ހުވަފެން - 13

(13 އޯގަސްޓް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޓޮނީއާއި، ޖީން ކްލައުޑީ ކޮންމެ ދުވަހަކު މެންދުރު ކަނީ އެކީގައެވެ. އޭގެ ފަހުން ޖީން ދަނީ ޓޮނީ ގޮވައިގެން ރަށުތެރެ ދައްކާލާށެވެ. ކެބެކް ސިޓީ ކަހަލަ ތަނެއް އޭނާ ދުވަހަކު ވެސް ނުދެކެއެވެ. ހީވަނީ ޤަރުނަށް އަޅައިގަތް އިރު ފެންނަން އޮތް ކަހަލަ ފަރަންސޭސި އަވަށެއް ގެނެސް އުތުރު އެމެރިކާގައި ބާއްވައިފައި އޮތީ ހެންނެވެ. ޤަދީމީ މަގުމަގާއި، މުސްކުޅި ނަންތައް ފެނުނީމާ ހީވަނީ މުޅިން އެހެން ޒަމާނެއްގައި، އެހެން ދުނިޔެއެއްގައި އުޅެވެނީ ހެންނެވެ.

ރަށުގެ އެންމެ މަޝްހޫރު ފިހާރަތަކަށް ދެ މީހުން ޒިޔާރަތް ކުރިއެވެ.

"މިއީ އުތުރު އެމެރިކާގެ އެންމެ ޤަދީމީ ވިޔަފާރި މަރުކަޒު-" ޖީން ކްލައުޑީ ބުންޏެވެ.

"މި ތަން ވަރަށް ރީތި-"

އެ މީހުން ނުދާ މަޝްހޫރު ތަނެއް ނުބާއްވައެވެ.

"ހިތްހަމަ ޖެހޭތަ-؟"

ޓޮނީ ބޯޖަހައިލިއެވެ. "ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ-"

އެލެޓް އޭނާގެ ވަގުތު ހޭދަ ކުރަމުން ދިޔައީ ދާރުލްއާޘާރުތަކުގައެވެ. އެކިއެކި ތަންތަނަށް ވަދެ ކުރެހުމާއި، އަތްތެރި މަސައްކަތުގެ ނަމޫނާތައް ބަލަމުން ދިޔައިރު ދޭތެރެދޭތެރެއިން ސެން ފްރެންސިސްކޯއިން ދިމާވި ކުރެހުންތެރިޔާ، ރިޗަރޑް މެލްޓަންގެ މަތިން ހަނދާންވެއެވެ. އޭނާ އަހަރެންގެ މަތިން ހަނދާން ކުރާނެ ބާވައެވެ؟ އެލެޓްގެ ހިތަށްއެރިއެވެ.

ބައްޕައާ ގުޅައިފައި ކެބެކަށް ނާންނާށޭ ބުނަން އޭޝްލީ ބޭނުންވިއެވެ. އެހެން ނަމަވެސް އެހެން ހަދާކަށް ނުކެރުނެވެ. ދައްކާނީ ކޮން ޢުޒުރެއް ހެއްޔެވެ؟ ބައްޕައަކީ މީހުން މަރާ މީހެކޭ، އެހެން ވީމާ ބައްދަލުކުރާކަށް ބޭނުމެއް ނޫނޭ ބުނެވިދާނެ ހެއްޔެވެ؟

ފާއިތުވާ ކޮންމެ ދުވަހަކީ ކްރިސްމަސް ދުވަހާ ކައިރިއަށް އަޅާ ފިޔަވަޅެކެވެ.

"ހިނގާ އަހަރެންގެ ފިހާރަ ބަލައިލަން- ޖީން ކްލައުޑީ ބުންޏެވެ. ދާނަންތަ-؟"

"އާނ-"

ޕޭރެންޓް ޖުވެލަރސް ހުންނަނީ ކެބެކް ސިޓީގެ އެންމެ ރީތި ހިސާބުގައެވެ. އެ ފިހާރައަށް ވަދެވުނީމާ ޓޮނީ ޙައިރާންވެގެން ގޮސް ބަސް ހުއްޓުނެވެ. އިންޓަރނެޓްގައި ވާހަކަ ދައްކަމުން ޖީން ބުނެފައި އޮތީ ކުޑަކުޑަ ފިހާރައެއް ހުންނަ ވާހަކައެވެ. އެކަމަކު މިއީ ބޮޑު ރަށެއް ވަރުގެ ފިހާރައެކެވެ. ފައިސާ ކަނޑަން ވެސް ހައެއްކަ މީހުން ތިއްބެވެ.

