ކޮވިޑް-19 ގައި ހެލްތް މިނިސްޓްރީން ކޮށްފައިވާ ޚަރަދުތަކުން ކުރު މުއްދަތެއް ޖަހައިގެން ބޮޑު އަގުގައި ބިޑުތައް ކާމިޔާބުކޮށް ފަހުން މުއްދަތު އިތުރުކޮށް ދީފައިވާކަން ފާހަގަ ކުރެވޭ ކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ.
އޮޑިޓް އޮފީހުން މިކަން ހާމަ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން ދެއްވި މަޢުލޫމާތު ތަކުގައެވެ. ވެންޓިލޭޓަރު ތަކުގެ އިތުރުން ބައެއް އެހެން އާލާތްތައް ހޯދުމުގައިވެސް މިކަން ފާހަގަ ކުރެވިފައިވާ ކަމަށް އޮޑިޓް އޮފީހުން ވިދާޅުވިއެވެ.
ކޮވިޑާ ގުޅޭ ޕީޕީއީ ސަފްލަޔަރުން ހޯދުމަށް ކޮށްފައިވާ ބިޑު އިވެލުއޭޓް ކުރުމުގައި މުއްދަތަށް 35 ޕޮއިންޓް ދީފައިވާ ކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން މުއްދަތައް ބަލައިގެން ބިޑު ވަޒަން ކޮށްފައިވުމުން އަގުހެޔޮކޮށް ހުށަހަޅައިފައިވާ ފަރާތްކަށް ކާމިޔާބު ނުވެ ބޮޑު އަގުގައި ކުރު މުއްދަތު ޖަހައިފައިވާ ފަރާތްތަކަށް ބިޑުތައް ކާމިޔާބު ކޮށްފައިވާކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެ ފަރާތްތަކުން އެ މުއްދަތުގައި އެއްޗެހި ސަޕްލައި ނުކުރުމުން އަލުން މުއްދަތު ދީފައިކަންވެސް ފާހަގަ ކުރެއްވިއެވެ.
އެއްދުވަހުގެ ތެރޭގައި އަލްކަހޯލް ބޭސްޑް ގަލޯވްސްގެ 5900 އައިޓަމް ސަޕްލައިކޮށް ދިނުމަށް ޙަވާލުކުރި ފަރާތުން އެއް ދުވަހުގެ ތެރޭގައި އެތަކެތީ ނުގަނެވިގެން 52 ދުވަހަށް މުއްދަތު އިތުރު ކޮށްފައިވާކަން ވަނީ ފާހަގަ ކޮށްފައެވެ. އެ ތަކެތި ފޯރުކޮށް ދިނުމަށް އެފަރާތަށް ޙަވާލު ކޮށްފައި ވަނީ 600075 ރުފިޔާ އަށް ކަމަށް ވިއަސް އެހެން ފަރާތުން ހުށަހަޅައިފަވާ އަގުގެ ތަފާތުގައި 257000 ރުފިޔާގެ ތަފާތު ހުރިކަން ފާހަގަ ކުރެއްވިއެވެ.
އަދި ފަސް ދުވަހުގެ ތެރޭގައި ރިޔޫޒަބަލް ޕްރޮޓެކްޓިވް ގޮގްލްސްގެ 39830 އައިޓަމް ސަޕްލައި ކުރުމަށް ޙަވާލުކުރި ފަރާތުން ވެސް އެ މުއްދަތުގައި އެތަކެތި ސަޕްލައި ނުކުރެވުމުން 59 ދުވަހުގެ މުއްދަތެއް ދީފައިވާކަން ފާހަގަ ކުރެއްވިއެވެ. އެއައިޓަމް އެހެން ފަރާތަކުން އަގު ހޮޔޮކޮށް ސަޕްލައި ކޮށްދެން ހުށަހަޅައިފައިވީ ނަމަވެސް މުއްދަތަށް ބައްލަވައި ބޮޑު އަގު ހުށަހެޅި ފަރާތަށް މަސައްކަތް ޙަވާލު ކުރެވިފައިވާކަން ފާހަގަ ކުރެއްވިއެވެ. މި ކޮންޓްރެކްޓަށް ބަލާއިރުވެސް އަގުގެ ތަފާތުގައި 423000 އުޅޭކަން ފާހަގަ ކުރެއްވިއެވެ.
އަމިއްލަ ފާރަތްތަކާ ހަވާލުކޮށްގެން 30 ޖޫންގެ ނިޔަލަށް 19.4 މިލިއަން ރުފިޔާގެ ޕީޕީއީ ހޯއްދަވައިފައިވާއިރު އެތަކެތި ސްޓޮކް މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެ މަތިން ހެލްތް މިނިސްޓްރީން ބަލަހައްޓައިފައި ނުވާކަންވެސް އޮޑިޓުން ފާހަގަ ކުރެއްވިފައިވާ ކަމަށް އޮޑިޓް އޮފީހުން ފާހަގަ ކުރެއްވިއެވެ.
އެޑްވާންސަށް ފައިސާ ދައްކައިގެން އެސްޓީއޯއާ ޙަޥާލުކޮށްގެން ހޯދައިފައިވާ ޕީޕީ އައިޓަމްތަކުގެ ތެރެއިން އެކިއެކި މުއައްސަސާތަކަށް ސަޕްލައިކޮށްދިން ތަކެތީގެ ޢަދަދާއި އަދި ސްޓޮކްގައި ބާކީ ހުންނަން ޖެހޭ ހިސާބުވެސް ހެލްތް މިނިސްޓްރީން ބަލަހައްޓައިފައި ނުވާކަން ފާހަގަ ކުރެއްވިއެވެ. އެސްޓީއޯ އިން ތަކެތި ހޯދުމަށް 32.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.