އަންނަ އަހަރު ފަސް ބިލިއަން ރުފިޔާ އާމްދަނީއެއް ލިބޭނެކަމުގެ އުއްމީދު އެބައޮތް: ޓޫރިޒަމް މިނިސްޓަރ

އާމްދަނީ ހޯދުމަށް ބިލުގައި ޖަހައިފައިވާ ކަންކަން ރަނގަޅަށް ހިނގައިފިއްޔާ ފަސް ބިލިއަން ރުފިޔާ އާމްދަނީއެއް ލިބޭނެކަމުގެ އުއްމީދު އެބައޮތްކަމަށް ޓޫރިޒަމް މިނިސްޓަރ  ޢަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ. 

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މައުސޫމް ވިދާޅުވީ ޓޫރިޒަމް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގައި އެ ދާއިރާއިން އާމްދަނީ ހޯދުމަށް ޖަހައިފައިވާ ކަންކަމަކީ ދުނިޔޭގައި ވަރަށް ކާމިޔާބު މޮޑެލްތައް ކަމަށެވެ. ބިލްގައި ޖަހައިފައިވާ ގޮތަށް ރަނގަޅަށް ކަންކަން ދާނަމަ ފަސް ބިލިއަން ރުފިޔާ ފަތުރުވެރިކަމުގެ އާމްދަނީން ދައުލަތަށް ވަންނާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. އެގޮތަށް ނުދަންޏާ މިހާރު ބަޖެޓް ކޮމެޓީން ލަފާ ކޮށްފައިވާ ގޮތަށް 3.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ. 

ޓޫރިޒަމް ޤާނޫނަށް ގެންނަ އިޞްލާހުން އެންމެ ބޮޑު ބަދަލަކަށް އަންނާނެ ކަމަކީ ނުހެދި ހުރި 85 ރިސޯޓު ހިނގައިގަތުންކަމަށް ޓޫރިޒަމް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެ ރިސޯޓުތައް ހިނގައިގަތުމަށް ހިންގާ މުޢާމަލާތުގެ ތެރެއިންވެސް ދައުލަތަށް ފައިސާ ވަންނާނެކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ޓެކްސް ފައިސާ ވެސް ވަންނާނެކަން ފާހަގަ ކުރެއްވިއެވެ. 

"އެރަށްތައް މަސައްކަތްތައް ފަށައިގަތުމުން އިޤްތިޞާދަށް، ނޭނގޭހާ ގިނަ ފައިސާ ވަންނާނެ. އިމްޕޯޓް ޑިއުޓީ ފުދޭވަރަކަށް ވަންނާނެ. ރާއްޖޭގެ ކޮންސްޓްރަކްޝަން މަސައްކަތްކުރާ މީހުން ދެ އަތް އުރައިލައިގެން މިހުރިހާ ދުވަހު ތިބީ. އެމީހުންނަށް މަސައްކަތްތައް ފަށައިގަންނާނެ. ރިސޯޓުތައް ހުޅުވުމުން ވަޒީފާގެ ފުރުޞަތުތައް ހުޅުވިގެން ދާނެ." ޓޫރިޒަމް މިނިސްޓަރ މަޢުސޫމް ވިދާޅުވިއެވެ.  

ފަސް ލައްކަ ފަތުރުވެރިން މިއަހަރު އަންނާނެ ކަމަށް ކަނޑައެޅި ޓާގެޓަށް ވާސިލުވާނެ ކަމުގެ ޔަގީންކަން މިހާރު އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޔޫރަޕުގެ ގައުމުތައް އަލުން ހުޅުވާލުމާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދާނެކަމަށްވެސް ވިދާޅުވިއެވެ. އަންނަ އަހަރު އެއް މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭއިރު ޖެހިގެން އަންނަ 2022 ގައި ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ވެސް ޓޫރިޒަމް މިނިސްޓަރ ލަފާކުރައްވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.