ޑަބްލިއުއެޗްއޯގެ 73 ވަނަ ވޯލްޑް ހެލްތް އެސެމްބްލީގައި ތަޤްރީރު ކުރައްވަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އިޤްތިސާދުވިޔަސް، ތިމާވެށިވިޔަސް އަދި ދިރިއުޅުމުގެ މިފަދަ އެހެން ކަންކަމަށް ބަލާއިރުވެސް އެންމެ މުހިއްމު އަސާސަކީ ސިއްޙަތުކަމަށެެވެ. އެހެންކަމުން ސިއްހީ ދާއިރާއާއި ސިއްހަތަކީ އަޅާނުލައި ދޫނުކުރެވޭނެ އެއްޗެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދުނިޔެއަށް ދިމާވާ މިފަދަ ސިއްޙީ ކާރިސާތަކުގެ ސަބަބުން މުޅި އިންސާނިއްޔަތު ކަރުނަ އަޅަމުންދާކަމަށެވެ.
ރާއްޖެއަށް މި ބަލީގެ ސަަބަބުން ދިމާވެފައިވާ އުދަޤޫތަކާއި ދަތިތައް ކިޔައިދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް މި ބަލި އެރުނަ ނުދިނުމަށްޓަކައި އެންމެ ކުރީއްސުރެ ވެސް ގަދައަޅައި މަސައްކަތް ކުރެވުނު ކަމަށެވެ.ނަމަވެސް ރާއްޖެއަށް މި ބަލިފެތުރި އެކަމުގެ ނޭދޭވޭ އަސަރުތަކާއި މިވަނީ ކުރިމަތިލާންޖެހިފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން، ރާއްޖޭގެ އެންމެބޮޑު ދެ ސިނާއަތް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަން ހުއްޓި ދިވެހިންގެ ދިރިއުޅުމަށް ވަނީ ވަރަށް ބޮޑަށް މީގެ ނޭދެވޭ އަސަރުކޮށްފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ޤައުމުތަކުން އެކްސްޕޯޓުކުރުމުގެ މަސައްކަތް ހުއްޓުމުން ރާއްޖެއަށް ބޭނުންވާ މެޑިކަލް އަދި އެހެނިހެން ބާވަތްތައް ހޯދުމަށް އިންތިހާ އަށް ދަތިވިކަން މިނިސްޓަރު ފާހަގަކުރިއެވެ. އަދި މި އުދަގޫ ހާލަތުގައި މި ސަރަހައްދުގެ ޑަބްލިއުއެޗްއޯގެ މައި އޮފީސް ކަމަށްވާ ޑަބްލިއުއެޗްއޯގެ ސައުތް އީސްޓް އޭޝިޔާއިން ނެގި އިސްކަމަށާއި ކައިރި ޤައުމުތަކުން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެެެވެ. ޙާއްސަކޮށް އިންޑިއާއިން ފޯރުކޮށްދިން އެހީތެރިކަމާއި، ކައިރި ޤައުމަކަށް ނުވި ނަމަވެސް ޗައިނާއިން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކޮށްފައެެވެ.
ވާރޓުއަލް ކޮށް ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ދުނިޔެއަށް ދިމާވެފައި މިވާ ސިއްޙީ ކާރިސާއިން ޤައުމުތަކަށާއި ޑަބްލިއުއެޗްއޯއަށްވެސް ވަރަށް ގިނަ ފިލާވަޅުތައް ދަސްވެފައިކަމަށެވެ. މިގޮތުން އެއްވެސް ޤައުމެއް ނުވަތަ މުޅި ދުނިޔެވެސް މިފަދަ ކާރިސާއެށް އަންނާނެކަމަށް ހީނުކުރާކަމަށާއި، ޤައުމުތަކުން އެ ޤައުމެއްގެ ހުރިހާ ވަސީލަތްތަކާއި ހަކަތަ ކޮވިޑް-19 އަށް ހޭދަކުރާއިރު އެހެނިހެން ސިއްހީ މައްސަލަތަކާއި ބޭނުންތަކަށް އިހުމާލް ވެދާނެކަމަށާއި އަދި އެކަމުގެ ސަބަބުން އިޖުތިމާޢީ އަދި އިޤްތިސާދީ އިނދަޖެހުމެއް ކުރިމަތިވެދާނެ ކަމަށެވެ. އެހެންކަމުން މި ހާލަތުގައި މި ބަލިމަޑުކަމަށްވުރެ ކުރިޔަށް އަދި ދުރަށް ވިސްނަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.
ހެލްތްމިނިސްޓާރ އަބްދުﷲ އަމީން އިތުރަށް ވިދާޅުވިގޮތުގައި މި ބަލިމަޑުކަމުން އަރައިގަނެވޭނީ ހުރިހާ ޤައުމެއް އެކީގައި މަސައްކަތް ކޮށްގެންނެވެ. ވައިރަސް ބޯޑާރ ތައް ނުދަންނަ ކަމަށާއި ދުނިޔެއަށް ދިމާވެފައިމިވާ މި ހާލަތުން އަރައިގަނެވޭނީ ހުރިހާ ޤައުމުތަކުން މުހިއްމު މައުލޫމާތު ޙިއްސާކޮށް ޤައުމުތަކުގެ ވަސީލަތްތައް ދީގެންކަމަށެވެ. މުޅި ދުނިޔެ އެކުގައި މަސައްކަތް ކޮށްފިނަމަ ކޮވިޑް-19 އިން ސަލާމަތްވެވޭނެ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ޑަބްލިއުއެޗްއޯގެ 194 މެމްބަރު ޤައުމުތަކުން ބައިވެރިވިއެެވެ