"މި ތަން ވަރަށް ރީތި-"

ޖީން ހިނިތުންވެލިއެވެ. "ހިނގާ- އަހަރެން ބޭނުން ކަލެއަށް ކްރިސްމަސް ހަދިޔާއެއް ދޭން-"

"ނޫނޭ- އެހެން..."

"އަހަރެންގެ އުފާތަކުން މަހުރޫމްކުރަން ނޫޅޭ- މިއީ ހަމައެކަނި އަހަރެންގެ އުފަލަކަށް ކުރާ ކަމެއް-" ޖީން ބުންޏެވެ. "ބޭނުން އެއްޗެއް ބުނޭ-"

ޓޮނީ ބޯހޫރައިލިއެވެ. "މި ތާނގައި މިހިރީ މާ އަގު ބޮޑު އެއްޗެތި- އަހަންނަކަށް..."

"ބޭނުން އެއްޗެއް ބުނޭ-"

ޓޮނީ އިރުކޮޅަކު އޭނާއާ ދިމާއަށް ބަލަން ހުރެފައި ބޯޖަހައިލިއެވެ. "އެންމެ ރަނގަޅު-" އޭނާ ޝޯކޭސްތައް ބަލަން ފަށައިފިއެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ޝޯކޭހެއްގައި އޮތް އެމެރަލްޑް އަނގޮޓިއެކެވެ. އޭގައި ވަރަށް ރީތި ޖަވާހިރު ޖަހައިފައި ހުއްޓެވެ.

އޭނާ އެ އަނގޮޓިއާ ދިމާއަށް ބަލަން ހުރި ތަން ޖީންއަށް ފެނިއްޖެއެވެ. "އެ އެމެރަލްޑް އަނގޮޓި ރީތިތަ-؟"

"އާނ- ވަރަށް ރީތި- އެކަމަކު ވަރަށް އަގު ބޮޑު..."

ޖީން ކްލައުޑީ ޖީބުން ކުޑަ ތަޅުދަނޑިއެއް ނަގާ ޝޯކޭސް ހުޅުވައިލިއެވެ. އަދި އެ އަނގޮޓި ނަގައިފިއެވެ.

"ޖީން- ނަގާނެ ކަމެއް..."

"އަތް ދައްކާ-" އޭނާ ޓޮނީގެ އިނގިލީގައި އެ އަނގޮޓި އަޅުވައިފިއެވެ. އިނގިއްޔަށް އެ އަނގޮޓި މުޅިން ހެޔޮވަރެވެ.

"މިއީ ހެޔޮ ފާލެއް-"

ޓޮނީ ޖީންގެ އަތުގައި ހިފައިލިއެވެ. "ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގޭ-"

"އަނގޮޓި ދިނުމަކީ އަހަންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް- ޕެވިލިއަންއޭ ކިޔާ ވަރަށް ރަނގަޅު ރެސްޓޯރަންޓެއް އަހަރެން ދަންނަން- މިރޭ އެ ތަނަށް ކާން ދަމާ ހިނގާ-"

"މައްސަލައެއް ނެތް-"

"އަށެއް ޖަހާ އިރު އަހަރެން ގުޅާނަން-"

އެ ދުވަހުގެ އިރުއޮއްސި ހައެއް ޖެހި ތަނާ އޭޝްލީގެ ބައްޕަ ފޯނުކޮށްފިއެވެ. "އޭޝްލީ- އަހަރެން ވަރަށް ބޮޑަށް ހިތާމަކުރަން- ކްރިސްމަސް ދުވަހު އަހަންނަކަށް އާދެވޭނެ ހެންނެއް ހިއެއް ނުވޭ- އަހަރެން ބަލަމުންދާ މީހަކު ކުއްލިއަކަށް ވަރަށް ބޮޑަށް ބަލިވެއްޖެ- އަހަރެން މިރޭ އޭނާއަށް ފަރުވާ ދޭން އާރޖެންޓީނާއަށް ފުރަނީ-"

"ވަރަށް ދެރަ-" ދެރަވާކަން އަޑުން ދެއްކޭތޯ އޭނާ ވަރަށް މަސައްކަތް ކުރިއެވެ.

