ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ދެ ބޭފުޅަކު އައްޔަން ކުރަން ޖޭއެސްސީގެ މަޝްވަރާ ހޯއްދަވަނީ

ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ދެ ބޭފުޅަކު އައްޔަން ކުރަން ޖުޑިޝަލްސާރވިސް ކޮމިޝަން(ޖޭއެސްސީ)ގެ މަޝްވަރާއަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމަށް ޖޭއެސްސީގެ  މަޝަވަރާއަށް ފޮނުވި ދެބޭފުޅުންނަކީ ކްރިމިނަލް ކޯޓު ހިންގުމާއި ހަވާލުވެ ހުންނެވި ޢަލީ ރަޝީދު ހުސައިނާއި ހދ. ކުޅުދުއްފުށީ ފިނިފެންޖަންބުގޭ ޑރ. މުހައްމަދު އިބްރާހީމެވެ. ރައީސް ޞާލިޙް  މިކަން ހާމަކުރައްވާފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އަލީ ރަޝީދާ ހަވާލުކޮށްފައިވަނީ އެ ކޯޓުގެ އިސްގާޒީގެ މަގާމުގައި ކުރިން ހުންނެވި އަޙްމަދު ހައިލަމް މަގާމުން ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމުމާއި ގުޅިގެންނެވެ. ސުލޫކީ މައްސަލައެއްގައި ހައިލަމް ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމީ ކުރީގެ ރައީސް ޔާމީނަށް ޙުކުމް އިއްވުމުގެ ޝަރީޢަތުގެ މަޖިލީސް ތާވަލްކޮށްފައި އޮތް ދުވަހުއެވެ. ނަމަވެސް ފަހުގެ ތާރީޚެއްގައި ރައީސް ޔާމީނަށް ޙުކުމް އިއްވައިފައި ވަނީ އެކޯޓު ހިންގެވުމާ ޙަވާލުވެ ހުންނެވި ފަނޑިޔާރު ޢަލީ ރަޝީދު އިސްކޮށް ހުންނެވި ފަނޑިޔާރުންގެ ޕެނަލަކުންނެވެ.

ސުުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހޭ އިރު އެ ކޯޓުގައި މިހާރު ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. މިހާރު ތިއްބެވި ފަސް ފަނޑިޔާރުންނަކީ މިސަރުކާރުން އައްޔަން ކޮށްފައިވާ ފަނޑިޔާރުންނެވެ. ކުރިން ތިއްބެވި ފަނޑިޔާރުންގެ ތެެރެއިން ފަނޑޔާރު ޢަރީފު ފިޔަވައި ހުރިހާ ފަނޑިޔާރުން ވަކިކޮށްފައިވަނީ ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ. ފަނޑިޔާރު ޢަރީފު ވަނީ ރިޓަޔަރ ކުރައްވައިފައެވެެ.

ސުޕްރީމް ކޯރޓްގައި މިހާރު ތިއްބެވީ އުއްތަމަފަނޑިޔާރު އަޙްމަދު މުޢްތަސިމް ޢަދްނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޙުސްނުއްސުޢޫދެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.