހެނދުނު އަދި އޭނާއާ ވާހަކަދައްކައިލަން ދާނަން-"
"އެހެންތަ-؟ ކަލޭ މި މައްސަލައިގެ ތެރެއަށް ވަންނާތީ އަހަރެން މި ހުންނަނީ ޙައިރާންވެފައި- މި ކަހަލަ ހުތުރު މައްސަލައެއްގެ ތެރެއަށް މި އިދާރާ ވަނުމަކީ އަހަރެމެން ހިތްހަމަޖެހޭ ކަމެއް ނޫން-"
"އަޅުގަނޑު މައްސަލައިގެ ތެރެއަކަށް ނުއެއް ވަންނަން- އޭޝްލީގެ ބައްޕައަށް އަޅުގަނޑު އޮންނަނީ ދަރާފައި- އެހެންވީމާ އޭނާގެ އެދުމުގެ މަތިން އެ ތަނަށް ދާން ވަޢުދުވީ-"
"ތިޔަ ވަޢުދެއް ވީ ލިއުމަކުންތަ-؟"
"ނޫން-"
"އެހެން ވެއްޖެއްޔާ ތިޔައީ ބުނެވުނު ބަހެއްތާ-"
ޑޭވިޑް އިރުކޮޅަކު ބަލަން ހުރެފައި ކޮންމެވެސް އެއްޗެކޭ ބުނަން އުޅެފައި ހުއްޓައިލިއެވެ. "ލައްބަ- ހަމައެކަނި ބަހެއް-"
"އެންމެ ރަނގަޅު- މިސް ޕެޓަރސަންއާ ވާހަކަދައްކަންވާ ވަރަށް ވާހަކަދައްކައި ނިމުނީމާ އާދޭ- ދެ މީހުންގެ ވާހަކަ ކުރިއަށް ގެންދެވޭނީ އޭރުން-"
ޙިއްޞާދާރަކަށް ހެދުމުގެ ވާހަކައެއް އޭނާއެއް ނުދައްކައެވެ.
އެ ދުވަހު ޑޭވިޑް ގެއަށް އައިއިރު ގެ އޮތީ މުޅިން އަނދިރިކޮށްފައެވެ. އެއްވެސް އަލިކަމެއް ނެތެވެ.
"ސަންޑްރާ-؟"
އެއްވެސް ޖަވާބެއް ނުލިބުނެވެ. އޭނާ ގޭތެރޭގެ ބޮކި ދިއްލައިލަން އުޅުނު ވަގުތު ސަންޑްރާ ބަދިގެއިން ނުކުތް ތަން ފެނިއްޖެއެވެ. އޭނާގެ އަތުގައި ކޭކަކާއި، އުއްބައްތި ހުއްޓެވެ.
"އަހަރެމެން މި އުޅެނީ މިއަދުގެ އުފާވެރި މުނާސަބާ ފާހަގަ..." ޑޭވިޑްގެ މޫނުމަތީގެ ކުލަވަރު ފެނިފައި އޭނާ ވާހަކަ ހުއްޓައިލިއެވެ. "ކިހިނެއްވީ-؟ މައްސަލައެއް ޖެހުނީތަ-؟ އެ ކަންތައް ހަމަ ނުޖެހުނީތަ-؟ އެހެން މީހަކު ޙިއްޞާދާރަކަށް ހެދީތަ-؟"
"ނޫނޭ-" ޑޭވިޑް ބުނެލިއެވެ. "އެއްވެސް މައްސަލައެއް ނުޖެހޭ-"
ސަންޑްރާ މޭޒުމަތީގައި ކޭކު ބާއްވައިފައި ޑޭވިޑްގެ ކައިރިއަށް އަތުވެއްޖެއެވެ. "ކޮންމެވެސް މައްސަލައެއް ޖެހިއްޖެ-"
"ވީ ގޮތަކީ... ކުޑަކޮށް ލަސްވާ ގޮތްވީ-"
"ޖޯސެފް ކިންސެއިޑާ ބައްދަލުކުރަން އޮތީ މިއަދަކު ނޫންތަ-؟"
"މިއަދު- އާދޭ އިށީނދޭ- އަހަރެން ދައްކަންޖެހޭ ވާހަކައެއް އެބަ އޮތް-"
ދެ މީހުން ބޮޑުގޮނޑީގައި އިށީނދެއްޖެއެވެ. ޑޭވިޑް ވާހަކަދައްކަން ފަށައިފިއެވެ. "ކުއްލިއަކަށް ހީކުރެވިފައި ނެތް ކަމެއް ދިމާވީ- ޑޮކްޓަރ ސްޓީވަން ޕެޓަރސަން ހެނދުނު އަހަންނާ ބައްދަލުކުރަން އައި-"
"އެހެންތަ-؟ އެއީ ކީއްކުރަން-؟"
"އޭނާ ބޭނުންވަނީ އޭނާގެ ދަރިފުޅުގެ ވަކީލަކަށް އަހަރެން ހަދަން-"
ސަންޑްރާ ޙައިރާންވެފައި އޭނާއާ ދިމާއަށް ބަލައިލިއެވެ. "އެކަމަކު... ޑޭވިޑަކީ..."