"ފަހުން ދެ މީހުން އެކީގައި ތަނަކަށް ދާނީ- ދެރަ ނުވޭ-"

"ލައްބަ-"

ޓޮނީ އެ ދަނީ ބޭރަށް ދާން ތައްޔާރު ވަމުންނެވެ. ޖީން ކްލައުޑީއާ އެކީ ކާން ދާށެވެ. ތައްޔާރު ވަމުން ދިޔަ އިރު ދިޔައީ ލަވަ ކިޔަމުންނެވެ.

މަންމާއެވެ. ޖީން ކްލައުޑީ އަހަރެން ދެކެ ލޯބިވެއެވެ.

ޕެވިލިއަން ހުންނަނީ ކެބެކް ސިޓީގެ މުސްކުޅި ރޭލްވޭ އޮންނަ މަގުގައެވެ. އެއީ ގަހުވަޚާނާއަކާ އެކު ހަދާފައި ހުރި ބޮޑު ރެސްޓޯރަންޓެކެވެ. މުޅި ހޯލްތެރެ އޮންނަނީ މޭޒު ޖަހައި ފުރައިލައިފައެވެ. ރޭގަނޑު އެގާރަ ޖެހީމާ އެ ތަނުން ބައެއް މޭޒު އެއްފަރާތް ކޮށްފައި ނަށާ ތަނެއް ހަދައެވެ. އެ ހިސާބުން ޑިސްކޯ ފެށެނީއެވެ.

ޓޮނީއާއި، ޖީން އައީ ނުވައެއް ޖެހި ތަނާއެވެ. ދޮރު މަތިން ދެ މީހުންނާ ބައްދަލު ކުރީ ރެސްޓޯރަންޓްގެ ވެރިމީހާއެވެ.

"ޕޭރެންޓް- މި ތަނަށް ވަޑައިގެންނެވީތީ ވަރަށް ބޮޑަށް އުފާކުރަން-"

"ޝުކުރިއްޔާ އަންދްރޭ- މިއީ މިސް ޓޮނީ ޕްރެސްކޮޓް- ޓޮނީ- މިއީ މިސްޓަރ ނިކޮލަސް-"

"މިސް ޕްރެސްކޮޓް- މޭޒު ހުރީ ތައްޔާރަށް-"

"މި ތާނގެ ކެއުން ވަރަށް މީރުވާނެ-" ޖީން ކްލައުޑީ ބުންޏެވެ. "ފަށަން ޝެމްޕޭން ގެންނަމާ-؟"

ޓޮނީ އިށީނދެގެން އިން އިރު ބަލަމުން ދިޔައީ އޭނާގެ އިނގިލީގައި އޮތް އެމެރަލްޑް އަނގޮޓިއަށެވެ. "މި އަނގޮޓި ވަރަށް ރީތި-"

ޖީން ހިނިތުންވެލިއެވެ. "އެންމެ ފަހުން އަހަރެމެންނަށް ބައްދަލު ވެވުނީތީ އަހަރެން މި ހުންނަނީ ވަރަށް އުފަލުން-"

"އަހަރެން ވެސް މި ހުންނަނީ ވަރަށް އުފަލުން-" ޓޮނީ މަޑުމަޑުން ބުނެލިއެވެ.

މަޑުމަޑު މިއުޒިކެއް ޖަހަން ފަށައިފިއެވެ. "ނަށާނަންތަ-؟"

"ހިނގާ-"

ނެށުމަކީ ޓޮނީ އެންމެ ކުރާ ހިތްވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނަށާ ތަނަކަށް ދެވުމާ އެކު އޭނާ ހުރިހާ ކަމެއް ހަނދާން ނެތެއެވެ. ކުޑައިރު އޭނާ ބައްޕައާ އެކީ ނަށާ ތަން ފެނުނީމާ މަންމަ ބުނެއެވެ. މިއީ އެއްވެސް ކަމެއް ދަންނަ ކުއްޖެއް ނޫނެވެ.

ޖީން ކްލައުޑީ އޭނާ ގަޔާ ކައިރިކޮށްލިއެވެ. "ކަލޭ ނަށައިލެއް ވަރަށް ރަނގަޅު-"

"ޝުކުރިއްޔާ-" މަންމާއެވެ. އަޑު އިވުނު ހެއްޔެވެ؟

ޓޮނީގެ ހިތަށްއެރިއެވެ. މިރޭ އެއްގޮތަކަށް ވެސް ނުނިމި، މި ގޮތަށް ކުރިއަށް ދާނެނަމަ ކިހައި ރަނގަޅު ހެއްޔެވެ.

