ކޮވިޑަށް ޕޮޒިޓިވްވެފައިވާ 240 މީހުން ފެސިލިޓީތަކަށް ނުގެންދެވި އެބަތި

ކޮވިޑް – 19 އަށް ޕޮޒިޓިވްވެފައިވާ 240 މީހުން ފެސިލިޓީތަކަށް ނުގެންދެވި އެބަތިބި ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ(އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

ބަލިޖެހި ނުގެންދެވިތިބި މީހުންގެ ތެރޭގައި އެޗްއީއޯސީ އިން ނުގެންދެވި ތިބި މީހުންގެ އިތުރުން ތަފާތު އެކި ސަބަބު ތަކާ ހެދި ނުގެންދެވި ތިބި މީހުން އެބަތިބި ކަމަށް އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވިއެވެ. އޭގެ ތެރޭގައި އާއިލާގެ މެމްބަރެއްގެ ޓެސްޓްގެ ނަތީޖާ ލިބުމުން ދާން މަޑުކޮށްގެން ތިބި މީހުންނާއި ވަކި ފެސިލިޓީއަށް ނޫނީ ނުދަން ތިބި މީހުން ހިމެނޭކަމަށް ވިދާޅުވިއެވެ. ވަކި ފެސިލިޓީއަކަށް ނޫނީ ނުދާން ތިބީ ވަރަށް މަދު ބައެއް ކަމަށް ފާހަގަ ކުރެއްވިއެވެ.

ޑރ ނަޒްލާ ވިދާޅުވީ ބަލި ޖެހިފައިވާ މީހުން ފެސިލިޓީތަކަށް ގެންދެވުމަށް ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ނުރައްކާ ބޮޑުވެދާނެފަދަ މީހުންނަށް ޚާއްޞަ އިސްކަމެއް ދެއްވާކަމަށެވެ. ކޮންޓެކްޓްވާ މީހުންގެ ސާމްޕަލް ނެގުމުގައި އެންމެ ބޮޑަށް އިސްކަމެއް ދެއްވައިފައިވާނީ ވެސް ބަލީގެ ނުރައްކާ ބޮޑު މީހުންނާއި އަލާމާތައް ފެންނަ މީހުންނަށް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މިފަދަ މީހުން ވެސް ނެގެޓިވްވިނަމަވެސް ކަރަންޓީނުގެ މުއްދަތު ހަމަކޮށް އަލުން ޓެސްޓްކުރަންޖޭނެކަމަށް ޑޮކްޓްރ ނަޒްލާ ފާހަގަކުރެއްވިއެވެ.    

މިހާރު ބަލި ޖެހިފައި ތިބި މީހުންގެ ޖުމުލަ ޢަދަދަކީ 2،088 އެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދަނީ 144 މީހުންނަށެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 1،481 މީހުންނެވެ. މިހާރު 12 ފެސިލިޓީއެއް އައި ސޮލޭޓް ކުރުމަށް ބޭނުން ކުރަމުން ދާކަމަށް އެޗްއީއޯސީ އިން ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.