"އާނ- އަހަރެން ތިޔަ ހުރިހައި ވާހަކައެއް ކިޔައިދެވޭތޯ އުޅުނިން- އެކަމަކު އަހަރެން ކުރިން ޖިނާޢީ މައްސަލަތަކާ ހަވާލުވިން-"
"އެކަމަކު މިހާރަކު ނުކުރަމެއްނުން-؟ އޮފީހުގެ ޙިއްޞާދާރަކަށް ވާން އުޅޭ ވާހަކަ އޭނާ ގާތު ބުނިންތަ-؟"
"ނުބުނަން- އޭނާގެ ދަރިފުޅުގެ ވަކީލަކަށް އަހަރެން ނޫން މީހަކު ހަދާކަށް އޭނާ ބޭނުމެއް ނޫން- އޭނާ ދެކޭ ގޮތުގައި އެކަން އެންމެ ފުރިހަމައަށް ކުރެވޭނީ އަހަންނަށް- ޖެސީ ކިލަރ ކަހަލަ މޮޅު މީހަކު ހޯދައިދޭން އަހަރެން އުޅުނިން- އެކަމަކު އޭނާ އެ ވާހަކަ އަޑުއަހާކަށް ވެސް ބޭނުމެއް ނުވޭ-"
"އޭނާއަށް ޖެހޭނީ އެހެން މީހަކު ހޯދަން-"
"އާނ- އޭޝްލީއާ ވާހަކަދައްކަން އަހަރެން އެއްބަސްވިން- ވާހަކަދައްކައިވެސް ފިން-"
ސަންޑްރާ ގޮނޑީގައި ލެނގިލިއެވެ. "ކިންސެއިޑަށް ތިޔަ ކަން އެނގޭތަ-؟"
"އާނ- އަހަރެން ބުނެފިން- އޭނާ މާ ގަޔާވި ކަމަކަށް އެ ކަމެއް ނުވި-" ޑޭވިޑް ކިންސެއިޑް ވާހަކަދައްކާ ރާގުގައި ބުނެލިއެވެ. "މި ކަހަލަ ހުތުރު މައްސަލައެއްގެ ތެރެއަށް މި އިދާރާ ވަނުމަކީ އަހަރެމެން ހިތްހަމަޖެހޭ ކަމެއް ނޫން-"
"ޑޮކްޓަރ ޕެޓަރސަންގެ ދަރިފުޅު ކިހިނެއް-؟"
"ޞިއްޙީ ބަހުރުވައިން ބުނަންޏާ ބުނެވޭނީ އެއީ ފުރުޓްކޭކެކޭ-"
"އަހަންނަކީ ޑަކްޓަރަކީމެއް ނޫން-" ސަންޑްރާ ބުނެލިއެވެ. "މީހަކު ފުރުޓްކޭކަކަށް ވަނީ ކިހިނެއް ކަމެއް އަހަންނަކަށް ނޭނގޭ-"
"އޭގެ މާނައަކީ ތިމާއަކީ އެއްވެސް ކުށެއް ނެތް މީހެއް ކަމަށް އޭނާ ހެޔޮ ހިތުން ޤަބޫލުކުރެއޭ-"
"އެއީ ނުވާނެ ކަމަކީތަ-؟"
"ކަޕަޗީނޯގެ ޝެރިފް އަހަންނަށް އޭޝްލީގެ ފައިލު ދެއްކި- ޤަތުލުގެ ޙާދިސާ ހިނގި ތަންތަނުން ފެނުނު އިނގިލީގެ ނިޝާނާއި، ޑީއެންއޭ އޭޝްލީއާ ދިމާވޭ-"
"ދެން ހަދާނީ ކިހިނެއް-؟"