ކައިނިމިގެން ހޮޓަލަށް ދިޔަ މަގުމަތީގައި ޖީން އަހައިލިއެވެ. "މިރޭ އަހަރެންގެ ގޭގައި މަޑުކޮށްލަން ވީއެއް ނުން-؟"

ޓޮނީ ކުޑަކޮށް ޖެހިލުންވެފައި ހުރެގެން ބުނެލިއެވެ. "މި ރެއަކު ނޫން-"

"މާދަމާ ރޭ-؟"

ޓޮނީ އޭނާގެ އަތަށް ފިތައިލިއެވެ. "މާދަމާ ރޭ-"

މެންދަމުން އަލިވެ ތިނެއް ޖެހިއިރު ފުލުސް އޮފްސަރެއް ކަމަށްވާ ރެނޭ ޕިކާރޑް ކާރުގައި ދަނިކޮށް، ރަށުގެ މަޝްހޫރު ހިސާބެއްގައި ހުރި ދެ ބުރި ޢިމާރާތެއްގެ މައި ދޮރު ހުޅުވިފައި ހުއްޓާ ފެނިއްޖެއެވެ. އޭނާ ކާރު މަޑުކޮށްފައި ފައިބައިގެން ގޮސް ދޮރުމައްޗަށް އަރައިފިއެވެ. "މީހަކު އެބަ އުޅޭތަ-؟"

އެއްވެސް ޖަވާބެއް ނުލިބުނެވެ. އޭނާ އެތެރެއަށް ވަދެއްޖެއެވެ. ބޮޑުކޮޓަރީގެ ތެރެއަކުން ވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. "މީހަކު އެބަ އުޅޭތަ-؟"

މި ފަހަރަކު ވެސް ޖަވާބެއް ނުލިބުނެވެ. އޭނާ ފިސްތޯލަ އަތަށް ހެޔޮވަރު ކޮށްލުމަށް ފަހު ތިރީބުރީގެ ކޮޓަރިތައް ބަލަމުން ހިނގަން ފަށައިފިއެވެ. އެއްވެސް ކޮޓަރިއަކު މީހެއް ނެތެވެ. އޭނާ އެނބުރި ބޮޑުކޮޓަރިއަށް އަތުވެއްޖެއެވެ.

ދެން އޭނާ މިސްރާބު ޖެހީ މަތީބުރިއަށެވެ. ހޯލްތެރެއަކުން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. މަތީބުރީގެ އެއް ކޮޓަރީގެ ދޮރު ހުރީ ހުޅުވައިފައެވެ. އޭނާ މަޑުމަޑުން ގޮސް އެ ކޮޓަރިއަށް ވަދެއްޖެއެވެ. ދެވަނަ ސިކުންތުގައި އޭނާގެ ފައިތިލަ ހުރި ތާނގައި ހަރުލައިފިއެވެ. "ޔާ ރައްބީ!"

ފަތިހު ފަހެއް ޖަހައިފިއެވެ. ތަނަކީ ފުލުސް އޮފީހެވެ. އިންސްޕެކްޓަރ ޕޯލް ސޭޔަރ އަހައިލިއެވެ. "ކޮބާ- ކިހައި ހިސާބަކަށް ގެންދެވިއްޖެ-؟"

"މަރުވެފައި އޮތް މީހާގެ ނަމަކީ ޖީން ކްލައުޑީ ޕޭރެންޓް- މަރައިލައިފައި އޮތީ ވަޅިއެއް ކަހަލަ ތޫނު އެއްޗަކުން ޙަމަލާދީގެން- ޖިންސީ ގުނަވަނެއް ނެތް- ކޮރޯނަރ ބުނާ ގޮތުގައި މަރައިލައިފައި ވަނީ މި ދިޔަ ތިނެއް ނުވަތަ ހަތަރު ގަޑިއެއްހައި އިރުގެ ތެރޭގައި- އޭނާގެ ޖީބުގައި ޕެވިލިއަން ރެސްޓޯރަންޓްގެ ބިލެއް އޮތް- ރޭ އޭނާ ކެއީ އެ ތަނުން- އަހަރެމެން ރެސްޓޯރަންޓްގެ ވެރިމީހާއަށް ގޮވައި ނަގައިގެން ސުވާލުކޮށްފިން-"

