ބަންދުގައި ހުއްޓާ ހާލުބޮޑުވެ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދިޔަ ޔަމަނު މީހާ މަރުވެއްޖެ

ބަންދުގައި ހުއްޓާ ހާލުބޮޑުވެ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދިޔަ ޔަމަނު މީހާ މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ހާމަކޮށްފައިވާ ގޮތުގައި އިމިގްރޭޝަން ޤާނޫނާ ޚިލާފުވެގެން ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ލިބިގެންވާ ބާރުގެ ދަށުން ރާއްޖެއިން ފުރުވާލެވެންދެން ބަންދުކޮށްފައި ހުރި ޔަމަންގެ ރައްޔިތެއްކަމަށްވާ ޔާސިރު ޔަހުޔާ މިއަދު 16:25 ގައި އައިޖީއެމްއެޗް ގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.  އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނީ ކެއުމަން އިންކާރުކޮށް ހާލު ސީރިއަސް ވަމުންދިޔުމާއި ގުޅިގެންކަމަށް ކަރެކްޝަނަލް ސަރވިސް އިން ވަނީ ވިދާޅުވެފައެވެ.

"ޔާސިރު ޔަހުޔާ ނިޔާވުމާ ގުޅިގެން މިސަރވިސްއިން ވާނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަދި އާއިލާއަށްމިކަން ހިއްސާކޮށްފައެވެ." ކަރެކްޝަނަލް ސާރވިސް އިން ބުނެފައިވެއެވެ.

ޓެރަރިޒަމްގެ ބޮޑެތިކުށުގެ ތުހުމަތު ކުރެވޭ ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަޙުޔާ އޭނާގެ ޤައުމަށް ނުފޮނުވިފައި ވަނީ އެ ޤައުމުގެ ޙާލަތު އޮތް ގޮތުން ކަމަށް މިދިޔަ އަހަރު ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ. ޔަމަނުގެ ޙާލަތު އޭރު އޮތީ ޓްރެވެލް ޑޮކިޔުމެންޓެއްވެސް ހެދޭފަދަ ޙާލަތެއްގައި ނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭރު މިނިސްޓަރ ވިދާޅުވީ ޔާސިރު ޔަޙުޔާގެ ޕާސްޕޯޓު ވީތަން އޭނާއަށް އެނގޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އެހެންނަމަވެސް އޭނާއަށް ނޭނގޭ ކަމަށް އޭނާ ބުނަމުންދާހާ ހިނދަކު އެކަމާ އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވެފައި ވަނީ ޔާސިރު ރާއްޖެއަށް އެތެރެވި އިރު އޭނާއާ ބެހޭ މަޢުލޫމާތު ފުލުހުންނަށް ކޮންމެވެސް ވަރަކަށް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް ޓެރަރިޒަމްގެ ޤާނޫނު އޭރު އޮތްގޮތުންނާއި ސަރުކާރުގެ ޕޮލިސީ އޭރު އޮތްގޮތުން އެކަމަށް އެވަގުތު ފިޔަވަޅެއް އެޅިފައި ނެތީ ކަމަށެވެ.

ދިވެއްސަކާއި ކައިވެނިކޮށްގެން އަންހެން ދަރިއަކުވެސް ލިބިފައިވާ ޔާސިރަކީ ބައެއް ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދިނުމުގެ މަސައްކަތް ކުރަމުންދިޔަ މީހެކެވެ. އޭނާ ދޫކޮށްލައިފައި ހުރުމުން ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އޭނާ ހައްޔަރުކުރީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.