"އަހަރެން ރޮއިސް ސަލެމްއާ ގުޅައިފިން- އޭނާއަކީ ޖެސީ ކިލަރ އެންމެ ގިނައިން ގުޅާ ނަފްސާނީ ބަލިބަލީގެ ޑަކްޓަރު- އަހަރެން ބޭނުންވަނީ އޭނާއަށް އޭޝްލީ ދައްކާފައި އޭނާ ދޭ ރިޕޯޓު ޑޮކްޓަރ ޕެޓަރސަންއަށް ދޭން- އޭގެ ފަހުން ޑޮކްޓަރ ޕެޓަރސަން ބޭނުމިއްޔާ އެހެން ޑޮކްޓަރަކަށް ދައްކަފާނެތާ- ނޫނީ ކޮންމެވެސް ވަކީލަކާ ގުޅައިފާނެ-"
"ހޫނ-" ސަންޑްރާ އޭނާގެ ފިރިމީހާގެ މޫނަށް ބަލައިލިއެވެ. "ޑޭވިޑް- ޙިއްޞާދާރަކަށް ހެދުމާ ބެހޭ އެއްވެސް ވާހަކައެއް ކިންސެއިޑް ދެއްކިތަ-؟"
އޭނާ ބޯހޫރައިލިއެވެ. "ނުދައްކާ-"
ސަންޑްރާ ހިނިތުންވެލިއެވެ. "އަދި ދައްކާނެ- މާދަމާ ވެސް އޮތީއެއް ނުން-"
ޑޮކްޓަރ ރޮއިސް ސަލެމްއަކީ އިސްކޮޅުން ދިގު ހިކި މީހެކެވެ.
"ޖެސީ ވަރަށް ގިނައިން ޑޭވިޑްގެ ވާހަކަދައްކާ-" އޭނާ ބުނެލިއެވެ. "އޭނާ ޑޭވިޑަށް ވަރަށް ޤަދަރުކުރޭ-"
"އަހަރެން ވެސް އޭނާއަށް ޤަދަރުކުރަން-"
"ޕެޓަރސަން މައްސަލައަކީ ވަރަށް ފޫހިފިލާ ކަހަލަ މައްސަލައެއްހެން ހީވޭ- ތިޔަ ދެއްކި ވާހަކަތަކަށް ބަލައި އިރު ސިކުނޑީގެ މައްސަލައެއް އުޅޭ ކަމަށް އެބަ ކަށަވަރުވޭ- ތިޔަ އުޅެނީ އޭނާއަކީ ސިކުނޑި ހަމަނުޖެހޭ މީހެއްކަން ކޯޓުގައި ސާބިތުކޮށްދޭންތަ-؟"
ޑޭވިޑް ބުންޏެވެ. "މި މައްސަލަ ގެންގުޅެނީއަކީ އަހަންނެއް ނޫން- އަހަރެން ބޭނުންވަނީ އޭނާއަށް ވަކީލަކު ހޯދައިދިނުމުގެ ކުރިން އޭނާގެ ސިކުނޑީގެ ޙާލަތު ދެނެގަންނާން-" އެހައި ހިސާބަށް ޑޭވިޑަށް ލިބިފައިވާ ހުރިހާ މަޢުލޫމާތެއް އޭނާ ރޮއިސްއަށް ކިޔައިދީފިއެވެ. "އޭނާ ބުނާ ގޮތުގައި އޭނާގެ އެއްވެސް ކުށެއް ނެތް- އެކަމަކު ހެކިތަކަށް ބަލައި އިރު އެ ހުރިހައި ޤަތުލެއް ކުރީ އޭނާ ކަމަށް ސާބިތުވޭ-"
"އެންމެ ރަނގަޅު- އެ ކަމަނާގެ ސިކުނޑި އެނބުރޭ އަތެއް ބަލައިލަމާ ހިނގާ-"
ހިޕްނޯތެރަޕީގެ ކަންތައް އޮތީ ސެންޓާ ކްލާރާ ކައުންޓީ ޖަލުގެ ކޮޓަރިއެއްގައެވެ. އެ ކޮޓަރީގައި ހުރީ ހަތަރު އަދަރާދަ ގޮނޑިއާއި، ލަކުޑި މޭޒެކެވެ.