"އޭނާ ބުނީ ކީކޭ-؟"

"ޕޭރެންޓް އެ ތަނަށް ކާން ދިޔައީ ޓޮނީ ޕްރެސްކޮޓޭ ނަމަކަށް ކިޔާ އަންހެނަކު ގޮވައިގެން- އެއީ ވަރަށް ރީތި އަންހެނެއް ކަމަށް ވޭ- ވާހަކަ ދެއްކުމުގައި އިނގިރޭސި ގޮތް ހުރި ކަމަށް ބުނޭ- ޕޭރެންޓްގެ ގަހަނާ ފިހާރައިގެ މެނޭޖަރު ބުނާ ގޮތުގައި އެ އަންހެއްކުއްޖަކު އެ ރޭ ފިހާރައަށް ވެސް ގެންދިޔަ- އެ ތަނުން ވަރަށް އަގު ބޮޑު، އެމެރަލްޑް އަނގޮޓިއެއް ހަދިޔާއަކަށް ދިން- ޕޭރެންޓް މަރުވުމުގެ ކުރިން ޖިންސީގުޅުމެއް ހިންގި ކަމަށް ޝައްކުކުރެވޭ- ޙަމަލާ ދީފައި ހުރީ ސިޓީއުރަ ކަނޑާ އެއްޗަކުން ކަމަށް ލަފާކުރެވޭ- އޭގައި އިނގިލީގެ ނިޝާން ހުރި- އެ ނިޝާން މިހާރު ވަނީ އަހަރެމެންގެ ލެބޯޓަރީއަށާއި، އެފްބީއައިއަށް ފޮނުވައިފައި-"

"ޓޮނީ ޕްރެސްކޮޓް ހައްޔަރު ކޮށްފިންތަ-؟"

"ނޫން-"

"އެއީ ކީއްވެގެން-؟"

"އަހަރެމެންނަކަށް އޭނާއެއް ނުފެނުނު- ރަށުގެ ހުރިހާ ހޮޓަލެއް އަހަރެމެން ބަލައިފިން- އެފްބީއައިގެ ހުރިހާ ފައިލެއް ބަލައިފިން- އަހަރެމެންގެ ފައިލުތައް ވެސް ބަލައިފިން- ޓޮނީގެ އުފަން ދުވަހުގެ ސެޓްފިކެޓެއް، ސޯޝަލް ސެކިއުރިޓީ ނަންބަރެއް، ޑްރައިވިންގ ލައިސަންސް ނަންބަރެއް ފެންނާކަށް ނެތް-"

"ޙައިރާންވާ ވަރުގެ ކަމެއް- އޭނާ ރަށުން ބޭރަށް ދިޔައީތަ-؟"

ފުލުސް އޮފްސަރު ފޮންޓެއިން ބޯހޫރައިލިއެވެ. "ހިއެއް ނުވޭ- މެންދަމު ބާރަ ޖެހި އިރު އެއަރޕޯޓް ބަންދު ވެއްޖެ- ކެބެކް ސިޓީން ބޭރަށް ދާ އެންމެ ފަހުގެ ރޭލު ފުރީ އިއްޔެ ހަވީރު ފަސް ގަޑި ބައިގައި- މިއަދުގެ ފުރަތަމަ ރޭލު ފުރާނީ ހަ ގަޑި ބައިގައި- ޓޮނީގެ މަޢުލޫމާތު އަހަރެމެން އޮންނާނީ ހުރިހައި ބަސް ސްޓޭޝަނަކަށާއި، ޓެކްސީ ސެންޓަރުތަކަށް ފޮނުވައިފައި-"

"ކިހައި ވަރުގަދަ ކަމެއް- އޭނާގެ ނަން އެބަ އެނގޭ- ސިފަ އެބަ އެނގޭ- އިނގިލީގެ ނިޝާން ލިބިފައި އެބަ އޮތް- ކުއްލިއަކަށް އޭނާ ޣައިބުވާނީ ކިހިނެއް-؟"

އެއް ގަޑިއިރު ފަހުން އެފްބީއައިގެ ރިޕޯޓް ލިބިއްޖެއެވެ. އެ މީހުންނަކަށް އިނގިލީގެ ނިޝާނެއް ނޭނގުނެވެ. ޓޮނީ ޕްރެސްކޮޓް ނަމަކަށް ކިޔާ މީހެއްގެ އެއްވެސް މަޢުލޫމާތެއް އެ މީހުންނަކަށް އެނގިފައެއް ނެތެވެ.

