24 ގަޑިއިރުތެރޭގައި ކޮވިޑަށް ޕޮޒިޓިވްވީ އިތުރު 10 މީހަކު 

24 ގަޑިއިރުތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ އިތުރު 10 މީހެކެވެ. 

ވޭތުވެދިޔަ 24 ގަޑީއިރު ޕޮޒިޓިވްވި މީހުނެގެތެރޭގައި ހިމެނެނީ އެންމެ ދިވެއްސަކާއި ނުވަ ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަތް މީހަކާއި ނޭޕާލްގެ މީހެކެވެ. އެންމެ ފަހުގެ ޢަދަދުތަކާއެކު ރާއްޖެއިން މިބަލި ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 2013 އެވެ.

އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރ ނަޒްލާ ރަފީޤް ވިދާޅުވީ 24 ގަޑިއިރުތެރޭގައި ބަލިން ރަނގަޅުވި 24 މީހުންނާއެކު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ އަދަދަދަކި 1217 މީހުން ކަމަށެވެ. މިހާރު ފަރުވާ ދެމުން ދަނީ 786 މީހަކަށެވެ. އައިސޮލޭޝަންގައި 670 މީހަކު ތިބިއިރު، ކަރަންޓީނުގައި 347 މީހަކު ތިބި ކަމަށެވެ. އެނބުރި ރަށްރަށަށް ދިއުމަށް ކަރަންޓީނުގައި ތިބީ 1031 މީހުންކަމަށެވެ. 

މިހާރު އޮތް ފުރަބަންދަށް އަންނަ ހޯމަދުވަހުން ފެށިގެން ލުއިތަކެއް ދެއްވިއަސް އެދުވަހުން ފެށިގެން ފުރަބަންދު ފިލައިގެން ދަނީ ނޫންކަމަށް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ. ފުރަބަންދަށް ލުއިތަކެއް ލިބޭތީ ފުރަބަންދު ފިލައިގެން ދަނީ ކަމަށް ބައެއް މީހުނަށް ހީވެދާނެކަމަށް ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ. 

ހޯމަ ދުވަހުން ފެށިގެން ލިބޭ ލުއިތަކުގެތެރޭގައި ރޭގަނޑު 10 ޖެހުމާ ހަމައަށް ފުލުހުންގެ ހުއްދަޔާ ނުލައި ބޭރުގައި އުޅެވޭނެއެވެ. ނަމަވެސް އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން އެއްވެއެއް ނޫޅެވޭނެއެވެ. ފުލުހުންގެ ހުއްދަޔާ ނުލައި ބޭރުގައި އުޅުމުގެ ފުރުޞަތު ލިބުނަސް ކޮންމެހެން ބޭނުންވާ ޒަރޫރީ ބޭނުންތަކަށް ނޫނީ ބޭރަށް ނުނުކުތުމަށްވެސް ޑޮކްޓަރ ނަޒްލާ އެދި ވަޑައި ގެންނެވިއެވެ. އަދި ބޭރުތެރޭގައި އުޅޭއިރުވެސް އަދި ބަންދު ތަންތަނުގެ ތެރޭގައި ވެސް މާސްކު އަޅައިގެން އުޅުމަށް އިލްތިމާސް ކުރެއްވިއެވެ. މިދެވޭ ލުތަކުގެ ތެރޭގައި އާއިލާގެ މީހުން ގާތަށާއި ރަޙްމަތްތެރިންނަށް ވެސް ޒިޔާރަތް ނުކުރުމަށް ޑޮކްޓަރ ނަޒްލާ އެދިވަޑައިގެންނެވިއެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.