ކޮވިޑް- 19 ޖެހިގެން މަރުވި މީހުންގެ އަދަދު ނުވަ ލައްކައަށް

އަދިވެސް ކޮންޓުރޯލުވުމެއް ނެތި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް- 19 ބަލިމަޑުކަމުގައި ދުނިޔެއިން މަރުވި މީހުންގެ އަދަދު 9 ލައްކައަށް އަރައިފިއެވެ. އަދި މި ބައްޔަށް ޕޮޒިޓިވް މީހުންގެ އަދަދު މިހާރު ވަނީ 27.7 މިލިއަނަށް އަރާފައެވެ.

ރޮއިޓާސް ނިއުސް އެޖެންސީން ލަފާކުރާ ގޮތުގައި ދުނިޔޭގައި ކޮވިޑް- 19 ޖެހިގެން ކޮންމެ ދުވަހަކު 5600 މީހުން މަރުވެއެވެ. މިއީ ފާއިތުވި ދެ ހަފުތާގެ އަދަދުތަކަށް ބަލާފައިި ކޮށްފައިވާ ލަފައެކެވެ. ކޮންމެ ދުވަހަކު މަރުވާ މީހުންގެ ނިސްބަތް އަދިވެސް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.

މަރުވި މީހުންގެ އަދަދު 8 ލައްކައިން 9 ލައްކައަށް އަަރަން 18 ދުވަސް ނެގިއިރު، 7 ލައްކައިން 8 ލައްކައަށް އަރަން ނެގީ 17 ދުވަހެވެ.

ވަކި ގައުމުތަކަށް ބަލާއިރު، މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ އެމެރިކާގައެވެ. އެ ގައުމުގައި މަރުވި މީހުންގެ އަދަދު 1 ލައްކަ 90 ހާހަށްވުރެ ގިނައެވެ. ދެވަނަ އެންމެ ގިނަ ގައުމު ބްރެޒިލްގައި 1 ލައްކަ 27 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. 74 ހާސް މަރާއެކު އިންޑިޔާ އޮތީ ތިންވަނައިގައެވެ.

ސަރަހައްދުތަކަށް ބަލާއިރު ލެޓިން އެމެރިިކާ އަދި ކެރީބިއަންގައި 3 ލައްކައަށްވުރެ އިތުރުވެފައި ވާއިރު، ޔޫރަޕުގައި 2 ލައްކަ 19 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކޮވިޑް- 19 ޖެހިގެން ދުނިޔޭގެ ކަންކޮޅުތަކުގައި މަރުވާ މީހުންެގެ އަދަދު އިތުރުވަމުންދާއިރު، އޮސްފޯޑް ޔުނިވަސިޓީއާއި އާސްޓްރާޒެނެކާ ގުޅިގެން އުފައްދާ ވެކްސިންގެ ތިންވަނަ ފިޔަަަވަހީގެ ޓެސްޓުތައް މެދުކަނޑާލާފައިވާކަން އިއްޔެ ވަނީ އިއުލާންކޮށްފައެވެ. މި ޓެސްޓްތައް މެދުކަނޑާލީ ޓެސްޓްތަކުގައި ބައިވެރިވި މީހަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހުމުގެ ސަބަބުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.