އަށްވަނަ ބާބު

އޭޝްލީ ކެބެކް ސިޓީން އެނބުރި އައިތާ ފަސްވަނައަށް ވީ ދުވަހު އޭނާގެ ބައްޕަ ފޯނުކުރިއެވެ. "އަހަރެން ހަމަ ދެންމެ މި އައީ-"

"އެހެންތޯ-؟" ބައްޕަ ތަނަކަށް ދިޔަކަން އޭނާއަށް ހަނދާންވީ ކުއްލިއަކަށެވެ. "އާޖެންޓީނާގެ ބަލިމީހާގެ ޙާލު ކިހިނެއްތޯ؟"

"އޭނާ އަދި މަރެއް ނުވާނެ-"

"ވަރަށް ރަނގަޅު-"

"މާދަމާ ރޭ ކާން ސެން ފްރެންސިސްކޯއަށް އާދެވިދާނެތަ-؟"

ބައްޕައާ ބައްދަލުކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެން ނަމަވެސް ދެއްކޭނޭ އުޒުރެއް ނެތެވެ. "ލައްބަ-"

"މާދަމާ ރޭ އަށެއް ޖަހާ އިރު ލޫލޫ ރެސްޓޯރަންޓުން އަހަރެން ބައްދަލުކުރާނަން-"

ބައްޕަ އައިއިރު އޭޝްލީ ރެސްޓޯރަންޓްގައި އިނެވެ. ބައްޕަ ވަދެގެން އައި އިރު ވަރަށް ގިނަ މީހުން ބަލައި، ވާހަކަ ދައްކާ ތަން ފެނުނެވެ. އެއީ ވަރަށް މަޝްހޫރު މީހެކެވެ. އެ ހުރިހާ މަޝްހޫރުކަމެއް އެއްފަހަރުން ނެތިގެން ގޮސް، އަގުވެއްޓޭ ކަހަލަ ކަމެއް ބައްޕަ ކޮށްފާނެ ބާވައެވެ؟

ރަނގަޅަށް އިށީނދެ ހަމަޖެހިލުމަށް ފަހު އޭނާ ބުނެލިއެވެ. "ކްރިސްމަސް ދުވަހު ބައްދަލު ކުރެވޭ ގޮތް ނުވީތީ ވަރަށް ދެރަ ވަން- އެކަމަކު މިހާރު ބައްދަލު ކުރެވުން ވެސް ކުޑަ އުފަލަކަށް ނުވޭ-"

އޭޝްލީ ގަދަކަމުން ހިނިތުންވެލިއެވެ. "ލައްބަ-"

އޭނާ އިނީ މެނޫއަށް ބަލާށެވެ. އެކަމަކު އޭގައި ހުރި އެއްޗެއް އޭނާއަކަށް ނުއެއް ފެނެއެވެ.

"ގެންނާނީ ކޯޗެއް-؟"

"އަޅުގަނޑު ބަނޑުހައެއް ނުވޭ-" އޭނާ ބުނެލިއެވެ.

"ކޮންމެވެސް އެއްޗެއް ކާންވާނެ- މިހާރު މާ ބޮޑަށް ހިކިއްޖެ-"

"ކުކުޅު ރަނގަޅު ވާނެ-"

ބައްޕަ ކާއެއްޗިއްސަށް އޯޑަރު ދެމުން ދިޔައިރު އޭނާ އިނީ ބަލާށެވެ. އެ ވާހަކަ ފަށާނޭ ގޮތަކާ މެދު ފިކުރު ކުރަނީއެވެ.

"ކެބެކް ސިޓީ ކިހިނެއް-؟"

"ވަރަށް ރީތި-" އޭނާ ބުނެލިއެވެ.

