ޓޫރިޒަމް މިނިސްޓަރަކަށް ރައީސް ޞާލިޙް އައްޔަން ކުރެއްވި ޑޮކްޓަރ ޢަބްދުﷲ މަޢުސޫމަށް ރުހުން ހޯދުމުގެ މައްސަލައާއި ސިވިލްސާރވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރުކަމަށް ކުރިމަތިލެއްވި 41 ބޭފުޅެއްގެ ނަންދިރާސާ ކުރުމަށް ދާއިމީ ކޮމެޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުވައިފިއެވެ. މީގެ އިތުރުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަން ކުރަންޖެހެ ޤާނޫނީ މެމްބަރުކަމަށް ކުރިމަތިލި ދެބޭފުޅެއްގެ ނަންވެސް ދިރާސާ ކުރުމަށް ވަނީ ދާއިމީ ކޮމެޓީއަށް ފޮނުއްވައިފައެވެ.
ޑޮކްޓަރ މަޢުސޫމަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާ ކުރެއްވުމަށް ފޮނުއްވީ ސަރުކާރު މަސްޢޫލިއްޔަތު އަދާ ކުރާ މިންވަރުބަލާ ކޮމެޓީއަށެވެ. ޑރ މަޢުސޫމް ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރެއްވުމާ ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ޑޮކްޓަރ މަޢުސޫމަށް ޓޫރިޒަމް މިނިސްޓަރކަން ދެއްވައި ފަނީ އެމިންސްރީގެ ވަޒީރު ކަމަކީ އެމްޑީޕީ ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީއަށް ވަޒީރުންގެ މަޖިލީހުން ޚާއްޞަ ކޮށްފައިވާ ގޮނޑިކަމަށްވާތީއެވެ.
ސީއެސްސީ މެމްބަރުކަމަށް ކުރިމަތިލުމަށް މަޖިލީހުން ހުޅުވާލި ފުރުޞަތުގައި 41 މީހަކު ވަނީ އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލައި ފައެވެ. މި ނަންފުޅުތައް މަޖިލީހުގެ ތަޅުގައި އިއްވުމަށްފަހު ދިރާސާ ކުރުމަށް ފޮނުއްވީ މިނިވަން މުއައްސަސާތަކާ ބެހެ ކޮމެޓީއަށެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ޤާނޫނީ ދާއިރާއިން އައްޔަން ކުރައްވާ މެމްބަރުކަމަށް ކުރިމަތިލައިފައި ވަނީ އއ މަތިވެރީ ވެސްޓް ބީޗް މުޙައްމަދު މުނައްވަރާއި ގ. ނޫމަރާވިލާ ޝީރީން ނާހިދާ ލަތީފްއެވެ. މިދެބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވީ ރައީސުލް ޖުމްހޫރިއްޔާއެވެ. އެ މަޤާމަށް ކުރިމަތި ލައިފައި ވަނީ ވެސް މި ދެބޭފުޅުން އެކަންޏެވެ.