މާސްކް އެޅުން މަޖުބޫރު ނުކުރަން ޖެހޭ ސަބަބެއް މިވަގުތު އޮތް ކަމަކަށް ނުދެކެން: ހެލްތް މިނިސްޓަރ

ރާއްޖޭގެ ކޮވިޑް ބަލީޖެހޭ މީހުން އިތުރު ވަމުންދާއިރު މާސްކް އެޅުން މަޖްބޫރު ނުކުރަންޖެހޭ ސަބަބެއް މިވަގުތު އޮތްކަމަށް ދެކެވަޑައި ނުގަންނަވާކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޙީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ ވިދާޅުވީ މާސްކް އެޅުން މަޖުބޫރު ކުރުމާ ދޭތެރޭ ވިސްނުންގެންގުޅުއްވާކަމަށެވެ.

"މަޖްބޫރުވެސް ކުރެވިދާނެ މާސްކް އެޅުން. މަޖްބޫރު ކުރުމާއި މިހާރު މިހަރަ ގައިޑްލައިންތަކާ އުޞޫލެއްގެ ގޮތުން ހަޤީޤަތުގައި ތަފާތެއް ނެތް. މިބަލިން ރައްކާތެރި ވުމަށް އަޅުގަނޑުމެން އަސާސީކަމެއްގެ ގޮތުގައި ކުރަމުން ދިޔައީ މީހުންނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި މީހުންނަށް މަޢުލޫމާތު ދީގެން ހޭލުންތެރިކޮށް މީހުންނަށް ވިސްނުވައިދީގެން ބަލިން ރައްކާތެރިވުމަށްޓަކައި މަސައްކަތްކުރުން. އެހެންނަމަވެސް އެކަންކަންކަމަށް ތަބާ ނުވާނަމަ އަޅުގަނޑުމެންނަށް ފިޔަވަޅުއަޅަން މަޖްބޫރުވާނެ."  މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މާސްކް އެޅުމާމެދުވެސް ގޮތެއް ނިންމަވާނީ މަޝްވަރާކުރެއްވުމަށްފަހުކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. ގޮތެއް ނިންމަން ޖެހެނީ ހަމައެކަނި މާސްކް އެޅުމަށް ނޫންކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ވަކި ވަރަކަށްވުރެ ގިނަ މީހުން އެއްތަނަކަށް އެއް ނުވާށޭ ދަންނަވަނީ، އޭގެ ސަބަބުން ބަލި ފެތުރޭ ސްޕީޑް ލަސް ނުކުރެވޭކަމަށް ވާނަމަ އިސާހިތަކު މީހުން ގިނަވެ އިންތިހާއަށް މީހުން މަރުވާން ފަށާފާނެ." ހެލްތް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ބައްޔަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުންދިޔަ ނަމަވެސް އިތުރު ފުރަބަންދަކަށް ދިއުމުގެ ވިސްނުން ނުގެންގުޅުއްވާކަމަށް ވެސް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ. މުހިންމީ ބަލި ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުންކަމަށް ވިދާޅުވިއެވެ. ފިޔަވަޅުތައް އެޅުމުގައި ނިންމާ ނިމުންތައް ނިންމުމުގައި އިންޑިކޭޓަރތަކަށް ބައްލަވާ ކޮންމެ ހަފުތާއަކުން ރިވިއުކުރަމުން ދާކަމަށް ހެލްތް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ކޭސްތައް އިތުރުވާ މިންވަރުގެ އިތުރުން ހޮސްޕިޓަލް ގައި ފަރުވާދޭން ޖެހޭ ނިސްބަތާއި އެނޫންވެސް ކަންކަމަށް ބައްލަވާކަމަށް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.