"ކޮންމެވެސް ދުވަހަކުން ދެ މީހުން އެކީގައި އެ ތަނަށް ދާންވާނެ-"

ކޮންމެ ގޮތެއް ވިޔަސް އެ ވާހަކަ ފަށަން އޭނާ ނިންމައިފިއެވެ. "ލައްބަ... މި ދިޔަ ޖޫން މަހު ބެޑްފޯޑްގައި އޮތް ޕާޓީއަކަށް އަޅުގަނޑު ދިޔައިން- އެއީ އެއް ކުލާހުގައި އުޅުނު ކުދިން ބައްދަލުވެލަން ބޭއްވި ޕާޓީއެއް-"

ބައްޕަ ބޯޖަހައިލިއެވެ. "ޕާޓީ ރަނގަޅުތަ-؟"

"ނޫން-" އޭޝްލީ ވާހަކަދައްކަމުން ދިޔައީ ވަރަށް ލަސްލަހުންނެވެ. "އަޅުގަނޑު ބައްޕައާ އެކީ ލަންޑަނަށް ފުރި ދުވަހު ޖިމް ކްލެއަރީ މަރައިލައިފައި އޮއްވާ ފެނުނުކަން އަޅުގަނޑަށް އެނގުނީ އެ ޕާޓީން- އޭނާ އޮތީ ޅިޔައަޅައިފައި- ޖިންސީ ގުނަވަނެއް ނެތް-" ބައްޕަގެ މޫނުގެ ކުލަވަރު ބަދަލުވޭތޯ އޭނާ އިނީ ވިސްނުންތެރިކަމާ އެކު ބަލާށެވެ.

ޑޮކްޓަރ ޕެޓަރސަން ބޯޖަހައިލިއެވެ. "ކްލެއަރީ...؟ އާނ- ދަރިފުޅުގެ ފަހަތުން އަޅައިގަނެގެން އުޅުނު ސޮރު ދޯ-؟ އޭނާގެ ފުށުން ދަރިފުޅު ސަލާމަތްވީކަން ރަނގަޅެއް ނުން-؟"

އޭގެ މާނައަކީ ކޮބައި ބާވައެވެ؟ އެއީ ކުށަށް އިޢުތިރާފްވުން ހެއްޔެވެ؟ އަހަރެން ސަލާމަތްކުރަން ވެގެން ބައްޕަ އޭނާ މަރައިލީ ހެއްޔެވެ؟

އޭޝްލީ ފުންނޭވާއެއް ލާފައި ވާހަކަ ކުރިއަށް ގެންދިޔައެވެ. "ޑެނިސް ޓިބްލް މަރައިލައިފައި އޮތީ ވެސް ހަމަ އެ ގޮތަށް- ވަޅިއެއް ކަހަލަ ތޫނު އެއްޗަކުން ޙަމަލާ ދީގެން- އޭނާގެ ވެސް ޖިންސީ ގުނަވަނެއް ނެތް-"

ޑޮކްޓަރ ޕެޓަރސަން ބުނެލިއެވެ. "ތިޔަ ވާހަކަތަކަކުން އަހަންނެއް ޙައިރާނެއް ނުވޭ- އޭޝްލީ- ނުބައި މީހުން ނިމޭނީ ވެސް ނުބައި ގޮތަކަށް-"

މިއީ ޑަކްޓަރެކެވެ. މީހުންގެ ފުރާނަ ސަލާމަތް ކޮށްދޭން ހުވާކޮށްގެން ހުންނަ މީހެކެވެ. އަހަންނަށް ދުވަހަކުވެސް ބައްޕަ ދަހެއް ނުވާނެއެވެ. އޭޝްލީގެ ހިތަށްއެރިއެވެ. ދަސްކުރާކަށް ބޭނުމެއް ވެސް ނޫނެވެ.

ކައި ނިމުނު އިރަކު ވެސް އޭޝްލީއަކަށް ކުރިން އެނގިފައި ހުރި އެއްޗަކަށް ވުރެ އިތުރު އެއްޗެއް އެނގޭ ގޮތެއް ނުވެއެވެ.

ޓޮނީ ބުންޏެވެ. "އެލެޓް- އަހަރެން ކެބެކް ސިޓީގައި ހޭދަކުރި ދުވަސްތައް ވަރަށް މަޖާ- އަދިވެސް އަހަރެން އެ ތަނަށް ދާން ބޭނުން- ކަލޭ ދާ ހިތެއް ނުވޭތަ-؟"

އެލެޓް ލަދުރަކި ގޮތަކަށް ބުނެލިއެވެ. "އަހަންނަށް އެންމެ ކަމު ދިޔައީ ދާރުލްއާޘާރުތައް-"

"ސެން ފްރެންސިސްކޯގައި އުޅޭ ކަލޭ ހިތާވެގެން އުޅޭ މީހާޔާ ގުޅާލިންތަ-؟"

"އެއީ އަހަރެން ހިތާވެގެން އުޅޭ މީހެއް ނޫން-"

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.