ކޮވިޑް-19ގެ ކޮންޓެކްޓުން އެންމެ ގިނައީ އޮފީސްތަކާއި މަސައްކަތު މާހަލުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ބައްޔަށް ކޮންޓެކްޓްވެފައިވާ މީހުންގެ ތެރެއިން އޮފީސް އަދި މަސައްކަތު މާހަލުން ކޮންޓެކްޓްވެފައިވާ މީހުންގެ ނިސްބަތް އުޅެނީ 58 އިންސައްތައިގައެވެ. އެއީ 1219 މީހުންނެވެ. މިދެބައި ވަކިން ބަލާނަމަ ހަމައެކަނި އޮފީސް ތަކުން ކޮންޓެކްޓްވި މީހުންގެ ނިސްބަތް އުޅެނީ 31 އިންސައްތައިގައެވެ. އެއީ 655 މީހުންނެވެ. އޮފީސް ފިޔަވައި އެހެނިހެން މަސައްކަތު މާހައުލުން ކޮންޓެކްޓްވި މީހުންގެ ޢަދަދު އުޅެނީ 27 އިންސައްތައިގައެވެ. އެއީ 564 މީހުންނެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ތިން ވަނައަށް އެންމެ ގިނަ ބަޔަކު ކޮންޓެކްޓް ވެފައިވަނީ ކެފޭ ރެސްޓޯރެންޓް ތަކުންނެވެ. އެއީ 154 މީހުންނެވެ. 89 މީހުންނާއެކު ހަތަރު ވަނައަށް ކޮންޓެކްޓުން އެންމެގިނައީ ފިހާރަތަކުންވެ.
ތަފާސް ހިސާބުތަކުގައި ފާހަގަ ކޮށްފައިވާ ތަންތަނުގެ ތެރެއިން އެންމެ މަދުން ބައްޔަށް ކޮންޓެކްޓްވީ މިސްކިތުންނެވެ. މަހެއްހާ ދުވަހުގެ ތެރޭގައި މިސްކިތުން ކޮންޓެކްޓް ވީ އެންމެ މީހެކެވެ. ދެވަނައަށް އެންމެ މަދުން މީހުން ކޮންޓެކްޓް ވެފައިވަނީ ސްކޫލުތަކާއި ތަޢުލީމުދޭ މަރުކަޒުތަކުންނެވެ. އެފަދަ ތަންނުން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ބައްޔަށް ކޮންޓެކްޓްވެފައި ވަނީ 28 މިހުންނެވެ.
އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ އޮފީސްތަކުގެ ކޮންޓެކްޓުން އިތުރުވަނީ އޮފީސްތެރޭގައި ގައިދުރުކޮށް ތިބި ނަމަވެސް ސައިގަޑީގައި ބޭރަށް ނުކުމެ އުޅުމުގައި ފަރުވާ ކުޑަކުރެވި ގައިދުރުކަން ނުބެހެއްޓި މާސްކްވެސް ނާޅައި އުޅެވޭތީކަމަށެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އިއްޔެވެސް 152 މީހުން ކޮވިޑަށް ޕޮޒިޓިވްވެ ދިވެހިންގެ ޢަދަދު ވަނީ 89 އަށް އަރައިފިއެވެ.
ޕޮޒޮޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުންދާތީ އާންމު ތަންތާގައި މާސްކް އެޅުން މިހާރުވަނީ މަޖްބޫރުކޮށްފައެވެ. އާންމު ތަންތަނުގައި މާސްކް ނާޅައި އުޅޭ މީހުން 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށްވެސް އެޗްއީއޯސީ އިން ރޭ ވިދާޅުވިއެވެ.