ކޮވިޑް-19: ޕޮޒިޓިވް މީހުން މާލެ ފިޔަވައި 15 ރަށެއްގައި

ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުން މާލެ ފިޔަވައި 15 ރަށެއްގައި އެބަ ތިއްބެވެ. މިފަހުން އަތޮޅުތަކުން ކޭސްތައް ފެނުނު އިރު އެންމެ ފުރަތަމަ ބައްޔަށް ޕޮޒިޓިވް ހއ. ކެލާ ސަވާރީ ބޯޓުން ޕޮޒިޓިވްވި 10 މީހުން މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑަށް ޕޮޒިޓިވް މީހުން މީހާރު ތިބީ ހއ. ފިއްލަދޫއާއި އިހަވަންދޫއާއި ހދ.ނާވައިދޫއާއި ރ. ހުޅުދުއްފާރާއި ބ. ކަމަދުއާއި ކުޑަރިކިއްޔާއި ޅ. ނައިފަރާއި ހިންނަވަރާއި ކ. މާފުށްޓާއި ތުލުސްދުއާއި ފ. ނިލަންދުއާއި ވ. ފުލިދޫއާއި ފުވައްމުލަކު ސިޓީއާއި އައްޑޫސިޓީ ހިތަދޫއާއި ފޭދޫގައެވެ. ރަށް ރަށުގައި ބަލި ޖެހިފައިވާ މީހުންގެ ޢަދަދުތައް، އެޗް.އީ.އޯ.ސީގެ ތަފާސް ހިސާބުތަކުން ވަކިން ހާމަކޮށްފައެއް ނުވެއެވެ. 

މިފަހަކަށް އައިސް  ރަށްރަށުން ކޮވިޑް ކޭސްތައް ފެނިފައިވަނީ މާލެދަތުރުކުރާ ބޯޓުފަހަރުންނާއި ކަރަންޓީން މުއްދަތު ހަމަކޮށް ޓެސްޓްހެދި މީހުންގެ ފަރާތުންނެވެ. ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިއަދު މިވަނީ އަނެއްކާ 100 އިން ދަށަށް ގޮސްފައެވެ.

މިއަދު ހަވީރު ހައެއް ޖެހުމާ ހަމައަށް 24 ގަޑީއިރު ތެރޭގައި އަލަށް ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ 78 މީހުންނެވެ. އޭގެތެރެއިން ހަތަރު މީހުން ފިޔަވައި އެންމެންނަކީ ވެސް މާލޭ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. ރަށްރަށުން އަލަށް ޕޮޒިޓިވް ވެފައި ވަނީ ހަތަރު މީހެކެވެ.

ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ނުވަ ރިސޯޓެއްގެ 12 ސްޓާފުންނާއި ފަސް ފަތުރިވެރިއަކު ހިމެނެއެވެ.

އަލަށް ބަލި ޖެހުނު މީހުންނާއި އެކު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 5572 އަށް އަރާފައެވެ. މިހާރު ބަލި ޖެހިފައިވާ މީހުންގެ ޢަދަދަކީ  2540 އެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ ޢަދަދު ވަނީ 150 އަށް އަރައި ފައެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 1508 މީހުން އެބަ ތިއްބެވެ.

ކޮވިޑްޖެހި މިހާތަނަށް ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 3010 އަށް އަރާފައެވެ. 22 މީހަކު ވަނީ ބަލީގައި މަރުވެފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.