އޭޝްލީ ގެނެސް ކޮޓަރިއަށް ވެއްދީ ޖަލު ބަލަހައްޓާ އަންހެނެކެވެ. އޭނާގެ މޫނުމަތިން ހިތާމައިގެ އަސަރު ފާޅުވާން ހުއްޓެވެ.
"އަޅުގަނޑު ބޭރުގައި މަޑުކޮށްލާނަން-" ޖަލު ބަލަހައްޓާ މީހާ ބޭރަށް ނުކުމެއްޖެއެވެ.
ޑޭވިޑް ބުނެލިއެވެ. "އޭޝްލީ- މިއީ ޑޮކްޓަރ ރޮއިސް ސަލެމް-"
ޑޮކްޓަރ ރޮއިސް ބުނެލިއެވެ. "ހަލޯ އޭޝްލީ-"
އޭޝްލީ އަނގައަކުން ނުބުނެއެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލަބަލައި ހުރީއެވެ. އޭނާ އެ އުޅެނީ ކޮޓަރިން ނުކުމެގެން ދުވެފައި ދާށޭ ޑޭވިޑްގެ ހިތަށްއެރިއެވެ.
"މިސްޓަރ ޑޭވިޑް ބުނާ ގޮތުން ވިއްޔާ ހިޕްނޮޓައިޒް ކުރުމާ މެދު އޭޝްލީގެ އެއްވެސް އިޢުތިރާޒެއް ނެތް-"
އެއްވެސް ޖަވާބެއް ނުލިބުނެވެ.
ޑޮކްޓަރ ރޮއިސް ވާހަކަ ކުރިއަށް ގެންދިޔައެވެ. "އޭޝްލީ- ހިޕްނޮޓައިޒް ކުރިޔަ ދޭނަންތަ-؟"
އޭޝްލީ ލޯ މަރައިލައިފައި ބޯޖަހައިލިއެވެ. "އާނ-"
"ފަށަމާ ހިނގާ-؟"
ޑޭވިޑް ބުންޏެވެ. "ބޭނުމިއްޔާ އަހަރެން ބޭރުގައި..."
"މަޑުކޮށްލާ-" ޑޮކްޓަރ ރޮއިސް ޑޭވިޑާ ގާތަށް ޖެހިލިއެވެ. "ކަންތައް ހިނގާ ގޮތް ބަލައިލަން މަޑުކޮށްލާ-"
ޑޭވިޑް އަނގައިން ނުބުނެ ހިމޭނުން ހުރެއްޖެއެވެ. މި ހިސާބަށް އާދެވުނު މޮޔަ މިހާރު ހިތަށް އަރައެވެ. އޭނާގެ ހިތަށްއެރިއެވެ. މި މައްސަލައިގެ ތެރެއަކަށް އިތުރަކަށް ނުވަންނާނަމެވެ. މިއީ އެންމެ ފަހު ދުވަހެވެ.
"އެންމެ ރަނގަޅު-" ޑޭވިޑް ހިތާ ދެކޮޅަށް ބުނެލިއެވެ. އެ ހުރިހައި ކަމެއް ނިމިގެން އޮފީހަށް ދެވޭނެ ގޮތް ވުމަކީ އޭނާގެ ހިތުގައި މި ވަގުތު އޮތް އެންމެ ބޮޑު އެދުމެވެ. ކިންސެއިޑާ ބައްދަލު ކުރުމަށް ވުރެ އިސް އެއްވެސް ކަމެއް އޭނާއަކަށް ނެތެވެ.
ޑޮކްޓަރ ރޮއިސް އޭޝްލީއާ ދިމާއަށް ބަލައިލިއެވެ. "މި ގޮނޑީގައި އިށީނދޭ-"
އޭޝްލީ އިށީނދެއްޖެއެވެ.
"އޭޝްލީ- މީގެ ކުރިން ދުވަހަކުވެސް ހިޕްނޮޓައިޒް ކުރެވުނުތަ-؟"
އޭނާ ކުޑަކޮށް ޖެހިލުންވެ ހުރެ ޖަވާބު ދިނެވެ. "ނޫން-"
(ނުނިމޭ)
Vaahaka dhaagoiy dhenvaanee khinrhbaa heevanee v. reethi