ރާއްޖެއަށް ޚާއްޞަ ކޮށް ތިން ބަހުން ބޭނުންކުރުވޭ ކޮންޓެކްޓް ޓްރޭސިން އެޕެއް ތަޢާރަފްކޮށްފި

ރާއްޖެއަށް ޚާއްޞަ ކޮށް ތިން ބަހުން ބޭނުންކުރުވޭ ކޮންޓެކްޓް ޓްރޭސިން އެޕްލިކޭޝަނެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ތަޢާރަފްކޮށްފި އެވެ. މިއީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކާއި ގާތުން އެއްތަން ވެފައިވާނަމަ އެކަން ދެނެގަންނަން އެހީވެދޭނެ އެޕްލިކޭޝަނެއް ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކުރައްވައިފައެވެ.

މި އެޕަކީ ސިންގަޕޫރުގެ "އޯޕަން ޓްރޭސް" ލައިބްރަރީގެ މައްޗަށް ބިނާކޮށް، ޙާއްޞަކޮށް ދިވެހި ޑިވެލޮޕަރުންގެ ޓީމަކުން، ރާއްޖެއަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެއްކަމަށް އެޗްޕީއޭ އިން ހާމަކުރައްވައެވެ. "ޓްރޭސްއެކީ" އެޕް ފަރުމާކޮށްފައިވަނީ ދިވެހި، އިނގިރޭސި އަދި ބެންގާލީ ބަހުން ބޭނުންކުރެވޭގޮތަށެވެ.

އެޕުން ބްލޫޓޫތު ސިގްނަލް މެދުވެރިކޮށް، އެޕް ބޭނުންކުރާ އެހެން މީހުން ކާރީގައިވާނަމަ ދެނެގަނެވެއެވެ. މިގޮތުން، ފޯނުގެ ބްލޫޓޫތް މެދުވެރިކޮށް މިނެޓަކު ދެތިންފަހަރު "ބީކަން" އެއް ފޮނުވާލާނެ ކަމަށް އެޗްޕީއޭ އިން ހާމަ ކުރައްވައެވެ. މި ބީކަންގައި އެކުލެވިގެންވަނީ އެޕް ބޭނުންކުރާ ފަރާތައް ދޫކުރެވޭ އައިޑީ އެއްކަމަށްވެސް އެޗްޕީއޭއިން ހާމަކުރެއެވެ. މިއީ ކޮންމެ 15 މިނިޓަކުން ބަދަލުވާ އައިޑީއެކެވެ. އެހެންކަމުން ހަމަ ކޮންމެ ކޮންމެ މީހަކައް އެ ބީކަންއަކީ ކާކުގެ ބީކަން އެއް ކަމެއް ނޭނގޭނެކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. ބީކަންއެއް ފެނިއްޖެނަމަ އެޕް އޭގެ ރެކޯޑެއް ރައްކާކުރެއެވެ. މިގޮތުން ރައްކާކުރެވޭ މަޢުލޫމާތު އޮޓޯއިން އެޗްޕީއޭއަށް ނުފޮނުވާނެކަމަށް އެޗްޕީއޭ އިން މިކަމާ ގުޅޭ ގޮތުން ނެރުއްވައިފައިވާ ނޫސްބަޔާނުގައި ވެއެވެ. އަދި ރެކޯޑާއި އެކީ އިތުރު އެއްވެސް ޒާތީ މަޢުލޫމާތެއް،ވެސް އެޕް މެދުވެރިކޮށް ރައްކަލެއް ނުކުރެވޭނެކަށް ކަމަށްވެ އެޗް ޕީއޭގެ ނޫސްބަޔާނުގައި ވެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.